ހއ. ހޯރަފުށީގެ ގެއަކުން އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މޭމަހުގެ އެކި ދުވަސްމަތިން ހޯރަފުށީގެ ގެއަކުން އެއްލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމުގެ މައްސަލައެއް އިއްޔެ ރޭ 21:15 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ކުރި ތަހުގީގުން ރޭގެ ވަގުތެއްގައި 35 އަހަރުގެ ދެ ފިރިހެނުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިއަދު 33 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެއް ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ތުރާކުނު މެޖިސްޓްރޭޓް ކޯޓަށް މިއަދު ގެންދިއުމުން އޭގެ ތެރެއިން 35 އަހަރުގެ އެކަކަށް 15 ދުވަހުގެ މުއްދަތު ޖަހައިދީފައިވާ ކަމަށާއި، އަނެއް ތިން މީހުންގެ ބަންދުގެ މުއްދަތަށް ހަތް ދުވަހުގެ މުއްދަތު ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ގެއްލިފައިވާ ފައިސާގެ ތެރެއިން މިހާތަނަށް 10،950 ރުފިޔާ ފުލުހުންނަށް ހޯދިފައިވާ ކަމަށެވެ. ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.