ބޮލީވުޑް

މިސްޓަރ އިންޑިއާގެ ރީމޭކެއް ހަދާނެ ކަމަށް ބޯނީ ބުނެފި

ލެޖެންޑަރީ ތަރިން ކަމުގައިވާ އަނިލް ކަޕޫރާއި ސްރީދޭވީ މޮޅު ހުނަރެއް ދެއްކި ފިލްމު އަދި ބޮޑެތި ކާމިޔާބީތަކެއްވެސް ލިބިގެން ދިޔަ ފިލްމު މިސްޓަރ އިންޑިއާއަށް 32 އަހަރު މިވަނީ ފުރިގެން ގޮސްފައެވެ.

ފިލްމާ ގުޅޭ ގޮތުން ޑައިރެކްޓަރު ޝޭކަރު ކަޕޫރާއި ފިލްމުގެ ލީޑް ބަތަލު އަނިލް ކަޕޫރު ކޮށްފައިވާ ޓުވީޓްތަކުން ދެމާނަ ނެގި ފިލްމުގެ ރީމޭކެއް ހެދުމަށް ވިސްނަމުން އަންނަ ކަމުގެ އަޑުތައްވަނީ އަރާފައެވެ.

ރަސްމީ ސިފައެއްގައި އެކަން ޔަގީންނުވެ އޮއްވައި ފިލްމުގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރު މިވަނީ މިސްޓަރ އިންޑިއާގެ ރީމޭކެއް ހެދުމަށް ނިންމާފައިވާ ކަން ހާމަކޮށްފައެވެ. ބޯނީ ބުނި ގޮތުގައި ފުރަތަމަ ހަދާނީ ފިލްމުގެ ރީމޭކެއް ކަމަށާއި އެއަށްފަހު އެ ފިލްމުގެ ފްރެންޗައިސެއް ހެދުމަށް ވިސްނާފައިވާކަމަށެވެ. އެކަންކަން ކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ޕްލޭން މިހާރު އެބައޮތް ކަމަށާއި އަދި އެކަމަކު ޓައިމްލައިނެއް ނިންމާފައި ނުވި ނަމަވެސް ވަރަށް އަވަހަށް މަސައްކަތް ފަށަން ގަސްދުކުރާކަމަށް ބޯނީ ބުންޏެވެ.

ފިލްމު ހެދުމުގެ އެންމެ މުހިންމު މަގްސަދަކީ އޭނާގެ އަންހެނުން ބަތަލާ ސްރީދޭވީ ވިދާލި ފިލްމަކީވެސް މިސްޓަރ އިންޑިއާ ކަމުގައި ވުން ކަމުގައި ބޯނީ ބުންޏެވެ. ސްރީދޭވީ މިހާރު މަރުވެފައިވާއިރު މިއީ އޭނާގެ ހަނދާން އާކޮށްދޭނެ ކަމަށްކަމަށް ވެގެންދާނެ ކަމަށް ބޯނީ ބުންޏެވެ. އަދި އަމްރިޝްޕޫރީ ގެ "މޮގެމެބޯ" ގެ ރޯލަކީ ފިލްމުގެ މާސްޓަސްޓްރޯކް ކަމުގައި ބޯނީ ސިފަ ކުރިއެވެ. އަދި އެ ފިލްމަކީ ބަތަލު އަނިލް ކަޕޫރުގެ މޮޅު ހުނަރުވެސް އެހާ ބޮޑަށް ފެނިގެން ދިޔަ އެއް ފިލްމު ކަމަށް ބޯނީ ބުންޏެވެ.

ބޯނީ ބުނީ ޝޭކަރު ކަޕޫރަށް ވަގުތު ވާނަމަ ފިލްމު މިފަހަރުވެސް ޑައިރެކްޓް ކުރަން ބޭނުން ވަނީ އޭނާ ލައްވާކަމަށެވެ. އަދި ފުރަތަމަ ފިލްމުގެ ކާސްޓުންނާއި ކްރޫއިންނަށް ރީމޭކުގައި ފުރުސަތު އެބައޮތްކަމަށާއި އަސްލު ފިލްމު އެހާބޮޑަށް ކާމިޔާބުވީވެސް އެހުރިހާ އެންމެންގެ ސަޕޯޓާ އެކީގައި ކަމަށް ބޯނީ ފާހަގަކުރިއެވެ.