މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 9

އަބްދުﷲ ފާރޫގް ހަސަން

(01 ޖޫން ގެ އަދަދާ ގުޅޭ)

މިޔަށްފަހު މިބުނި ޙައްޖުމަހު (1167 ވަނަ އަހަރުގެ ޙައްޖުމަހު) ތިންވަނަދުވަހު ޢަލީރާޖާ ފޮނުވި ދެއޮޑިއާއި ތިންނަވާއި އައިސް މާލޭ އުތުރަށްވަދެ ދޮނަކުޅީގައި ބާއްވައިފޫއެވެ. ދެން އެމީހުން އެރަށަށް ފައިބާ އެރަށުގައި ވަޒަންވެތިބެގެން ރަށްރަށަށް މީހުން ފޮނުއްވައި ރައްޔިތު ފަޤީރުން މަރައި ރަށްރަށް ހުޅުޖަހައި މީހުންގެ މުދައުފޭރި މިގޮތުން މީހުންނަށް ތުރައުބޮޑުވެ ނުކުޅަދާނަވެގެން ހުރިހައި ރަށަކުންމެ އަރައިފުރައި ގަންނާން ހުރިހާ ތަކެއްޗާއިގެން ފަޤީރުތަކުން ފުރަފުރައިގެންގޮސް ގެއްލޭންވެއްޖެހިނދު މިޚަބަރު މާލެއަށް އައިމާއި މާލެއިން ހަނގުރާމައިގެ އަރުމާދު ހައްދަވައި މިއަރުމާދުގައި ހަނގުރާމައަށް ވެރިޔަކުލައްވައި އަލްވަޒީރު މުޙަންމަދު ފާމުލަދޭރިމަނިކުފާނުންގެ ފުތް ޙަސަންމަނިކުފާނަށް ރަންނަބަނޑޭރިމަނިކުފާނެވެ ކިޔައި ނަންދެއްވާފައި ފޮނުއްވެވޫއެވެ. ދެން މިއަރުމާދުގައި ޙަސަން ރަންނަބަނޑޭރިމަނިކުފާނުން ހަނގުރާމައަށް ވަޑައިގަތްއިރު އެއުރެން ދޮނަކުޅީގައި ކޯއްޓޭހަދައި ވަޒަންވެރިވެގެން ތިބެ ރަށްރަށަށް މީހުން ފޮނުއްވައި ފަޤީރުންނަށް އަނިޔާކުރެތެވެ. ދެން މިޙަސަން ރަންނަބަނޑޭރިމަނިކުފާނު ވަޑައިގަންނަވައި އެއުރެނާ ހަނގުރާމަކުރައްވައި އެމީހުންގެ ކޯއްޓޭ މުގުރައި ފައުޅުގައި ސަތޭކަމީހުންނަށް ވުރެންވެސް ގިނަމީހުން މެރުއްވެވޫއެވެ. އަދި ވަންހަނާއިން އެތައްބަޔަކު މެރުއްވޫއެވެ. ދެން އެއުރެނާ ތޮޅި ބަޑިޖަހާ ހަނގުރާމަކުރެއްވި ކަމަށްޓަކައި ޣާޒީކިޔުން ޞައްޙަވެދާނެތީ މިމަނިކުފާނަށް އަލްޣާޒީ ޙަސަން ރަންނަބަނޑޭރިމަނިކުފާނެވެ ކިޔައި ނަންދެއްވޫއެވެ. މާތްކަލާނގެ އޯގާވެރިކަމާއި ޢަދުލުވެރިކަމުގެ ލުޠުފުވެރިކަމުން ޣާޒީ ޙަސަން ރަންނަބަނޑޭރިމަނިކުފާނަށް ނަޞްރުދެއްވައި އަހަރެމެންގެ ދިވެހިރާއްޖެ އަހަރެމެންނަށް މިލްކުވެ ބަސްތީ ކުރައްވައި ޢިމާރާތް ކުރައްވާ ދެއްވެވިކަމަށް الحمد للـّه ربّ العالمـين والصّلاة والسّلام على خاتم النّبيّين ދެން މިހަނގުރާމަ ކުރައްވައި ރާއްޖެ ހިއްޕަވައިފައި ޙަސަން ރަންބަނޑޭރިމަނިކުފާނު މިހުރިހާ އޮޑިފަހަރައިގެން މާލެއަށް ވަޑައިގަންނަވާފައި ދެން އަވަހަށް ކުރެއްވިކަމީ... މާލެއިން ދެއޮޑިހައްދަވައި ދެއޮޑިއަށް މީހުނާއި ކާބޯތަކެތި ލައްވަވައިފައި ހޮޅީން ގެންދިޔަ ރަދުނާއި އެރަދުންގެ ބޭބޭ އިބްރާހީމްރަދުންގެ ފުތް މުޙަންމަދުމަނިކުފާނާ މިދެބޭފުޅުން އަތުވޭތޯ ބައްލަވާން ދެއޮޑި ފުރުއްވެވޫއެވެ. އޭރު މަލާބާރީން ގެންދިޔަ ރަދުން ކަންނަންނޫރުން ކަވަރަންދޫއޭކިޔާ ރަށަށް (ކަވަރައްތީ) ފޮނުއްވައިފައި އިބްރާހީމްރަދުންގެ ފުތް މުޙަންމަދުމަނިކުފާނު އަންދުރޭއަށް (އަންދުރޯތު) ފޮނުއްވާފަޔޭވަނީ... އެދެރަށް އެއީ ދީވަންދުރޯ (ލަކްޝަދީބު) ގެ ރަށްތަކުތެރޭގައިވާ ދެރަށެވެ. މިތަނުން ފޮނުއްވި ދެއޮޑި ފުރައިގެންގޮސް ދެއޮޑި އެދެރަށަށް ހިނގައްޖެއޭ އަންދުރޯއޭކިޔާ ރަށަށް ދިޔަ އޮޑީގެ މީހުން އެރަށުގެ އެއްގަމަށް ފައިބައި ޚަބަރުބަލައި އެމީހުން އެދި ދިޔަކަންތައް ޤަޞްދުކޮށްގެން އުޅެނިކޮށް އެއޮޑީންދިޔަ މާލިމީ ކަންތައް ފައުޅުކޮށްފިޔޭ... އެމާލިމީއަކީ ރާއްޖޭގައި ހިފާ ހައްޔަރުކޮށްފައިހުރި މަލިކުމީހެކޭ... މީނާ މިއޮޑީގެ ނިޔަމިކަން ލިބިގެން ދިޔައީ މިވާހަކަ ނުބުނާންކަމަށް އެތައް ޢަހުދެއް ވެގެންނޭ... އެކަމަކު އޭނާވީ ޢަހުދު ކަނޑާލާފައި އެރަށުގެ މީހުންނަށް މިވާހަކަ ފައުޅުކޮށްފިޔޭ... ދެން އެރަށުގެ މީހުން މިއޮޑިވެސް ހިފައިނުގަތީ ކިރިޔަޔެވެ. އެއޮޑީން ޢަރަބިކަރައިގެ ދެމީހުންވެސް ދިޔައޭ... އެކަކީ ޚަމީސްކިޔާ މީހެކޭ... އަނެކަކީ ޢަލީ ބިން ދާވޫދު ކިޔާ މީހެކެވެ. މިދެމީހުން ކުރެން ޢަލީ ބިން ދާވޫދު ހިފާ ހައްޔަރުކޮށްފޫއެވެ. ދެން އޮޑީން ދިޔަ ފަޅުވެރީންގެ ބަޔަކުވެސް އެއްގަމުގައި ވަނިކޮށް އޮޑީގައި ތިބި މީހުން އަވަހަށް އޮޑިޔައިގެން ފުރައިގެންފޫއެވެ. ކަވަރަންދުވަށް ދިޔަ އޮޑީގެ މީހުނަށްވެސް ކަންތައްވީ ހަމަ މިކަހަލަ ގޮތަކަށޭ... އެމީހުންވެސް އެމީހުން އެދި ދިޔަ ކަންތައް ނުވެގެން ފުރައިފޫއެވެ. ދެން އެދެއޮޑި މާލެ އަތުވެއްޖައޫއެވެ. އެދެއޮޑީންކުރެ އެއްއޮޑިޔަކުގެ މީހުންނަކަށްވެސް އެދެބޭފުޅުންކުރެ ބޭފުޅަކު ގެނެވޭނެ ގޮތެއް ނުވިޔޭ... ދެން މިދެއޮޑީގެ މީހުން މާލެ އައުމަށްފަހު އަންދުރޯއެވެކިޔާ ރަށަށް ދެވުނު ފަޅުވެރީންވެސް އަތުވެއްޖައޫއެވެ. ދެން މިކަންތައް މިހެންވީއިރު އިހު މިރާއްޖެއަށް ޖެހުނު އާފަތް ބޮޑުކަމުން ހުރިހާ މުދައުވެސް އެތެރޭގައިވެ ހުސްވެ ބަޔަކުލައްވާ މަސައްކަތެއް ކުރައްވައިފައި އުޖޫރައަށް ދޭނޭވެސް ހަމައެކައްޗެއްނެތި... މިކަމުގެ ޙައިރާނުގައި ތިއްބައި މާތްރަސްކަލާނގެ އިރާދަފުޅަށް ކަންތައް ހިންގެވި މަގުން ފަނަރަތުޅުބައިހުރި މާވަހަރެއް މާޅޮސްމަޑުލު މާޅޮހަށް ލައްވެއްޖެއޭ... ދެން މިޔަށްފަހު ޣާޒީ ޙަސަން ރަންނަބަނޑޭރިމަނިކުފާނު ފިކުރުފުޅު ކުރައްވަވައި ރަށުގެބޮޑުނާ ވާހަކަފުޅު ދައްކަވައި ފަރަންސޭސީންގެ ބަޔަކު އުޖޫރައަށް ގެންނަވާން ލަފާވެއްޖައުމަށްފަހު... ފަރަންސޭސީނަށް ވެރިވެ ފުލުސޭރީގައިހުރި މޫސްދުފޫލީސް މިނަންކިޔާ ކަލޭ ގާތަށް މިރާއްޖެއިން ކުޑަވަޒީރަކު ފޮނުއްވެވޫއެވެ. ދެން ކުޑަދުވަސްކޮޅެއް ވުމަށްފަހު ކަންނަންނޫރު ޢަލީރާޖާ ފޮނުވި ހައިވަރަކުއޮޑިޔަކާއި ބޮޑުނަވަކާއި ސުލްފަކާއި ފުރައްދެއޮޑިތަކަކާއި މިހުރިހާ ތަކެއްޗައިގެން މާލެއަރާން އައިސްފާ މާލޭގެ މީހުން ތިބި ޚަބަރުދާރުވެރިކަމާއި ހުޝިޔާރުކަން ބޮޑުކަމުން އަރައިގަންނާން ނުކެރި މިއެތެރެއިން ބައެއް އޮޑިފަހަރު ދޫނިދުވަށް ބައެއްއޮޑިފަހަރު ދޫނިދޫގަލަށް ހިނގައްޖައޫއެވެ. މިތަންތާނގައި މިބައިމީހުން އޮޑިފަހަރު އަޅައިގެން ކުރާނޭ ކަމަކާމެދު ވާހަކަދައްކާން ތިއްބައިމަށް މިބުނި ފުލުސޭރިއަށްދިޔަ ކުޑަވަޒީރު ތިންނަވާއި ސުލްފަކާއި މިހަތަރުގަނޑެތީގައި ފަރަންސޭސީން ގޮވައިގެން އަތުވެއްޖެއޭ. މިހަތަރުގަނޑެތީގައި އެމީހުންގެ ވެރިޔަކަށް އައީ އިހުބުނެދިޔަ މޫސްތިރިމިލީއެވެ.

އެކަލޭގެ އެއީ އިހު މިރާއްޖެއަށް ވިޔަފާރިކަމު އަންނަ ނަޞާރާއިންގެ ތެރޭވާ މީހެކެވެ. ދެން މިފަރަންސޭސީން އައިސް މަލާބާރީންނާ ހަނގުރާމައަށް ދިމާކޮށްލައިފޫއެވެ. ދެން އެމަލާބާރީންގެ ނައުތަކާއި ދިމާއަށް ބަޑިޖަހައި އެމީހުންގެ ނަވެއް އަތުލައިގެންފިޔޭ... މިބުނި މަލާބާރީން މިރާއްޖެ އައީ ހިޖުރައިން 1168 ހާހާއި އެއްސަތޭކަ ފަސްދޮޅަސް އަށެއް ވަނަ އަހަރު ޖުމާދަލްއައްވަލުމަހު އަށާރަވީ ބުދަދުވަހުގައެވެ. މަލާބާރީންގެ ސުލްފަކާ ދިމާއަށް ބަޑިޖަހައި އޭގައި ތިބިމީހުނާއެކު އަންދައިލާފޫއެވެ. ދެން މަލާބާރީންގެ ހުރި އޮޑިފަހަރައިގެން ދޮނަކުޅިޔަށް ހިނގައްޖެއެވެ. ދެން އަވަހަށް ދިވެހީންވެސް އެތައްއޮޑިޔެއް ހަދައި އެއޮޑިފަހަރަށް ހަނގުރާމައިގެ ހަތިޔާރާއި ކާބޯތަކެތި ލައިގެން ފަރަންސޭސީން ނައުފަހަރާވެސް އެކުގައި މިހުރިހާ ތަކެއްޗާއިގެން ޙަސަން ރަންނަބަނޑޭރިމަނިކުފާނު ހަނގުރާމައަށް ވެރިވެވަޑައިގެން ފުރައިގެންގޮސް މަލާބާރީން ދޮނަކުޅީގައި ތިއްބައި ހަނގުރާމައަށް ދިމާކޮށްލައިފޫއެވެ. ދެން އެމަލާބާރީންނާ ހަނގުރާމަކޮށް އެމީހުންގެ މީހުންނަށް ބަޑިޖަހައި މަރައި އެމީހުން ހަދައިގެންތިބި ކޯއްޓޭ މުގުރައި މަލާބާރީންނަށް ނުކުޅަދާނަވީމާއި އެމީހުން ފުރައިގެން އެމީހުންގެ ވަޒަނަށް ހިނގައްޖައޫއެވެ. ދެން ދިވެހިންނާއި ފަރަންސޭސިނާ ގޮވައިގެން ޣާޒީ ޙަސަން ރަންނަބަނޑޭރިމަނިކުފާނު މާލެއަށް ވަޑައިގެންނެވޫއެވެ. އެއީ ޖުމާދަލްއައްވަލުމަހު އަށާވީސް ދުވަހުގައެވެ. މާތްރަސްކަލާނގެއީ ރަޙުމަތްވަންތަ ރަސްކަލާނގެއެވެ. އެސުވާމީންގެ އިރާދަކުރައްވައިފައި ހުރިމަގުން އެޖެހުނު މުޞީބާތުން ފިއްލަވައި ސަލާމަތްކުރައްވައި ރާއްޖޭގެ އެކަކަށްވެސް ކަމެއްނުވެ މިކަމުން މިންޖުކުރައްވައިފޫއެވެ. ދެންމިޔަށްފަހު ޣާޒީ ޙަސަން ރަންނަބަނޑޭރިމަނިކުފާނާއި ބޮޑުންނާއި ވަޒީރުންނާ މިއެންމެކަލުން ފަރަންސޭސީންނަށް ވެރިވެ އައިސްހުރި މޫސްތިރިމިލީ ގާތުގައި ވިދާޅުވޫއެވެ. އަދި މިޔަށްފަހުވެސް ތިޔަބައިމީހުންގެ އެހީތެރިކަމާއި ރަޙުމަތްކުޑައިވެއްޖެނަމަ އެމަލާބާރީންގެ އަނިޔާތަކާއި ތުރާތައް ބޮޑުވެދާނެޔޭ... އަދި ތިޔަބައިމީހުން ކިބައިން ތިމަންބޭކަލުންގެ ރާއްޖޭގެ އެންމެ ކަލުން އެދެމުޔޭ މާތްރަސްކަލާނގެ ރުއްސަވާވޮޑިގެންވާ ކަމެއްނަމަ އަފުރެމެންގެ ރަސްގެފާނުންގެ ދެބޭފުޅުން އަތުވާނޭ މަގަކަށް މަސައްކަތްކޮށް ރަސްގެފާނު ރާއްޖެއަށް ވާޞިލުވާންދެން ތިޔަބައިމީހުންގެ ވާގިފޯރުވުން. މިހެން މިބޭކަލުން ވިދާޅުވީމައި މޫސްތިރިމިލީ ދެންނެވިބަހީ ތިމަންމީހުން ދެންނެވިމަގެއް މައްޗަށް ހަތަރުއަހަރު ދުވަހަށް މަނިކުފާނު ކިބައިން ޤަރާރުދެއްވައިފިނަމަ ތިމަންބައިމީހުން ތިބެދާނަމުއެވެ. އެމަގަކީ ހަތަރުއަހަރުވާންދެން ނާނޭބުރުޒުގައި ތިމަންމީހުންގެ ދިދަނަގައި ތިމަންމީހުންގެ ސޯޖަރުންގެ ފަންސަވީސްމީހުންނާއި އެމީހުންގެ ސިލޭހައާއި އެމީހުންނަށް ވެރިވެތިބޭނޭ ދެމީހުނާއި އަދި އެއެންމެންގެ ވެރިޔަކާއެކު އަށާވީސްމީހުން މަނިކުފާނުންގެ ބަތާމުސާރަ ދެއްވަވައި ބައިތިއްބެވުމެވެ. ދެން ޣާޒީ ޙަސަން ރަންނަބަނޑޭރިމަނިކުފާނު ވިދާޅުވިބަސްފުޅީ، ތިޔަބަހާ ތިމަންމަނިކުފާނު ޤަބޫލުވެ އަމުރުފުޅު ދެއްވަވާނެމަގީ ތިޔަބައިމީހުންގެ އަށާވީސް މީހުނަށް ބަތާމުސާރަ ދެއްވަވައިގެން އެމީހުން މިތާނގައި ތިބޭއިރު ތިޔަބައިމީހުންގެ ސޯޖަރަކު ކިބައިންވެސް ނުވަތަ ތިޔަބައިމީހުންގެ ވެރިޔަކު ކިބައިންވެސް ތިމަންމަނިކުފާނުންގެ މިރާއްޖޭގެ މީހުންނަށް އައިބުގުނާޔެއް ތަޤްޞީރެއް ކޮށްފިނަމަ ނުވަތަ ތަޤްޞީރެއް ކުރާން އުޅޭކަން އެނގިއްޖެނަމަވެސް އެމީހުންހިފާ ހައްޔަރުކުޅަޔަސް ކަލޭމެންނާއި ތިމަންމަނިކުފާނާ ދަޢުވާއެއް ނެތްކަމަށް ކަލޭމެން ލިޔެދީފިނަމަ ތިޔަބައިމީހުން ތިޔަބުނިގޮތް މައްޗަށް ތިމަންމަނިކުފާނުގެ ރުހިވަޑައިގެން އަމުރުފުޅު ދެއްވައިފާނަމޭ... މިބަސްފުޅާމެދު އެބައިމީހުން ދެންނެވިބަހީ... މަނިކުފާނުންގެ ބަތާމުސާރައިގަ ތިބެ މަނިކުފާނަށް ތަޤްޞީރެއްކުރާނީ މަނިކުފާނަށް ޢަދާވަތްތެރިވެގެން ތާއެވެ. ތިޔަވިދާޅުވި ކަމަކުން ކަމެއް ވެއްޖެނަމަ ތިމަންމެންގެ ދަޢުވާއެއް ނެތެވެ. އެމީހުންގެ ކިބައިން ތިޔަވައްތަރުގެ ކަމެއް ފެނިއްޖެނަމަ މަނިއްޕުޅު ހިތްޕުޅާވާކަމެއް ކުރައްވަހަށެވެ. ދެން މިހެންދަންނަވައި މިގޮތަށް މިބައިމީހުން ލިޔެދީފޫއެވެ. ލިޔެފައި ޣާޒީ ޙަސަން ރަންނަބަނޑޭރިމަނިކުފާނު އަތްޕުޅަށް ދީފޫއެވެ. ދެން މިޔަށްފަހު ސޯޖަރުންގެ ފަންސަވީސްމީހުނާއި އެމީހުންގެ ވެރީންގެ ދެމީހުންނާއި އެއެންމެންގެ ވެރިޔަކަށް ކައްޕިތާނަކާއި މިބައިމީހުންގެ ކަނޑިބަޑި ސިލޭހަޔާ ބާލާފައި ނާނޭބުރުޒުގައި ޝަޢުބާންމަހު އޮނަވިހިދުވަހު އެމީހުންގެ ދިދަނަގައިފައި މޫސްތިރިމިލީ އެމީހުންގެ ނައުފަހަރައިގެން ފުލްސޭއިރަށްދާން ފުރައިގެން ހިނގައްޖެއޭ... ދެން މީނާގެ ރަށަށް މީނާގޮސް އެކަންތައް ވީގޮތް އޭނާގެ ވެރީންނަށް އެންގިޔޭ... ދެން އަނެއްކާ އެޔަށްފަހު ދުވަސްކޮޅަކުން މޫސްތިރިމިލީ ނަވަކާއިގެން ވިޔަފާރި އެތިކޮޅެއްވެސް ހިފައިގެން މިރާއްޖެއަށް އައެވެ. ދެން މީނާ ރަށަށް ފައިބައި ޣާޒީ ޙަސަން ރަންނަބަނޑޭރިމަނިކުފާނުގެ ފައިވާންޕުޅުދެކެ... ވިޔަފާރިކޮށްގެން ފުރާންވީމައި އެމީހުން ބައިތިއްބައިފައި ދިޔަ މީހުންގެ ތެރެއިން މަރުވި މީހުންނަށް މީހުންލާފައި އޭނާ ފުރައިގެން ހިނގައްޖެއޭ... ދެންމީނާ ދިޔުމަށްފަހު ކުޑަދުވަސްކޮޅަކުން ފަރަންސޭސިންގެ ބަޔަކު ނަވަކާއިގެން ވިޔަފާރިކަމު އަތުވެއްޖެއޭ... އެނަވުގެ ވެރިޔަކަށް އައީ މުސްފެރެވެ ކިޔާ މީހެކެވެ. މިބައިމީހުން އައިސް އެއްގަމަށް ފައިބާ ވިޔަފާރިކުރަން ފަށައިގެންފިއޭ... މިހެންތިބެ އިހަށް މިތާނގައި ތިބި މީހުނާއި އެމީހުން ވަރަށް އެކުވެއްޖެއޭ... ދެން މިޔަށްފަހު މާލޭގެ ބަޔަކުމީހުންނާއި އިހަށް އެތިބި މީހުން އަރައިރުން ވެއްޖެއެވެ. މީގެތެރޭގައި ވިޔަފާރިކަމު އައި ނަވުގެ ކައްޕިތާނުވެސް ވެޔޭ... މިއަރާރުން ވަނިކޮށް އަލްޣާޒީ ޙަސަން ރަންނަބަނޑޭރިމަނިކުފާނު މިތަނަށް ވަޑައިގަންނަވައިފިޔޭ... ދެން އެމީހުންގެ ވެރިޔާ އަތުގައި އޮތް ފިސްތޯލައެއް ޣާޒީ ޙަސަން ރަންނަބަނޑޭރިމަނިކުފާނުގެ ގައިކޮޅަށް ގޮއްވާލަތްޕެވެ. މިހިނދު މަނިކުފާނުންގެ އަރިހުގައި މުޙަންމަދު މުރީދުތަކުރުފާނުން ދުރުވެ ހުންނެވޫއެވެ. މީނާއީ މިޙަސަން ރަންނަބަނޑޭރިމަނިކުފާނާއި ތިމާގެވެސް މީހެކެވެ. މިމުރީދުތަކުރުފާނުން ދުރުވެ އެމީހުންގެ ތެރެއަށް ވަންނަވައި ފިސްތޯލަ ގޮއްވައިލި ކަލޭގެ ހިފައި ބަންނަވައިފޫއެވެ. ދެން އެއަށްފަހު ލަޝްކަރީންގެ ބަޔަކު ފޮނުއްވައި އެފަންސަވީސް މީހުންނާއި އެމީހުންގެ ވެރީންނަށް ތިބި ދެމީހުނާއި އެއެންމެންގެ ވެރިޔަކަށްހުރި މީހާއާއި ވިޔަފާރިކަމުއައި ނަވުގެ މުސްފެރެވެ ކިޔާ ކައްޕިތާނާއި މިއެންމެން ގެންނަވައި ވެޔޮދޮށުގަނޑުވަރު ދޮރޯށީގައި ހައްޔަރުކޮށް ބައިތިއްބަވައިފޫއެވެ. ދެން އެމީހުންގެ ބަޑިތަކާއި ދިގުކަނޑިތަކާއި ސިލޭހަތަކާއި މިކަހަލަ ހުރިހާއެއްޗެތި ގެންނަވައި ވެޔޮދޮށުގަނޑުވަރު މަތިގެޔަށް ލެއްވެވޫއެވެ. މިކަންތައް މިހެންވުމަށްފަހު ފަނަރަ ދުވަހުން މޫސްތިރިމިލީ ނަވަކާއި އައިސް މާލެއިން ދަށްވެގެން ގުރައިދޫ ކަނޑުން ވަދެފައި ވައިމަޑުކަމުން މާލެ ނާދެވިގެން އެތާނގައި އޮތް ވާހަކަ މާލެއަށް އައިމާ މާލެއިން އޮޑިފަހަރު ފޮނުއްވައި މިކަލޯގެ ނައު މާލޭގެ ބަނދަރަށް ގެންނެވޫއެވެ. މިއަހަރުވެސް މީނާއައީ ވިޔަފާރި ހިފައިގެނޭ... ދެން މީނާ އެއްގަމަށް ފައިބައި... މީގެކުރިން މީނާ އަންނަ އެހެނިހެން ދަތުރުގައި މާލެ އައިސް އެއްގަމަށް ފައިބައިފައި ޣާޒީ ޙަސަން ރަންނަބަނޑޭރިމަނިކުފާނުންގެ ފައިވާންޕުޅުދެކެޔޭ... މިހެންވެ މިދަތުރުގައިވެސް މިމަނިކުފާނުންގެ ފައިވާންޕުޅު ދެކޭންއުޅެ ނުފެނުނެވެ. މީނާ މިކަމާ ވަރަށް ހިތާމަވެ ބޮޑުން އަރިހަށް ހިނގައި ވިޔަފާރި ކުޅައުމުގެ އަމުރުފުޅު ލިބިގެން ވިޔަފާރިކުރާން ފަށައިގެންފިޔޭ... ދެން މިޔަށްފަހު ޣާޒީ ޙަސަން ރަންނަބަނޑޭރިމަނިކުފާނު ފައިވާންޕުޅު ނުފެނިގެން އެމަނިކުފާނު ފައިވާންޕުޅު ދެއްކެވުން އެދި ބޮޑުން އަރިއަހަށް ހިނގައި އެތައްއާދޭހެއް ވުމަށްފަހު މީނާ ދާދި ދަތުރަށް ގާތްވިފަހުން މީނާއަށް މިމަނިކުފާނު ފައިވާންފުޅު ދެއްކެވިޔޭ... ދެން މިރާއްޖޭގެ މީހުންނާއި ފަރަންސޭސީންގެ މީހުންނާއި ހުރި އޮޅުން ފިލުވުމަށް އެމީހުންގެ ވެރީންނަށްތިބި މީސްމީހުން ގެންނަވައި ފަރަންސޭސީން ކޮށްދިން މަސައްކަތުގެ އުޖޫރަޔާއި ސޯޖަރުން ފަންސަވީސް މީހުންގެ މުސާރަޔާއި ވެރީންނަށް ދެންތިބި ދެމީހުންގެ މުސާރަޔާއި މިއެންމެންގެ ވެރިޔަކަށްހުރި މީހާގެ މުސާރަޔާއި މިހުރިހާ ތަކެއްޗަށްވާނޭ ޢަދަދު ބައްލަވައި މިދެބައިމީހުން ތިބެ ފަރަންސޭސީންގެ މީހުންވެސް މިހިސާބުކޮށް ބަލައި މިދެބައިމީހުންގެ ހިސާބު އެއްގޮތްވެއްޖައުމަށްފަހު އިހަށްމިބުނި މާޅޮހަށް ލައްވި ފަނަރަތުޅުބައިހުރި މާވަހަރުގެ އަގު ފަރަންސޭސީން ދެންނެވިގޮތް މައްޗަށް ދިހަ ރުފިޔާއަށް ތޯލާކަމަށް އަގުކުރައްވައި ބައްލަވައި މިމާވަހަރުގެ އަގަށްވާނޭ ނަޤުދު ރުފިޔާގެ ޖުމްލައިން ފަރަންސޭސީންނަށް ދޭންވީ ޢަދަދު ކަނޑައި ފަރަންސޭސީން އަދި ބާވީސްހާސް ރުފިޔާ މިރާއްޖޭގެ ސަރުކާރަށް ދޭން އޮތްކަމަށް ރާއްޖޭގެ ދަފްތަރުގައި ލިޔެދީފައި އެމީހުން މާވަހަރު ގެންގޮސްފިޔޭ...

(ދިވެހި ތާރީޚު: ޞަފްޙާ 179 - 195)

(ނުނިމޭ)