"ކޮންމެހެން ނަތާޝާ ދާން އުޅޭނެކަމެއް ނެތް" ނުޝައިބާ ދޮރުލައްޕާފައި ދިޔައެވެ. ނަތާޝާ އަވަސް އަވަހަށް އެނދުގައި އިށީނެވެ. ދޮންތަގެއިން މަންމައަށް އަޒްކީ ފެނިއްޖިއްޔާ ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ މިހާރުވެސް މަންމަ ހިތްހަމަނުޖެހިފައި ހުރި ސަބަބެއް އެނގެނީއެއްވެސް ނޫނެވެ. ނަތާޝާ އަވަސް އަވަހަށް އޭނާގެ ފޯނު ހޯދަން ފެށިއެވެ. އެނދުމަތީގައި ހުރި ބާލީސްތަކާއި ބެޑްޝީޓްވެސް ނެގިއެވެ. ފޯނު ނުފެނުނެވެ. އޭނާއަށް އެއްތަނެއްގައި ހިމޭނުން ނުހުރެވެއެވެ. އެންމެފަހުން ފޯނު ފެނުނީ އޭނާގެ އަތް ދަބަސްގެ ތެރެއިންނެވެ. ނުޝައިބާ ދާވަހަކަ ބުނަން ނަޝްވާއަށް ގުޅާގުޅާ ފޯނަށް ޖަވާބެއް ނުދިނެވެ. އަޒްކާއަށް ގުޅިއިރު ފޯނު އޮތީ އޮފްކޮށްލާފައެވެ. ނަތާޝާ ހަދާނެގޮތް ހުސްވިއެވެ.
އެތެރެއަށް ހުޅުވިގެން ދިޔަ ދޮރާއެކު ކުރިމަތީގައި ތިބި ފަރީޝާއާއި ނުޝައިބާ ފެނުމާއެކު އަޒްކާ ދެލޯ ނިތަށް އެރިއެވެ. ހިތަށް ނުބައި ގޮތެއް ވިއެވެ. ފަރީޝާގެ ބެލުން އޭނާ އަނދާ އަޅިއަށް ހަދާލިއެވެ. އިސްޖަހާލެވުނު އިރު ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ.
"މަންމަ...!" ކޮޓަރިން ނިކުތް ނަޝްވާއަށް ނުޝައިބާ ފެނުމާއެކު ޚައިރާންކަމެއް ލިބުނެވެ. ދޮރުމަތީގައި ހުރި އަޒްކާއަށް ބަލައިލެވުނުއިރު އޭނާގެ ދެލޮލުން ކަންބޮޑުވުން ފާޅުވާން ހުއްޓެވެ. އޭނާ ދުވަމުން ކަހަލަ ގޮތަކަށް ސިޑިން ފައިބައިގެން އައިސް ނުޝައިބާގެ ގައިގައި އޮޅުލައިގަތެވެ.
"އަޒްކާ މިގޭގައި ކީތްކުރަނީ...؟" ނަޝްވާ ދުރުކޮށްލަމުން ނުޝައިބާ އަހާލިއެވެ.
"މަންމަ ނުވެސް ބުނެ އައިމަ ސަޕްރައިޒްވެއްޖެ" ނަޝްވާ އަޒްކާއަށް ބަލައިލިއެވެ. އޭނާ އަވަސް އަވަހަށް ނުޝައިބާގެ މޫނަށް ނަޒަރެއްދިނެވެ. ނަޝްވާ ބޭނުންވީ ވާހަކައިގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުކޮށްލާށެވެ.
"އަހަރެން ނަޝްވާ ކައިރިން މިއަހަނީ މިގޭގައި އަޒްކާ ކީތްކުރަނީހޭ...." ހިތްހަމަނުޖެހިފައި ނުޝައިބާ އެ ސުވާލު ތަކުރާރުކޮށްލިއެވެ. ކުރިއަށް ވުރެ ބާރަށެވެ.
"ދޮންދައްތާ...! ފަޒާ ފުރީ ފެނިވެސްނުލާ. ވިލް މިސް ހަރ ސޯ މަޗް" ނަޝްވާ ފަރީޝާގެ ގައިގައި ކުޑަކޮށް ބައްދާލިއިރު އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. އަޒްކާ އެގެއަށް ގެނައީ ނަތާޝާއޭ ބުނެ މައްސަލަގަނޑެއް އުފައްދަން ނަޝްވާ ބޭނުމެއްނުވިއެވެ. އެ ހުރިހާ މީހުންގެ ކުރިމަތީގައި ކުށްވެރިއެއް ފަދައިން އިސްޖަހާލައިގެން އަޒްކާ ހުއްޓެވެ. ދުރުގައި އެ މަންޒަރު ބަލަހައްޓައިގެން ޙައްވަ ހުރިއިރު އަޒްކާއަށްޓަކައި އޭނާގެ ހިތް ހަމްދަރުދީން ފުރެމުން ދިޔައެވެ.
"ނަޝްވާއަށް އަޑެއް ނީވޭތަ އަހަރެން ވާހަކަދައްކާ އަޑު؟ ނޫނީ ނީވޭ ކަމަށް ހަދަނީތަ...؟" ނަޝްވާގެ އަތުގައި ހިފާ ލުއްކެއް ޖަހާލަމުން ބުނެލިއެވެ. ސިހިގެން ދިޔަ ވަރުން ނަޝްވާއަށް ތަދުވެސް ވިއެވެ. އިސްއުފުލާ އަޒްކާ ނަޝްވާއަށް ބަލައިލިއިރު ނަޝްވާ ހުރީ ފެންކަޅި ވެފައެވެ.
"މަންމާ...!..." ނަޝްވާއަށް ބުނެވުނެވެ.
"އަހަރެން މިއަހަނީ އަޒްކާ މިގޭގައި ކީތްކުރަނީހޭ. އަޒްކާ ހުންނަނީ މިގޭގައިހޭ...؟ ކާކުހޭ އަޒްކާ މިގެއަށް ގެނައީ....؟" ކުރިއަށް ވުރެ އަޑު ހަރުކޮށް ނުޝައިބާ އަހާލިއެވެ.
"އަ....އަޅުގަނޑު.... ގެނައީ ނަ...ނަތާ..." ތަނުގެ މަސްލަހަތު ގެއްލެން އުޅޭހެން ހީވާން ފެށުމުން އަޒްކާ ވާހަކަދެއްކިއެވެ. ވަގުތުން ނުޝައިބާގެ ނަޒަރު އަޒްކާއަށް ހުއްޓުނެވެ. ނުޝައިބާގެ މޫނުމަތިން ކުރިން ފެނުނު ހަމްދަރުދީއާއި އަޅާލުން ގެއްލިފައިވިތަން އަޒްކާއަށް ފެނުމުން އިސްޖަހާލިއެވެ. ހުރިހާ ހަގީގަތް އެމީހުންނަށް އެނގިއްޖެކަން އަޒްކާއަށް އެނގުނެވެ.
"ނަތާއޭ.... ކަލޭ މީގެ ފަހުން މަގޭ ދަރިއާ އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ. ލަދެއްވެސް ނުގަނޭތަ؟ ހަރާންގޮތުގައި ބަލިވެއިނދެ މީހަކާ އިނދެގެން އުޅެނީއޭ ބުނެ ދޮގުހެދީ. އަހަރެމެންގެ ފަޒާގެ ދިރިއުޅުމަށް ވިހަލީ" ނުޝައިބާ އަޒްކާއަށް އެތިވަރު ގޮވަން ފެށިއެވެ.
"އަޒްކާ މެރީޑެއް ނޫންތަ...؟' ޚައިރާންވެފައި ނަޝްވާއަށް ބުނެވުނެވެ. އަޒްކާ އިސްޖަހާލައިގެން ހުރިއިރު އޭނާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ނަޝްވާގެ ހިތުގައި ރަހުމް އުފެދުނެވެ.
"އަޅު...އަޅުގަނޑު ފަޒާގެ ދިރިއުޅުން ހަލާކުނުކުރަން. ފަޒާގެ ކައިވެނީގެ ފަހުން އަޅުގަނޑާއި މާހިލްއާ އެއްވެސް ގުޅުމެއް ނުބާއްވަން" ހިތްވަރު ކޮށްފައި ބުނެލިއެވެ. އެމީހުން ގަބޫލުކުރަން ބޭނުންނުވިޔަސް އަޒްކާ ބޭނުންވީ އޭނާގެ ކުށެއް ނެތްކަން ހާމަކުރާށެވެ.
"ތި މުޑުދާރު ދުލުން މަގޭ ފަޒާގެ ނަންވެސް ކިޔައިގެންނުވާނެ. ހީކުރަނީތަ ތިމާއަށް ކުރެވުނީ މާ ރީތި ކަމެކޭ. ނަޝްވާ! މަންމަ ބޭނުމެއްނޫން މިގޭގައި މި އަންހެނާ ބަހައްޓާކަށް. އޭނާ މިގޭގައި ހުރެގެން ދެން ފެންނާނީ ނަޝްވާގެ ދިރިއުޅުން ހަލާކުކުރާތަން" ނުޝައިބާ ވާހަކަދެއްކިއެވެ. އަޒްކާ އިސްއުފުލާ ނަޝްވާއަށް ބަލާލިއެވެ. އޭނާ ވިހަން ހަފްތާއަކަށް ވަނީއެވެ. އޭނާ ދާނީ ކޮންތާކަށް ހެއްޔެވެ؟ އޭނާއަށް އަޅާލާނީ ކާކު ހެއްޔެވެ؟
"ސޮރީ އަޒްކާ..." ރޮވިފައިވި އަޑަކުން ނަޝްވާ ބުނެލިއެވެ. ނަޝްވާ އެބުނި ބަހުގެ މާނަ އަޒްކާއަށް އެނގުނެވެ. އޭނާ މަޑުނުކޮށް އެގެއިން ނުކުތެވެ. އޭނާގެ މަންޒިލަކީ ކޮބާ ކަމެއް ނޭނގޭ ހާލުގައެވެ. ހެއްދެވި ފަރާތާއި ވަކީލު ކޮށްފައެވެ. އެހެނީ ދެން އޭނާގެ މަންޒިލަކީ ކޮބާ ކަން ދެނެވޮޑިގެންވަނީ ހަމައެކަނި އެފަރާތެވެ. އޭނާގެ ސަބަބުން އާއިލާއެއް ރޫޅި ބޮޑު ހަމަނުޖެހުން ގަނޑެއްގެ ތެރެއަށް ގެނބިގެންދާކަށް އޭނާ ނޭދޭއެވެ.
ގެއަށް ވަތް ގޮތަށް ނުޝައިބާ އަޑުހަރުކޮށް ނަތާޝާއަށް ގޮވާލިއެވެ. ނަތާޝާ ހުރީ އެކަމަށް ތައްޔާރުވެގެންނެވެ. ކުށްވެރިއެއް ފަދައިން އިސްޖަހާލައިގެން ހުރެ ނަތާޝާ އައިސް ހުއްޓުނީ ނުޝައިބާ ކުރިމަތީގައެވެ. އޭނާގެ އަތުގައި ފޯނު އޮތްއިރު ވެދިޔަ ކަންތައްތައް ނަޝްވާ އޭނާއަށް ކިޔައިދިނީ ދާދި ދެންމެއަކުއެވެ.
"މަންމަ ހިއެއް ނުކުރަން ނަތާއަކީ ތިހާ ދޮގުހަދާ އޮޅުވާލަން އެނގޭ ކުއްޖެއް ކަމަކަށް" ހިތްހަމަނުޖެހިފައި ނުޝައިބާ ވާހަކަދެއްކިއެވެ.
"މަންމާ...! އަޒްކީ އަކީ ގޯސް ކުއްޖެއް ނޫން. ކީއްވެ އެގެއިން އަޒްކީ ނެރެލާފައި ތިއައީ" ނަތާޝާއަށް ރޮވުނެވެ.
"ނަތާއަށް މުހިންމުވީ ފަޒާތަ...؟ ނޫނީ އެ އަޒްކާތަ...؟" ނުޝައިބާ އަހާލިއެވެ.
"ފަޒާ ދައްތައަކީ ނަތާގެ ސިސްއެއްނު. ހަމަ އެގޮތަށް އަޒްކީ އަކީ ނަތާގެ ބެސްޓްފްރެންޑް. މަންމަ ތިހެން ކަންތައްކުރާކަށް ނުވާނެއްނު...؟" ނަތާޝާ ޝަކުވާކޮށްލިއެވެ.
"މަންމަ ބޭނުމެއްނޫން ނަތާ ދެން އަޒްކާއާ އެއްވެސް ގުޅުމެއް ބާއްވަން. އަޒްކާއަކީ ވަރަށް ގޯސް ކުއްޖެއް. ނަތާ ހެދި ދޮގުތަކާއި އޮޅުވާލުންތަކަށް މަންމަ މައާފްކޮށްފިން" ނަތާޝާގެ މޫނުގައި ފިރުމާލަމުން ނުޝައިބާ ބުނެލިއެވެ. ނަތާޝާއަށް ހުރެވުނީ ކަރުނަވީ ދެލޮލަކުން ނުޝައިބާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު އޭނާ ހިނގައިގަތެވެ.
"ކޮންތާކަށް..." ނަތާޝާ ނުކުންނަ ދޮރާ ދިމާލަށް ހިނގައިގަތުމުން ނުޝައިބާ އަހާލިއެވެ.
"ނަތާ މިދަނީ އަޒްކީ ހޯދަން. ނަތާއަކީ މަންމަ ގޮތަށް ރަހުމެއްނެތް މީހެއްނޫން" ނަތާޝާ ހިނގައިގަތެވެ.
"ނުދެވޭނެ ނަތާއަކަށް" ނުޝައިބާ ހިފެހެއްޓީ ނަތާޝާގެ އަތުގައެވެ.
"އެއީ ކީއްވެގެންތަ...؟ މަންމާ...! ފަޒާދައްތައާއި އެ މާހިލްގެ ދެމެދަށް އަޒްކީއެއް ނުވަދޭ. މިކަން އެނގޭނެ ފަޒާ ދައްތައަށް ވެސް. ގަބޫލުނުކުރަންޏާ އަހާބަލަ ފަޒާ ދައްތައަށް ގުޅާފައި" ނަތާޝާ ވާހަކަދެއްކިއެވެ. އޭނާގެ އަޑު ބާރެވެ.
"ނުޖެހޭނެ ގުޅާކަށް. ނަތާޝާ ކޮންއިރަކު ދަސްކުރީ މަންމަ ކުރިމަތީގައި ޒުވާބުކުރަން. ތިއީ ހަމަ އެ އަޒްކާ ދައްކައިދިން މަގު. މިގެއިން ބޭރަށް އެންމެ ފިޔަވަޅެއް އެޅިޔަސް ހަނދާންކުރާތި ތީ މަގޭ ދަރިއެއް ނޫން. އަދި ނަތާޝާގެ މަންމައެއްވެސް ނުހުންނާނެ" ނުޝައިބާ ހަޅެއްލަވައިގަތެވެ. ނަތާޝާއަށް ހުރެވުނީ ނުޝައިބާގެ މޫނަށް ބަލަހައްޓައިގެންނެވެ.
"ހެޔޮ ކޮންމެގޮތެއް ވިޔަސް. ނަތާ ބޭނުމެއްނޫން އަޒްކީއަށް ދެރަގޮތެއް ވާކަށް. ނަތާ ދާނަން އަޒްކީ ކައިރިއަށް" ދެލޯ ފޮހެލާ ނުޝައިބާއަށް ފުރަގަސްދެމުން ނަތާޝާ ބުނެލިއެވެ. ނަމަވެސް ގޭދޮރުން ބޭރަށް ނުކުންނަން އޭނާއަށް ނުކެރުނެވެ. އޭނާ އިރުކޮޅަކު އެހެން ހުރެފައި ރޮމުން ރޮމުން ސިޑިއާ ދިމާލަށް ދުއްވައިގަތެވެ.
ހިޔާލުތަކާއި ވިސްނުންތަކަށް ގެއްލިފައި ހުރެގެން ހިނގަމުން ދިޔަ ނަތާޝާ ކުއްލިއަކަށް ސިހުނީ އޭނާއާ ދާދި ކައިރީގައި ސައިކަލެއް އައިސް މަޑުކޮށްލުމުންނެވެ. އޭނާ ބަލާލިއިރު ޚައިރާންވެފައި އޭނާއަށް ބަލަހައްޓައިގެން އިނީ ރާއިދުއެވެ.
"ގުޅާނަމޭ ބުނެފަ. ދޮންތަމެންގެއާ ދިމާލަށް މިދަނީ ބޭބީ ހަބަރެއް ނުވީމަ. ކިހިނެއްވެފަ ތިހެރީ... " ލޮލުގައި އަޅާފައި އިން އަވި އައިނު ނަގާ ބޯމައްޗާ ހަމައަށް ޖައްސާލަމުން ރާއިދު ބުނެލިއެވެ.
"ސޮރީ. ހަނދާންނެތުނީ ގުޅަން" ހީލަން މަސައްކަތްކުރަމުން ނަތާޝާ ބުނެލިއެވެ.
"ނޫން. ކޮންމެސް ކަމެއްވެއްޖެ. އަރާބަލަ...." ކުޑަކޮށް ހިތްހަމަނުޖެހިފައި ރާއިދު ބުނެލިއެވެ. ނަތާޝާ ރާއިދުގެ ފަހަތަށް އަރާ އިށީނެވެ.
ނާހިދާއި ނައިޝީގެ ކައިވެންޏަށް މަހެއް ފާއިތުވެގެން ދިޔައިރު އިނާޝާ ދިޔައީ ނާހިދުގެ އުޅުމާއި މިޒާޖަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް ބަލަމުންނެވެ. ކުރިން ދެރަވެ ކުލަ އޮއްސިފައިވާ ނާހިދު ގެއްލިއްޖެއެވެ. އޭނާގެ ދަރިފުޅުގެ މޫނުމަތިން މިހާރު ފެންނަނީ އުޖާލާކަމާއި ހިތްހަމަޖުމެވެ. އޭނާ ޔަގީންކުރީ ނައިޝީއަކީ ނާހިދާއި ކައިވެނިކުރަން އެންމެ ރަނގަޅު މީހާ ކަމުގައެވެ. ނައިޝީ އޭނާގެ ދަރިފުޅުގެ ދިރިއުޅުން ބަދަލުކޮށްލައިފިއެވެ.
އެއްދުވަހެވެ. މެންދުރުގެ ކެއުމަށް މީކާއާއި ބައިވެރިވެގެން މޭޒުމައްޗަށް ތަށި އަރުވަމުން ނައިޝީ ދިޔައެވެ. ނައިޝީގެ ޑިއުޓީ ނެތް ދުވަހަކަށް ވުމުން ގޭތެރޭގެ ހުރިހާ މަސައްކަތެއްގައި އޭނާ މީކާއާ ބައިވެރިވަމުން ދިޔައެވެ. ހުރިހާކަމެއް ނިންމާލުމަށްފަހު އޭނާ އިނާޝާގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. އިރުކޮޅެއްނުވެ އިނާޝާ ދޮރުހުޅުވިއެވެ.
"މަންމާ...! ކާން ތައްޔާރުވެފައި ހުރީ" ނައިޝީ ބުނެލިއެވެ.
"ނާހިދު ނާދޭތަ ގެއަށް ކާން" ލަސްލަހުން އިނާޝާ ބުނެލިއެވެ. މާބޮޑަށް ރޯގާޖެހި ކަރުތެރޭގައި ޖަރާސީމު އުފެދިފައި ހުރުމުގެ ސަބަބުން ނައިޝީއަށް އިނާޝާ ބުނި އެއްޗެއް ނޭނގުނެވެ.
"މަންމަ މިބުނީ ނާހިދު ނާދޭހޭ" ހިނިތުންވުމަކާއެކު އިނާޝާ ބުނި ޖުމްލަ ތަކުރާރުކޮށްލިއެވެ. މިފަހަރު ނައިޝީއަށް އިނގުނެވެ. އިނާޝާގެ ތުންފަތަށް ބަލަން ހުރުމުން އޭނާއަށް މާ ފަސޭހައިން ބުނަން އުޅޭ އެއްޗެއް ނަގައިގަނެވެއެވެ.
"އެބައާދޭ. ހިނގާ ތިރިއަށް" ނައިޝީ ބުނެލިއެވެ.
އިނާޝާ ނައިޝީއާއެކު ތިރިއަށް ފޭބިއެވެ. ދެމައިން މަޑުކޮށްލީ ސިޓިންގްރޫމް ސޯފާގައެވެ. ފޯނު ނަގައިގެން ނާހިދަށް ގުޅުމަށް ތައްޔާރުވި ވަގުތު ދޮރުހުޅުވާލާފައި ވަނީ ނާހިދާއި އިމްރާނެވެ. ނައިޝީއަށް އިމްރާން ފެނުމާއެކު ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. ދަށަށް ޖަހާފައި ހުރި ގަމީސް ނައްޓުވަމުން ނާހިދު ވަދެގެން އައެވެ. ނައިޝީ ކައިރިވެ ނާހިދުގެ އަތުގައި އޮތް ލެޕްޓޮޕް ދަބަހުގައި ހިފިއެވެ. ލޯތްބާއެކު ނާހިދު ނައިޝީގެ ކޮލުގައި ހިފާލިއެވެ. އެމަންޒަރު ބަލަން އިން އިނާޝާގެ ހިތަށް ވެރިވެގެން ދިޔައީ އެތައް ހާސް އުފާވެރިކަމެވެ.
"މީނަ ކޮންތާކުން އަތުލައިގަތީ" ނައިޝީ އެބުނީ އިމްރާންގެ ވާހަކައެވެ.
"މަގުމަތިން. ސައިކު ހަންފަޅައިގެން ގޮސްގެން މަޖީދީމަގުގަ ތާށިވެފައި ހުއްޓަ ފެނިގެން ގޮވައިގެން މިއައީ" ނާހިދު ވާހަކަދެއްކިއެވެ.
"އަލްހަމްދުލިއްލާހް. ހަމަ ނަސީބެއް ނާޑުއާ ދިމާވިކަން" އިނާޝާ ކައިރިއަށް ސޯފާއަށް ވެއްޓިގަންނަމުން އިމްރާން ބުނެލިއެވެ.
"މަންމާ ކިހިނެއްތަ މިހާރު" އިނާޝާގެ ކޮނޑުގައި އަތް އަޅުވާލަމުން އިމްރާން އަހާލިއެވެ. އިނާޝާ ދިން ހިނިތުންވުމުން އެކަނިވެސް އޭނާގެ ހުރީ ހެޔޮ ހާލުގައިކަން އަންގައިދިނެވެ.
"ބައްޕަ ނުދުރުވޭތަ އަދި..." ނާހިދު އަހާލިއެވެ.
"ބައްޕަ ގުޅާފައި ބުނި ނާދެވޭނޭ" އިނާޝާ ބުނެލިއެވެ.
"ހިނގާ އެހެންވީމަ. ކާއެއްޗެހި ހިހޫވީމަ މީރެއް ނުވާނެ. މިއަދު ހުންނާނީ ނާހިދުގެ ފޭވްރިޓް ކައްކަދީފަ" އެންމެންގެ ކުރީގައި ހުރެގެން ހިނގައިގަންނަމުން ނައިޝީ ބުނެލިއެވެ.
"މަގޭ ހިތަށް އަރާ މަށަށް މީރު އެއްޗެއް ކައްކާލަދޭނެ ކުއްޖަކު ވާނެބާއޭ..." ފަހަތުން އައި އިމްރާން ވާހަކަދެއްކިއެވެ.
"އެކަހަލަ ކުއްޖެއް ތިގޮތަށް ދެއަތް އުރާލައިގެން ހުއްޓަސް ނުލިބޭނެ. މަގުމައްޗަށް ނުކުތީމަ ހޯދަން އުޅުނީމަ ފެންނާނީ" ނައިޝީ ބުނެލިއެވެ.
އެކިއެކި ސަމާސާ ވާހަކަތަކުގައި ތިބެ ކެއުން ފެށިގެން ނިންމާލިއިރު ނައިޝީގެ ކެއްކުމަށް އިމްރާން ތަޢުރީފް ކުރިއެވެ.
ގަޑިން ރޭގަނޑު ބާރަޖަހަނީއެވެ. ނާހިދު އެނދުގައި އިނީ މެޑިކަލް ޑޮކިޔުމަންޓްތަކެއް ޗެކް ކުރުމަށެވެ. ނިދާ ހެދުމުގައި ފާހާނާއިން ނުކުތް ނައިޝީ ނާހިދަށް ބަލާލައިފައި ހަރުގައި ތުވާލި އަޅައިލިއެވެ. ޑްރެސިންގް ޓޭބަލް ކައިރީގައި އިށީނުމަށްފަހު މޫނުގައި މޮއިސްޗަރައިޒް ކްރީމެއް ހާކާލިއެވެ. ނާހިދަށް ދެވަނަ ނަޒަރެއް ދިނީ ހަބަރެއް ނުވުމުންނެވެ. އިސްތަށިގަނޑު އޮމާންކޮށްލުމަށްފަހު އަނެއްފަރާތުން ނައިޝީ އެނދުގައި އިށީނދެ ކުޝަނެއް އުނގަށް ލިއެވެ. ނާހިދު ބަލައިލީ އެވަގުތުއެވެ. ހިނިތުންވެފައިވާ ނައިޝީގެ މޫނަށް ބަލައިލުމަށްފަހު ނާހިދު ހީލިއެވެ. އޭނާ ލެޕްޓޮޕާއި ފޯނު ހިފައިގެން އެނދުން ފައިބައިގެން ދާން އުޅެނިކޮށް ނައިޝީ ނާހިދުގެ އަތުގައި ހިފިއެވެ.
"ކޮންތާކަށް ތިދަނީ" ނާހިދު ހުއްޓި ބަލައިލުމާއެކު ނައިޝީ ބުނެލިއެވެ.
"މަގޭ ބެޑަށް" ހީލާފައި ނާހިދު އިޝާރާތްކުރީ އެއްފަރާތުގައި ހުރި ސޯފާގޮނޑިއެވެ.
"ދެމީހުންނަށް މި ބެޑު ޝެއަރ ކުރެވިދާނެއްނު" ނައިޝީ ބުނެލިއެވެ. ވަގުތުން ނާހިދުގު މޫނުމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ.
"ޑޯންޓް ގެޓް މީ ރޯންގް..... ޑޯންޓް ޔޫ ހޭވް ޓްރަސްޓް އިން ޔުއަރ ސެލްފް" ނާހިދުގެ މޫނަށް ބަލައިލަމުން ނައިޝީ ބުނެލިއެވެ.
"ވަޓް ދެޓް މީންސް...؟" ނާހިދު އަހާލިއެވެ.
"ޔަގީނުންވެސް އަހަރެން އަހަރެންގެ ނަފްސު ކޮންޓްރޯލް ކުރާނަން. ނާހިދަށް ނުވާނީތަ...؟" ނައިޝީ އަހާލިއެވެ.
"ނޫން... އައި ކޭން..." ނާހިދު ހީލާފައި ބުނެލިއެވެ. އޭނާ ސްޓަޑީ ޓޭބަލްމަތީގައި ލެޕްޓޮޕް ބަހައްޓާފައި އައިސް އެނދުގައި އޮށޯތެވެ. ނައިޝީ ބަލަން އޮތް ކަން އެނގުމުން ނައިޝީއާ ވީ ފަރާތަށް އެނބުރިލިއެވެ.
"ކުރީ ދުވަހު މަންމަ އައިއިރު ނާހިދުގެ ބާލީސް ސޯފާގޮޑިން ފެނުނީމަ ވަރަށް ސުވާލުކުރި. ނަސީބަކުން އަހަރެން އޮޅުވާލީމަ ވަރަށް ފަސޭހައިން މަންމަ ގަބޫލުކޮށްފި" ނައިޝީ ވާހަކަދެއްކިއެވެ.
"އެދުވަހު ހަނދާން ނެތިގެން ބާލީސް ނުނަގާ ފާހާނާއަށް ވަދެވުނީ" ނާހިދު ބުނެލިއެވެ.
"އެހެންވެގެން ބެޑުގައި ނިދަން މިބުނީ. އެއްތަނެއްގައި ނިދިޔަސް މި އެކުވެރިކަމުގެ ގުޅުން ދެމެހެއްޓިދާނެތާ ދޯ" ނައިޝީ ބުނެލިއެވެ.
ނާހިދު ހީލިއެވެ. އޭނާ ނިދުމަށްޓަކައި ދެލޯ މަރާލިއެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު ދެލޯ ހުޅުވާލިއެވެ. ނައިޝީ ބަލަން އޮތްތަން ފެނުމުން ދެލޮލުން ނިދިވެސް ފިލައިގެން ދިޔަ ކަހަލައެވެ.
"ވަޓް...؟" ނާހިދު ބުނެލިއެވެ.
"ގުޓްނައިޓް" ނައިޝީ ބުނެލީ އެވަރަށެވެ. ބަދަލުގައި ނާހިދުވެސް ރޭގަނޑުގެ އެންމެފަހުގެ ސަލާންކޮށްލިއެވެ.
އިމްރާނާ އެކުގައި ކޮފީއެއްގައި އިނދެފައި ގެއަށް ދިއުމަށް ނާހިދު ނުކުތްއިރު މަޣްރިބް ނަމާދަށް ގޮވަން ދެތިން މިނިޓަށް ވެއްޖެއެވެ. އޭނާ ގަސްތުކުރީ މިސްކިތަށް އަރާ ނަމާދުކޮށްލައިގެން ގެއަށް ދާށެވެ. ފުރުގާން މިސްކިތުގައި ނަމާދު ކުރުމަށްފަހު އޭނާ ގެއަށް ދިއުމަށް އަނެއްކާވެސް ނައްޓާލިއެވެ. ބާރު ސްޕީޑުގައި ގޯޅިއަކުން ނުކުތް ސައިކަލެއްގައި ނުޖެހި ނާހިދު ސަލާމަތްވީ ކިރިޔާއެވެ. ހުޝިޔާރުކަމާއެކު އޭނާ ބުރެކި ނުޖެއްސިނަމަ ގެއްލިގެން ދިޔައީހީ ދެފުރާނައެވެ. ވަކި ހިސާބަކު ސައިކަލް މަޑުކޮށްލުމަށްފަހު އޭނާ ފަހަތަށް އެނބުރި ބަލާލިއެވެ. އަނިޔާއެއް ނުވި ކަމުގައި ހީކުރިޔަސް އޭނާއަށް ފެނުނީ ގޯޅިން ނުކުތް ސައިކަލުގައި އިން މީހާ މަގުމައްޗަށް ވެއްޓިފައި އޮއްވައެވެ. އެމީހާގެ ބޮލާ ދިމާލުން ލޭގެ ކޯރެއް ހެދިފައިވިތަން ފެނުމުން ނާހިދަށް ހީވީ އޭނާގެ ހިތް އަނގައަށް އައި ހެންނެވެ. ވަގުތުން އޭނާ އައިސް އެމީހާ އަތްދަނޑި މައްޗަށް އުފުލާލިއެވެ. އެމީހާގެ މޫނު ފެނުމާއެކު ކޮންމެވެސް ތަނަކުން ދުށް ހަނދާނެއްވިއެވެ. ނަމަވެސް ވަގުތުގެ ނާޒުކުކަމުން އެމީހާ ފެނުނީ ކޮންތާކުންތޯ ބަލަން ނޫޅުނެވެ. ކައިރީގައި އައިސް މަޑުކޮށްލި ޓެކްސީއަކަށް އަރުވައިގެން އޭޑީކޭއާ ދިމާލަށް މިސްރާބު ޖެހިއެވެ.
"ބުރުހާނުއްދީން ޒަކަރިއްޔާ" ނާހިދު އަތުގައި އޮތް އެމީހާގެ ވޮލެޓުގައި އޮތް އައިޑީ ކާޑް ބަލައިލުމަށްފަހު ހިތާހިތުން ކިޔާލިއެވެ. ނަގަންޖެހޭ ބޭސްތައް ނަގާ ނަރުހުންނާ ހަވާލުކުރުމަށްފަހު އިތުރު ހަބަރެއް ލިބެންދެން އޭނާ ބޭރުގައި މަޑުކޮށްލިއެވެ. އޭނާ ބުރުހާނުއްދީންގެ އާއިލާ މީހަކަށް ހަބަރު ދިނުމަށްޓަކައި ގުޅީ ވޮލެޓުން ފެނުނު ކާޑެއްގައި އިން ލޭންޑްލައިން ނަންބަރަކަށެވެ. އޭނާ ބޭރު ގޮނޑީގައި އިރުކޮޅަކު އިނުމަށްފަހު އެމެޖެންސީ ރޫމް ތެރެއަށް ވަދެގެން ދިޔައެވެ. ޕޭޝަންޓުގެ ހާލު ރަނގަޅު ކަމަށާއި ކުޑައިރުކޮޅަކުން ހޭއަރާނެ ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. އަދި ބޮލުގެ ފަޅައިގެން ގޮސްފައި ހުރި ޒަޙަމް ފުންވެފައި ގިނަ އަދަދެއްގެ ލޭ ފައިބާފައި ހުރުމުގެ ސަބަބުން ލޭ ބޭނުންވެދާނެކަމަށް ބުނެ ޑޯނަރ ހޯދަން ބުނެލިއެވެ. ވަގުތުން ނާހިދު ކޮން ގުރޫޕެއްތޯ އެހިއެވެ.
"އަޅުގަނޑުވެސް އޭބީ ޕޮޒިޓިވް. އަޅުގަނޑުގެ ކްރޮސްމެޗު ހައްދަވާ" ނާހިދް ބުނެލިއެވެ.
އޭނާގެ ސައިކަލުގައި ޖެހިގެން އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމަށް ނާހިދު މޯހަންދާސްއާއި ނައިޝީއަށް ގުޅާފައި ބުނީ ބުރުހާނުއްދީނާ ހަވާލުވާން އައި ސަލްމާއާ ހަވާލުކުރުމަށްފަހުއެވެ. ފުލުހުންނަށް ބަޔާން ދޭން ދާންޖެހޭތީ ގެއަށް ވަނުމުގެ ބަދަލުގައި އޭނާ މިސްރާބު ޖެހީ ހުސައިން އާދަމް ބިލްޑިންގއާ ދިމާލަށެވެ.
ނާހިދު ދުއްވާފައި އައީ ރަނގަޅު ފަޅިން ކަމަށާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެއްގޮތަށް ކަމަށް ފުލުހުން ކުރި ތަހުގީގުން ހާމަވިއެވެ. އަދި އޭނާގެ ސައިކަލުގައި ހުންނަންޖެހޭ ހުރިހާ ލިޔުންތަކެއް ހަމަވެފައި ހުރުމުން ނާހިދަށް އެއްވެސް އަދަބެއް ނުލިބި ސަލާމަތްވިއެވެ. އެކްސިޑެންޓްވި ސަރަހައްދުގައި ހުރި ސީސީޓިވީ ފުޓޭޖުތަކުން ފެންނަގޮތުގައި ވަންވޭއާ އިދިކޮޅަށް ދުއްވާފައި އައީ ބުރުހާނުއްދީނެވެ.
"ދަރިފުޅު ސައިކަލުގައި ބޭރުގައި ނޫޅެބަލަ. ބައްޕަގެ ކާރު މިހާރު އެއޮތީ ހަދާފައި. ބޭރަށް ދާއިރު ކާރުގައިދޭ. އެއީ ދަރިފުޅުގެ އެއްޗެއްނު" މޯހަންދާސް ވާހަކަދެއްކީ ރޭގަނޑުގެ ކެއުމުގައި އިނދެއެވެ. ކާމޭޒު ކައިރިއަށް ހުރިހާ މީހުން ހަމަވެފައި ތިއްބެވެ.
"ބައްޕައަށް އެނގޭތަ އަޅުގަނޑު ހާދަ ބިރެއްގަތޭ... ހޮސްޕިޓަލަށް ގެންދިޔައިރު އެމީހާ އޮތީ ފެއިންޓްވެފަ. އަޅުގަނޑު ހީކުރީ މަރުވެފަ ކަމަށް" ނާހިދު ވާހަކަދެއްކިއެވެ.
"އަލްހަމްދުލިއްލާހް. ނަސީބެއްނު އެމީހާ ސަލާމަތްވިކަން ބޮޑު ކަންތައްގަނޑެއް ނުހިނގާ" މޭޒު މައްޗަށް ކާއެއްޗެހި އަރުވަމުން ދިޔަ ނައިޝީ ވާހަކަދެއްކިއެވެ.
"އެއި ކޮންރަށެއްގެ މީހެއްތަ...؟ އެމީހާއަށް ފެނުނުތަ ދަރިފުޅު؟" މޯހަންދާސް އަހާލިއެވެ.
"އެއި މާލޭ މީހެއް. އެމީހާއަށް އަޅުގަނޑު ނުފެންނާނެ. އެކަމަކު ހަވާލުވާން އައި އަންހެންމީހާއަށް އެނގޭނެ އަޅުގަނޑު" ނާހިދު ވާހަކަދެއްކިއެވެ.
"ރަނގަޅުތާ... ދަރިފުޅު ކުށެއްނެތް އިރުވެސް ފިލަން މަސައްކަތްނުކޮށް އެމީހާ ހޮސްޕިޓަލަށް ގެންދިޔައީމެއްނު. ލޭވެސް ދިނީ ދަރިފުޅެއްނު. ޕްރައުޑް އޮފް ޔޫ މައި ސަން" މޯހަންދާސް ބުނެލިއެވެ.
"ތެންކިޔު ބައްޕާ.. އެކަމު ވަރަށް އެހެންކަހަލަ ނަމެއް ކިޔާ މީހެއް އެއީ. ބުރު...ހާނުއްދީން ޒަކަރިއްޔާ" ނާހިދު ލަސްލަހުން ކިޔައިލިއެވެ. ކުއްލިއަކަށް އިނާޝާ އަތުގައި ހުރި ފެންތަށި ތިރިއަށް ދޫވިއެވެ. އެ ނަން އިވުނަސް އޭނާގެ ހިތަށް ބިރުވެރިކަން ވަދެއެވެ. މޯހަންދާސް އިނާޝާއަށް ބަލާލިއެވެ. އިނާޝާގެ މޫނު މައްޗަށް ވެރިވެފައިވާ ކުލަވަރުން ހުރިހާކަމެއް މޯހަންދާސްއަށް ފަހުމްވިއެވެ.
"މަންމާ...! އަނެއްކާ ކިހިނެއްވީ...؟" ނާހިދު އަހާލިއެވެ. އިނާޝާގެ މޫނުމަތިން ފެންނަނީ ބިރުވެރިކަމެވެ.
"ކަމެއްނުވޭ. ދަރިފުޅުމެން ކާލާ. ބައްޕަ މިދަނީ މަންމަ ގޮވައިގެން ކޮޓަރިއަށް" މޯހަންދާސް އިނާޝާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
"ބައްޕައަށް ހީވަނީ ޕެނިކް އެޓޭކެއްހެން" މޯހަންދާސް ބުނެލިއެވެ.
"ބައްޕަދޭ... އަޅުގަނޑު އެބަދަން" ނާހިދު ބުނެލިއެވެ. އިނާޝާއަށް ދޭންވީ ކޮންކަހަލަ ފަރުވާއެއްކަން އެނގެނީ އޭނާއަށެވެ.
ކޮޓަރިއަށް ވަދެވުމާއެކު މޯހަންދާސް އިނާޝާގެ ހަށިގަނޑުގައި ބައްދާލިއެވެ. ނިތްކުރީގައި ބޮސްދިނެވެ. ދެއަތުގައި ބޮސްދިނެވެ.
"ކީއްވެތަ އިނާ ތިހާ ބިރު ގަންނަނީ...؟ އިނާ މިހާރު ތިހުރީ އޭނާގެ ވައިވެސް ނޭޅޭނެހާ ދުރުގައެއްނު" ލޯތްބާއެކު މޯހަންދާސް ވާހަކަދެއްކިއެވެ.
"ހިނގާ ނާހިދާއި ނައިޝީ ގޮވައިގެން ފުރަން. އަހަރެން ވަރަށް ކަންބޮޑުވޭ. މާދަމާ އޭނާ އައިސްދާނެ. ނާހިދު ގެންގޮސްދާނެ. އަހަރެންގެ އެތަން މިތަނުގައި އަލިފާން ޖައްސާނެ. އަހަރެން ކަރުގައި ހިފާނެ. ދޫވެސް ބުރިކޮށްލަފާނެ" އިނާޝާ ވާހަކަދެއްކިއެވެ.
"އިނާ އިނާ އިނާ... ދޫންޏާ...! ހެޔޮނުވާނެ ތިގޮތަށް ނުވިސްނަބަލަ. ނާހިދަކީ ކުޑަކުއްޖެއް ނޫނޭ މިހާރު އޭނާ ވަދެގެން އަންނަ ގޮތަށް އުރާލައިގެން ގެންދަން. އެހެންނޫނަސް ނާހިދަކީ އޭނާ ބޭނުންނުވެގެން ދޫކޮށްލި ކުއްޖާއެއްނު. ދެން ތިބުނީ އިނާއަށް ކަމެއް ކޮށްފާނޭ.... ލާހިކެއްނޫން... އަހަރެންގެ ހަށީގައި ފުރާނަ ހުރިހާ ހިނދެއްގައި ތިދެމައިންވެސް ހިމާޔަތް ކުރާނަން. އެންމެފުރަތަމަ ދުވަހުވެސް މިހެން އަހަރެން ބުނީމެއްނު" މޯހަންދާސް މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ.
އެކަ....އެކަމަކު ކީއްވެތަ ނާހިދާއި އޭނާ ދިމާވީ. ނާހިދަށް އިނގޭނެ ކޮންމެސް ވަރަކަށް އޭނަ" އިނާޝާ ވާހަކަދެއްކިއެވެ.
"ނާހިދު ނުވިސްނާ ވަރަށް އިނާ އެބަ ވިސްނާ. އެއީ އިނާގެ ހަޔާތަށް އެއްފަހަރަކު އައި ކަޅު ވިލާގަނޑެކޭ ހިތާ ހިތްހަމަޖައްސާލަބަލަ. ތޫފާންވެސް އައުމަށްފަހު އަނބުރާ ދެއެއްނު" މޯހަންދާސް ވާހަކަދެއްކިއެވެ. މޯހަންދާސް އޭނާގެ މޭގައި އިނާޝާ ޖައްސާލިއެވެ.
ފަރީޝާ ބަދިގެއަށް އައިސް ވަނީ އަމީޒާ ހޯދާހޯދާ އެއްވެސް ތަނަކުން ނުފެނުމުންނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ.
"ޝައިބާ...! އަމީ ދެކުނިންތަ؟ އަހަރެން ފާހާނާއަށް ވަތްއިރު އިން މޭޒު ކައިރީގައި. ބޭސްދޭންޖެހޭ ގަޑި ފަހަނައަޅާ މިދަނީ. ނެތޭ ގެޔަކު" ފަރީޝަ ވާހަކަދެއްކީ ބަދިގޭގައި ތަރުކާރީ ކޮށަން އިން ނުޝައިބާއާއެވެ. ވަގުތަކީ މެންދުރު ކުރީގެ ވަގުތެކެވެ.
"އަހަރެން ދެކުނިން ދޮންދައްތަ ކޮޓަރިން ނުކުތްތަން. އަހަރެން ހީލީމަ ހީވެސްނުލި. ނޭނގެ ދިޔަ ތަނެއް. ފަހަރަކު މައްޗަށްވެސް އަރާފާނެއްނު" ނުޝައިބާ ވާހަކަދެއްކިއެވެ. ފަރީޝާ ސިޑިން އަރަން ފެށިއެވެ.
"އަރު....އަރު......" އެނދުގައި އިން ނަތާޝާގެ ކައިރީގައި އިން އަމީޒާ ވާހަކަދެއްކޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
"އަމީޒާދައްތަ ކީކޭ ތިކިޔަނީ؟ ބުނެބަލަ... އަދި ހިތްވަރު ކޮށްލަބަލަ" އަމީޒާގެ މޫނުގެ ދެފަރާތުން ހިފާލަމުން ނަތާޝާ ބުނެލިއެވެ.
"އަރު...އަރުޝް....އަރު...." އަމީޒާ އަމިއްލަ އަތުން ކަރުގައި މަޑުމަޑުން ހިފާލަމުން ވާހަކަދައްކަން އުޅުނެވެ. ނަމަވެސް އޭނާއަށް ކާމިޔާބެއް ނުވިއެވެ. އޭނާ ދެލޮލުން ކަރުނަ ފައިބައިގަތެވެ. އަތުގައި އޮތް ފޮޓޯ ނަތާޝާއަށް ދައްކާލިއެވެ.
"މިއީ އަމީދައްތަގެ ދަރިފުޅެއްނު. އަރޫ ތަ ކިޔަނީ...؟ އަރޫ ދޯ ތިހޯދަނީ...." އަމީޒާގެ ދެލޯ ކައިރި ފޮހެދެމުން ނަތާޝާ އަހާލިއެވެ. އަމީޒާ އަވަސް އަވަހަށް ބޯޖަހާލިއެވެ.
"މީނީ މިތާނގަ ދޯ.. އަމީ ހިނގާ ބޭސްކާންދާން ތިރިއަށް" ނަތާޝާގެ ކޮޓަރިއަށް ވަތް ފަރީޝާ ބުނެލިއެވެ. ފަރީޝާގެ އަޑު ޖެހުމާއެކު އަމީޒާ ފުންމައިގެން ތެދުވިއެވެ. އަދި ފަރީޝާގެ ހަށިގަނޑުގައި ބައްދާލިއެވެ.
"އަހަރެ...އަހަރެން.... ފަރީ....." އަމީޒާ ވާހަކަދެއްކިއެވެ. ފަރީޝާގެ ދެލޮލުން ކަރުނަތިއްކެއް ރޮނގަކަށް ދެމިލިއެވެ. އެތައް އަހަރަކަށްފަހު މިއަދު އަމީޒާ އޭނާއަށް ގޮވާލައިފިއެވެ.
"އަމީ... އަމީއަށް ވާހަކަ ތިދެއްކެނީ... އަލްހަމްދުލިއްލާހް...." ފަރީޝާގެ އަމީޒާގެ ހަށިގަނޑުގައި ހިފައިގަތެވެ.
"އަރޫ....އަރު" ފަރީޝާ ދެއްކި ޥާހަކައަކަށް އޭނާ ނުބަލައެވެ. އޭނާ އަތުގައި އޮތް ފޮޓޯގަނޑު ފަރީޝާއަށް ދައްކާލިއެވެ.
"އަދި ދިމާވާނެ ﷲ އިރާދަކުރެއްވިއްޔާ... ހިނގާ ތިރިއަށް" އަމީޒާގެ އަތުގައި ހިފައިގެން ފަރީޝާ ކޮޓަރިން ނުކުތެވެ.
ނަތާޝާ ސިކުނޑި ތެރޭގައި ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. ފަރީޝާ އަތުގައި އޮތް ފޯޓޯއާ މެދު ފުރަތަމަ ފަހަރަށް އޭނާ ވިސްނާލިއެވެ. އެ ފޮޓޯ ކޮންމެވެސް އެހެން ތަނަކުންވެސް އޭނާއަށް ފެނިއްޖެއެވެ. ކޮންތާކުން ހެއްޔެވެ؟ އަޒްކާ އަތުން ހެއްޔެވެ؟ އޭނާގެ ހަނދާނަކަށް ނައެވެ؟ އަމީދައްތަ އެފޮޓޯ ހިފައިގެން އޭނަ ކައިރިއަށް އެ އައީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ އަޒްކީއާއި އަމީދައްތަ ގުޅުމެއް އޮތީ ހެއްޔެވެ؟ އަޒްކީއަކީ އަމީދައްތަގެ ދަރިފުޅު ހެއްޔެވެ؟ ނޫނެކެވެ. އަޒްކީއަކީ އަޒްކީއެވެ. އަމީދައްތަ ހޯދަނީ އަރޫއެކެވެ. އެފޮޓޯ ކަހަލަ އެހެން ފޮޓޯއެއް ފެނުނުކަމަށްވާނީ ކުލާސް ކުއްޖެއްގެ އަތުންނެވެ. ނަތާޝާ ހިތްހަމަޖައްސާލިއެވެ.
(ނުނިމޭ)