ޚަބަރު

ނެވާލާން ބޭނުން ކުރާ ވައި އަމިއްލަ އަތުން ތަގައްޔަރުކުރާ ބަޔަކަށް ނުވުމަށް ރައީސް އިލްތިމާސްކުރައްވައިފި

މަރިޔަމް ޝަހުދާ

ނެވާލާން ބޭނުން ކުރާ ވައި އަމިއްލަ އަތުން ތަގައްޔަރުކުރާ ބަޔަކަށް ނުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރައްވައިފި އެވެ.

ރައީސް މިގޮތަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައިވަނީ މިއަދު ފާހަގަ ކުރަމުން މިދާ ބައިނަލްއަގްވާމީ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ދިވެހިންނަށް ފޮނުއްވި ތަހުނިޔާ ހިތާބުގައެވެ. މި ހިތާބުގައި ރައީސް ވިދަޅުވީ ތިމާވެއްޓާ ރަހުމަތްތެރި ވައްޓަފާޅިއަކަށް ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަކީ ފަރުދީ ފެންވަރުގައި ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއްކަމަށެވެ. އަދި ވައި ސާފުވުމާއި ވައި ތަގައްޔަރުވުމަކީ ދިރިހުރުމާ ގުޅިފައިވާ ކަމެއްކަން ގަބޫލުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ހިތާބުގައި ރައީސް ވަނީ ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށާއި ޖަމްއިއްޔާ ޖަމާއަތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އައްސަރިބަހާއި ސާބަސް ރައްދު ކުރައްވާފައެވެ. ރައީސްގެ ހިތާބުގައި ތިމާވެށީގެ ދުވަހުގެ މިއަހަރުގެ ޝިއާރު ކަމަށްވާ "އެއަރ ޕޮލިއުޝަން" އާއި ގުޅެގޮތުން ހުރި އެކި ނުރައްކާ ރައްޔިތުންނާ ހިއްސާކުރައްވާފައި ވެއެވެ. އެގޮތުން ވައިގެ ތަގައްޔަރުވުމަކީ އިންސާނާގެ ސިއްހަތާއި ދުނިޔޭގެ ތިމާވެއްޓާއި ގުޅިފަިއވާކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ވައި ތަގައްޔަރުވުމަށް އެކި ސަބަބުތައް ދިމާވާކަން ރައީސްގެ ހިތާބުގައި ފާހަގަކޮށްފައި ވެއެވެ. ރާއްޖޭގައި އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރުތަކަށް ބޭނުންކުރާ އުޅަނދުތަކުން ޖައްވަށް ބޭރުވާ ވިހަ ދުމުގެ ބާވަތްތަކާއި މިންވަރު ގިނަ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ވައި ތަގައްޔަރުވާ މިންވަރު މަދު ކުރަން އެންމެން ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވައި ތަގައްޔަރުވާ މިންވަރު މަދު ކުރުމަށް ޖައްވުގެ ތެރެއަށް ދޫކުރާ ވިހަ ގޭސް މަދުކުރަން ޖެހޭކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ހަކަތަ އުފެއްދުމަށް ތެލުގެ ބަދަލުގައި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަކީ ތިމާވެއްޓާ ގުޅުން ހުރި ކަމެއްކަން ފާހަގަކޮށްފައިވެއެވެ، ރައީސް ވިދާޅުވީ ތިމާގެ އާދަތައް ތިމާވެއްޓާ ރަހުމަތްތެރި ވައްޓަފާޅިއަކަށް ބަދަލުކުރުމީ އެމީހެއްގެ ފަރުދީ ޒިންމާގެ ގޮތުން ކުރެވިދާނެކަމެއް ކަމަށެވެ.