މުނިފޫހިފިލުވުން

ވަރީގެ ސެޓްފިކެޓްގައި ސޮއި ނުކުރާތީ އެންޖެލީނާ އަށް ދައުވާ ކުރަން ބްރޭޑް ނިންމައިފި

ހޮލީވުޑްގެ އެންމެ މަގްބޫލު ދެބައިވެރިން ކަމުގައި ވާ އެންޖެލީނާ ޖޯލީ އަދި ބްރޭޑް ޕިޓް ވަކިވެ ވަރިވުމަށް އެދުމުން ގިނަ ބަޔަކު ދިޔައީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

އެތައް އަހަރަކު އިނދެގެން އުޅުމަށްފަހު ވަރިވުމަށް ފުރަތަމަ އެދުނީ އެންޖެލީނާ އެވެ. ނަމަވެސް އެންޖެލީނާގެ ފަރާތުން ކަންކަން ލަސްވުމުގެ ސަބަބުން، ވަރީގެ މަސައްކަތް އަދިވެސް މުޅީން ނިމިފައެއް ނުވެއެވެ. ވަރިވުމަށް އެދިފައިވާތާ މިހާރު ތިން އަހަރު ވެއްޖެ އެވެ.

ބްރޭޑްގެ ލޯޔަރުން ބުނާ ގޮތުގައި ވީހާވެސް އަވަހަކަށް ޖަޖެއްގެ ކުރިމަތީ ވަރީގެ ސެޓުފިކެޓް ސޮއި ކުރުމަށް ތާރީހެއް ހޯދުމަށް އެންޖެލީނާ ގެ ކިބައިން ވަނީ އެދިފައެވެ. އަދި އެ މަރުހަލާ އިތުރަށް ދިގުދަންމާ ނަމަ އޭނާއަށް ދައުވާކޮށް ޖޫރިމަނާ ކުރަން ތައްޔާރަށް ތިބިކަމަށްވެސް ވަނީ ބުނެފައެވެ.

ގިނަ ބަޔަކު ބްރޭޑް ދަންނަނީ މަޑުމަތިރި އަދި ކެތްތެރި މީހެއްގެ ގޮތުގައެވެ. ނަމަވެސް ވަރި ނުވެވި ގިނަދުވަސް ވުމުން މިހާރު ބްރޭޑް ހުރީ އެކަމާ ވަރަށް ހިތްހަމަނުޖެހިފައި ކަމަށް ވެއެވެ. އަދި ވީހާވެސް އަވަހަކަށް އެ މަރުހަލާ ނިންމައި އެންޖެލީނާ އާ މުޅިން ވަކިވާން އޭނާ މިހާރު ބޭނުންވާ ކަމަށް ވެއެވެ. އޭނާ ގަބޫލު ކުރަނީ ގަސްދުގައި އެންޖެލީނާ ވަރީގެ ކަންކަން ނުނިންމައި ދިގުދަންމަނީ ކަމަށެވެ. އެހެންކަމުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރަންވެސް މިހާރު ވަނީ ނިންމައިފައެވެެ.