ރޭއްސުރެ މުޅި ސޯޝިއަލް މީޑިއާގެ ސަމާލުކަން ދަމައިގަތީ ކުޑަކުޑަ ކުއްޖެއް ކަމަށްވާ، އަހުމަދު މަލީކް ވަހީދު (މަލީކް) އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވީޑިއޯއަކަށެވެ. އެ ވީޑިއޯގައި ފެންނަނީ ފަސް އަހަރުގެ ކުޑަކުޑަ ކުއްޖަކު ރައީސް ސޯލިހާ ވާހަކަދައްކާ މަންޒަރެވެ.
ރައީސް ސޯލިހު މަލީކާ ވާހަކަފުޅު ދައްކަވާ ގޮތުން އަދި މަލީކުވެސް ރައީސް ސޯލިހާ ވާހަކަދެއްކި ގޮތުން ހީވަނީ އެއީ އެތަކެއް ޒަމާނެއްވީ ގުޅުމެއް ހެންނެވެ. އެހާވެސް ގާތެވެ.
އާންމުންނަށް ނޭނގުނަސް، ހަގީގަތަކީ ވެސް އެއީ އެވެ. މަލީކާއި ރައީސް ސޯލިހުގެ ގުޅުމަށް މަސްތަކެއް ވެއްޖެ އެވެ. ރައީސް ސޯލިހު މަލީކާ ވާހަކަފުޅުދައްކަވާތާ ވެސް އެތައް މަހެއް ވެއްޖެ އެވެ. މަލީކްގެ ބަހުން ނަމަ ރައީސް ސޯލިހަކީ އޭނާގެ "މިސްކިތު ފްރެންޑް" އެކެވެ.
މަލީކަކީ ވަރަށް ގައުމީ ކުއްޖެކެވެ. މަލީކްގެ މަންމަ "ވަން އޮންލައިން"އަށް ކިޔައިދިން ގޮތުގައި މަލީކް އެންމެ ލޯބިވާ އެއްޗަކީ ގައުމީ ދިދަ އެވެ. މަލީކް އުފާކޮށްދޭން ކުރާ ކޮންމެ ކަމެއްގައި ވެސް ގައުމީ ދިދަ ބޭނުންކުރުމަކީ ލާޒިމު ކަމެކެވެ. އެންމެ ދިދައެއްވެސް ނޫނެވެ. ބައިވަރު ދިދަ އެވެ.
މަލީކް ރައީސް ސޯލިހު ދެކެ ލޯބިވަނީ ވެސް ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާތީ އެވެ.
"ރައީސް އެއީ ގައުމީ ރައީސެއް. އެއީ ރަސްމީ ރައީސެއް...." ރައީސް ސޯލިހު މަލީކުގެ ފޭނަކަށް ވީ ކީއްވެތޯ އެހުމުން މަލީކް ދިނީ މި ޖަވާބެވެ.
މަލީކާއި ރައީސް ސޯލިހުގެ ގާތް ގުޅުން ފެށިފައި އޮތީ ރައީސް ސޯލިހު ރައީސް ކަމުގެ ހުވާ ކުރެވި ހިސާބުންނެވެ.
މަލީކްގެ މަންމަ ބުނިގޮތުގައި، މަލީކް އަބަދުވެސް ހުކުރަށް ދަނީ ހުކުރު މިސްކިތަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ހުކުރުން ނިމިގެން މިސްކިތު ބޭރުގައި ރައީސް ސޯލިހު ފައިބައިވަޑައިގަންނަވަންދެން މަލީކް މަޑު ކުރެ އެވެ. ރައީސް ސޯލިހުވެސް އާންމުގޮތެއްގައި ހުކުރަށް ވަޑައިގަންނަވަނީ ހުކުރު މިސްކިތަށެވެ. ރައީސް ސޯލިހު މިސްކިތުން ފައިބައިވަޑައިގަތުމުން ކޮންމެ ދުވަހަކު ވެސް މަލީކް ރައީސާ ސަލާމް ކުރެ އެވެ. އެހެން ދަމުންދަމުން ގޮސް ފަހުން ފަހުން ރައީސް އާންމުގޮތެއްގައި ވެސް މަލީކާ ވަރަށް ގާތްކޮށް ލޯބިން ވާހަކަފުޅު ދައްކަވާ ކަމަށާއި އެހެން އެގުޅުން އޮންނަތާ މަސްތަކެއް ވެދާނެ ކަމަށް ވެސް މަލީކްގެ މަންމަ ބުންޏެވެ.
މަލީކްގެ މަންމަ ބުނީ އެންމެ ފުރަތަމަ ދުވަހު ރައީސާ ވާހަކަދެއްކުމަށް ފަހު، ގެޔަށް ވަޑައިގަންނަވަން ދައުވަތު ނުދެވުނީމަ ދެރަވެގެން މަލީކް އެވާހަކަދެއްކި ކަމަށެވެ.
"ދެން ފަހުން ފަހުން މަލީކް ރައީސަށް ދަންނަވާ ގެޔަށް ވެސް ވަޑައިގަންނަވަން ވާނޭ. ރައީސް ވެސް ވިދާޅުވޭ ދެން ބަލާނީ ދޯއޭ ވަރަށް ބިސީކޮށޭ އުޅުއްވަން ޖެހިވަޑައިގަންނަވަނީ. ސީދާ ނޫނެކޭ ވިދާޅެއް ނުވޭ. ބައެއް ދުވަސްދުވަހު ވިދާޅުވާނެ މަލީކް މުލިއާގެޔަށް ދާންވީ ނޫންހޭ ވެސް..." މަލީކްގެ މަންމަ ކިޔައިދިނެވެ.
މަލީކްގެ މަންމަ ބުނީ މިވާހަކަތައް މަލީކް ގެޔަށް ގޮސް ކޮންމެ ދުވަހަކު ވެސް ކިޔައިދޭ ކަމަށެވެ.
ރޯދަމަސް ފެށުނު ފަހުން މަލީކާ ރައީސް ބައްދަލުވަނީ ތަރާވީސް ނަމާދަށްފަހު އެވެ. ތަރާވީސް ނަމާދު ނިމިގެން ވެސް ރައީސް ފައިބާވަޑައިގަންނަވަންދެން މަލީކް މިސްކިތުން ނުފައިބައި މަޑުކުރެ އެވެ.
މި ރޯދަމަހުގެ ކުރީކޮޅު ރައީސް ސޯލިހު ވަނީ މަލީކް މުލިއާގެޔަށް ވެސް ގެންގޮސްފަ އެވެ. ތަރާވީސް ނަމާދު ނިމިގެން މަލީކް އަތުގައި ހިއްޕަވައިގެން ރައީސް މުލިއާގެޔަށް ވަޑައިގެންނެވީ ހިންގަވައިފަ އެވެ. މަލީކްގެ ބައްޕަ މަލީކާ އެކު މުލިއާގެޔަށް ދިޔަ އެވެ.
މުލިއާގޭ ތެރޭގައި ކަންކަން ދިޔަ ގޮތް ކިޔައިދެމުން "ވަން އޮންލައިން" އަށް މަލީކް ބުނީ، މަލީކު ބޯނީ ކޮން އެއްޗެއްތޯ ރައީސް އެއްސެވި ކަމަށާއި މަލީކް ބުއީ އެޕަލް ޖޫސް ކަމަށެވެ. މަލީކަކީ މިހާރު ފްރެންޑެއް ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް މަލީކް ބުންޏެވެ.
"މުލިއާގޭގަ ޕޮލިހާ ސިފައިން ވެސް ތިބޭ. އެހެންވެ ފޮޓޯއެއް ނުނެގޭ." މަލީކް ބުންޏެވެ.
ރޭ ސޯޝިއަލް މީޑިއާގައި ވައިރަލްވި ވީޑިއޯގައި، ރައީސް ސޯލިހާ ސަލާމް ކޮށްލުމަށް ފަހު ގާތް ގޮތަކަށް "ކޮން ތާކަށް ތިދަނީ؟" މިހެން މަލީކް އަހަ އެވެ.
އޭގެ ޖަވާބުގައި، "މިދަނީ ގެޔަށް ދާން ވެގެން" ކަމަށް ރައީސް ވިދާޅުވެ އެވެ.
ރައީސްގެ އެ ޖަވާބާ ގުޅިގެން މަލީކް އަހަނީ "ގެޔަށް ކިޔަނީ ކޮން ނަމެއް"ތޯ އެވެ.
މަލީކްގެ އެ ސުވާލަށް ރައީސް ދެއްވި ޖަވާބުވެސް ވެފައި ވަނީ ގިނަ ބަޔު ވަރަށް ޝައުގުވެރިވި ޖަވާބަކަށެވެ. ރައީސް މަލީކަށް ޖަވާބު ދެއްވަމުން ވިދާޅުވީ "މިހާރު އެނގޭނެ." ކަމަށެވެ. ރައީސް އެެހެން އެ ވިދާޅުވީ ކީއްވެތޯ ބައެއް މީހުން އަންނަނީ ސުވާލުވެސް އުފައްދަމުންނެވެ. ރައީސް "މިހާރު އެނގޭނެ" ކަމަށް ވިދާޅުވުމުން ހިނިގަނޑެއް ޖަހާލާފައި މަލީކް ބުނީ "މުލިއާގެ" ކަމަށެވެ.
ކޮންމެޔަކަސް އަސްލު މިވީ ގޮތަކީ، ރައީސް ސޯލިހު އޮތީ މީގެ ދެ ހަފުތާ ކުރީން މަލީކް މުލިއާގެއަށް ގެންގޮސްފަ އެވެ. ރައީސް ވަޑައިގަންނަވާ ގޭގެ ނަން މަލީކަށް އެނގޭނެ ކަމަށް ރޭ އެ ވިދާޅުވީ އެހެންވެ އެވެ. އަދި މަލީކް ރައީސާ އެހާ ގާތްކޮށް ވާހަކަދެއްކީ އެއީ އެންމެ ފަސް އަހަރުގެ ކުޑަކުއްޖަކަށް ވެފައި، ރައީސް ސޯލިހު އެއީ މަލީކްގެ "މިސްކިތު ފްރެންޑް" ކަމަށް ވާތީ އެވެ.
މަލީކާ ފޯނުން ވާހަކަދެއްކި އިރު ފާހަގަވި އެންމެ ޝައުގުވެރި އަނެއް ކަމަކީ، ރައީސާ ގުޅޭ ގޮތުން ކުރި ކޮންމެ ސުވާލަކަށް ޖަވާބުދިން އިރު ވެސް، ރައީސަށް މުޚާތަބު ކުރަނީ ރީތިބަހުން ކަމެވެ. އެނގޭ މިންވަރުންނެވެ.
ކޮންމެޔަކަސް ރައީސް ސޯލިހު ކުޑަ ކުޑަ ކުއްޖަކާ މުއާމަލާތް ކުރެއްވި ލޯބި ލޯބި ގޮތް، މި ވަނީ އެތައް ބަޔަކަށް އުފާވެރި ވާހަކައަކަށް ވެފަ އެވެ. މަލީކުގެ ވާހަކަތަކުން އެތައް ބަޔަކު ހެއްވާލައިފި އެވެ. ރައީސް ސޯލިހު އަބަދުވެސް ފާހަގަކުރެވެނީ ކުޑަކުދީން ދެކެ ވަރަށް ލޯބިފުޅުވާ ބޭފުޅެއްގެ ގޮތުގަ އެވެ.