ފޮރިން މިނިސްޓްރީ

އިހަވަންދޫ އާއި ނ. ޅޮހި އަދި ރ. ކިނޮޅަހުގެ ބައެއް މަޝްރޫއުތަކަށް އިންޑިއާއިން ހިލޭ އެހީ ދީފި

ޝަހީދާ އަބްދުﷲ ސައީދު

ހއ. އިހަވަންދޫ އާއި ނ. ޅޮހި އަދި ރ. ކިނޮޅަހުގެ ބައެއް މަޝްރޫއުތަކަށް އިންޑިއާއިން ހިލޭ އެހީ ދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދީފައިވާ 6,930,006.93 ޑޮލަރުގެ ތެރެއިން އިހަވަންދޫގައި އިމަރޖެންސީ މެޑިކަލް ހިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް 7,469,465.89 ރުފިޔާގެ ހިލޭ އެހީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދީފައިވާކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން، އިހަވަންދޫގެ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ހިދުމަތް ދިނުމަށް ބޭނުންވާ ތަނެއް ތައްޔާރުކޮށް، އެތަނަށް ބޭނުންވާ ތަކެތި ހޯދާނެއެވެ.

މިފަދަ އިމަޖެންސީ ފަރުވާ ދެވޭނެގޮތެއް ރާއްޖޭގެ އެކި ކަންކޮޅުގައި ގާއިމުކުރުމުގެ މަގުސަދަކީ ކުއްލި ހާލަތުގައި ނުވަތަ ފުރާނައަށް ގެއްލުންވާ ހާލަތްތަކުުގައާއި ބަލިތަކުގައާއި އަވަސް ފަރުވާ ބޭނުންވާ ހާލަތްތަކުގައި އެފަދަ ފަރުވާ ލިބޭނެ މަގުފަހިކޮށްދިނުމެވެ.

މީގެއިތުރުން ނ. ޅޮހީގައި 6 ކުލާސް ރޫމު އެޅުމަށާއި ރ. ކިނޮޅަހުގައި 6 ކްލާސްރޫމް އެޅުމަށް 1،201،056 ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ދީފައިވާކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭގެ ސްކޫލްތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަކަށް ހެދުމަކީ ސަރުކާރުގެ އެއް ސިޔާސަތެވެ. އެގޮތުން މި ކްލާސްރޫމްތަކަކީ މި ދެ ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަށް ހެދުމަށްޓަކައި ބޭނުންވާ އިތުރު ކްލާސްރޫމްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.