ކެތޭ ޕެސިފިކް

ކެތޭ ޕެސިފިކްގެ ނުވަ މިލިއަން ޕެސެންޖަރުންގެ ޑާޓާތައް ހެކްކޮށްފި

އޭޝިއާގެ އެންމެ ބޮޑު އެއަރލައިން ތަކުގެ ތެރޭގައި ހިމެނޭ ކެތޭ ޕެސިފިކްގެ ޑާޓާ ބްރީޗް އަކާ ގުޅިގެން އެ އެއަރލައިންގެ ނުވަ މިލިއަން ޕެސެންޖަރުންގެ ޕަރސަނަލް މައުލޫމާތުތައް ހެކްކޮށްފިއެވެ.

ކެތޭ ޕެސިފިކް އިން އިއްޔެ ބުނިގޮތުގައި ޕެސެންޖަރުންގެ ނަންތަކާއި، އުފަންދުވަސް، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެހާއި، ޕާސްޕޯޓް ނަންބަރުތައް ވަނީ މި އަހަރު ކުރީކޮޅު އެ ކުންފުނީގެ އިންފޮމޭޝަން ސިސްޓަމް ހެކް ކުރުމާ ގުޅިގެން އެކްސްޕޯސް ވެފައެވެ.

މި ކަން ދިމާވި ހުރިހާ ޕަސެންޖަރުންނަށް ކެތޭ ޕެސިފިކް އިން ވަނީ ގުޅުމަށް ނިންމާފައެވެ. އަދި އެ ކުންފުނީގެ ސީއީއޯ ވަނީ މައުލޫމާތުތައް ލީކް ވުމާ ގުޅިގެން އެ ޕެސެންޖަރުންގެ ކިބައިން މައާފަށް އެދި ބަޔާނެއް ނެރެފައެވެ.

މިއީ މިދިޔަ މަހު ބްރިޓިޝް އެއަރވޭސް ހެކްކޮށް އެ އެއަރލައިންގެ 380،000 ކަސްޓަމަރުންގެ ކާޑު މައުލޫމާތުތައް ހެކް ކުރިފަހުން ބޮޑު އެއަރލައިން އަކަށް މިހާ ބޮޑު ހެކެއްގެ އަސަރު ކުރި ފުރަތަމަ ފަހަރެވެ.

ކެތޭ އެއަރލައިން ހެކް ކުރި ފަރާތުން ވަނީ 27 ކްރެޑިޓް ކާޑަށް އެކްސެސް ވެފައެވެ. ނަމަވެސް އޭގެން އެއްވެސް ސެކުރިޓީ ކޯޑެއް އެމީހުންނަކަށް ނުލިބެއެވެ. އަދި އިތުރު 403 މުއްދަތު ހަމަވެފައިވާ ކްރެޑިޓް ކާޑުގެ ނަންބަރުތައް ވެސް އެމީހުނަށް ވަނީ ލިބިފައި ކަމަށް އެ ކުންފުނިން ނެރުނު ބަޔާނުގައި ވެއެވެ. ކެތޭ އިން ބުނީ އެއްވެސް ޕާސްވޯޑެއްގެ އެކްސެސް ހެކް ކުރި މީހުނަަށް ލިބިފައި ނުވާ ކަމަށާއި އެއްވެސް ޕަރސަނަލް ޑާޓާ އެއް މިސްޔޫސް ކުރި ކަމުގެ މައުލޫމާތެއް ވެސް އަދި ނުލިބޭ ކަމަށެވެ.

މި މައްސަލަ މިހާރު ދަނީ ހޮންގް ކޮންގް ގެ ފޮލިހުން އިންވެސްޓިގޭޓް ކުރަމުންނެވެ. އަދި ކެތޭ އިން މިކަން އިއްޔެ އިއުލާން ކުރުމާ ގުޅިގެން އެ ކުންފުނީގެ ޝެއަރ ގެ %5 ވަނީ މިއަދު ހެނދުނު ވެއްޓިފައެވެ.

ކެތޭ އަކީ ދުނިޔޭގެ ހަވަނަ އަށް އެންމެ ބެސްޓް އެއަރލައިންގެ ގޮތުގައި ލަންޑަންގެ ސީޓްރެކްސް އިން ވަނީ ހޮވާފައެވެ.