(28 ޖޫންގެ އަދަދާ ގުޅޭ)
ފާއިޒު ހިނގައިގަތީ ރަށުގެ ހޭޅިފަށާ ދިމާލުން އޮތް ހަނިމަގުންލާފައެވެ. އޭރު މުޅި މީހާ ހުރީ ގަނޑުފެންގަނޑެއްހެން ފިނިވެފައެވެ. ރަށުގެ އުތުރު ފަރާތުން ތޮށިގަނޑާ ދާދިގާތަށް ދެވުނު ތަނާ ވަރަށް ބާރަށް ވިދާލިއެވެ. އެ ވިދުވަރުގެ އަލިކަމުގެ ތެރެއިން ފާއިޒަށް އެއްޗެއް ފެނުނުހެން ހީވިއެވެ. ބިންމަތިންނެވެ. އޭނާ ގުދުވެލިއެވެ. ރަނގަޅަށް ބަލައިލުމަށެވެ.
އެވަގުތު ފާއިޒުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެތައް އިރަކުން ބަލަހައްޓައިގެން ހުރެވުނެވެ. ގަބޫލު ކުރަން ދަތިވެފައެވެ. އޭނާގެ ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. ފެންނަން އެހުރި ފިޔަވަޅަކީ އިންސާނެއްގެ ފިޔަވަޅު ނޫންކަން އޭނާއަށް ޔަގީންވެއެވެ. އެހާވެސް އެފިޔަވަޅު ބޮޑެެވެ.
ފާޒިޒު ރަނގަޅަށް ބަލައިލިއެވެ. ފިޔަވަޅު ދަތުރުކޮށްފައިވާ ދިމާއަށެވެ. އަނެއްކާވެސް އޭނާގެ ބިރުވެރިކަން ވީ އިތުރެވެ. ދޮންވެލިގަނޑު މަތީން އޭނާއަށް ފެންނަނީ އެންމެ ފިޔަވަޅެކެވެ. ހަމައެކަނި ކަނާތުފައިގެ ފިޔަވަޅެވެ. ބޮޑަށް ވައްތަރީ އަންހެން ކުއްޖެއްގެ ފިޔަވަޅާއެވެ. ފިޔަވަޅު ދަތުރުކޮށްފައިވަނީ ރަށުގެ އިރުމަތީ ފަރާތުންނެވެ.
ފާއިޒު އެދިމާއަށް ހިނގައިގަތެވެ. މަޖުބޫރުވެގެންނެވެ. އަމިއްލަ ދަރިފުޅުގެ ހައްގުގައެވެ. މުޅިމީހާ ރޫރޫ އަޅާ ހާލުގައެވެ. ބިރުން އެކަންޏެއް ނޫނެވެ. ހީކަރުވާތީވެސް މެއެވެ.
ވެހެމުންދާ ބޯވާރޭ ގެ ސަބަބުން ފާއިޒުއަށް އެއްކަމެއް ވިސްނުނެވެ. އެފިޔަވަޅަކީ ދެންމެ ގޮސްފައިވާ މީހެއްގެ ފިޔަވަޅުކަމެވެ. ނޫންނަމަ މިހާ ބޯކޮށް ވާރޭ ވެހޭއިރު އެފިޔަވަޅު ހުރީހީ ފޮހެވިގެން ގޮސްފައެވެ.
އެހެން ހިތަށް އެރުމާއެކު ފާއިޒުގެ ބިރުވެރިކަން އަނެއްކާވެސް އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ.
ރަށުގެ އިރުމަތީ ފަރާތުން ދެކުނު ފަރާތަށް ލަނބާލަ ހިސާބަށް ދެވިއްޖެއެވެ. ދެބުރި އިމާރާތާ ދިމާއިން އޮތް ހަނިމަގާ ދިމާއަށް ފާއިޒު މިސްރާބު ޖެހިއެވެ. ފިޔަވަޅު ބަލައިގެންނެވެ.
ވަކި ހިސާބަކަށް ދެވުނު ތަނާ އޭނާގެ ނޭފަތުގައި އާދަޔާ ހިލާފު ވަހެއް ޖެހިއްޖެ އެވެ. އެއީ ވަރަށް ނުބައި ވަހެކެވެ. މީގެ ކުރިން ދުވަހަކުވެސް އޭނާގެ ނޭފަތުގައި އެވަސް ޖެހިފައެއް ނުވެއެވެ.
ފާއިޒު ނޭފަތް މަތީގައި އަތްއެޅިއެވެ. ހަމައެވަގުތު އޭނާއަށް ބިރުވެރި އަޑެއް އިވުނެވެ. ގަސްތަކާ ދިމާލުންނެވެ. އޭނާ އެދިމާއަށް ބަލައިލިއެވެ. އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އޭރުވެސް އެވަސް ދުވައެވެ. ކުރިއަށް ދެވޭވަރަކަށް ވަސްވެސް ދިޔައީ ގަދަވަމުންނެވެ.
ވަކި ހިސާބަކަށް ދެވުނުތަނާ އަނެއްކާވެސް އޭނާގެ ކަންފަތުގައި އަޑެއްއައިސް ޖެހިއްޖެއެވެ. ހަމަ އެގަސްތަކުގެ ތެރެއިންނެވެ. މިފަހަރު އޭނާއަށް ފާހަގަކުރެވުނެވެ. އެއީ އަންހެން އަޑެކެވެ.
********
"އަޅެ މަންމާ! އަޅުގަނޑު ވަރަށް ބިރުއެބަ ގަނޭ... ބައްޕަވެސް ހާދަ ލަސްވެއްޖޭ! މިހާރު އެއޮއް އެގާރަ ޖަހަނީ...." ރުކްޝާން ހުރީ ރޮވިފައެވެ. މަންމަގެ ގައިގައި އޮޅުލައިގަނެގެންނެވެ. އައިންތުވެސް ހުރީ ވަރަށް ބޮޑަށް ބިރުގެންފައެވެ. ސަމާއިލްގެ ހަބަރެއް ނުވާތީ އެކަންޏެއް ނޫނެވެ. ފާއިޒުވެސް ނާންނާތީއެވެ. އެއްވެސް ކަމަކާ ނުލައި އެދެމީހުން މިހާދަންވަންދެން ބޭރުގައެއް ނޫޅޭނެއެވެ. އެއީ ޔަގީންކަމެކެވެ. އަމުދުން ސަމާއިލްއަކީ އެކަނި ބޭރުގައި އުޅޭ ކުއްޖެއްވެސް ނޫނެވެ.
އައިންތުމެން އިރުއިރުކޮޅުން ބޭރު ބަލައިލައެވެ. އެދެމީހުން ކުރެ މީހަކު ފެނޭތޯއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. އެއީ ބޭކާރު ބެލުމެކެވެ. ވެހޭވާރެއިން ތަނެއް ފެންނަ ވަރެއްވެސް ނުވެއެވެ. ޖެހެމުންދާ ރޯޅި އެންމެ ތަންފުކެއްވެސް މަޑެއްނުވެއެވެ. ވެހޭވާރޭ ބޯކަމުން ކައިރީގައި ހުންނަ މީހަކުވެސް ވަކިވާވަރެއް ނުވެއެވެ. ބޭރުގައި އުޅޭ މީހަކަށް ލޯހުޅުވައިގެން އުޅެންވެސް ދަތިވާނެއެވެ.
********
ފާއިޒު ގަސްތަކާ ދިމާއިން އަތިރިމައްޗަށް ނިކުމެއްޖެއެވެ. އަޑު އައި ދިމާއަށެވެ. ދުވެފައެވެ. އެވަގުތު އޭނާ ދިޔައީ ސިއްސައިގެންނެވެ. ގަދައަލިކަމެއް އެދިމާއިން އޭނާއަށް ފެންނަމުން ދިޔައެވެ. ހީވަނީ މުޅި ހިސާބު ދިއްލާފައިވާހެންނެވެ.
ފާއިޒުގެ ބިރުވެރިކަން ކޮޅުންލައިފިއެވެ. އޭނާ އެނބުރުނެވެ. އަދި ގެއާދިމާއަށް ދުއްވައިގަތެވެ. "ބައްފާ! ބައްފާ!" ފަހަތުން ފާއިޒުގެ ކަންފަތުގައި އައިސް ޖެހުނީ ސަމާއިލްގެ އަޑެވެ. "ބައްޕާ! އަޅުގަނޑު ސަލާމަތްކުރޭ.... އަޅުގަނޑު...." ސަމާއިލްގެ އަޑުގައިވަނީ ބިރުވެރިކަމެވެ. އެއަޑުގައި އެތައްވޭންތަކެއް އެކުލެވިފައިވެއެވެ.
ފާއިޒު ފަހަތަށް އެނބުރި ބަލައިލިއެވެ. މިފަހަރު އޭނާއަށް ލިބުނު ހައިރާންކަން މާބޮޑެވެ. ދެންމެ ފެނުނު އެއްވެސް ކަމެއް މިހާރު އެތާކު ފެންނާކަށް ނެތެވެ. އަލިކަމެއްވެސް ނެތެވެ. ދެންމެ ދުވި ވަހެއްވެސް މިހާރަކު އޭނާއަކަށް ނުދުވައެވެ. އެކަމަކު އެދިމާ ބިންމަތީގައި އެއްޗެއް އޮތްހެން ފާއިޒުއަށް ހީވިއެވެ. އޭނާ އެދިމާއަށް ދުއްވައިގަތެވެ. ބޭއިހުތިޔާރުގައެވެ.
"ދަރިފުޅާ!" ބިންމަތީގައި އޮތް ސަމާއިލްގެ ހަށިގަނޑުގައި ފާއިޒު އޮޅުލައި ގަތެވެ. އެހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތެވެ. ފުރާނަވަނީ ވަކިވެފައެވެ.
"ކޮއްކޯ! އަދިވެސް ތެދުވާކަށް ނުވޭތަ؟ މިހާރު އެއޮށްގެން ފުރާގަޑި ޖެހެނީ...." ރުކްޝާން ސަމާއިލަށް ގޮވާތާ މިހާރު ކިތަންމެ އިރެކެވެ. ފޭދޫފިނޮޅަށް ދަތުރުދިއުމަށް ހަމަޖެހިފައި އޮތީމައެވެ.
"ދޮންތާ! އަހަރެން ދަތުރު ދާހިތެއް ނެތް! ދޮންތަމެންދޭ!" އެނދުން ތެދުވަމުން ސަމާއިލް ބުނެލިއެވެ. އޭނާ ވިސްނާލިއެވެ. ދެންމެ ފެނުނު ހުވަފެނާ ދޭތެރޭގައެވެ.
-ނިމުނީ-