ކޮލަމް

އީދު އިސްލާމީ އުންމަތަށް ދޭ މެސެޖު - 1

އަބްދުﷲ ފާރޫގް ހަސަން

މިއަދަކީ މިއަހަރުގެ ބަރަކާތްތެރި ފިތުރު އީދު ދުވަހެވެ. އެހެން ކަމުން މިއަދުގެ ހެޔޮއެދުމާއި ތަހާނީ ވަން އޮންލައިންގެ މަސްލަހަތުވެރީންނަށާއި އިސްލާމީ އުންްމަތަށް ފޮނުވަމެވެ. ނުހަނު އިޚްލާސްތެރިކަމާއެކު ގައެވެ. މިއަދަކީ އުފާކުރުމާއި، އުފާފާޅުކުރުމުގެ ދުވަހެވެ. އެންމެންވެސް ނަލަހެދި ޒީނަތްތެރިވެގެން ނަލަކަންމަތީ ހިނގާދުވަހެވެ. އެކަކު އަނެކަކާ އެއްބަޔަކު އަނެއްބަޔަކާ ބައްދަލުކޮށް ސަލާންގަލާންކުރުމުގެ ދުވަހެވެ. ތުންބުރިކާޅަށްވެސް ކާންލިބޭދުވަހެވެ. ނަމަވެސް މިއަދު އަޅުގަނޑު ބޭނުންވަނީ އެވާހަކަތަކާއި އީދުކުޅިވަރުތަކާ ގުޅޭވަހަކަ ދިގުކުރާކަށެއްނޫނެވެ.

އީދަކީ ހެޔޮކަމުގެ ފިލާވަޅެއް

އީދަކީ ހަމައެކަނި އުފާތާގަތިކަން ފާޅުކުރުމުގެ ފުރުސަތެއްނޫނެވެ. އަޅުގަނޑުމެންނާ ބައްދަލު ކޮށްލުމަށްފަހު ފާއިތުވެގެން މާޒިީގެތެރެއަށް ފަތްޖެހިގެން ދާ ދުވަހެއްނޫނެވެ. އިސްލާމްދީނުގެ މިޒާޖަކީ ކޮންމެކަމަކުންވެސް ފައިދާހުރި މެސެޖުތަކެއްދިނުމެވެ. އިބްރަތާއި ނަސޭހަތުގެ ފަރާތަށް އިންސާނާ ކުރިމަތި ކުރުވުމެވެ. އިންސާނީ ހަޔާތުގައި ދިމާވާކޮންމެ ޙާދިޘާއަކީ ވެސް އިންސާނާގެ މުސްތަޤްބަލަށް އަލިކޮށްދޭ ދަންމަރަކަށް ހެދުމެވެ. އެއަލިކަމުގައި ލޯފަން މީހުންނަށްވެސް ޙަޤީޤަތްތަކެއް ފެނުމަށްޓަކައެވެ. ކޮރުމީހުންވެސް ހަމަޔަށް ހިނގައިފައި ކުރިއަރައިގެން ދިޔުމަށްޓަކައެވެ. ބީރުމީހުންވެސް ހެޔޮބަސް އިވުމުން މަހުރޫމުވެފައި ތިއްބަ ނުދިނުމަށްޓަކައެވެ. ޝައްކެއްނެތެވެ. އަޅުކަމުގެ ދާއިރާގައިވެސް ދޭދޭމީހުންގެ މުއާމަލާތަކުގައިވެސް އިސްލާމްދީނުގެ ކޮންމެކަމަކީ އިންސާނާއަށް ހެޔޮކަމުގެ ފިލާވަޅުތަކެއް ނަގައިދޭކަމެކެވެ.

އީދު އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް ދޭ ފިލާވަޅަކީ މުސްލިމުން އެބައިމީހުންގެ އުފާފާގަތިކަމުގެ ދުވަސްތައް ހޭދަކުރާންވީގޮތުގެ ފިލާވަޅެވެ. ވިސްނައިލަމާ ހިންގަވާށެވެ. ދެއީދު ދެދުވަހަކީ މުސްލިމުންނަށް އަންނަ އެންމެ އުފާވެރި ދެދުވަހެވެ. ދެއީދު ދެދުވަހަށްވުރެ އުފާވެރި ދެދުވަހެއް މުސްލިމުންގެ ހަޔާތަކު ނާންނާނެއެވެ. ނަމަވެސް މުސްލިމުންގެ ގާތުގައި އީދުދުވަހަކީ ވެސް އިމުންބޭރުވެވޭ ދުވަހެއް ނޫނެވެ. ނެށުމާއި، ޕާޓީކުރުމުގެ ދުވަހެއް ނޫނެވެ. ރާކަންވާރުތައް އަނގަމަތިކޮށް ހަވާ އަރުވައި ފަޓާސް ޖެހުމުގެ ދުވަހެއް ނޫނެވެ. އަދި ކީއްތޯއެވެ. އީދަކީ ތަވާޟުވެރިވުމާއި، މާތްﷲ ގެ މަތިވެރިވަންތަކަން ފާޅުކޮށް އަޑުހަރުކޮށް ތަކުބީރު ކިޔުމުގެ ދުވަހެވެ.

އީދު ވިލޭރޭގެ ފަތިހު ކޮންމެ މުސްލިމަކުވެސް ފަތިހާ ތެދުވާން ޖެހެއެވެ. ފަތިސްނަމާދުކުރުމަށްފަހު ފެންވަރައި ނަލަހެދިގެން އެންމެން މިސްރާބުޖަހަންޖެހޭނީ އީދު ނަމާދަށެވެ. އީދު ނަމާދަށް ދާއިރުވެސް މުސްލިމުން ތިބެން ވަނީ ތިމާމެންގެ ބެލުންތައް ތިރިކޮށްގެންނެވެ. ތަވާޟުޢުވެރިވެގެންނެވެ. ދުލުން ކިޔަމުން ދާންވީ އަރަހުށި މާތްﷲގެ ކިބްރިޔަވަންތަ ކަމާމެދު ކިޔާތަކުބީރެވެ. ކުރެވޭ ހަމްދު ސަނާއެވެ. އީދު ނަމާދަށް ގޮސް ތިމާގެ ނިތްކުރި ބިންމަތީގައި ޖައްސައިލަނީ ތިމާގެ ނިކަމެތިކަމާއި އަޅުވަންތަކަން ފާޅުކުރުމުގެ ގޮތުންނެވެ. މުސްލިމުންގެ ދޫތަކުން އިއުތިރާފް ވަމުންދާންވާނީ އިންސާނާގެ ނުކުޅެދުންތެރިކަމަށެވެ. އޭނާގެ ރަސްވަންތަ ﷲގެ މާތްވަންތަކަމާއި މަތިވެރިވަންތަކަމަށެވެ. ވިސްނައިލަމާ ހިންގަވާށެވެ. އާއްމުކޮށް އުފާވެރިކަމުގެ ވަގުތަކީ އިންސާނާ ތިމާގެ ފޯރާކަމާއި ބޮޑުކަން ފާޅުކޮށް ފިސާރި ފުޅާވާވަގުތެކެވެ. ނަމަވެސް މުސްލިމުން އީދު ތަކުބީރުގައި ތަކުރާރުކޮށް ފަށްފަށްކުރަމުން ގެންދަނީ ތިމާގެ ބޮޑުކަން ނަފީކުރުމުގެ ބަސްތަކެވެ. މާތްﷲގެ ރަސްވަންތަކަމާއި، މާތްވަންތަކަމާއި މަތިވެރިވަންތަކަމުގެ އިއުތިރާފެވެ. އެކަލާނގެ އެއްކައުވަންތަ ކަމާއި، ކަށަކުޅަދުންވަންތަކަމާއި ކީރިތިވަންތަކަމުގެ އިގުރާރެކެވެ.

އެނގި ބަޔާންވެފައިވާފަދައިން އީމާންކަމުގެ އަހުލުވެރީންނަކީ އުފާފާޅުކުރުމުގެ ވަގުތުގައިވެސް މައިތިރިވާބައެކެވެ. ހިތްތިރިކޮށް ތަވާޟުއުވެރިވާ މީހުންނެވެ. ކިބުރުވެރިކަމާއެކު މަތިހަށިނަގައި މޭފުއްޕައިނުލާ މީހުންނެވެ. ތިމައުރެންގެ ދުލުން ބޮޑާކަމުގެ ބަސްތައް ބޭރުނުކުރާމީހުންނެވެ. އީމާންކަމުގެ އަހުލުވެރީންނަކީ އުފާފާގަތިކަމުގެ ވަގުތުގައިވެސް ނިއަނެތިކަމާއި، އިހްތިރާމާއެކު މާތްﷲ އަށްޓަކައި އިސްއޮބައިލާމީހުންނެވެ. މާތްﷲގެ ރަސްވަންތަ ކަމަށް އިޢުތިރާފުވެ ތިމާގެ ނިތްކުރި ބިންމަތީގައި ޖައްސައިލާމީހުންނެވެ. ކުރިމަތިވި އުފާވެރި މުނާސަބާއަކީ އައު ކާވެންޏެއްގެ ވަގުތުކަމުގައި ވިޔަސް ވެހެވެ. އަލަތުދަރިފުޅަކު ލިބުމުގެ މުނާސަބާކަމުގައި ވިޔަސް މެއެވެ. މިފަދަ އުފާވެރި ކޮންމެ ހިނދެއްގައިވެސް މުއުމިނުން އުފާފާޅުކުރާންވާނީ މާތްﷲ ރުހިވޮޑިގެންވާ ގޮތަށެވެ. ޝުކުރުވެރިކަމުގެ ޝުޢޫރުން ފޯވެގެންފައިވާ ހިތަކާއެކު ބޯތިރިކޮށްލާންވާނީ ތިމާގެ ރަސްވަންތަ ﷲގެ ޙަޟުރަތަށެވެ. ތިމާގެ ދުލުން ތަކުރާރުކުރަމުން ގެންދާންވާނީ މާތްﷲ އަށް ކުރެވޭ ޒިކުރާއި ސަނާއެވެ. ތިމާގެ ދޫ ތެތްކުރާން ވާނީ ތިމާގެ ދީލަތިވަންތަ ރައްބުގެ ޙަޟްރަތަށް ކުރާ ދުއާއިންނެވެ.

އެއްބައިވަންތަކަމުގެ ރަމްޒެއް

ޢީދަކީ މުސްލިމުންނަށް ލިބޭ އެއްބައިވަންތަކަމާއި އެއްބައެއްވަންތަ ކަމުގެ މެސެޖެކެވެ. މުއްސަންޖަކަށްވިޔަސް ފަޤީރަކަށް ވިޔަސް ސާހިބަކަށްވިޔަސް ނޯކަރަކަށްވިޔަސް ވެރިޔަކަށްވިޔަސް ރައްޔިތަކަށްވިޔަސް މުޖްތަމައުގައި ނަންހިނގައިފައިވާ ގަދަރުވެރިޔަކަށްވިޔަސް، މުޖްތަމައަށް އެމީހަކުގެ ތަޢާރުފެއް ލިބިފައިނުވާ މައްމީހެއްކަމުގައިވިޔަސް، ކަޅުމީހަކަށްވިޔަސް ދޮންމީހަކަށްވިޔަސް އަރަބީންގެ މީހަކަށްވިޔަސް އަޖަމީންގެ މީހަކަށްވިޔަސް މާތްﷲގެ ހަޟްރަތަށް ކުއްތަންވުމުގެގޮތުން އީދުނަމާދުގެ ޤިޔާމަށްތިބެނީ ކޮނޑާއިކޮނޑު ޖައްސައިގެންނެވެ. މިސްތަކީ ނުވަތަ އީދުގާހަކީ އެކަކަށްވެސް ވަކި އިމްތިޔާޒެއް އޮންނަ ތަނެއް ނޫނެވެ. އެންމެން އެއްވަރެވެ. އާދެ، ޢައްލާމާ ޑޮކްޓަރ މުޙައްމަދު އިޤްބާލުގެ ޅެންބައިތެއްގައި ވިދާޅުވާފަދައިން މަހްމޫދާއި އިޔާޒާ ހުއްޓިތިބޭން ޖެހޭނީ އެއްސަފެއްގައެވެ. މިތާކު ސާހިބެއް ނޯކަރެއްގެ ފަރަގެއްނެތެވެ.

މުސްލިމުންގެ އެއްބައެއްވަންތަ ކަމުގެ މިއަށްވުރެ ވަރުގަދަ މެސެޖެއް އޮންނާނެތޯއެވެ؟ އާދެ، މިއަދު މިސްކިތަށާއި އީދުގާހަށްއެއްވެ ތަކުބީރު ކިޔައިކިޔައި އެތިބީ ހައްތަހާވެސް މުސްލިމުންނެވެ. މުޙައްމަދު ސައްލަﷲ އަލައިހިވަސައްލަމަގެ ނުބުއްވަތުގެ ދާވަނިކޮޅުގައި ހިފަހައްޓައިގެން ތިބިމީހުންނެވެ. މިއެންމެންވެސް އާޚިރަތްދުވަސް އަންނާނެކަން ކަށަވަރުކުރެއެވެ. ކީރިތި ޤުރްއާނަށް އީމާންވެއެވެ. ދިރުމާއި މަރުވުމާބެހޭ އަޤީދާތަކަކީ މިތިބަހައި މީހުންގެ އަޤީދާއެވެ. ޝައްކެއްނެތެވެ. ފިކުރިއްޔާތާއި ނަޒަރިއްޔާތުގައި ފަރުޢީ ބައެއް ޚިލާފު އެބަހުއްޓެވެ. އެހެންކަމާއެކުވެސް މިއަދު މިއެންމެން ކޮނޑާއިކޮނޑު ޖައްސައިގެން މިތިބީ މިދެންނެވި ޚިލާފުތައް ހަނދާންނައްތައިލުމަށް ފަހުގައެވެ. ހިތަށް އަރައެވެ. ހުކުރުދުވަހާއި ޢީދުދުވަސް ފިޔަވައި އެހެނިހެން ދުވަސްދުވަހު ވެސް އެއްބައިވަންތަކަމުގެ މިފަދަ ނަމޫނާ ފެންނަނަމަ ކިހައި ރަނގަޅު ވީސްހެއްޔެވެ.؟ މުސްލިމުންގެ މެދުގައި ދީނުގެ މުހިއްމު އަސާސްތަކުގައި ޚިޔާލު މިހައި އެއްގޮތްވާއިރު ފަރުޢީ ޚިލާފުތައް ހަނދާންނައްތައިލައި އެއްބަޔަކު އަނެއްބަޔެއްގެ ރައުޔަށް އިހްތިރާމުކޮށް އެކަކު އަނެކަކު ބަރުދާސްތުކުރުން ކިހައި އައުލާކަންބޮޑުހެއްޔެވެ؟

އީދާއި ގުޅިފައިވަނީ އަޅުކަމުގެ ހަނދާނެވެ.

ޝައްކެއްނެތެވެ. އީދަކީ ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓުމުގެ ވަސީލަތެކެވެ. ދީނާ ގުޅިފައިވާ ގުޅުން ފާޅުކޮށްދިނުމުގެ ރަނުގެ ފުރުސަތެކެވެ. އިންސާނާއަކީ އޭނާގެ އިންފިރާދީ ޝަޚްޞިއްޔަތާއެކު އިޖްތިމާއީ ގުޅުންތަކަށާއި ބަނދެވުންތަކަށްވެސް ލޯބިކުރާ މީހެކެވެ. އެހެންކަމުން ދީނަކީ އިންސާނީ ފިޠުރަތުގެ ބައެކެވެ. ދުނިޔޭގެ އެންމެންވެސް އީދުތަކާއި މަހާސަމާ ތަކާއި، ބާޒާރުތަކާއި ޤައުމީ ދުވަސް ފަދަ ނަންނަމުގައި އިޖްތިމާއީ އެއްވުންތައްބާއްވައެވެ. މިދެންނެވިފަދައެއްވުންތަކަކީ ތިމާމެންގެ ޤައުމީ ޝަޚްސިއްޔަތާއި، ދީނާ ގުޅިފައިވާ މިންވަރު ހާމަކޮށްދޭ ކަންކަމެވެ. އެބައެއްގެ ދީނުގެ މިޒާޖާއި، ޒައުގާއި، ފިކުރާއި ތަސައްވުރުގެ މަލަތައް ދައްކައިދޭ ކަންކަމެވެ.

އިސްލާމްދީން އައުމުގެ ކުރީންވެސް އަރަބީން އީދުފާހަގަކޮށްއުޅުނެވެ. އީރާނުގައި ބަހާރުމޫސުން ފެށުމާއި ނިމުން ފާހަގަކުރުމުގެގޮތުން ވަރަށް ފޯރިގަދަ އެއްވުންތަކާއި މަހާސަމާތައް ބާއްވައެވެ. އެހެންކަމުން ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ މަދީނާއަށް ފައިންޕުޅު ބީއްސެވުމުން މަދީނާގެ އަހުލުވެރީން އީރާނުގެ ނައުރޯޒާއި މެހެރުޖާން ފާހަގަކުރުމުގެ ހުއްދަ އެދި ދެންނެވިއެވެ. ނަމަވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެކަމުގެ ހުއްދައެއް ނުދެއްވިއެވެ. ނައުރޯޒާއި މެހެރްޖާންގެ ބަދަލުގައި މުސްލިމުންނަށް ދެއީދު އެކަށައަޅުއްވައި ދެއްވިއެވެ. އެއީ ފިތުރު އީދާއި އަޟުހާއީދެވެ. މިއީ އަޅުގަނޑުމެން ކްރިސްމަހާއި، އައު އަހަރާއި، ވެލަންޓައިން ދުވަސް ފާހަގަ ކުރާއިރު ވިސްނައިލުން ހައްގު ކަމެކެވެ.

އެހެންދީންތަކުގެ މީހުންގެ ދީނީ ސަމާތަކާއި، މުސްލިމުންގެ އީދުތަކާއި ތަފާތުކޮށްދޭ ޚާއްޞަ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެތެރެއިން އެންމެފުރަތަމަ ކަމަކީ ހަމަޤަބޫލުކުރާމީހުން އެއްބަސްވާންޖެހޭފަދަ ޚާއްޞަދެކަމެއް އަސާސަކަށް ބަލައިގެން އީދު ފާހަގަކުރުމެވެ. މުސްލިމުންގެ ފިތުރުއީދު އަންނަނީ ރަމަޟާންމަހާ ވިދިގެންނެވެ. ރަމަޟާންމަހުގެ ރޯދަހިފުމަށް ފަހުގައެވެ. ރަމަޟާންމަހަކީ އިސްލާމްދީނުގެ ނަބިއްޔާއަށް އެމަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މަހެވެ. އެހެންކަމުން ފިތުރުއީދަކީ މާތްﷲއަށް ކިޔަމަންވެ މަސްދުވަހުގެ ރޯދަހިފުނުކަމުގެ ޝުކުރު އަދާކުރުމުގެ އީދެވެ. ކީރިތިޤުރްއާންފަދަ މަތިވެރި މާތް ނިޢުމަތެއް މިއުންމަތަށްް ހިބަކޮށްދެއްވިކަމަށްޓަކައި ޝުކުރުވެރިވުމުގެ އީދެވެ. ހަމައެފަދައިން އަޟުޙާއީދަކީ އިސްލާމީ އުއްމަތުގެ ބަފައިކަލުނަވި މާތް ނަބިއްޔާ އިބްރާހީމް އަލައިހިއްސަލާމް އަރަހުށި މާތްﷲ އަށްޓަކައި އެކަލޭގެފާނުގެ ލޮބުވެތި ދޮށީދަރިކަލުން ޤުރުބާންކުރައްވާން އުޅުއްވި އުޅުއްވުމުގެ ހަނދާން އާކުރުމެވެ. އެމާތް ނަބިއްޔާ މާތްﷲ އަށް ކުރެއްވި އަހްދު ފުއްދެވުމުގެ ހަނދާން އާކުރުމެވެ. ތިމާއަށް ލިބިފައިވާ އެންމެ ހަންހާރަވެތި އެއްޗެއްސަކީވެސް މާތްﷲގެ މަގުގައި ޤުރުބާން ކުރަންޖެހިއްޖެ ހިނދެއްގައި މުސްލިމުން ފަސްޖެހުމެއްނެތި ޤުރުބާންކުރާނެ ތަކެތިކަން ސާބިތުކުރެއްވިކަމުގެ ހަނދާންއާކުރުމެވެ. އެހެންކަމުން މުސްލިމުންގެ މިދެ އީދުވެސް ގުޅިފައިވަނީ އިންސާނީ ނަފުސު ތާހިރުކޮށްދޭ ފަދަ އަދި ފިތުރަތާއި ސަލާމަތް ބުއްދިއަށް ބަަލައިގަނެވޭފަދަ ދެޙާދިޘާ އަކާއެވެ. ބައެއް އެހެނިހެން ދީންތަކުގެ މީހުންގެ އީދުތައް ފަދައިން އިންސާނީ ބުއްދިޔާ ޚިލާފު ކަންކަމުގެ މައްޗަކަށެއް ނޫނެވެ.

(ނުނިމޭ)