ބިއުޓީ

ކައިލީގެ މޫނު ދޮންނަ ވީޑިއޯއަށް ފާޑުކިޔުން

ދުނިޔޭގެ އެންމެ ހަގު ބިލިޔަނަރު ކައިލީ ޖެނާ ވަނީ އޭނާގެ އަމިއްލަ މޭކަޕް ލައިނެއް އުފައްދައިގެން މަގުބޫލުކަން ހޯދައިފައެވެ.

ނަމަވެސް ކައިލީ ފަހުން ލޯންޗު ކުރި ސްކިން ކެއާ ލައިނަށް ފެށުނީއްސުރެ އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.

ކައިލީ ސްކިންގެ ކަމުގައި ސްކިންކެއާ ލައިން ލޯންޗުކުރި ދުވަހު ސްކްރަބްގެ ގޮތުގައި ވޯލްނަޓް ސްކްރަބެއް ހުރުމުން ވަނީ ބޮޑެތި ފާޑު ކިޔުން ކައިލީއަށް އަމާޒުކޮށްފައެވެ. އަދި ވޯލްނަޓް އިން ހަންގަނޑު ހަލާކުވާ ކަމަށާއި އެންމެ މޮޅެތި ހަމުގެ ޑޮކްޓަރުންގެ ފަރާތުން ލަފާ ހޯދެން ކައިލީއަށް އޮއްވައި އެ ސްކްރަބް ލޯންޗުކުރަންވީ ސަބަބާމެދު މީހުން ވަނީ ސުވާލު އުފައްދައިފައެވެ.

މިހާރު މިއޮތީ އަނެއްކާވެސް އެހެން ކަމެކެވެ. ކައިލީ މިވަނީ އޭނާ ނެރެފައިވާ ލައިން ޕްރޮމޯޓް ކުރުމުގެ ގޮތުން ފޭސް ވޮޝް ބޭނުން ކޮށްގެން މޫނު ދޮންނަ ގޮތް ދައްކައިލުމަށް ވީޑިއޯއެއްް ނެގުމަށްފަހު އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.

ވީޑިއޯގައި ފެނިގެން ދަނީ ފޭސް ވޮޝް ހޭކުމަށްފަހު ކައިލީ މޫނު ދޮވެލާގައި ތުވާލިން ފެން ހިއްކާލާ މަންޒަރެވެ. މި ވީޑިއޯއަށް އެހާ ބޮޑަށް ފާޑު ކިޔުން އަމާޒުވީ، މޫނުގައި ކައިލީ ފޭސް ވޮޝް ހޭކުމަށް ހޭދަކުރީ ދެ ސިކުންތު ކަމަށްވުމާއި ތުވާލިން މޫނުގެ ފެން ހިއްކާލި އިރު އެތުވާލީގައި ހުރި ފައުންޑޭޝަން ބެލުންތެރިންނަށް ފެނިގެން ދިޔުމުންނެވެ. މީގެ އިތުރުން މޫނު ދޮވެފައިވަނީ އިސްތަށިގަނޑު ފަހަތަށް އައްސއިވެސް ނުލައެވެ.

ފާޑުކިޔާ މީހުން ބުނާ ގޮތުގައި ކައިލީ ދަނީ "ސްކޭމް" ކުރަމުންނެވެ. އަދި ކައިލީ އަމިއްލައަށްވެސް ބޭނުން ނުކުރާ ޕްރޮޑަކްޓްސް ތަކެއް އޭނާ ވިއްކަނީ ކަމަށް ބައެއް ކޮމެންޓްތަކުގައި ވެއެވެ. އަދި މީހުނަށް އޮޅުވާލައި މަކަރު ހަދާކަމުގެ ތުހުމަތުވެސް ކައިލީއަށް ބައެއް ކޮމެންޓްތަކުގައި ވަނީ ކޮށްފައެވެ.

މޫނު ސާފުކޮށް ދޮންނަ ކަމުގައި ވާނަމަ ހަމުގެ ޑޮކްޓަރުން ބުނާ ގޮތުގައި މަދުވެގެން 60 ސިކުންތު މޫނުގައި ފޭސް ވޮޝް ހާކައި މަސާޖް ކުރަން ޖެހެއެވެ. ނަމަވެސް ކައިލީ ވަނީ ދެ ސިކުންތު ނުވެ މޫނު ދޮވެލައިފައެވެ.

ކައިލީގެ އިންސްޓަގްރާމު އެކައުންޓުން މިހާރު ވަނީ އެ ވީޑިއޯ ޑިލީޓްކޮށްފައެވެ.