ވާހަކަ

ކުރު ވާހަކަ: ހަމަހިމޭންރޭ - 02

(02 ޖޫންގެ އަދަދާ ގުޅޭ...)

އެހެންޏާ ނުވާ ފަދަ ގޮތްތަކެއް ވަމުން ދިޔައެވެ. ހަށިގަނޑު ފިނިވަމުންދާހެން އޭނާއަށް ހީވިއެވެ. ބައެއްފަހަރު ރޫރޫވެސް ލައެވެ. ސަމާއިލް އިތުރު ބެޑްޝީޓެއް ނަގައި ގައިމަތީގައި އަޅާލިއެވެ. ހަށިގަނޑަށް ލިބެމުންދާ ފިނިކަން ކުޑަކުރެވޭތޯއެވެ. ކުޑަދޮރުތައްވެސް ލައްޕާލިއެވެ.

މިހުރިހާ ކަަމަކުންވެސް ހަށިގަނޑަށް ލިބެމުން ދިޔަ ފިނިކަން ކުޑަވާގޮތެއް ނުވިއެވެ. ހައްތަހާ ދިޔައީ މައްޗަށެވެ. ސަމާއިލަށް އޮވެވުނީ ހައިރާން ވެފައެވެ. ގޭގެ ބޭރުން ދިއްލާފައިއޮތް ގަދައަވި އޭނާއަށް އެތާ އޮންނައިރުވެސް ފެންނަމުންދިޔައެވެ. އޭރު މެންދުރު ފަހު ގާތްގަނޑަކަށް ދޭތްޖަހައި ބޮޑުވެދާނެއެވެ. މޫސުން ވަރަށްވެސް ރީއްޗެވެ. ނޫކުލަ ފިޔަވާ އެހެން ކުލައެއްވެސް އުޑުމައްޗަކުން ނުފެނެއެވެ.

ނިދުނީ ކޮން އިރަކު ކަމެއް ސަމާއިލަކަށް ނޭގެއެވެ. ހޭލެވުނީ ގަދަހޫނެއްގެ ދިލަ ހަށިގަނޑަށް އިހްސާސް ކުރެވިގެންނެވެ. އޭރު މުޅި މީހާ ވަނީ ދާހިތްލާ ތެމިފޯވެފައެވެ. ނިދަން އޮށޯތްއިރަށްވުރެވެސް އިތުރު ވަރިބަލިކަމެއް އޭނާ ހަށިގަނޑަށް ވަނީ އިހްސާސްކުރަން ޖެހިފައެވެ. މުޅި މީހާ ވަނީ ލޮޑުވެފައެވެ. ސަމާއިލް ވިސްނޭތޯ މަސައްކަތް ކުރިއެވެ. އޭނާގެ ސިކުޑި ސުމަކަށް ހިނގައްޖެއެވެ. އެއްވެސް ކަމެއް ނުވިސްނެއެވެ.

އޭނާ އެނދުން ތެދުވިއެވެ. ދުނިޔެމައްޗަށް ވަނީ އަނދިރިކަން ވެރިވެފައެވެ. "ކޮއްކޯ! އަންނާށޯ ސައިބޯން" މަތީބުރީގެ މައްޗަށް އަރަންހުރި ސިޑިން އަރަމުން ރުކްޝާން ސަމާއިލަށް ގޮވާލިއެވެ. "މިދަނީ ދޮންތާ!" ސަމާއިލް ތެދުވިއެވެ. އަތުގައިއޮތް ގަޑިއަށް ބަލައިލިއެވެ. އޭރު ގަޑިން އިރުއޮއްސި ހަގަޑިބައިވެ ބޮޑުވެއްޖެއެވެ.

ހަނދުވަރުގެ އަލިކަން ފަނޑުގޮތަކަށް ދުނިޔެމައްޗަށް ވަނީ ވެރިވާން ފަށާފައެވެ.

ސަމާއިލް މަޑުމަޑުން ސިޑިން ތިރިއަށް ފޭބިއެވެ. އޭރު ރުކްޝާން ފެންނާކަށް ނެތެވެ. ސަމާއިލް ވަށައިގެންވާ މަގޫގަސްތަކާއި ކުރެދިގަސްތަކާ ދިމާއަށް ނަޒަރު ހިންގާލިއެވެ. މަޑުމަޑު ތެތްފިނިކަމެއް މުޅި ފަޒާގެ ތެރެއަށް ވަނީ ވެރިވެފައެވެ. ހަނދުން ދީފައިވާ ފަނޑުއަލިކަމުގެ ތެރެއިންވެސް ގަސްތަކުގެ ފަތްތަކަށް ލިބިފައިވާ ވިދުވަރު ސަމާއިލަށް ފާހަަގަ ކުރެވުނެވެ. އެވަގުތު ސަމާއިލް ކުރިޔަށް ހިނގައިގަތެވެ. ސައިބޯން ދިއުމަށެވެ.

ވަކި ހިސާބަކަށް ދެވުނު ތަނާ ހުރި ފިޔަވަޅު މައްޗަށް ސަމާއިލަށް ހުއްޓެވިއްޖެއެވެ. އާދަޔާ ހިލާފުއަޑެއް އޭނާގެ ކަންފަތުގައި ޖެހުނެވެ. އެއަޑު އަންނަ ދިމާއަށް ސަމާއިލް ބަލައިލިއެވެ. އެވަގުތު އެދިމާލުން އިތުރު އަލިކަމެއް އޭނާއަށް ފެނުނެވެ. އެއީ އާދަޔާހިލާފު އަލިކަމެކެވެ. އެއަލިކަން ސަމާއިލްގެ ލޮލަށް ފާހަގަކުރެވުނީ ވިދުވަރެއްފަދައިންނެވެ. މުޅިމީހާ ދިޔައީ ފިނިވެގެންނެވެ. ހަށިގަނޑުން ހީބިހިނަގައިގަތެވެ.

އެއީ ފޭދޫފިނޮޅުގެ އިރު ދެކުނުގެ ފަރާތު އަތިރިމައްޗެވެ. އެ އަޑު އަންނަ ދިމާއަށް ސަމާއިލް މަޑުމަޑުން ހިނގައިގަތެވެ. އެއީ އޭނާ ގަސްދުގައިކުރި ކަމެއް ނޫނެވެ. ބޭއިހުތިޔާރުގައި ހިނގައިގަނެވުނީ އެވެ. މަޑުމަޑުން ޖެހެމުންދިޔަ ވައިރޯޅިވެސް އޭރު ބާރުވަމުންދާހެން ސަމާއިލްއަށް ހީވަމުން ދިޔައެވެ.

ރަށުގެ އިރުމަތީ ފަރާތުން އަތިރިމައްޗަށް ނިކުންނަން އޮތް ހަނިމަގާ ދިމާއަށް ސަމާއިލް މިސްރާބް ޖެހިއެވެ. އެއަޑު އަންނަނީ ގޮނޑުދޮށުން ކަމަށް ވާތީއެވެ. ކައިރިއަށް ދެވޭވަރަކަށް އަޑުވެސް ދިޔައީ ބާރުވަމުންނެވެ.

ގޮނޑުދޮށަށް ނިކުންނަށް އޮތް މަގުގެ ވަކި ހިސާބަކަށް ދެވުނުތަނާ ވަރަށް ބާރަށް ގުގުރާލިއެވެ. ހަމައެވަގުތު ވިދާލި ވިދުވަރުން މުޅި ދުނިޔެ އަލިވެގެން ދިޔައެވެ. އިރުއޮއްސުނު އިރު ދުނިޔެމަތީގައި ވެރިކަން ކުރަމުން ދިޔަ ފަނޑުނަމަވެސް ހަނދުވަރުގެ އެއްވެސް ކުލަވަރެއް މިހާރު އުޑުމައްޗަކުން ފެންނާކަށް ނެތެވެ. ޖެހެމުންދާ ވައިރޯޅި ބާރުކަމުން ސަމާއިލްއަށް ކުރިއަށް ހިނގަންވެސް ދަތިވަމުން ދިޔައެވެ. ގަސްތައްވެސް ހީވަނީ މުލުން ލުހެލައިފާނެހެންނެވެ. އެއްގަސް އަނެއްގަހުގައި ކޭއްތެމުންދާ އިރު ސަމާއިލްގެ ހިތަށް އިތުރު ބިރުވެރިކަމެއް ވަންނަމުން ދިޔައެވެ. މާގިނައިރުތަކެއްނުވެ ބޯކޮށްވާރޭ ވެހެން އުޅޭ ކަމުގެ އަލާމާތްތައްވެސް ފެންނަށް ފަށައިފިއެވެ. ބަލައިގެން ވެހޭވާރެއޭ ބުނާ އުސޫލުން ތުނިތުނިކޮށް ވާރޭވެސް ވެހެން ފަށައިފިއެވެ.

(ނުނިމޭ..)