ޔޫއެފާ ޔޫރޮޕާ ލީގު

ޗެލްސީން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި، އާސެނަލަށް ޗެމްޕިއަންސް ލީގުން ފުރުސަތެއް ނެތް

ބެލްޖިއަމް ތަރި އެޑެން ހަޒާޑުގެ ދެ ލަނޑާއެކު އާސެނަލް ބަލިކޮށް، ޗެލްސީން ޔޫއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އަޒަރުބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު ޔޫރޮޕާ ލީގުގެ ފައިނަލު މެޗުގައި އާސެނަލްގެ މައްޗަށް ޗެލްސީން ކުރި ހޯދީ 4-1ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަށް ނުކުތް އިރު، ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމުގެ ފުރުސަތު އާސެނަލަށް އޮތް ނަމަވެސް، އެޓީމަށް ވަނީ އެ ފުރުސަތުވެސް ގެއްލިފައެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ހޯދާފައިވުމުން ޗެލްސީއަށް މެޗަށް ނުކުތް އިރުވެސް ޗެމްޕިއަންސް ލީގުގެ ޖާގައެއް ވަނީ ކަށަވަރުވެފައެވެ. ފައިނަލް މެޗުން އާސެނަލް ބަލިވުމާއެކު ފްރާންސް ލީގުގެ ތިންވަނަ ހޯދި ލިޔޯންއަށް ޗެމްޕިއަންސް ލީގުގެ ގްރޫޕު ސްޓޭޖުން ޖާގައެއް ލިބޭނެއެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 34 ވަނަ މިނެޓުގައި ޗެލްސީގެ ޑިފެންޑަރު އެމަސަންއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އެ ހަމަލާގެ ހުރަހަކަށްވީ ޗެލްސީގެ ކުރީގެ ކީޕަރު އަދި މިހާރު އާސެނަލްގެ ގޯލު ބަލަހައްޓަމުން އަންނަ ތަޖުރިބާކާރު ގޯލްކީޕަރު ޕީޓާ ޗެކްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓުތެރޭ ޗެލްސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އެމަސަން ނަގައިދިން ހުރަހަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އާސެނަލްގެ ކުރީގެ ފޯވަޑް އޮލިވިއާ ޖިރޫއެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ އާސެނަލް ގޯލުގެ ތިރީ ކަނަކަށެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ޗެލްސީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ހަޒާޑް ދިން ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިން ފޯވަޑް ޕެޑްރޯއެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ޖިރޫއަށް އާސެނަލްގެ މެއިޓްލޭންޑް ނައިލްސް ކުރި ފައުލަކާ ގުޅިގެން ޗެލްސީއަށް ލިބުނު ޕެނަލްޓީއާ ގުޅިގެން އާސެނަލަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. ޗެލްސީއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، ތިން ލަނޑުގެ ލީޑެއް ހޯދައިދިނީ ހަޒާޑެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދިޔަ އެލެކްސް އިވޯބީ ކާމިޔާބުކޮށްދިން ލަނޑާއެކު އާސެނަލަށް އުންމީދެއް ލިބުނު ނަމަވެސް، އޭގެ ތިން މިނެޓުތެރޭ ހަޒާޑު ވަނީ ޗެލްސީއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އެ ލަނޑާއެކު 1991 ވަނަ އަހަރަށްފަހު ޔޫރަޕް މުބާރާތެއްގެ ފައިނަލުގައި ދެ ލަނޑު ކާމިޔާބުކުރި އިނގިރޭސި ކްލަބެއްގެ ފުރަތަމަ ކުޅުންތެރިޔަކަށް ހަޒާޑު ވަނީ ވެފައެވެ. ކަޕް ވިނާސް ކަޕް 1991ގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑްގެ މާކް ހިއުސް ވަނީ ބާސެލޯނާ ކޮޅަށް ދެ ލަނޑު ޖަހައިފައެވެ.

ޔޫރޮޕާ ލީގު ފައިނަލެކޭ އެއްގޮތަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ވާދަކުރާނީ އިނގިރޭސި ދެ ޓީމެވެ. ސްޕެއިންގެ މެޑްރިޑުގައި ކުޅޭ އެ މެޗުގައި ވާދަކުރާނީ ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 12:00 ގައެވެ.