ކޮލަމް

އީދު އިސްލާމީ އުންމަތަށް ދޭ މެސެޖު - 2

އަބްދުﷲ ފާރޫގް ހަސަން

އިސްރާފުން އެއްކިބާވެ ހެޔޮކަންތައްތަަކަށް ހޭދަކުރުން

އިސްލާމީ އީދުތަކުގެ އެންމެ ޚާއްޞަ އަނެއްކަމަކީ ބޭކާރު ޚަރަދުތަކާއި އިސްރާފުން އެއްކިބާވުމެވެ. އީދާވިދިގެން މުސްލިމުން ދީލަތިކަމާއެކު ޚަރަދު ކުރަނީ ތިމާމެންގެ ނިކަމެތި ފަޤީރު އަޚުން އުޚްތުންނަށް އެހީވުމަށެވެ. ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކު ފިތުރުއީދާއި ގުޅުވައިގެން ފިތުރު ޒަކާތް ނެރެންޖެހެއެވެ. ފިޠުރު ޒަކާތުގެ އިތުރަށް ވެސް އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާ ކޮންމެ މުސްލިމަކު ކޮންމެ އަހަރަކު ދޭއްބައި އިންސައްތަ ޒަކާތަށް ނެރެން އެބަޖެހެއެވެ. އިސްލާމީ ވަރަށްގިނަ ގައުމުތަކެއްގައި ޒަކާތް ބަހައިދެނީ ރަމަޟާން މަހާ ގުޅުވައިގެންނެވެ. އެހެންކަމުން މުސްލިމުންގެ އެންމެ ފަޤީރު އާއިލާތަކަށްވެސް އީދުގެ މުނާސަބާގައި ކުދީންނަށް އައުހެދުން ހޯދައިދެވެއެވެ. އެކިދެތިންވަގުތަކު ނަމަވެސް ހިތްހަމަޖެހުމާއެކު ކައިބޮއިއުޅެވެއެވެ.

އަޟުޙާ އީދުގައި އޮންނަނީ އުޟުހިޔާ ކަތިލުމެވެ. އުޟުހިޔާ ކަތިލުމަކީ ފޯރުންތެރި މުސްލިމުންގެ މައްޗަށް ލާޒިމް ކަމެކެވެ. ކަތިލެވޭ އުޟުހިޔާގެ މަހުގެ ތިންބައިންބައި ފަޤީރުންނަށް އަނެއްބައި ގާތްތިމާގެ މީހުންނަށް ބަހާންޖެހެއެވެ. މުސްލިމުންގެ ބައެއް މުޖުތަމައުތަކުގައި ކަތިލެވޭ އުޟުހިޔާގެ ހަން ޠިބާޣުކޮށްފައި ވިއްކައިގެން ލިބޭ އާމްދަނީ ވެސް ފަޤީރުންނަށް ހޭދަކުރެއެވެ. ޞައްޙަ އިސްލާމީ އުސޫލުތަކާއެއްގޮތަށް އީދު ފާހަގަކުރާނަމަ އިސްރާފުކުރާކަށެއް އެއްވެސް ޖާގައެއް ނޯވެއެވެ. ޝައްކެއްނެތެވެ. އިސްލާމީ ދެއީދުންކުރެ ކޮންމެ އީދެއްގައިވެސް އެންމެބޮޑަށް ސަމާލުކަން ދެވެނީ ނިކަމެތީންނާ އަޅައިލުމަށެވެ. އީދުގެ އުފަލުގައި ފަޤީރުން ބައިވެރި ކުރުވުމަށެވެ.

އީދު މުސްލިމުންނަށް ހަނދާންކޮށްދެނީ ތިމާމެންނާއެކު ތިމާމެންގެ މުޖުތަމައު ބައިވެރި ނުކުރާ އުފަލަކީ އުފަލެއް ނޫންކަމެވެ. ތިބާގެގޭގައި އުފާފާގަތިކަމުގެ ހުޅުދާންކުރާއިރު ތިބާގެ އަވައްޓެރިޔާ އަށް ވޮށްދިއްލޭނެފަދައެއްނެތި އޭނާގެ އަނބިދަރީން ކަނުއަނދިރީގައިތިބިނަމަ އެއަށްވުރެ ބަރަކާތްތެރިކަމެއް ނެތް އުފަލެއް ނެތެވެ. އިސްލާމްދީނުގައި އީދު އެކަށައެޅުމާއެކު ފިތުރުޒަކާތް ޝަރުޢުވީ އެކަމަށްޓަކައެވެ. ކުޅަދާނަކަންހުރި ކޮންމެ މުސްލިމަކު އޭނާ އާއި އޭނާގެ ބެލެނިވެރިކަމުގައި ތިބި އެންމެންގެ ފަރާތުން ފިތުރުޒަކާތް ނެރޭންޖެހެއެވެ. އީދުނަމާދުގެ ކުރީން އެކަން ނިންމާންވެސް ޖެހެއެވެ. ފިތުރުޒަކާތަކީ އީދަށް މަރުހަބާކިޔުމާ ގުޅިފައިވާ ކަމަކަށްވިޔަސް ފަޤީރުންނަށާއި ނިކަމެތީންނަށް އެހީވުމަކީ އަހަރަކު އެއްފަހަރު އެކަން ކޮށްލުމުން ނިމޭކަމެއް ނޫނެވެ. އަބަދުވެސް އެކަން ދަމަހައްޓާން ޖެހެއެވެ. އަޅުގަނޑުމެން ވަލީމާއެއް ނުވަތަ ޖާފަތެއް ބާއްވާ ކޮންމެފަހަރަކުވެސް ނިކަމެތީންނާއި ފަޤީރުންގެމަތީން ޚާއްސަގޮތެއްގައި ހަނދާންކުރާންޖެހެއެވެ. އެފަދަމީހުން ބާކީ ކޮށްލެވޭ ވަލީމާތަކާއި ޖާފަތްތަކުގެ ނުބައިކަމާއި ބަރަކާތް ކެނޑިގެންވާކަން ހަނދާންކުރާންޖެހެއެވެ.

މުސްލިމުންނަކީ ތިމާގެ އަޚުންނާއި އުޚްތުންގެ ތުރާތަކާއި ވޭންތަކާމެދު ތިމާމެންގެ ހިތްތަކުގައި ވޭނީ އަސަރު އުފެދޭމީހުންނެވެ. އަނެކުންގެ މޮޅިއާއި ހިތާމަޔަކީ ޚުދު ތިމާގެވެސް މޮޅިޔާއި ހިތާމަކަމުގައި ދެކޭ މީހުންނެވެ. ތިމާމެންގެ ދަރީންގެ ތައުލީމާމެދު ވިސްނާފަދައިން ޤައުމުގެ އެހެނިހެން ދަރީންގެ ތައުލީމާމެދުވެސް ވިސްނާންޖެހޭބައެކެވެ. ހުވަަފަތުންނާއި ، ޔަތީމުންނާއި ބަލިމީހުންނާމެދުވެސް ހިތުގައި ލޭފަ އާއި ކުލުނު ހުންނާންޖެހޭ ބައެކެވެ. މިކަންކަން މިމަގަށްނެތީސް އީދު ފުރިހަމައެއް ނުވާނެއެވެ. އީދުވާނީ ފެންއީދަކަށެވެ.

އަނެއްކޮޅުން ކްރިސްޓިއަނުންނާއި ، ހިންދީންނާއި ބުޑިސްޓުންގެ އީދުތަކާމެދު ވިސްނައިލާއިރު ފެންނަނީ މީގެ މުޅީން އަނެއްކޮޅެވެ. ހައްދުފަހަނަޅައިފައިވާ އިސްރާފެވެ. ކްރިސްޓިއަނުންގެ ކްރިސްމަހުގައި ކްރިސްމަސްޓްރީ ހެދުމަށާއި ، ރާބުއިމަށް ކުރާ ޚަރަދު މިލިޔަން މިލިޔަން ޑޮލަރުން ގުނައިލެވެއެވެ. ފައްޅިތަކުގައި ބާއްވާ ރަސްމިއްޔާތުތަކުގައި ޖާގަ ލިބޭނީ ޗަންދާ ދެއްކި ނިސްބަތަކުންނެވެ. ހިންދީންގެ އީދުތަކުގައި ލައްކައިން ލައްކައިން ބުދުހަދާން ޖެހެއެވެ. އެކަމަށް ހިނގާނެ ޚަރަދު އަންދާޒާ ކޮށްލައްވާށެވެ. ފައްޅިތަކާއި އަވަށް އަވަށުގައި ކުލަބޮކި ދިއްލުމަށާއި ލަވަކިޔުމަށް ކިހައި ވަރެއް ޚަރަދުވާނެތޯއެެވެ. ޕޫޖާތައް އިންތިޒާމުކުރާމިހުން އެކަމަށްޓަކައި ފިހާރަތަކުން " ޗަންދާ " ގެ ނަމުގައި މަޖުބޫރުކޮށްގެން ގިނަ އަދަދަކަށް ފައިސާ އަތުލައެވެ. މަގުމަތީގައިވެސް ތަންތަންކޮޅުގައި ޗަންދާއަތުލާ ކުށިތައް ހަދައެވެ. ފަޤީރު މަޖޫރީއަކުވެސް ފައިސާ އަތުނުލައި ދޫކޮށެއް ނުލައެވެ. އެކަމާހުރެ އަރައިރުން އުފެދި ލޭއޮހޮރުވާ ހިސާބަށް ދަނީވެސް މަދުފަހަރަކުނޫނެވެ. މިގޮތަށް މިލިޔަން މިލިޔަނުން އެއްކުރާ ފައިސާ ދާދި އަވަހަށް ދަނީ ފެނަށްވެގެންނެވެ. ފައިސާ ދިން މީހުންނަކަށް މަންފާއެއް ނުކުރެއެވެ. މުޖުތަމައުގެ ނިކަމެތި ފަޤީރުންނަކަށް ކުޑަވެސް ރާހަތެއް ނުފޯރައެވެ. ހަޤީޤަތުގައި އެފައިސާ ތަކަކީ އެތަކެއް ލައްކަ ފަޤީރުން އެތައް ދުވަހެއްވަންދެން ހައިހޫނުކަމުން މިންޖުކޮށްދެވޭހައި ފައިސާއެވެ. އެތައްލައްކަ ބަޔަކަށް ވަޒީފާއާއި އުނުފޭރާމާއި ކައިބޮއި އުޅުމުގެ އިންތިޒާމު ހަމަޖައްސައިދެވޭހައި ފައިސާއެވެ.

ނިރުބުވެރިކަމުން ހުސްވެގެންވުން

އެހެނިހެން ދީންތަކުގެ މީހުންގެ އީދުތަކާ މުސްލިމުންގެ އީދުތަކުގެ ފާހަގަކުރަންޖެހޭ އަނެއްތަފާތަކީ ހަމަތައް ހިފެހެއްޓުމެވެ. އުސޫލަށް ތަބާވުމެވެ. އަމަންއަމާންކަމާއެކު އީދުގެ ރަސްމުތައް ނިންމުމެވެ. މުސްލިމުންގެ އީދުތަކުގައި ކަނޑިތަކާއި ލަޓިބުރިތައް ހިފައިގެން ހަޅޭއްލަވަމުން މީހުން ބިރުގަންނަވަމުން މަގުމަތީގައި ހިނގުމެއް ނޯވެއެވެ. އަލިފާނުގެ ކުޅިވަރުތަކުގެ ނަމުގައި މީހުންގެ ގެދޮރާއި ދުއްކާނުތައް އަންދައި އަޅިޔަށް ހެދުމެއް ނެތެވެ. އެހެން ދީންތަކުގެ މީހުންނަށް އިންޒާރުކޮށް ބިރުގެނެވުމެއްނޯވެއެވެ.

ކުރީންވެސް ދެންނެވިފަދައިން މުސްލިމުން އީދުގާހަށް ނުވަތަ އީދުނަމާދުކުރާ މިސްކިތަށްދަނީ ފަތިސްނަމާދުކޮށް ފެންވަރައިނަލަހެދި އަތަރުލައިގެންނެވެ. ދުލުން ކިޔަމުންދަނި އީދު ތަކުބީރެވެ. އަރަހުށި މާތްﷲގެ ޙަޟުރަތަށް ދަންނަވާ ސަނާއެވެ. ކުރާ ޒިކުރުތަކެވެ. އެހެން ބަޔަކަށް ގޮންޖެހުމެއް ނޯވެއެވެ. ފަސްގަނޑަށް ނިކުންނާކަށެެއް ދައުވަތެއް ނުދެއެވެ. މަޑުމައިތިރިކަމާއިއެކު އީދުނަމާދު ކުރާތަނަށްގޮސް އަދާ ކުރަނީ އަރަހުށި މާތްﷲ އަށް އަދާކުރާ ދެރަކްއަތް ނަމާދެކެވެ. ދެން އޮންނަނީ ދުއާކުރުމާއި ހެޔޮނަސޭހަތުގެ ޚުޠުބާ އަޑުއެހުމެވެ. އެއަށްފަހު އެކަކު އަނެކަކަށް އީދުގެ ތަހުނިޔާކިޔައި މުބާރިކުބާދީ އަދާކުރުމެވެ.އެކަކު އަނެކަކާ ސަލާން ކުރުމެވެ. މުސްލިމުން ދިއްލާ އުފާވެރިކަމުގެ ދަންމަރުން އަލިވެ ޒީނަތްތެރިވަނީ ނިކަމެތީންނާއި ފަޤީރުންގެ ޖިފުޓިތަކެވެ. އެއްވެސް ބަޔަކާދެކޮޅަށް މުޒާހަރާކުރުމެއް އަޑުއުފުލުމެއް ނޯވެއެވެ.

މުސްލިމުންގެ ހުރިހައި އުމުރުފުރާތަކެއްގެ މީހުން އީދުގެ ރަސްމިއްޔާތަށް އެއްވެއެވެ. އެކިއެކި ވިލިތަކުގެ މީހުން ބައިވެރިވެއެވެ. މުސްކުޅީންނެވެ. ޒުވާނުންނެވެ. ކުޑަކުދީންނެވެ. ދުޅަހެޔޮ ސިއްހަތު ރަނގަޅުމީހުންނެވެ. ނުކުޅެދުންތެރިކަން ހުންނަމިހުންނެވެ. ނަމަވެސް ބިރުގަންނާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ނުރައްކަލެއް ނެތެވެ. ހައްތާވެސް އޮތީ އަމާންކަމާއި ސަލާމަތެވެ. ސަމާހަތާއި ތަހްޒީބީ ހަމަތަކެވެ. އާދެ، ހެޔޮކަމާއި، އަލިކަމުގެ ކަނޑެއްފަދައެވެ. ސުލްޙަމަސަލަސްކަމާއެކު އީދުގާހުތަކަށް ގޮސްފައި އެއްބަނޑު އެއްބަފާކަމާއި އުޚުއްވަތްތެރި ކަމާއެކު އެނބުރި ގެއަށްދަނީއެވެ. އާދެ، މިއީ އިސްލާމް ދީނުގައި މިކަން އޮންނާންވީ ގޮތެވެ. ނަމަވެސް ހިތާމަޔަކީ އަޅުގަނޑުމެންގެ މިކުޑަކުޑަ އިސްލާމީ މުޖްތަމައުންވެސް މިނޫންކުލަތައް މަޑުމަޑުން ނަމަވެސް ފެންނާން ފަށައިފައިވާކަމެވެ. މަޒުމޫން ނިންމައިލަން އުޅެފައި މިވާހަކަކޮޅު މިލިޔެލީ ކުއްލިޔަކަށް ހަނދާންވި ހިތާމަވެރި ޙާދިޘާ އަކާ ގުޅިގެންނެވެ. ދުވަހަކީ ޑޮކްޓަރ އަފްރާޝިމް އަލީ އިބްރާހީމީ މިސްކިތުގައި އިމާމުވެވަޑައިގެން ހުކުރުކުރެއްވި ދުވަހެކެވެ. އޭނާގެ ތުއްޕުޅު ދަރިކަލުންވެސް އަރިހުގައި ހުންނެވިއެވެ. ކުއްލިޔަކަށް ފެނުނީ ބަޔަކު އޭނާގެ ގައިކޮޅަށް އަރައިގަތް މަންޒަރެވެ. އެކަމުގައި އިސްވެތިބީ ސުންނަތަށް ތަބާވާކަމުގެ ހައިއަތުބޭރުފުށުން ފަޅުކުރާ ބައެކެވެ. ދުވަހަކީ އަޅުގަނޑުގެ ހަޔާތުގައި އެންމެ ހައިރާންކަން ލިބުނު އެއްދުވަހެވެ.

އަޅުގަނޑުގެ ދުޢާއަކީ ހުކުރާއި، އީދަކީ ދިވެހީންގެ މެދުގައިވެސް އަމާން ސުލްޙަވެރި ދެމުނާސަބާކަމުގައި އަބަދަށް ދެމެހެއްޓެވުމެވެ. ސިޔާސީ ޝިއާރުތަކުގެ އަޑުއުފުލުމާއި އެއްބަޔަކު އަނެއްބަޔެއްގެ ގަޔަށް ބޮލަށް އަރައި މާރާމާރީ ހިންގާ ދުވަހަކަށް ނުވުމެވެ. އާމީން