ވާހަކަ

ކުރު ވާހަކަ: ހަމަހިމޭންރޭ - 01

(މިއީ 2000ގެ އަހަރު ތަކުގެ ތެރޭގައި ހިނގި ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.)

"އައިންތޫ! އަވަސްކޮށްބަލަ. މިހާރު އެއޮއް ހަތެއްޖެހީ.. ހާދަހާވާ ތަންމަތިބޮޑޭދޯ" ފާއިޒުމެން ތައްޔާރުވަމުން ދިޔައީ ބަންދު ދުވަހެއް ކަމުން ފޭދޫފިނޮޅަށް ދިޔުމަށެވެ. މަޖާކޮށްލުމަށެވެ. އާއިލީ ލޯބި އިތުރުކޮށްލުމަށްވެސް މެއެވެ.

"ކޮއްކޯ! އަވަހަށް ޕިކަޕަށް ގުޅާބަލަ! އޭރުންދެންވެސް އަވަސްވާނީ" ރުކްޝާން މުހާތަބު ކުރީ އޭނާގެ ކޮއްކޮ ސަމާއިލްއާއެވެ. ސަމާއިލް އާއި ރުކްޝާން ކިޔަވައި ނިމުނީ މިދިޔައަހަރުގައެވެ. ވަޒީފާ އަދާކުރަމުން އަންނަނީ އެއް އޮފީހެއްގައެވެ. ދެބޭންވެސް އެކަކު އަނެކުދެކެ އިންތިހާއަށް ލޯބިވެއެވެ. އެކަކު އަނެކަކުގެ ހާލުއަހުވާލު ބަލައެވެ. އަޅައިލައެވެ. އެކެއްގެ އުފަލުގައި އަނެކަކު ބައިވެރިވެއެވެ. އެއީ އެކުދިންގެ މަންމަ އައިންތު އަދި ބައްޕަ ފާއިޒު އެކުދިންނަށް ދަސްކޮށްދީފައިވާ ގޮތެވެ. އެދެކުދިންގެ މާތް އަހްލާގުގެ އަސްލަކީ އެކުދިންގެ ލޯބިވާ މަންމައާއި ބައްޕައެވެ. އެމީހުން ދީފައިވާ ހަރުދަނާ ތަރުބިއްޔަތެވެ.

"ޕިކަޕަށް ގުޅޭނީ މަންމަ ތައްޔާރުވެ ނިމުނީމައެއްނު... ދޮންތަވެސް އަދި ތިއުޅެނީ ތައްޔާރުނުވެވިގެން ... ދެން ވެސް އަވަސްކޮށްބަލަ!" ސަމާއިލް މިފަހަރު ގަސްދުކުރީ ރުކްޝާންއާ ދިމާކޮށްލުމަށެވެ. އެއީ އޭނާގެ އާދައެވެ. ރުކްޝާންވެސް ކަންތައް ކުރާ އުސޫލުންނެވެ.

"ކޮބާ ދޮންތަ؟ އަދިވެސް ނުނިމެނީތާ؟ ހުރިހާ އެއްޗެތި ބޭރަށް ނެރެފިންތަ؟" ފާއިޒު މުހާތަބްކުރީ ސަމާއިލްއާއެވެ. "އުހުނ... އަދި ނުނެރެން.. ބައްޕަމެން ނުނިމޭތީ މަޑުކޮށްލައިގެން މިހުރީ" ސަމާއިލް އޭނާގެ ބައްޕައާ މުހާތަބްކުރީ މަޑުމައިތިރި ކަމާއެކުގައެވެ. ބައްޕައަށް ގަދަރު ކުރާތީއެވެ. "ހިނގާއެއްޗެތިތައް ބޭރަށް ނެރެން. މަންމަވެސް މިހާރު ތައްޔާރުވެ ނިމިއްޖެ" އަތްދަބަހެއް ނަގައި ކޮނޑުގައި އަޅައިލަމުން ގޭގެ ސިޓިން ރޫމުން ބޭރަށް ނުކުތުމަށް ފާއިޒް ހިނގައިގަތެވެ.

"ސަންސްކްރީން ފުޅި ދަބަހަށް ލިންތަ؟ ވަރަށް ހޫނުވާނެ ކަންނޭނގެ" އައިންތު ވާހަކަ ދެއްކީ ރުކްޝާން އާއެވެ.

"އަހަރެންވެސް ސަންސްކްރީން ފުޅި ވަރަށް ހޯދައިފިން. މިއުޅެނީ ނުފެނިގެން. ކޮންތާކުތަ އެފުޅިވީ" ރުކްޝާން އެހިއެވެ.

"އޮންނާނެ މަންމަގެ ކަބަޑުމަތީގަ" ރުކްޝާން ހިނގައިގަތީ މަންމަގެ ކޮޓަރިއާ ދިމާއަށެވެ. ސަންސްކްރީން ފުޅި ބަލައެވެ. "މަންމަގެ އަލަމާރީގައި އޮތް ނޫކުލައިގެ ތޮފިވެސް ދަބަހަށް ލައްޗޭ!" ރުކްޝާން ކޮޓަރިއަށް ވަންނަން ހިނގައިގަތުމުން އައިންތު ބުނެލިއެވެ.

"ދޮންތާ! ޕިކަޕު އަތުވެއްޖެ! އަވަހަށް ހިނގާދާން" ސަމާއިލް ރުކްޝާންގެ އަތުގައި ހިފައިދަމާގަތެވެ.

"މިއުޅެނީ މަންމަގެ ތޮފި ނުފެނިގެންނޭ!"

"މަންމަ ބުނީ ތޮފި ނުފެނުނަސް ހެވޯ. ދޮންތަ ކައިރީ ބުނާށޯ އަންނާށޯ!" މިފަހަރު ސަމާއިލް އަމިއްލައަށް ތަންކޮޅެއް އިތުުރުކޮށްލިއެވެ.

ފާއިޒުމެންނަށް މާލެއިން ފުރުނުއިރު ހެނދުނު އަށެއް ޖަހައިބޮޑުވެއްޖެއެވެ. ފޭދޫފުނޮޅަކީ އެމީހުން ވަރަށް ގިނައިން ދާ ރަށެކެވެ. ފާއިޒުއަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގައި ވަޒީފާ އަދާކުރާ މީހެއްކަމުން އެރަަށަށް ދިއުމަކީ އެމީހުނަށް އެހާ އުނދަގޫކަމެއްނޫނެވެ. ސަމާއިލްއާއި ރުކްޝާންވެސް އެ ރަށަށް ވަރަށް ދާހިތްވެއެވެ. ހާއްސަކޮށް ސަމާއިލް އެރަށަށް ވަރަށް ދާހިތްވެއެވެ. އެރަށުގެ ހިތްގައިމު ގޮނޑުދޮށާއި ރަށުތެރެއަކީ އޭނާގެ ހިތަށް ހާއްސަ އުފާތަކެއް ލިއްބައިދޭ ތަންތަނެވެ. އެކަނިމާއެކަނި ރޭގަނޑާއި ދުވާލުގެ ވަގުތު ތަކުގައި އެރަށުތެރޭގައި ހިނގައި ހެދުމަކީ އޭނަގެ އާދައެވެ.

ފޭދޫފިނޮޅަށް ލެފުމާއެކު ރުކްޝާން އެއްގަމަށް ދުއްވައިގަތެވެ. ރުކްޝާންފެ ފަހަތުން އެކުދިންގެ މަންމަ އައިންތުވެސް ދަބަސް ހިފައިގެން ހިނގައިގަތެވެ. "ދަރިފުޅާ ދަބަސްތަކުގަ ހިފާ! ބައްޕަ ހިފާނަން އެހެން އެއްޗެހީގަ" ސަމާއިލް ދެދަބަސް ނަގައި ދެކޮނޑުގައި އަޅުވާލިއެވެ. "މިހިރަ ކޮތަޅުތައް ގެނެސްދީފާނަންތަ؟" ލޯންޗުގެ ފަޅުވެރިޔަކަށް ގޮވާލަމުން ސަމާއިލް ބުނެލިއެވެ.

"ހާދަހޫނޭދޯ؟ ދީބަލަ ފެންތައްޓެއް...." ރުކްޝާންއަށް ގޮވާލަމުން ސަމާއިލް ވާހަކަ ދެއްކިއެވެ. އެއީ މެންދުރުގެ ވަގުތެވެ.

"ކޮން އެއްޗެއްތަ މެންދުރަށް ހަދަނީ؟ މަށަށްވެސް ކެވޭގޮތަށް ހަދައްޗޭ...." ސަމާއިލް ރުކްޝާންއަށް ޖެއްސުމެއްކޮށްލިއެވެ. މާކުޅިކޮށް ކާއެއްޗެތި ހަދާތީއެވެ.

"މިއަދު ހަދާނީ މިރުސްނާޅާ... އެންމެ ރަނގަޅެއްނު؟" ރުކްޝާންވެސް ދުލެއް ނުކުރިއެވެ.

"އޭރުން ދޮންތަޔޯ؟ ދޮންތައަށްވެސް ކެވޭގޮތަށް ހަދާންވާނީ..." ސަމާއިލް ގިތެޔޮ މިރުހެއް ނަގައި ރުކްޝާންއަށް ދިއްކޮށްލިއެވެ.

"ޖޫސްހަދަދިފިންތަ؟ އަހަރުމެން މިދަނީ މަސްބާނަން...." ފާއިޒު ގޮވާލީ އައިންތު އަށެވެ.

"ޖޫސްހެދިތާ ކޮން އިރެއް... ސަމާއިލް ޖޫސްބޮއިވެސް ނިމިއްޖެ. ދޯދަރިފުޅާ!" ފާއިރު ކައިރީގައި ހުރި ސަމާއިލަށް އިޝާރާތްކޮށްލަމުން އައިންތު ވާހަކަ ދެއްކިއެވެ.

ޖޫސްތަށި ބޯލައިގެން ފާއިޒު ހިނގައިގަތީ ގޮނޑުދޮށަށެވެ. ސަމާއިލްވެސް ގޮވައިގެންނެވެ. އައިންތުއާއި ރުކްޝާން މެންދުރު ކެއްކުމުގެ މަސައްކަތުގައި މަސްއޫލުވެގަތެވެ.

މެންދުރު ކެއުމަށްފަހު ސަމާއިލް ގަސްދުކުރީ ވަރުބަލިވެފަހުރިލެއް ބޮޑުކަމުން އަރާމުކޮށްލުމަށެވެ. އެހެން ކަމުން ގެސްޓު ހައުސްގެ ކޮޓަރިއަށް ގޮސް އަރައި އޮށޯވެލިއެވެ. ސަމާއިލް ނިދަން ވަންކަން އެނގޭނީ ހަމައެކަނި ރުކްޝާންއަށެވެ. ބައްޕައަށް އެނގިއްޖެނަމަ ބައްޕަ އުދަނގޫ ކުރާނެކަން އެނގޭތީ ބައްޕަ ކައިރީގައި ނުބުނީއެވެ.

ނިދެމުން ދިޔަ އިރު ސަމާއިލަށް އާދަޔާ ހިލާފު ކަންތައްތަކެއް އިހްސާސްވަމުން ދިޔައެވެ.

(ނުނިމޭ)