ޚަބަރު

އެއާޕޯޓުން ފުރާ ފަސިންޖަރުންނަށް ވޯޓާފްރަންޓް ޖެޓީ ބޭނުންކުރެވޭ ގޮތް ހަދައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސެންޖަރުންނަށް އަލަށް ހުޅުވި ވޯޓާފްރަންޓުގެ ޖެޓީ ބޭނުންކުރަން ފަށައިފިއެވެ.

އެމްއޭސީއެލްއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެކްސްޕްރެސް ފެރީގެ އިތުރުން އާއްމުކޮށް ބޭނުންކުރާ ފެރީތައް ވެސް މިއަދުން ފެށިގެން ވޯޓާފްރަންޓް ޖެޓީއިން އޮޕަރޭޓް ކުރާނެ ކަމަށެވެ. އަދި ދެ ފެރީއަށް ވެސް ހިދުމަތް ދިނުމަށް އެތަނުގައި ގާއިމްކޮށްފައިވާ ޓިކެޓް ކައުންޓަރުތައް ވެސް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށް އެމްއޭސީއެލްގެ ޓްވީޓުގައި ވެއެވެ.

އެމްއޭސީއެލްއިން އިތުރަށް ބުނެފައިވަނީ އެއާޕޯޓުން މާލެ ދިއުމަށް ވޯޓާފްރަންޓްގެ ޖެޓީ ބޭނުން ކުރި ނަމަަވެސް، އަދިވެސް މާލެއިން ހުޅުލެއަށް ގާތް ކުރާ ފެރީ މަޑުކުރާނީ ފުރާމީހުންގެ ގިމަތައާ ދިމާލުގައި ހުންނަ ފެރީ ޖެޓީއަށް ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް ވޯޓާފްރަންޓަކީ އެއާޕޯޓްގެ މަލަމަތި ރީތި ކުރުމުގެ އިތުރުން އެއާޕޯޓުން ދޭ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން އެމްއޭސީއެލްއިން އިމާރާތް ކޮށްފައިވާ ފަރުމާ ރީތި ޕްރޮޖެކްޓެކެވެ. އެ އިމާރާތުގައި ހިމެނޭ ދުނިޔޭގެ މަޝްހޫރު ފްރެންޗައިސް ބްރޭންޑްތައް ކަމަށްވާ "ކޮސްޓާ ކޮފީ" އާއި "ކޭއެފްސީ"ގެ އިތުރުން "ޕިއްޒާ ހަޓް" އަދި "ހާވެސް މާކެޓް"ގެ ރެސްޓޯރަންޓްތައް ވެސް އިއްޔެ ވަނީ ހުޅުވާފައެވެ.

އޭގެ އިތުރުންވެސް އެއާޕޯޓްގައި އަލަށް އެޅި ޒަމާނީ ފެންވަރުގެ ރަންވޭއަށް ވެސް މި ހަފްތާ ތެރޭގައި ވަނީ ފުރަތަމަ ފްލައިޓް ޖައްސާފައެވެ. ރަންވޭގައި ފުރަތަމަ ޖައްސާފައިވާ ފްލައިޓަކީ ދުނިޔޭގެ އެންމެ ބޮޑެތި ފްލައިޓްތަކުގެ ތެރޭގައި ހިމެނޭ އިއްތިހާދު އެއާވޭސްގެ އޭ 380 މަރުކާގެ ފްލައިޓެކެވެ. އެއާޕޯޓްގެ އާ ރަންވޭ ކޮމާޝިއަލް ދަތުރުތައް ކުރާ ފްލައިޓްތަކަށް ހުޅުވާލާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.