މަލިކު

ކައިރި .... ނަމަވެސް ދުރުގައިވާ މަލިކު 8

އަބްދުﷲ ފާރޫގް ހަސަން

(28 މެއި ގެ އަދަދާ ގުޅޭ)

މަލިކު އިނގެރޭސީންގެ ދަށުގައި

15 ނޮވެމްބަރު 1908 ގައި ސުލްޠާން އިމްބިބީ ބީބީ އިނގިރޭސި ދައުލަތަށް މަލިކު ދިނުމަށް ސޮއިކޮށްދީފައި ވެއެވެ. އެއީ ލަކަޑިވްގެ ރަށްތަކާ އަދި އެހެން ޖަޒީރާ ރަށްތަކާ އެކީގައެވެ. އިނގިރޭސީންގެ ދައުރުގައި އެންމެ މުހިންމު ކަމަކަށް ހިނގާފައިވަނީ 1885 ގައާއި 1912 ގައި ހިނގި ދެ ބަޣާވާތެވެ. މި ބަޣާވާތުގެ އަޞްލެއް ކަމަށްވަނީ ޕަންޑަރަމްގެ (ބަންޑާރަގަނޑުގެ) ބިންތައް އަމިއްލަ ބައެއް ފަރުދުންނަށް ހަވާލުކުރުމަށް ސަރުކާރުން ހަމަޖެއްސި ހަމަޖެއްސުމެވެ. ދާދިފަހުންވެސް މިމައްސަލަ އަލުން ހިލުނެވެ. އެންމެފަހުން މިމައްސަލައިގެ ޙައްލަކަށްވީ ޢާންމު މީސްމީހުންނަށް ޕަންޑަރަމްގެ ބިންތައް ބެހުމެވެ. މި ނިންމުން ވީ މަލިކުގެ ރައްޔިތުންގެ ޘަޤާފީ އަދި ދިރިއުޅުމުގައި ހުންނަ އާދަޔާޚިލާފު ކަންތައްތައް ރަނގަޅަށް ވިސްނިފައިނުވާ ކަމެއް ކަމުގައެވެ. އަދި މަލިކު ރައްޔިތުން ލަކަޑިވްގެ މީހުންނާ އެއް މިންގަނޑަކުން ބެލިފައިވާ ކަމެއް ކަމުގައެވެ. މަލިކު މީހުންގެ ދިރިއުޅުން ބިނާވެފައިވަނީ އެކަކު އަނެކަކާ ގުޅި އެއްބައިވަންތަކަމާއެކު އުޅުމުގެ މައްޗަށެވެ. އެމީހުންގެ ދިރިއުޅުމުގެ ގިނަކަންތައްތައް ބިނާވެފައިވަނީ މުޖުތަމަޢުގެ އެންމެންގެ ޙިއްސާ ވާގޮތަށް ދަނޑުގޮވާން ކުރުމެވެ. ދެކުނު ޕަންޑަރަމްގެ އަވަށްތަކުގައި ހެއްދޭ ކާބޯތަކެތީގެ ބާވަތްތައް އެއްކުރެވި، އަވަށްތަކުގެ ބޮޑުން އެންމެންނަށް ހަމަހަމައަށް ބައްސަވާ ހައްދަވައެވެ. ވީމާ ދެކުނު ޕަންޑަރަމް ބައިބައިކޮށް ބައްސަވާލެއްވުން ހިމެނުނީ މަލިކުގެ މި އަވަށްތަކުގައި ދިރިއުޅޭ މީހުންނަށް މި އެއްބައިވަންތަ ދިރިއުޅުމަށް ބުރޫއަރާ ކަމެއް ކަމަށެވެ. ލޯގާން ފަދަ ވިސްނުންފުޅު ތޫނު ބޭބޭފުޅުން މިފަދަ ނިންމުންތައް ނިންމެވިކަމީ ޢަޖާއިބުވަނިވި ކަމެކެވެ. ޔޫރަޕުގެ އޮފިސަރުންނާއި މަލާބާރުގެ ފުލުހުންގެ މަސައްކަތުން މަލިކު ރައްޔިތުންގެ ދެކޮޅުވެރިކަމަށް ބަދަލެއް ނުގެނެވުނެވެ. 1912 ގައި ސީ.އޭ. އީންސް ޕަންޑަރަމްގެ ބިންތައް އެތާނގެ ރައްޔިތުންނަށް އަހަރެއްގެ މައްޗަށް 1.552 އިންޑިޔާ ރުފިޔާއަށް ކުއްޔަށްދިން ދިނުންވީ ވަރަށް ބުއްދިވެރި އުކުޅަކަށެވެ. ސަބަބަކަށްވީ މަލިކު ރައްޔިތުންގެ ފިތުނަވެރިކަން ކެނޑި އެމީހުން އައު ހިތްވަރަކާއެކު ދަނޑުތަކުގައި މަސައްކަތް ފެށުމެވެ.

ކުރިންވެސް އެނގިފައިވާ ފަދައިން ލަކްޝަވަދީޕް ޖަޒީރާ ރަށްތަކާއި އެހިސާބުގައިވާ އެހެން ބިންތައް އިންޑިއާ ސަރުކާރުގެ ހޯމްއެފެއާޒްގެ ބެލުމުގެ ދަށަށް އައީ 1 ނޮވެމްބަރ 1956 ގައެވެ. ކޮންމެ ދުވަހަކުހެން ކުރެވެމުންދާ އިދާރީ މަސައްކަތްތައް ކުރުމަށްޓަކައި އިންޑިޔާ ސަރުކާރުގެ މަންދޫބެއް ކާލިކޯޓުގައި ހަމަޖައްސަވާފައި ހުރެއެވެ. އެރަށްތަކުގައި ދާއިމީގޮތަކަށް ތިއްބަވަނީ ވަރަށް މަދު ކެމިންނެވެ.
(ހިސްޓްރީ އޮފް ދަ ލަކަޑިވް މިނިކޮއި، އެންޑް އަމިންޑިވީ އައިލެންޑް، ޞަފްޙާ: 65-71)

މަލިކާއި ދިވެހިރާއްޖޭގެ ތާރީޚާމެދު އެކިއެކި ލިޔުންތައް ލިޔެފައިވާ ބޭރުމީހުންކުރެ ވަރަށްގިނަ މީހުންގެ ލިޔުންތަކަކީ އަޅުގަނޑުމެންނަށް އެލިޔުންތަކުން ކޮންމެވެސް އަލިކަމެއް ލިބުނު ކަމުގައި ވިޔަސް އަޅުގަނޑުމެން އިޢުތިރާޟުކުރަންޖެހޭ ވަރަށްގިނަ ނުކުތާތަކެއްވެސް ހުންނަ ލިޔުންތަކެކެވެ. މަތީގައި އެވަނީވެސް މިދެންނެވި ބާވަތުގެ ލިޔުމެކެވެ. މިލިޔުމަކީ ނިސްބަތުން ބަލާއިރު އިޢުތިރާޟުކުރެވޭ ނުކުތާ ތަންކޮޅެއްމަދު ލިޔުމަކަށްވިޔަސް މިއީވެސް ޙަޤީޤަތާ ޚިލާފު ބައެއް ވާހަކަތައް އެކުލެވިފައިވާ ލިޔުމެކެވެ. ތިރީގައި މިދަންނަވަނީ މިގޮތުން މިފޮތުގެ މައުޟޫޢާ ގުޅޭގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ބައެއް ނުކުތާތަކެވެ.

މިގޮތުން އެންމެފުރަތަމަ ފާހަގަކުރަން ބޭނުންވާ ނުކުތާއަކީ، އިހުޒަމާނުގައި އައިސްފައިވާ ވާހަކައެއްގައި ދިވެހިރާއްޖޭގެ ރަދުން ކަންނަންނޫރުގެ ރަސްކަލަކަށް މަލިކު ހަދިޔާއަކަށް ދެއްވިކަމުގައި ބުނެވޭ ބުނުމެވެ.

ލިޔުންތެރިޔާވެސް މިވާހަކަ ލިޔުއްވާފައިވަނީ ޔޯލަވާހަކައެއްގެ ގޮތުގައި ކަމުގައިވާތީ މިއީ ކޮންމެހެން އިތުރުވާހަކައަކަށް ބޭނުންވާ ކަމެއްވެސް ނޫނެވެ. މީގެކުރިންވެސް ބަޔާންކުރެވިފައިވާ ފަދައިން ދިވެހިރާއްޖޭގެ ރަސްރަސްކަލުން އެބޭފުޅުންގެ ވޮނަދޮނަ ރާއްޖޭގެ ސަރަޙައްދުން ބަޔާންކުރައްވާއިރު އަބަދުވެސް "މަލިކައްޑޫ މިދެމެދު އެކީ އޮންނަނީ ކޮށު، އަނެކަކަށް ނެތީކޮށު،" މިފަދަ ޢިބާރާތްތައް ބޭނުން ކުރެއްވުމުން މަލިކުގެ މިލްކުވެރިކަމާމެދު އިތުރު ސުވާލެއް ނުއުފެދެއެވެ.

ދެންއޮތީ 1752 ގައި އަރައްކަލްރާޖާ މާލެޔާ ޙަމަލަދީ ގަނޑުވަރު އަންދާލައި ރަސްގެފާނު ޝަހީދުކުރި ވާހަކައާއި، މުޅިރާއްޖެ ޢަލީރާޖާގެ ވެރިކަމުގެ ދަށުގައި ދުވަސްކޮޅަކު އޮތް ވާހަކައާއި، ވަލީޢަހުދު "ޝަމްސުއްދީން" އިސްވެހުންނަވައި އަރައްކަލްވެރީންނާ ދެކޮޅުހެއްދެވި ވާހަކައާއި އެކަން ނާކާމިޔާބުވެ ޝަމްސުއްދީނާއި އޭނާގެ ބައިވެރީން ކަންނަންނޫރުގެ ރާޖާގެ އަތްދަށުވެވަޑައިގަތް ވާހަކައާއި، އޭގެފަހުން ޓީޕޫސުލްޠާން މެދުވެރިވެވަޑައިގެން ދެފަރާތުން ޞުލްޙަވެރި އެއްބަސްވުމަކަށް އާދެވި މަލިކުފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ރަށްރަށެއް ދިވެހިރާއްޖޭގެ ރަދުންނަށް އަނބުރާ ރައްދުކުރެވުނު ވާހަކައާއި، އޭރު އަރައްކަލް ރަސްކަލަކަށް ހުންނެވީ "މަންޔާއުންމަ" ނަމަކަށްކިޔުނު ބޭފުޅަކަށްވާތީ މިކަން ހިނގާފައިވަނީ މީލާދީން 1819 އާއި 1838 އާ ދެމެދުގެ ދުވަސްވަރެއްގައި ކަމަށާއި މީގެސަބަބުން މަލިކާ ދިވެހިރާއްޖެއާ ދެމެދުގެ ސިޔާސީގުޅުން ހީނަރުވެ މަލިކު އިންޑިޔާގެ ޖުމްހޫރިއްޔަތުގެ ދަށަށް ދިޔަކަމަށާއި، މިޙާދިޘާގައި އެވާ "ބަދުނަސީބު" ޝަމްސުއްދީން ކަންނަންނޫރުގެ ޖަލުން އެނބުރި ޤައުމަށް ވަޑައިގަތް މަގުމަތީގައި މަލިކުގައި އަވަހާރަވި ވާހަކައެވެ.

މި ޕެރެގްރާފް ކިޔާލުމުން އެނގެނީ ހިޖުރައިން 1166 ގައި ހޮޅިން ދިވެހިރާއްޖެއަށް ޙަމަލަދީ މާލެ އަތުލައިގަތް ޙާދިޘާއާއި އޭގެފަހުން ކަންތައް ހިނގާފައިވާގޮތް ލިޔުންތެރިޔާއަށް ވަރަށްބޮޑަށް އޮޅިލައްވާފައިވާކަމެވެ. މަލާބާރީން ނުވަތަ ހޮޅީންނާއި ދިވެހީންނާ ދެމެދު ޒަމާނުއްސުރެ ހިނގަމުންއައި ހަނގުރާމައިގެ ސިލްސިލާގައި މަލާބާރީން ރާއްޖެ އަޅުވެތިކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ މުކައްރަމް މުޙަންމަދު ޢިމާދުއްދީނުގެ ވެރިކަމުގައެވެ. ތިރީގައި މިވަނީ އެފަހަރު ހޮޅީން ރާއްޖެ އަޅުވެތިކުރިގޮތާއި، ދިވެހީން ދިވެހިރާއްޖެ މިނިވަންކުރިގޮތާއި، ހޮޅިކަރަޔަށް ގެންދެވުނު ދިވެހީންނާމެދު ކަންތައް ހިނގައިދިޔަގޮތް ދިވެހިތާރީޚުގައި ބަޔާންކުރެވިފައިވާ ގޮތެވެ. ދިވެހިރާއްޖޭގައި ޤަވާޢިދުން ތާރީޚު ލިޔެވެން ފެށީ ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމުގައެވެ. އެހެންކަމުން ދިވެހި ތާރީޚުން މިޙާދިޘާގެ ތަފްޞީލު ވަރަށް ފުރިހަމައަށް އެނގޭން އެބައޮތެވެ. ވުމާއެކު، އަޅުގަނޑު ގަސްދުކުރަނީ އެވާހަކަތައް ތަފްޞީލާއެކު މިތާނގައި ނަކަލުކުރުމަށެވެ.

ދިވެހީންނާއި ޢަލީރާޖާގެ ގުޅުން

ހާހާއި އެއްސަތޭކަ ފަސްދޮޅަސް ތިންވަނައަހަރު ރަބީޢުލްއައްވަލުމަހު 18 ވީ ބުދަވިލޭރެއި ރަސްގެފާނުން އަވަހާރަވިޔޭ... އެއީ ރަސްގެފާނުންގެ ޢުމުރުފުޅުން ސާޅީސް ތިން އަހަރުފުޅުގައެވެ. މިރަސްގެފާނުން ރަސްކަންކުރެއްވީ އޮނަތިރީސްއަހަރާއި ދެމަސް ފޮއިދުވަހުއެވެ. ދެން މިރަބީޢުލްއައްވަލުމަހު އޮނަވިހިވީ ބުރާސްފަތި ދުވަހު މިރަސްގެފާނުންގެ ކޮއްކޮ ޢަލީ ފާށަނާކިލެގެފާނުން ރަސްކަމަށް އިސްވެވަޑައިގެންނެވިޔޭ. މިމަނިކުފާނަށް އައްސުލްޠާނުލްމުކައްރަމް މުޙަންމަދު ޢިމާދުއްދީން ކިޔައި ނަންދެއްވެވިއެވެ. ދިވެހިބަހުން މިމަނިކުފާނުންގެ ނަންފުޅަކީ ސިރީ ނަވަރަންނަ ކީރިތި އައުދާނަ ކައްތިރިބަވަނަ މަހާރަދުންނެވެ. އެހިނދު ފަނޑިޔާރުކަމުގައި ހުންނެވީ ޙަސަން ތާޖުއްދީން ފަނޑިޔާރުކަލޭގެފާނުންގެ ފުތް މުޙަންމަދު ޝަމްސުއްދީން ފަނޑިޔާރުކަލޭގެފާނުންނެވެ. މިފަނޑިޔާރުކަލޭގެފާނާއި އެއްބަނޑުއެއްބަފައި ޚަޠީބު އަޙްމަދު މުޙުޔިއްދީން މިޚަޠީބުމަނިކުފާނު ހުންނެވީ އިބްރާހީމް ރަސްގެފާނުންދި ފާޠިމާ ރަނިކިލެގެފާނާ ކައިވެނިބައްލަވައިގަނެގެންނެވެ. ދެން މިރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވުމަށްފަހު މިނަންގަނެވިދިޔަ ފަނޑިޔާރުކަލޭގެފާނާއި މިޚަޠީބުމަނިކުފާނާ މިދެބެއިން ރަސްކަން އަތުލާންއެދި ރަސްގެފާނަށް ނުނިޔަތްލައިގެން ބޭރުބަޔަކާ އެކުލަވައިގެން ރަސްކަން މިލްކުކޮށްފާނަމެވެ ހިތައި ތިމަންމީހުންގެ ރާއްޖޭގެ ރަސްގެފާނު ނަހީކުރެއްވިހާ ކަންތަކަށް ޢަމަލުކުރައްވައި ރާއްޖެ އިސްލާމްދީނަށް އޮންނާކަށް ނެތެވެ. މިފަދަ ބަސްތައް ލިޔެފައި ކަންނަންނޫރު ޢަލީރާޖާއަށް ފަތެއް ފޮނުވައިފިޔޭ... ފަތްފޮނުވީމާ އެފަތަކަށް އެމީހުން ސަމާނެއްނުވެ ތިބެއްޖައޫއެވެ. ދެން އަނެއްކާ މިފަނޑިޔާރުކަލޭގެފާނު ފަތެއްލިޔުނޭ މިހާރު މިރަށުގެ މީހުން ފިތުނަވެރިވެ ރޭގަނޑުގައި ރަށް ބަލަހައްޓާ ހޭލާ ދަމަށް ތިބުމެއްނެތި ޣާފިލުވެއްޖައޫއެވެ. ތިޔަބައިމީހުން މިހާރު އަތުވެއްޖެނަމަ ރާއްޖެއަތުލައި މިލްކުކޮށްދިނުން ތިމަންކަލޭގެފާނު މައްޗެވެ. ރޭގަނޑުގައި ރަށުގެ މީހުން ނިދާފައި ތިއްބައި ތިޔަބައިމީހުން އައިސް ރަށަށް އަރަހަށޭ. ދެން މިފަތް ލިޔެ ފޮނުވީމައި އެއަށްފަހު ކަންނަންނޫރު ޢަލީރާޖާ ނަވަކާއި ދެފުރައްދެއޮޑިއާއި މިތިންގަނޑެއްޗަށް ހަނގުރާމައިގެ ތަކެއްޗާއި މަލާބާރީގެ މީހުނާ ލައިފައި ފޮނުވީމައި އެމީހުން އައިސް ފާދިއްޕޮޅުވަދެ އަލިގަލުކައިރީގައި ބާއްވައިފިއެވެ. ދެން އެތާނގައި ނައުބާއްވައިފައި ދެފުރައްދެއޮޑިޔާއިގެން އައިސް 1166 ވަނަ އަހަރުގެ ޞަފަރުމަހު ބުދަތޭރަ ފޮއިވިލޭރެއި ނުވަފުޅީ ވަގުތުގައި މާލޭގެ ކަނޑިންމަ ތަޅުނުލާހުއްޓައި ކަނޑިންމައިން ވަދެއްޖައޫއެވެ. އެހިނދު މާލޭގެ އެންމެން ޚަބަރުނުދަނެ ނިދާފައިތިބޫއޭ... ދެން މި މަލާބާރީންގެ މީހުން ދިގުދޯނިދޯންޏަށް އަރައިގެން ރަށަށް ފައިބައިގެން އައިސް އެތެރެކޯލަށް ވަދެއްޖައޫއެވެ. އޭރު ގަނޑުވަރުތެރޭގެ އަށިއަށީގައި ފާރަވެރިކަމު ގޮސްތިބި މީހުންވެސް ތިބީ ނިދާފައޭ... ދެން މިބައިމީހުން ގަނޑުވަރުތެރެއަށްވަދެ މީހުން މަރައި ހިފައި ބަޑިޖަހާންހެދީމައި ރަދުންގެ ފިކުރުފުޅަށް އެއުރެނާ ނިކަން ފޭވެވަޑައިގެންނެވުމަށް މިރަދުންގެ މާފަންނުގަނޑުވަރަށް ވަޑައިގެންނެވޫއެވެ. ދެން ވަޒީރުންނާއި ލަސްކަރީން ފޮނުއްވައި އެމީހުން އެތެރެކޯލުން ނެރެލީމައި އެމީހުންގެ މީހަކު ފިލައިގެންއައިސް ނާބަތުޚާނެވެ ކިޔާ ގޭގައި ހުޅުޖަހައިފިޔޭ... ދެން މިހުޅުރޯވެގެން އެފަހަރަށް މާތްކަލާނގެ އިރާދަފުޅުގައި ހުރިމަގުން އެތެރެކޯލުގައި ހުރި ހުރިހާ ގެތަކާއި ދޮރޯށިތަކާ އަނދައިގެން ދިޔަދިޔުމުގައި ފުރަމާލޭގެ ދެބައިކުޅައެއްބައި ގެތަކާވެސްއެކު އަނދައި ރަށް ސުންނާފަތިވެ ދަރަހަނާވެއްޖެއެވެ. މިހެން މިކަންތައްވީމާ ރަސްގެފާނު އެއުރާއި ޞުލްޙަޔަށް ޚަބަރުފުޅު ކުރެއްވިއެވެ. ދެން މަލާބާރީން ދެންނެވި ބަހީ ތިމަންމީހުން ތިބި ތަނަށް ރަސްގެފާނު ވަޑައިގަންނަވައިފިނަމަ ޞުލްޙަވެދާނަމުއެވެ. ދެން މިބަސްދެންނެވީމާއި ރަދުން މިބައިމީހުން ގާތަށް ވަޑައިގަންނަވާފޫއެވެ. ދެން މިމަލާބާރީން ކުޅަކަމީ މިރަދުންނާއި... މިރަދުނާ އެއްބަނޑުއެއްބަފައި އިބްރާހީމް ރަސްގެފާނުންގެ މުޙަންމަދެވެ ކިޔާ ދަރިކަލުންނާއި މިދެބޭފުޅުން އެމީހުންގެ ޙީލަތުން ހިފައިގެން އެމީހުންއައި ފުރައްދެއޮނޑިޔަށް ގެންގޮސްފިއެވެ. ދެން އެދެބޭފުޅުން އަރިހުގައި ތިމަންމީހުން ދާނަމުޔޭ ކިޔައިފައި މަލާބާރީންގެ ބޮޑުރުހުމަކާނުލައި ދުރުވެންނެވި ބޭބޭކަލުންނީ އަލްވަޒީރު ހުރައި ޙުސައިން ދަހަރާކަލޭގެފާނުންގެ ފުތް އަލްވަޒީރު މުޙަންމަދު ފާމުލަދޭރިމަނިކުފާނާއި މިމަނިކުފާނުގެ ފުތް ޙުސައިންމަނިކުފާނާއި ވަޒީރު މުޙަންމަދު ވެލާނާތަކުރުފާނާއި މިރަސްގެފާނުންގެ ޚައްދާމުންކުރެ މުރުއްބާ މުޙަންމަދުކަލޭގެފާނާއެވެ. މިބޭބޭކަލުން އޮޑިޔަށް އެރުއްވީމައި މިއެންމެ ކަލުންނާއިގެން ފުރައިގެން ހިނގައްޖައޫއެވެ. މިރަދުން ރަސްކަމުގައި ހުންނެވީ ދެއަހަރާއި ދިހަމަސްދުވަހުއެވެ. މިބައިމީހުން ފުރައިގެން ދިޔުމަށްފަހު މާލޭގައި ތިބި މަލާބާރީންގެ މީހުން މާލޭގެ މީހުންނަށް ހާނީއްކަކޮށް އެމީހުންގެ ޙީލަތާއި މަކަރުން އެހިނދު ފަނޑިޔާރުކަމުގައި ހުންނެވި އަލްޤާޟީ ޙަސަން ތާޖުއްދީންފަނޑިޔާރުކަލޭގެފާނުންގެ ފުތް އަލްޤާޟީ މުޙަންމަދު ޝަމްސުއްދީން މިފަނޑިޔާރުކަލޭގެފާނުން އެމީހުންގެ ވެރިޔަކު ކަމުގައި ބައިޢަތު ހިފައި ޢަޤުދުކުޅައޫއެވެ. ދެން މިގޮތް މަތީގައި ކުޑަދުވަސްކޮޅަކު ދެމިތިބެއްޖައޫއެވެ. ދެން މިޔަށްފަހު މިފަނޑިޔާރުކަލޭގެފާނާއި މީނަޔާއި އެއްބަފައި ޚަޠީބު އަޙްމަދު މުޙުޔިއްދީން ކަތީބުމަނިކުފާނާ މިދެބެއިން ބަނދެ، ތަޅާ ވަރަށް އިހާނެތި ކަންތައް ކުޅައޫއެވެ. އެއީ ރަބީޢުލްއާޚިރުމަހު އެކާވީސްވީ ދުވަހުގައެވެ. އެއަށްފަހު އެދެބޭފުޅުންނަށް ހެދިނުހެދިގޮތެއްވެސް ނޭނގުނެވެ. އެއަށްފަހު ބަޔާންވިޔޭ، އެދެބޭފުޅުން ކަނޑުލީކަމުގައި... މާތްކަލާނގެ އެދެބޭފުޅުންނަށް ރަޙުމަތް ލައްވަވާނެތެވެ. އެދެބޭފުޅުންނަށް ހާނީއްކަކުޅަ ދުވަހު ޔަޙުޔާއެވެ ކިޔާ ޢަރަތްބަކު މާލޭގެ ހުޅަނގުފަރާތުގެ ތުނޑިއެއްގައި ހުރި ގަހެއްގައި އެލުވައިގެން ބަޑިޖަހައި މެރިޔޭ... އެޔަށްފަހު އެތުނޑިޔަށް ޔަޙުޔާ ތުނޑިއެވެ ކިޔައެވެ. ހަމަމިހެންމެ ދިވެއްސަކުވެސް ރަށުގެ އިރުމަތީކޮޅުގައި މެރިއެވެ. އެޔަށްފަހު އައްނާއިބު އަލްޚަޠީބު މުޙަންމަދު މުޙިއްބުއްދީން މީނާއަށް ފަނޑިޔާރުކަން އެމީހުން ދީފޫއެވެ. މިކަލޭގެފާނަކީ ޙަސަން ތާޖުއްދީންފަނޑިޔާރުކަލޭގެފާނުންނާ އެއްބަފައި ޙުސައިން ޢަފީފުއްދީނުގެ ދަރިކަލެކެވެ. ދެން މީނާއަށް ފަނޑިޔާރުކަން ދިނީމާ ޢަލީރާޖާއާ ބައްދަލުވާން ކަންނަންނޫރަށް ދުރުވާން މީނާ ފުރުއްވައިފޫއެވެ. ދެން މިޔަށްފަހުވެސް މަލާބާރީން މާލޭގެ މީހުންނަށް ހާނީއްކަކޮށް ތަޅައި ފާސިދުކަންތައް ކުޅައުމުން ފިލައިނުދެއެވެ. މިކަމާމެދުގައި މީސްތަކުންނަށް ތުރައުބޮޑުވެ އިހުނަށްވުރެވެސް މާބިރުމޮޅުވެއްޖެ ހިނދު ކުރާނޭކަމެއް ނޭނގި ޙައިރާންވެއްޖެއޭ... ދެން މިކަމާ ކުރާނޭ ކަމަކާމެދު ފިކުރު ޖަމްޢުކޮށް ރަށުން ކަންތަކަށް ފަހިވެ ފާގަތިވެހުންނެވި ރަދުންގެ އަރިހުގައި ދުރުވި މުޙަންމަދު ފާމުލަދޭރިމަނިކުފާނުންގެ ފުތް ޙަސަންމަނިކުފާނާއި ބަނޑޭރި ޙަސަން ހިރިހަމާދިކަލޭގެފާނާއި މިކަލޭގެފާނީ ލޮންސިކޮއްޓެއްގެ އެދުރުބޭކަލެކެވެ. ޙުސައިން ގަދަހަމާދިމަނިކުފާނާއި މީނާއީ ނޮޅިވަރަންފަރު ހަނދޭގިރިކަލޭގެފާނުންގެ ފުތް މުޙަންމަދު ގަދަހަމާދިކަލޭގެފާނުންގެ ދަރިއެކެވެ. މޭނާ ބަނޑޭރި ފަނޑިއަތްތަކުރުފާނާއި އޭނާއާ އެއްބަފައި ޢުމަރުމަނިކާއި... މިމީސްމީހުނާ ތަބަޢަވީ މީހުނާއެކު ދުއިސައްތައެއްހައި ހިތްވަރުގަދަމީހުން ފިކުރުޖަމްޢުކޮށް ހޮޅީންއަތުން ރަސްކަން އަތުލާން އެއްބަސްވެއްޖައޫއެވެ. ދެން މަލާބާރީން ވެޔޮދޮށުގަނޑުވަރު އަށިގޭގައި ތިއްބައި މިއަހަރުމެ ޖުމާދަލްއާޚިރާމަހު ތިނެއްވީ އާދީއްތަ ވިލޭރެއި ނުވަފުޅީގެ ވަގުތުގައި މުނާޖާއިރުނުވަނީސް މުނާޖާއަށް ގޮއްވައިފައި ހޮޅީންގެ ގާތުގައި އުޅޭ މީހަކަށް ބުނެގެން އެމީހާލައްވައި ވެޔޮދޮށުގަނޑުވަރު ދޮރޯށިހުޅުވައިގެންވެދެ މަލާބާރީނާ ހަނގުރާމަކޮށް އެއުރެން މަރައި އެފަހަރަށް އަތުނުވިމީހުން ތަންތަނުން އަތުލައި ބަނދެ މަރައި ކަނޑުލައި ރާއްޖޭގެމީހުންނަށް ރާއްޖެ މިލްކުވެއްޖެހިނދު މަލާބާރީންކުރެން ބަޔަކުމީހުން ހައިވަކަރުއޮޑިޔަކާއިގެން ފިލައިގެން ހިނގައްޖައޫއެވެ. މާތްރަސްކަލާނގެ މިކަމުގައި މިޙަސަންމަނިކުފާނަށް ވާގިދެއްވައި ނަޞްރުދެއްވެވީމައި ރަށުގައިތިއްބެވި އެންމެހައި ބޮޑުންނާއި މިޙަސަންމަނިކުފާނު ވިދާޅުވި ބަސްފުޅީ ތިމަންމަނިކުފާނު ތިޔަތަނުން ލާރިއެއް ނުހިއްޕަވާނަމެވެ. އަހަރެމެންގެ ރަސްގެފާނުންގެ ޚަބަރު ޤާއިމުވާންދެން އެރަދުންނަށް ތާނިޔާކިޔައި ސިއްކަފުޅު ހިންގުމަށް އެންމެބޭކަލުން ޤަބޫލުވެއްޖެނަމަ ހަވަރަށް ހަމައަށް ތިޔަލާރިތައް ބަހައިދޭށެވެ. ދެން އެންމެބޭކަލުން މިމަގަށް ޤަބޫލުވެއްޖެއެވެ. ދެން މިމަގަށް މިލާރިތައް ބައްސަވައިދެއްވަވައި އިބްރާހީމް ރަސްގެފާނުންގެ އާމިނާކަނބާފާނެވެ ކިޔާ ދަރިކަނބަލުން ވެރިކޮށްގެން މިދަރިކަނބަލުންނަށް ރާއްޖޭގެ ކަންތައް ބަލައިދީ ކަންތައް ކުރެއްވުމަށް މިޙަސަންމަނިކުފާނާއި މިހަނގުރާމައިގައި މިމަނިކުފާނާ ތަބަޢަވެ އުޅުނު ބޮޑުންނާއި މިއެންމެ ބޭކަލުންގެ ބަސްފުޅީ ވިދާޅުބަސްފުޅުކަމަށް ޤަބޫލުވެއްޖައޫއެވެ. މިޙަސަންމަނިކުފާނު މަލާބާރީން އަތުން ރަސްކަން އަތުލެއްވިރޭގައި ދިވެހީންގެ ދެމީހުން މަރުވިއެވެ. އެކަކު މަރުވީ ސޭކުއްޓީ ޙާޖީގެ އަތުގައިއޮތް ކަނޑިޔަކުން ޖެހިއެވެ. އަނެކަކު މަރުވީ އެމީހުންގެ މީހަކު ގޮއްވައިލި ކައިތުވައްބަޑިޔަކު އުންޑައިން ޖެހިއެވެ. ދެން މިޔަށްފަހު ކަންނަންނޫރު ޢަލީރާޖާ ދިވެހިރާއްޖޭގެ ރަސްކަން އައުކުޅައުމަށް ދެފުރެއްދެއޮޑިޔާއިގެން ބަޔަކު ފޮނުވިއެވެ. އެމީހުންގެ ވެރިޔަކު ކަމަށް ފޮނުވީ ރަދުންގެ އަރިހުގައި ދުރުވެންނެވި އަލްވަޒީރު ހުރައި ޙުސައިން ދަހަރާކަލޭގެފާނުގެ ފުތް އަލްވަޒީރު މުޙަންމަދު ފާމުލަދޭރިމަނިކުފާނުންގެ ފުތް ޙުސައިންމަނިކުފާނެވެ. މިދެއޮޑިއައިސް މާލެޔާ ގާތްވީމައި މާލޭގެ ކޯއްޓޭގައި މަލާބާރީންގެ ދިދަނަގައިފައި އެމީހުންގެ ހެދުން ހެެދިހެން މީހުން ފައުރުމައްޗަށް އަރައިތިބޫއެވެ. ދެން އެދެއޮޑިއައިސް މާލޭ ކަނޑިންމައިން ވަނީމާއި ކަނޑިންމަ ތަޅުލާފައި އެދެއޮޑިން އައިމީހުން ހިފައި ހައްޔަރުކޮށްފޫއެވެ. ދެން އޭގެތެރެއިން މަރަންވީ މީހުން މަރައި ހައްޔަރުކުރަންވީ މީހުން ހައްޔަރުކޮށް ޙުސައިންމަނިކުފާނު އަތުލައްވަވާފޫއެވެ. ދެން އެދެއޮޑީގެ މީހުނަށް މާތްކަލާނގެ ނިޔާފުޅުގައިހުރި މަގުން ކަންތައް ވެއްޖެއެވެ. ދެން މިޔަށްފަހު ކަންނަންނޫރު ޢަލީރާޖާއާ ބައްދަލުވާން ދުރުވި ފަނޑިޔާރުކަލޭގެފާނު މާޅޮސްމަޑުލުގައި ހުންނަވަނިކޮށް މާލޭގެ މީހުންނަށް މާލެ މިލްކުވީ ވާހަކަ އައްސަވައިފައި މާލެއަށް ދުރުވެއްޖެއެވެ.

(ދިވެހި ތާރީޚު: ޞަފްޙާ 164 - 175)

(ނުނިމޭ)