ހުސްނުއްސުއޫދު

ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދެ ގާޒީން ހައްޔަރުކުރަން ސުއޫދު ގޮވައިލައްވައިފި

2

ހުޅުމާލޭ ގެއަކުން ފުލުހުން ހޯދި ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހަކު ކޯޓުން ދޫކޮށްލުމުން ދެ ގާޒީން ހައްޔަރުކުރުމަށް ގާނޫނީ ވަކީލު ހުސްނުއްސުއޫދު ގޮވައިލައްވައިފިއެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދެ ފަހަރެއްގެ މަތިން ކޯޓުން ދޫކޮށްލުމުން ރޭގެ ވަގުތެއްގައި ސުއޫދު ކުރެއްވި ޓުވީޓެއްގައިވަނީ އެމައްސަލާގައި ދެ ގާޒީން ވަގުތުން ހައްޔަރުކުރުމަށް ފުލުހުންނަށް ގޮވައިލައްވާފައެވެ. ބެލެވޭ ގޮތުގައި ހައްޔަރުކުރުމަށް ސުއޫދު ގޮވައިލެއްވީ ކުރިމިނަލް ކޯޓުގެ ފަނޑިޔާރަކާއި ހުޅުމާލޭ ކޯޓުގެ ފަނޑިޔާރެކެވެ.

އިއްޔެ ރޭ ހައްޔަރުކުރި 25 އަހަރުގެ ފިރިހެން މީހާ އާއި 52 އަހަރުގެ އަންހެން މީހާ ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ދޫކޮށްލީ، ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ދިން އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތަށް ގާޒީގެ ނަން ނެތުމުން އަމުރު ފުރިހަމަ ނުވާ ކަމަށް ބުނެއެވެ.

އެހެންވެ ރޭގެ ވަގުތެއްގައި އަލުން މި ދެ މީހުން ހުޅުމާލޭ ކޯޓުގެ އަމުރަކަށް އަނެއްކާވެސް ހައްޔަރުކުރި އެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެ ކޯޓަށް މިއަދު ގެންދިއުމުން ވަނީ އިޖުރާއީ މައްސަލައެއް އުޅޭ ކަމަށް ބުނެ އެ ދެ މީހުން އަނެއްކާވެސް ދޫކޮށްލައިފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ އެ ދެ މީހުން ހައްޔަރުކުރުމަށް ރޭ ކޯޓުން އަމުރު ހޯދީ އެ ވަގުތު ޑިއުޓީގައި ހުރި އިންވެސްޓިގޭޓަރު ކަމަށާއި އެކަމަކު ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކޯޓަށް ވަޑައިގަތީ ހެނދުނު ޝިފްޓުގެ އިންވެސްޓިގޭޓަރު ކަމަށެވެ. އެ ދެ ފުލުހުންނަކީ ވެސް މި މައްސަލަ ތަހުގީގުކުރުމުގެ ހުއްދަ އޮންނަ ދެ އިންވެސްޓިގޭޓަރުން ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަޔާނުގައި ބުނީ ދެ މީހުން ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވީމާ އެމީހުންގެ ބަންދުގެ މުއްދަތު ފުރަތަމަ ޖަހައި ނުދިން މައްްސަލަ ޖެހޭނީ ހައިކޯޓުގައި އިސްތިއުނާފް ކުރަން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟