ރައުދާ އާތިފް

ރައުދާ މަރުވީ ނާއުއްމީދުވެގެން އަމިއްލައަށް، ސަބަބަކީ ލޯބިވެރިޔާ ބޭވަފާތެރިވުން: ފައިނަލް ރިޕޯޓް

4

ރައުދާ މަރުވީ އޭނާގެ ރައްޓެހިވެގެން އުޅުން ކުއްޖާ ބޭވަފާތެރިވިކަން ފަޅާއެރުމުން، އެކަމާ ނާއުއްމީދުވެގެން އަމިއްލަ އަށް ކަމަށް ބަނގްލަދޭޝް ފުލުހުންގެ ތަހުގީގުގެ ފައިނަލް ރިޕޯޓުގައި ބުނެފި އެވެ.

ބަންގްލަދޭޝަންގެ ޕޮލިސް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (ޕީބީއައި)ގެ ފައިނަލް ރިޕޯޓު ނެރެފައި ވަނީ އިއްޔެ އެވެ.

ސަބް އިންސްޕެކްޓަރު ސައީދުއްރަހުމާން، "ދަ ޑެއިލީ ސްޓާރ" ނޫހަށް ދިން އިންޓަވިއުއެއްގައި ބުނީ، ރައުދާ ދަން ޖެހިގެން މަރުވީ އަމިއްލައަށް ކަން، ތަހުގީގަށް ލިބިފައިވާ ހެކިތަކުން ސާބިތުވާ ކަމަށެވެ.

ރައުދާގެ ފޭސްބުކް، ވަޓްސްއެޕް ފަދަ ސޯޝިއަލް މީޑިއާ މުއާމަލާތްތައް އަދި ފޯނުން ކޮށްފައިވާ މުއާމަލާތްތައް ވެސް ތަހުގީގުގައި ބަލައިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

"ރައުދާގެ އެންމެ ފަހު ވަޓްސްއެޕް މުއާމަލާތް ކޮށްފައި ވަނީ މަރުވުމުގެ ގަޑިއިރުކޮޅެއް ކުރީން. އެންމެ ފަހު ވަޓްސްއެޕް މެސެޖު ކޮށްފައި ވަނީ ރައްޓެހިވެގެން އުޅުނު ކުއްޖާއަށް. އެ މެސެޖުގައި ބުނެފައި ވަނީ "ޔޫ ކިލްޑް މީ" (ކަލޭ އަހަރެން މަރައިލީ) ކަމަށް. ހަމަ އެގޮތަށް ރައުދާގެ ފޯނަށް އައިސްފައިވާ އެންމެ ފަހުގެ ވަޓްސްއެޕް ފޯން ކޯލަކީ ވެސް ބޯއިފްރެންޑުގެ ކޯލެއް." ރައުދާގެ މަރުގެ ފައިނަލް ރިޕޯޓުގައި ބުނެފައިވެ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ރައުދާ ރައްޓެހިވެގެން އުޅުނު އޭނާގެ ލޯބިވެރިޔާ ތައުލީމު ހާސިލްކުރަމުން އަންނަނީ އިނގެރޭސިވިލާތުގަ އެވެ. އެއީ ދިވެހި ކުއްޖެކެވެ. ރިޕޯޓުގައި އެ ކުއްޖާގެ ނަން ހިމަނާފައި އޮތްނަމަވެސް މި އާޓިކަލުން މި ވަނީ އެނަން އުނިކޮށްފަ އެވެ.

އުމުރުން 20 އަހަރުގެ ދިވެހި މޮޑެލް ރައުދާ ތައުލީމު ހާސިލުކުރަމުން އައީ ބަންގްލަދޭޝްގެ އިސްލާމިކް މެޑިކަލް ކޮލެޖުގަ އެވެ. ރައުދާ މަޝްހޫރުވެފައި ވަނީ އޭނާއަށް ލިބިފައިވާ ނޫކުލައިގެ ރީތި ދެލޮލުގެ ސަބަބުންނެވެ. އޭނާގެ ފޮޓޯ 2016 ވަނަ އަހަރު ވޯގް މެގެޒިންގެ ކަވަރުގައި ހިމަނާފައިވެ އެވެ. ރައުދާ ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިފައި ވަނީ އޭނާ ދިރިއުޅެމުން އައި ކޮޓަރީގައި، 2017 ވަނަ އަހަރުގެ މާޗު މަހުގެ 29 ވަނަ ދުވަހު އެވެ.

ރައުދާ މަރުވުމުގެ ހަތަރުމަސް ކުރީން، އޭނާގެ ލޯބިވެރިޔާއާ އެކު އިންޑިއާގައި ދެ ހަފުތާ ހޭދަ ކުރި ކަމަށް ތަހުގީގު ރިޕޯޓުގައި ބުނެފައިވެ އެވެ.

ރައުދާ އާއި އޭނާގެ ލޯބިވެރިޔާގެ ގުޅުންތައް ފުލުހުންގެ ތަހުގީގުން ހޯދީ، ރައުދާގެ ފޯނާއި ލެޕްޓޮޕުން ފެނުނު ފޮޓޯ ތަކާއި އެ ދެމީހުންގެ މެދުގައި ކޮށްފައިވާ މުއާމަލާތްތަކުގެ އެހީގައި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ގޮތުން 17000 ސޮފުހާގެ ވަޓްސްއެޕް އަދި ފޭސްބުކް މުއާމަލާތް މި ތަހުގީގުގައި ދިރާސާކުރި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

"ރައުދާ މަރުވި ރޭ އޭނާ ރައްޓެހިވެގެން އުޅުނު ކުއްޖާގެ ފޭސްބުކް މެސެންޖާއަށް ވަން. އަދި ލޯބިވެރިޔާ އޭނާއަށް ބޭވަފާތެރިވަމުން ދިޔަކަން ފަޅާއެރި." ޕީބީއައި އޮފިޝަކު ބުނެފައިވެ އެވެ.

މާޗް 28 ވަނަ ދުވަހުގެ ރޭ، ބާރުގަދަ ބޭހެއް ބޭނުންކޮށްގެން މަރުވާން ވެސް ރައުދާ މަސައްކަތް ކުރި ކަމަށާއި އަދި މީދާ މަރަން ބޭނުންކުރާ ބޭސް ވެސް ރައުދާގެ އެނދުމަތީން ފުލުހުންގެ ތަހުގީގަށް ފެނިފައިވާ ކަމަށް އޮފިޝަލު ބުންޏެވެ. އެހެން ނަމަވެސް އެ ބޭސް ރައުދާ ބޭނުންކޮށްފައެއް ނުވެ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 28 ވަނަ ދުވަހުގެ ރޭ ފަތިހު އަނެއްކާވެސް ރައުދާ އޭނާގެ ލޯބިވެރިޔާއަށް މެސެޖުކުރި އެވެ. "އައި އޮންލީ ލަވްޑް ޔޫ. ޔޫ ނެވަރ ލަވްޑް މީ. ޔޫއާރ އަ ޓެރިބަލް ހިޔުމަން ބީން. ޔޫ ހޭވް ޑަން އިރެޕެރަބަލް ޑެމޭޖް. ދެއާ އިސް ނަތިން ލެފްޓް.... އައި ފީލް ހޮލޯ... އައި ފީލް ޑެޑް...."

"ރައުދާ މަރުވެފައި ވަނީ އެ ރޭ 2:30 ގައި "ޔޫ ކިލްޑް މީ" ކަމަށް ބުނެ ލޯބިވެރިޔާއަށް ފޮނުވި މެސެޖަށް ފަހުގެ ވަގުތެއްގައި. އަދި މި މެސެޖުތަކުން ވަރަށް ސާފުކޮށް އެނގޭ ލޯބިވެރިޔާގެ ބޭވަފާތެރިވުމަށް ރައުދާއަށް ކެތް ނުކުރެވުނީކަން." ރިޕޯޓުގައި ބުނެފައިވެ އެވެ.

ރައުދާގެ މަރާ ގުޅިގެން، އޭނާގެ ބައްޕަ މުހައްމަދު އާތިފް ވަނީ، ރައުދާ ގަސްތުގައި މަރާލާފައިވާ ކަމަށާއި އެކަމުގެ ތުހުމަތު ކުރެވެނީ ރައުދާގެ ކުލާސް ކުއްޖެއްގެ މައްޗަށް ކަމަށް ބުނެ 10 އޭޕްރީލް 2017ގައި ބަނގްލަދޭޝަންގެ ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ ކަމާ ގުޅިގެން ބަނގްލަދޭޝްގެ ފުލުހުން ފުރަތަމަ ކުރި ތަހުގީގަށް ފަހު ނެރުނު ރިޕޯޓް ގަބޫލު ނުކޮށް ރައުދާގެ ބައްޕަ ވަނީ އެ މައްސަލަ ބަންގްލަދޭޝަންގެ ރާޖްޝާހީ ކޯޓަށް ހުށަހަޅައިފަ އެވެ. އެ ކޯޓުން މައްސަލަ އަލުން ތަހުގީގުކުރަން ކުރި އަމުރާ ގުޅިގެން ޕީބީއައި އިން މި މައްސަލަ ބަލަން ފެށީ 23 ޑިސެމްބަރު 2017ގަ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައުދާގެ ބައްޕަ އޭރު ކޮށްފައިވާ ހުރިހާ ތުހުމަތު ތަކަކީ، އޭނާއަށް އޭރު ލިބިފައި ހުރި ތެދު ނޫން މައުލޫމާތުތަކެއްގެ ސަބަބުން، ނުބައިކޮށް ކޮށްފައިވާ ތުހުމަތު ތަކެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

ރައުދާ ދަންޖެހިފައި ހުރި އިރު ކަރު މަތީން ފެނުނު ފާހަގަ ތަކަކީ މީހެއްގެ އިނގިލީގެ ނިޝާން ކަމަށް ރައުދާގެ ބައްޕަ ތުހުމަތު ކުރި ނަމަވެސް، އެ ފާހަގަ ތަކަކީ ރައުދާ ދަން ޖެހެން ބޭނުންކޮށްފައި ހުރި ސްކާފްގައި ހުރި އެއްޗެހިތަކެއްގެ ސަބަބުން ޖެހިފައި ހުރި ފާހަގަތަކެއް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

"ރައުދާގެ މަރުގެ ތުހުމަތު ކޮށްފައިވާ އަންހެން ކުއްޖާއާ ރައުދާގެ މަރާ ގުޅުމެއް ނުވަތަ ބައިވެރިވުމެއް އޮތް ކަމުގެ އެއްވެސް ހެއްކެއް ލިބިފައެއް ނެތް. އެ ކުއްޖާއަށް ރައުދާ ފެނުނީ ދަންޖެހިފައި ހުއްޓާ. އެ ކުއްޖާގެ ކުށެއް ނެތް." ރިޕޯޓުގައި ބުނެފައިވެ އެވެ.