އޫއެފާ ޗެމްޕިއަންސް ލީގު

ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލުން ހަވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް، ލިވަޕޫލުން ހަވަނަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިއެވެ.

ސްޕެއިންގެ މެޑްރިޑްގައި އިނގިރޭސި ދެ ވާދަވެރިން މިރޭ ކުޅުނު ފައިނަލުގައި ޓޮޓެންހަމްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 2-0ގެ ނަތީޖާއަކުންނެވެ.

އެ މެޗު ފެށިތާ މާގިނައިރުތަކެއް ނުވަނީސް ލިވަޕޫލަށް ވަނީ ޕެނަލްޓީއެއް ލިބިގެންގޮސްފައެވެ. ޓޮޓެންހަމްގެ ޕެނަލްޓީ އޭރިއާ ތެރެއިން މޫސާ ސިސޯކޯގެ އަތުގައި ބޯޅަ ޖެހުމުން ލިވަޕޫލަށް ލިބުނު ޕެނަލްޓީ، މެޗުގެ ދެވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހުއެވެ. އެ ލަނޑަކީ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ޖެހި ދެވަނައަށް އެންމެ އަވަސް ގޯލެވެ. މުބާރާތުގެ ފައިނަލެއްގައި އެންމެ އަވަސް ލަނޑު ޖެހީ 2005 ވަނަ އަހަރު ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭސީ މިލާންގެ ޕައުލޯ މަލްޑީނީއެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ވެސް ލިވަޕޫލަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޖޯލް މަޓިޕް ދިން ބޯޅައަކުން އެންޑްރޫ ރޮބާޓްސަން ފޮނުވާލި އެ ހަމަލާ، ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ނުރައްކާތެރި ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން އެޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ލިބިގެންދިޔައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މެޗު ނިމެނިކޮށް ހިއުންގް މިން ސޮންއަށް ލިބުނު ފުރުސަތާއި ކްރިސްޓިއަން އެރިކްސަންއަށް ލިބުނު ހިލޭ ޖެހުމެވެ. އެ ދެ ހަމަލާގެ ހުރަހަކަށްވީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާއެވެ.

ލިވަޕޫލުން ޖެހި ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 87 ވަނަ މިނެޓުގައެވެ. ޓޮޓެންހަމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑިވޯކް އޮރިގީއެވެ.

މީގެ ކުރިން ލިވަޕޫލުން ވަނީ 1977، 1978، 1981، 1984 އަދި 2005ގެ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދަތުރުކުރި ނަމަވެސް، އެޓީމު ވަނީ ރެއާލް މެޑްރިޑް އަތުން ބަލިވެފައެވެ.

ޓޮޓެންހަމްއަކީ ޗެމްޕިއަންސް ލީގުގެ މާބޮޑު ތާރީހެއް އޮތް ކްލަބެއް ނޫނެވެ. ފަސް ފަހަރު ޗެމްޕިއަންސް ލީގުގެ ގްރޫޕު ސްޓޭޖުގައި ވާދަކުރި ޓޮޓެންހަމްއަށް އެންމެ ކާމިޔާބު ސީޒަނަކަށް ވެގެންދިޔައީ މިސީޒަނެވެ.