ޕޮލިސް

ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: އަަންހެން މީހާ ދޫކޮށްލައި ފިރިހެން މީހާގެ ބަންދަށް ދިހަ ދުވަސް

ޝަހީދާ އަބްދުﷲ ސައީދު

ހުޅުމާލޭގައި ގެއެއްގެ ތެރެއިން ފުލުހުން އަތުލައިގަތް ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކެއްގެ ބަންދަށް ދިހަ ދުވަސް ޖަހައިފިއެވެ.

އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 52 އަހަރުގެ އަންހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. މިއީ ދެމައިންނެވެ.

އެމައްސަލައާ ގުޅިގެން ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ހުޅުމާލޭ ކޯޓަށް ހާޒިރުކުރުމުން އަންހެން މީހާ ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކުގައެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، އެ ދެމައިންގެ ތެރެއިން ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ހުޅުމާލޭ ކޯޓުން މިއަދު ޖަހާދީފައިވާ ކަމަށާއި އަދި އަންހެން މީހާ ދޫކޮށްލީ ބަލި ހާލަތު ހުރި ގޮތުން ޝަރުތު ތަކަކާއެކު ކަމަށެވެ. ނަމަވެސް ޝަރުތުތަކަކީ ކޮބައިކަން ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ އެ މަސްތުވާތަކެއްޗަކީ އެ ފިރިހެން މީހާ ބަހައްޓާފައި ހުރި ތަކެތި ކަމަށާއި އެތަކެތީގެ މައުލޫމާތު އޭނާގެ މަންމައަށް ނޭނގޭނެ ކަމަށް ކޯޓުގައި އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ.

މި ދެމައިން އެންމެ ފުރަތަމަ ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ. ނަމަވެސް ދެފަހަރަށް ހައްޔަރުކުރުމުން ވެސް ކޯޓުން އެދެމައިން ވަނީ ދޫކޮށްލާފައެވެ.

ފުރަތަމަ އެ ދެމައިން ދޫކޮށްލީ ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކީ ސައްހަ ނޫން އަމުރެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުންނެވެ. ދެ ވަނަ ފަހަރަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިއުމުން ހުޅުމާލޭ ކޯޓުން ވެސް އެ ދެ މީހުން ދޫކޮށްލީއެވެ.

އަދި ތިންވަނަ ފަހަރަށް ހައްޔަރުކުރީ ހުޅުމާލޭ ކޯޓުން ރޭގެ ވަގުތެއްގައި ނެރުނު އަމުރެއްގެ ދަށުންނެވެ. އެދެމައިން ކޯޓުން އޭރު ދޫކޮށްލީ ފުލުހުން ގަވައިދާ ހިލާފަށް ހައްޔަރުކުރި ކަމަށް ބުނެއެވެ. ދެމައިންވެސް ކުރިން ދޫކޮށްލީ ހައްޔަރުކުރުމުގައި ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ އަށްވަނަ މާއްދާގައި ބުނާ ކަންކަން ފުރިހަމަ ނުވާތީ ކަމަށް ކޯޓުން ބުނެފައިވެއެވެ.