(25 ޖޫންގެ އަދަދާ ގުޅޭ)
ސަމާއިލް ހިނގުން ބާރުކޮށްލިއެވެ. ކުއްލިއަކަށް ވަރަށް ގަދަފަދަ އަޑުފައްގަނޑެއް އިވިގެން ދިޔައެވެ. ދާދިގާތުންނެވެ. ގަސްތަކުގެ ބިއްދޮށުންނެވެ. ސަމާއިލް ދިޔައީ ސިއްސައިގެންނެވެ. އޭނާ އެގަސްތަކާ ދިމާއަށް ބަލައިލިއެވެ. އަޑުއައި ދިމާއަށެވެ. އެވަގުތު އޭނާގެ މުޅި ހަށިގަނޑު ތުރުތުރު ލައިގެން ދިޔައެވެ. ހުރިތަނަށް ހުއްޓުނެވެ. ކުރިއަށް އެންމެ ފިޔަވަޅެއް ވެސް އަޅާކަށް ނުކެރުނެވެ.
*************
"ދަރިފުޅާ ކޮބައިތަ ސަމާއިލް؟" އައިންތު ސުވާލު ކުރީ ރުކްޝާން އާއެވެ. "ކޮއްކޮ އަދިވެސް ނާދޭތަ؟" ރުކްޝާން އިނީ ޓީވީ ބަލަން ހޯލުތެރޭގައެވެ.
"ދަރިފުޅު ކޮއްކޮއަށް ގޮވިންތަ؟" އައިންތު ހުރީ ހިތްހަމަނުޖެހިފައެވެ.
"އާދެ މަންމާ! އޭގެ ފަހުން ވަރަށް ގިނައިރު ވެދާނެ" ރުކްޝާން ހުރީ ހާސްވެފައެވެ. ވެގެން އުޅޭ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ.
"ކިހިނެއްތަ ވެގެން ތިއުޅެނީ..؟ ހާދަ ހާސްވެފަ ތިބިހެން ހީވޭ!" އެވަގުތު ވީ ފާއިޒަށް ވެސް ކޮޓަރިން ނުކުމެވުނު ވަގުތަށެވެ. "މިއުޅެނީ ސަމާއިލް ވީތަނެއް ނޭނގިގެން" އައިންތުވެސް ހުރީ ހާސްވެފައެވެ.
"ހާދަ ބިރެކޭދޯ ތިގަންނަނީ؟ ސަމާއިލް އަކީ ކުޑަކުއްޖެއްވެސް ނޫނެއްނު... ތިވާނީ ގޮނޑުދޮށަށް ނަމަވެސް ތަނަކަށް ދިޔައީކަމަށް އިރުކޮޅަކުން އަތުވެދާނެ. ތިހާވަރަށް ހާސްނުވެބަލަ...." ފާއިޒުގެ މޫނުމަތިން މާބޮޑު ހާސްކަމެއް ނުފެނެއެވެ.
"އެކަމަކު މިހާރު އެއޮށްގެން ނުވައެއް ޖަހަނީ.. އޭނަގެ ހަބަރެއް ނުވާތާ މިހާރު ތިން ގަޑިއިރެއްހާއިރު ވެއްޖެ.. އެހެންޏާވެސް އޭނަ އެހެނެއް ނުއުޅެއެއްނު...." ފާއިޒުގެ ވާހަކައާމެދު އައިންތު ހިތްހަމައެއް ނުޖެހެއެވެ.
"ބައްޕާ! ކޮއްކޮ މެންދުރުވެސް އުޅުނީބޮލުގަ ރިއްސާތީ... ސައިބޯން އަންނަން ކޮއްކޮއަށް އަޅުގަނޑު ގޮވިން. ބުނި މިދަނީއޭވެސް. ދެން ކޮންތަނަކަށްތޯ ކޮއްކޮދާނީ؟" ރުކްޝާން ހުރީ ފިކުރުބޮޑުވެފައެވެ.
"އެންމެ ރަނގަޅު. މާބޮޑަށް ހާސްނުވޭ... ބައްޕަ އަންނަންވާއިރަށް ކާން ހަދާލަން ވީނު؟" ފާޒިރު ރުކްޝާންގެ ބުރަކަށީގައި ފިރުމާލިއެވެ.
"އަވަހަށް އަންނައްޗޭ! ހިނގާ ދަރިފުޅާ އެތެރެއަށް..." ފާއިޒު ހިނގައިގަތުމުން އައިންތު ރުކްޝާންއާ ދިމާއަށް ބުނެލިއެވެ. އަދި ރުކްޝާން ގޮވައިގެން ހިނގައިގަތެވެ.
ފާއިޒު ހިނގައިގަތީ ރަށުގެ ހުޅަނގު ފަރާތު ތުނޑިއާ ދިމާއަށެވެ. ސަމާއިލް ހޯދުމަށެވެ. ރަށުގެ ހުޅަނގު ފަރާތުން އަތިރި މައްޗަށް ދެވެން އޮންނަ ހަނިމަގާ ދިމާއަށް އޭނާ މިސްރާބު ޖެހިއެވެ. ވަރަށް ބާރަށް ވައިޖެހެމުން ދިޔައެވެ. ފާޒިއުވެސް ހާސްވިއެވެ. އެހާ ވިއްސާރަ ވަގުތެއްގައި ސަމާއިލް ބޭރުގައި އުޅެފާނެކަމަކަށް އޭނާއަށްވެސް ގަބޫލުކުރަން ދައްޗެވެ.
ބޮޑުތިކިވާރޭ ތުނިތުނިކޮށް ވެހެމުން ދެއެވެ. ހުޅަނގުފަރާތަށް ދާންއޮތް މަގުގެ ވަށައިގެން ހުރި ގަސްތައްވަނީ މުޅިން ތެމިފައެވެ. ހަނދުވަރުގެ އެއްވެސް އަލިކަމެއް ނެތެވެ. ވަރަށް އަނދިރިއެވެ. ތަނެއް ދޮރެއް ވަކިވާ ވަރެއް ނޫނެވެ.
ގޮނޑުދޮށަށް ނިކުމެވުނުއިރު ފާޒިރު ހުރީ ތެމިފޯވެފައެވެ. އެވަގުތު ހަމަޖެހުމުގެ ނޭވާއެއް އޭނާއަށް ލެވުނެވެ. ބޯގަސްތަކުގެ ތެރެއިން ނުކުމެވުމުންނެވެ.
ފާއިޒު ވަށައިގެން ބަލައިލިއެވެ. ސަމާއިލް ފެނޭތޯއެވެ. ނަމަވެސް އޭނާއަކަށް ސަމާއިލެއް ނުފެނުނެވެ. "ސަމާއިލް! ދަރިފުޅާ!" ފާއިޒު ސަމާއިލަށް ގޮވާލިއެވެ. އޭނާގެ އަޑުގައި ވަނީ ހާސްކަމެވެ. ނުތަނަވަސްކަމެވެ.
މާގިނައިރުތަކެއްނުވެ ވަރަށް ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. ގުގުރައި ވިދަންވެސް ފަށައިފިއެވެ. ޖެހެމުންދާ ރޯޅި ބާރުކަމުން ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ރުށްތަކުގެ ފަންތައްވެސް ހީވަނީ ރުޅިއައިސްގެން އުޅޭހެންނެވެ. އިރުއިރުކޮޅުން ވިދާލައެވެ. އިރުއިރުކޮޅުން ޖަހާ ގުގުރީގެ އަޑުގަދަކަމުން އެރޭގެ ބިރުވެރިކަން އެތައްގުނައަކަށް އިތުރުކުރުވައެވެ.
ފާއިޒު ތުރުތުރު އަޅަން ފަށައިފިއެވެ. އޭނާ ރަށުގެ އުތުރުފަރާތަށް މިސްރާބު ޖެހިއެވެ. ގޮތްހުސްވެފައިވާ މީހެއް ފަދައިންނެވެ. މިހާރު އޭނަވެސް ހުރީ ބިރުގަންފައެވެ. ކިތަންމެ ޖެހިލުން ކުޑަ އަދި ބިރުކުޑަ މީހެއް ނަމަވެސް ބިރުގަންނަ ފަދައިއެވެ.
(ނުނިމޭ..)