ކޮލަމް

ގަދަރު މަތިވެގެންވާރޭ: އިންސާނިއްޔަތުގެ ސަލާމަތުގެ ރޭ

އަބްދުﷲ ފާރޫގް ހަސަން

ގާތްގަނޑަކަށް ދޮޅުހާސް އަހަރު ކުރިއެވެ. ދުނިޔެވެފައިވަނީ އަނިޔާވެރިކަމާއި ހިތްހަރުކަމުގެ ގުޅަމަތިހިފާ ފަސްގަނޑަކަށެވެ. އެނުބައިކަމަކުން އިންސާނީ މުޖްތަމައު ސަލާމަތްވެފައިވާ އެއްވެސް ނުބައިކަމެއް ނުވެއެެވެ. ފަރުބަދަތަކާއި ކޯރުތަކާއި ، ގަސްގަހާގެއްސާއި ، ތަރިތަކާއި އިރާއި، ހަނދާ މިއީ ހައްތާވެސް އަޅުކަންކުރެވޭ ފަރާތްތަކެވެ. ކަލާނގެތަކެވެ. އަދި މިވަރަކުންވެސް ނުފުދެއެވެ. އިންސާނާ އަމިއްލަ އަތުން ކޮށައިމަށައިގެން ހަދާ ބުދުތަކާއި ފަނިފަކުސައިގެ ކުރިމަތީގައި ވެސް މަތިވެރި އިންސާނާ ބިމަށް ތިރިވެ އިހުތިރާމާއެކު ބޯޖަހައެވެ. އެތަކެއްޗަށް ކަމޭހިތުމުގެ ގޮތުން ހިރަފުސްގަނޑުގައި މޫނުޖައްސާކަށެއް ފަހެއް ނުޖެހެއެވެ. އެކިއެކި ޤައުމުތަކުންވަނީ ކަލާނގެތަކުގެ ބޮޑެތި ފައުޖުތައް އުފައްދައިފައެވެ. އިންތިހާޔަށް ގޮސްފައިވާ ޝިރުކުގެ ސަބަބުން މީސްތަކުންވަނީ ވަހްމަށް އަޅުވެތިވެފައެވެ. ކޮންމެ އެއްޗެއްވެސް ބަރަކާތާ ނުވަތަ ސުންޕާކަމާ ގުޅުވައިފައިވުމުގެ ސަބަބުން އިންސާނާވަނީ ކައުނުގައިވާތަކެތި ތިމާމެންގެ ލާބަޔަށްޓަކައި ބޭނުންކުރުމާއި، ތަޙްޤީޤުކޮށް ހޯދައިބެލުމުގެ ބާރުން މަހްރޫމްވެފައެވެ. އެތަކެތީން ލިބޭ ލާބަވަނީ އިންސާނުންގެ އަތުން ބީވެފައެވެ.

އެކަކު އަނެކަކަށް އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވަމުން ދިޔައީ މިނިކާސޫފިތައްވެސް ލަދުގަންނަވަރަށެވެ. ބަލިކަށިމީހުންނަކީ އަނިޔާވެރީންގެ ގާތުގައި ދިރުވައިލަން ހެޔޮވަރުގެ ސުވާތަކެކެވެ. ދަތުރުވެރިންގެ ޖާނެއްމާލެއް ރައްކާތެރިއެއް ނުވެއެވެ. ބޮޑެތިބޮޑެތި ޤާފިލާ ތަކާއެކުގައި މެނުވީ އެއްރަށުން އަނެއްރަށަށް ދެވޭކަށެއް ނޯވެއެވެ. މީހެއްގެ އިއްޒަތުއްނަފްސުގެވެސް އަބުރުގެވެސް ހުރުމަތެއް ނޯވެއެވެ. މީސްތަކުން އަމިއްލަޔަށްވަނީ އިންސާނުން ތަފާތު ގިންތިތަކަށާއި ފަންތިތަކަށް ބަހައިފައެވެ. ބައެއްމީހުންނަކީ އުފަންވާއިރު ވެސް ދަރަޖަވެރީންނެވެ. އަނެއްބަޔަކީ ދެރަނިކަމެތީންނެވެ. ސަލާންޖަހައިގެން ދިރިއުޅޭންޖެހޭ މީހުންނެވެ. ނުވަތަ އެންމެ އަގެއްނެތް މަސައްކަތްތަކަށް ޚާއްސަ މީހުންނެވެ.

މިދެންނެވި ބައިބެހުމުގައި އެންމެކުރީގައި އުޅުނު އެއް މުޖްތަމައަކީ އިންޑިއާއެވެ. އިންޑިއާގައި އިންސާނުންވަނީ ހަތަރު ފަންތިޔަކަށް ބަހައިފައެވެ. އެންމެމަތީ ދަރަޖައިގެ މީހުންނަކީ ބުރަހުމަނުންނެވެ. ބުރަހުމަނުން ހެއްދެވިކަމަށް އެމީހުން ދައުވާކުރަނީ ކަލާނގެ އިސްތަށިފުޅުންނެވެ. ދެވަނަ ފަންތިޔަކީ ޗިތުރީންނެވެ. ޤައުމު ދިފާއުކުރާ އަސްކަރީންނަކީ ޗިތުރީންނެވެ. ތިންވަނަ ފަންތިއަކީ ވެއިޝުންނެވެ. ޤައުމުގެ ވިޔަފާރިއާއި ، މަސައްކަތްތެރިކަމަށް ހައްޤުވެގެންވަނީ އެބައިމީހުންނެވެ. ހަތަރުވަނަ ފަންތިއަކީ ޝޯދަރުންނެވެ. އެއީ ނަޖިސްބައެކެވެ. ކިޔެވުމަކީ އެމީހުންނަށް މަނާކަމެކެވެ. އެއިންމީހަކު ވެދުގެ އެންމެ ޖުމުލައެއް އަޑުއަހައިލިކަމުގައިވިޔަސް ތިމަރަވިރުވައިފައި އެމީހެއްގެ ކަންފަތަށް އަޅާންޖެހެއެވެ. މަތީފަންތީގެ މީހުންގެ އަވަށްތަކުގެ އަވައްޓެރިކަމުގައި ދިރިއުޅުންވެސް އެބައިމީހުންނަށް މަނައެވެ. މަތީފަންތީގެ މީހުންނަށް އެންމެ އާދައިގެ ކުދިކުދި އަދަބުތައް ދީއުޅޭފަދަ ކުށެއް ޝޯދަރަކު ކުރިކަމުގައިވިޔަސް އެމީހެއްގެ އަދަބަކީ ޤަތުލުކުރުމެވެ.

އީރާނުގައި ޝާހީއާއިލާއާމެދު ޤަބޫލުކުރެވިފައި އޮންނަނީ "ކަލާނގެ އައުލާދު ކަމުގައެވެ. ރަހުންނާއި، ފުރަދާނައިންގެ އިސްތަށިފުޅުތައް ނިވާކުރައްވަނީ ޖަވާހިރާއި މުތީގެ ތާޖުތަކުންނެވެ. އީރާނުގެ ދަނޑުވެރިންނާއި ، މަޖޫރީން ތިބީ ފަރުބަދަތަކުގެ ތެރެޔަށް ފިލާން ދުވެދުވެއެވެ. ސަރުކާރުގެ ޓެކްސްތަކުގެ ބުރަބޮޑުވެ ނޭވާހާސްވެގެންނެވެ.

އަރަބީންގެތެރޭގައި އޮތީ އަރަބީންނާއި އަޖަމީންގެ ނަސްލީ ބައިބެހުން ހައްދުފަހަނަޅައިފައެވެ. އަރަބިނޫންމީހުންނާ މެދު ބަލަނީ ނިކަމެތިކަމާއި އިހާނެތިކަމުގެ ނަޒަރުންނެވެ. މުޚާޠަބުކުރަނީ ބަސްނުމޮށެވޭމަންމަނުންގެ ނަމުންނެވެ. އަންހެނުންނާއި އަޅުންނަކީ ދުނިޔޭގައިވާ އެންމެ ނަސީބުދެރަ އެންމެ ނިކަމެތި އިންސާނީ ދެގިންތިއެވެ. އަޅުންގެ ހަތަރެސްފައިބަނދެފައި ބައިތިއްބައިގެން އަމާޒުފަތްގަނޑަކަށްހަދައި އެމީހުންގެ ގެޔަށް ދުނިއުކައެވެ.

ޔޫރަޕުގައިވަނީ އަޅުންނާއި މިނިކާޖަނަވާރުތަކާ ތޮޅުވުން އާންމު ކުޅިވަރަކަށް ހަދައިފައެވެ. އެކަމަށްޓަކައި ހުންނަނީ ބޮޑެތި ސްޓޭޑިޔަމްތައް ބިނާކޮށްފައެވެ. މިނިކާޖަނަވާރުތައް އިންސާނުން ފަޅައިލައިގެން ކާމަންޒަރު ބެލުމަކީ އެމީހުން އެންމެ ހިތްއުފާވާ ކުޅިވަރެވެ.އަންހެނުންގެ ހާލަކީކޮބައިތޯއެވެ. ހަކީމުންނާއި ފަލްސަފީންގެ އީވާނުތަކުގައި ހިނގާ އެންމެ ވާދަވެރި އެއްބަހުސަކީ އަންހެނުންގެ ހަށިތަކުގައި ލައްވައިފައިވަނީ ވެސް ފިރިހެނުންގެ ހަށިތަކުގައި ވެސް ހުންނަފަދަ ފުރާނަ ތަކެއްތޯ ނުވަތަ ނޫންތޯ ކުރެވޭބަހުސެވެ. ބައިބަލްގައި ބަޔާންކޮށްފައިވާގޮތުގައި އަންހެނުންނަކީ ހުރިހައި ފާފަތަކެއްގެ ދޮރާއްޓެވެ.

އިންޑިއާ މީހުންގެ ގާތުގައި އަނބިމީހާއަކީ ފިރިމީހާގެ މިލްކެކެވެ. މުދާގަނޑެކެވެ. އެހެންކަމުން ފިރިމީހާ މަރުވުމުން އަނބިމީހާ ފިރިމީހާއާއެކު އަންދައިލެވެއެވެ. އަންހެނަކަށް އެއްވެސް ކަހަލަ ހަރުމުދަލެއް މިލްކެއް ނުކުރެވެއެވެ. ވާރުތަ މުދަލުގެ ހައްޤުވެރިޔަކަށްވެސް ނުވެވެއެވެ. މުޅިދުނިޔެއަށް ނަޒަރުހިންގާއިރުވެސް އަންހެނުންގެ ހާލުހުރީ މިކަހަލަ ގޮތަކަށެވެ. އިންސާނީ ތަމައްދުނަށް އައިސްފައިވާ ޚަރީފު މޫސުންވަނީ އަލިފާނުގެވާރޭވެއްސަންފަށައިފައެވެ. ޖާހިލިއްޔަތުގެ ބަނަބޯވިލާތައްވަނީ ދުނިޔޭގެ ހަތަރު އުދަރެސް ބައްދައިފައެވެ.

މިފަދަ ބިޔަ ދޮވި ހާލަތަކަށް އިންސާނީ ދުނިޔެ ވެއްޓިފައި ވަނިކޮށް އަރަހުށި މާތްﷲ ގެ ރަހްމަތްވަންތަކަމުގެ ކޯރު އުތުރިގެންފިއެވެ. އޯގާވަންތަކަމުގެ ބެއްލެވުމަކުން އިންސާނިއްޔަތަށް ބައްލަވައި ވޮޑިގެންފިއެވެ. އެއީ ރަމަޟާންމަހެކެވެ. ރޭގަނޑެއްގެ ވަގުތެވެ. ރެޔަކީ ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެކެވެ. ޢިލްމުވެރީން އެންމެ ބޮޑަށް ބުރަވެވަޑައިގަންނަވާ ގޮތުގައި އެރެއަކީ ރަމަޟާންމަހުގެ ހަތާވީސް ވިލޭރެއެވެ. އެރޭ ޖަހާލަތުގެ ވިލާތައްކެހި ރަހުމަތުގެ ވިލާގަނޑެއް ފާޅުވެއްޖެއެވެ. އެވިލާގަނޑުން ބަރަކާތުގެ ފެން ބާވައިލެއްވީ ހިރާފަރުބަދަޔާ ދިމާޔެވެ. އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމައަށް އެންމެ ފުރަތަމަ ވަޙީ ލިބިވަޑައިގެންފިއެވެ. އެއީ މާތްﷲގެ އެންމެ ފަހުގެ ޓެސްޓަމަންޓެވެ. ކުޑަވެސް ބަދަލެއްނައިސް ޤިޔާމަތާހަމަޔަށް ދެމިއޮންނާނެ އިލާހީ ގާނޫނެވެ.

މިދެންނެވި މަތިވެރިފޮތުގައި އިންސާނިއްޔަތަށް އެންމެ ފުރަތަމަވެސް ދައުވަތުދެއްވީ ކިޔެވުމަށެވެ. އިލްމު އުނގެނުމަށެވެ. ގަލަމުގެ ބޭނުންކުރުމަށެވެ. ޝައްކެއްނެތެވެ. ޢިލްމުގެ ފަނާރުތައް ދިއްލުމާއެކު ފިކުރާއި ބުއްދީގެ ދަންމަރުތައް ރޯވާނެއެވެ. އަނދިރިކަން އޭގެ ޒާތުގައި ކެހިގެން ފިލައިގެން ހިނގައިދާނެއެވެ. ޖާހިލުކަމުގެ ފަރުދާތައް އިންދިރާސްވެގެން ހިނގައިދާނެއެވެ. އަނިޔާއާއި ބޭއިންސާފުގެ ދޮރުތައް ބަންދުވެދާނެއެވެ. ޝިރުކާއި ވަހުމަށް އަޅުވެތިވުން ނިމުމަކަށް އަތުވެދާނެއެވެ. އިންސާނިއްޔަތަށް އަމަން އަމާންކަމާއި، ސުލްހަ މަސަލަސްކަން ލިބިދާނެއެވެ. ހިތްތައް ރަމަތަވެ ހަމަޖެހި ހިމޭންކަން ލިބިދާނެއެވެ. ސަލާމަތް ބުއްދިއާއި ، އެއްބަނޑުއެއްބަފާކަމާއި ، ލޯތްބާއި، އެކުވެރިކަމާއި، އިންސާނީ ކަރާމަތާއި އިހްތިރާމުގެ އަގުހުރި ނިއުމަތް އިންސާނާއަށް ލިބޭންފަށައިފާނެއެވެ.

ޝައްކެތް ނެތެވެ. މިހިރަގޮތްގޮތުން ބަލާއިރު ކީރިތިޤުރްއާން ބާވައިލެއްވިރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެކެވެ. ކީރިތި ޤުރްއާނުގެ ސަބަބުން ދުނިޔެއަށް އައީ އެހައިވެސް އައިތަވެރި ބަދަލުތަކެކެވެ. ބަރަކާތްތެރި އިންގިލާބެކެވެ. ދުނިޔޭގެ އިލްމާއި ތަމައްދުންގެ ބަގީޗާއަށް އައީ އޭގެކުރީން ދުވަހަކުވެސް ފެނިފައިނުވާފަދަ އުފާވެރި ބަހާރު މޫސުމެކެވެ. ކުއްލިޔަކަށް ފަރިވެ ފޮޅިގަތީ އޭގެ ކުރީން ދުވަހަކުވެސް ލޯތަކަށްފެނިފައިނުވާފަދަ ކުލަރީތި ވަސްމީރު މާމެލާމެލިތަކެކެވެ. އާދޭހެވެ. ކައުސާހިބާ ސައްލައްﷲ އަލައިހި ވަސައްލަމަ ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރީން މައްކާގައިތިބީ ލިޔަންކިޔަން ދަންނަ ސަތާރަވަރަކަށް މީހުންނެވެ. ( ރިވާޔަތުގެ ތަފާތާއެކު ) ނަމަވެސް ކައުސާހިބާގެ ހަޔާތްޕުޅުގައި ވަނީ ލިޔެކިޔުން ވަރަށްބޮޑަށް އާންމުވެފައެވެ. ހަމައެކަނި ވަޙީ ލިޔުއްވާ ކާތިބުންގެ އަދަދުވަނީ ސާޅީހަށް އަރައިފައެވެ. ކާއިނާތާއިމެދު ހޯދައިބެލުމާއި ސައިންސުގެ ނަޒަރުން ކަންކަމާމެދު ވިސްނައި ފިކުރުކުރުމުގެ ދައުރު ފެށިފައެވެ. އިސްލާމީ ވިސްނުމުގެ ނަޒަރުގައި ކާއިނާތަކީ އިންސާނާގެ ޚާދިމެކެވެ. އިންސާނާއަށް ޚިދުމަތްތެރި ކުރައްވައިފައިވާ ތަނެކެވެ. އެހެންކަމުން އިސްލާމީ ފިކުރު އާލާވުމާއެކު ކާއިނާތުގައި ހިމެނޭ ކޮންމެ އެއްޗަކާމެދު ވެސް ތަޙްޤީޤީނަޒަރަކުން ހޯދައި ބެލުމުގެ ހިތްވަރު ލިބިއްޖެއެވެ. އިންސާނިއްޔަތަށް އެތަކެތީގެ މަންފާ ލިބޭންފަށައިފިއެވެ.

އިންސާނީ މުސާވަތާއި، ހަމަހަމަކަމާއި ، އެންމެންވެސް ތުނޑުސުފުރާޔަށް އަތްހަމަވުމުގެ އަޤީދާގެ ސަބަބުން ދުނިޔެއަށް އައީ އޭގެކުރީން އިންސާނާގެ ވިސްނުމަށްވެސް ނުގެނެވޭފަދަ ވަރުގަދަ އިޖުތިމާއީ އިންގިލާބެކެވެ. އިންސާނުން ތަފާތު ފަންތިތަކަކަށް ބެހުމުގެ މަސައްކަތަކީ ދުނިޔެއަށް މޫނުދައްކާންވެސް ނުކެރޭވަރުގެ ދެރަވަރުކަމަކަށް ވެއްޖެއެވެ. ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް އަންހެނުންނަށް ކަމޭހިތެވުމާއި އިޙްތިރާމް ލިބޭންފަށައިފިއެވެ. އިޖްތިމާއީ ހަޔާތުގެ ތިލަފަތްހަމަ ގާނޫނުތަކެއް އިންސާނުންނަށް ލިބިއްޖެއެވެ. އަޅުންނަށް އިންސާނުންގެ ދަރަޖަ ލިބިއްޖެއެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިޔަށް އަޅަމުން ގޮސް އަޅުވެތިކުރުން ނިމުމަކަށް ގެނުވުމުގެ އަސާސުތައް ބިނާކުރެވިއްޖެއެވެ. އިސްލާމްދީން އަދުލުވެރިކަމުގެ ހިޔާވަހިކަން ދިނީ ހަމައެކަނި އިންސާނުންނަކަށް ނޫނެވެ. ވިނަކާޖަނަވާރުތަކާއި މިނިކާޖަނަވާރުތަކާއި އުދުހޭ ސޫފާސޫފިތަކުގެ ވެސް ޙައްޤުތައް އެކަށަ އެޅިއްޖެއެވެ. އިސްލާމްދީން ވަނީ މިފަދަތަކެއްޗާމެދު ވެސް އިންސާނާ ގިރާކޮށްގެން ނުވާނެ އިންތަކެއް ފާހަގަކޮށްފައެވެ. އަނުތަކެއް އަޅައިފައެވެ.

ކީރިތި ޤުރްއާނުގެ ސަބަބުން އިންސާނުންނަށް މިހުރިހައި ހެވަތައެއްލިބުނީ ކީއްވެގެންތޯއެވެ. އާދެ އޭގެ ސަބަބަކީ ކީރިތި ޤުރްއާނުގެ ދައުވަތުގެ އަސަރެވެ. ކީރިތި ޤުރްއާންއެންމެ އަސާސީ ގޮތެއްގައި ދައުވަތުދެނީ ދެކަމަކަށެވެ. ކުރުކޮށް ދަންނަވާނަމަ އެދެކަމަކީ ވަހްދަތުލް އިލާހު އާއި ވަހްދަތުލް އިންސާންއެވެ. އާދެ މާތްﷲ އެއްކައުވަންތައެވެ. އެކަލާނގެ ރަސްކަންފުޅުފިޔަވައި އަޅުކަންކުރުން ލާއިޤު އެހެން އެއްވެސް ފަރާތެއް ނުވެއެވެ. އެކަލާނގެ ރަސްކަންފުޅާ ކުފޫހަމަވާ އެހެން ފަރާތެއްނުވެއެވެ. އިންސާނިއްޔަތަކީވެސް އެކައެކެވެ. ނަސްލީގޮތުންނާއި، ބަހުގެގޮތުންނާއި، ޖިއޮގްރަފީގޮތުން ތަފާތުވިޔަސް އެކަމުގެ ސަބަބަކުން އެއްބަޔަކަށް ވެސް އަނެއްބައެއްގެ މައްޗަކަށް އެއްވެސް މާތްކަމެއް ލިބިގެނެއް ނުވެއެވެ. ވެރީންނާއި، ރައްޔިތުންނާއި، މުއްސަނދީންނާއި ފަޤީރުންނާއި ފިރިހެނުންނާއި އަންހެނުންނާއި ، ކަޅުމީހުންނާއި ދޮންމީހުންނާއި ، އަރަބީންނާއި އަޖަމީންނަކީ ކާއިނާތުގެ ޚާލިޤުގެ ޙަޟްރަތުގައި ހަމަހަމަބައެކެވެ. ޝައްކެތްނެތެވެ. އެކަލާނގެ ޙަޟްރަތުގައިކޮންމެ މީހެއްގެވެސް ދަރަޖަ ކަނޑަ އެޅެނީ އަމަލުތަކުގެ ބިންގަލުގެ މަތީގައެވެ.

ގަދަރުމަތިވެރިވެގެންވާ ރެއަކީ މިމަތިވެރި މިއަރައިހުރި ޙާދިޘާގެ ހަނދާނީ ރެއެވެ. މިމަތިވެރި އިންގިލާބުގެ އަހަރީރެއެވެ. ގަދަރުމަތިވެރިވެގެންވާ ރޭގެ އަޅުކަމަކީ އިސްވެދެންނެވި މަތިވެރި ދަރުމަވަންތަކަމާއި ހިމަނައި ނުގަނެވޭފަދަ ބޮޑެތި ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ އަޅުކަމެވެ. އެހެންކަމުން އެރެޔަކީ ހަމައެކަނި އެއްހާސް މައްސަރަށްވުރެ ހެޔޮވެގެންވާ ރެޔަކީއެއްނޫނެވެ. ހަމައެކަނި ދުޢާ އިޖާބަ ކުރައްވާ ރެއެއްވެސް ނޫނެވެ. ހަމައެކަނި އަޅުކަމުގެ ސަވާބާއި ދަރުމަ ގިނަގުނަކުރައްވާ ރެޔެއްވެސް ނޫނެވެ. އާދެ ގަދަރު މަތިވެރެިވެގެންވާ ރެޔަކީ މުުޅި އިންސާނިއްޔަތުގެ ސަލާމަތުގެ ރެއެވެ. ވަހުމުތަކުން ސަލާމަތްވެވުމުގެ ރެއެވެ. އިންސާނާ އަޅުވެތިވެވުމުން ނަޖާވިރެއެވެ. ފަންތިތަކުގެ އަނިޔާއާއި ފިއްތުންތަކުން ދިނިގަނެވުނުރެއެވެ. ޖާހިލުކަމާއި މަގުފުރެދުމުން ސަލާމަތްވެވުނު ރޭވެސްމެއެވެ.

(ނިމުނީ)