ޓެކްނޮލޮޖީ

ފޯނުތައް ސްލޯކުރާ ކުރާތީ ސެމްސަންގް އަދި އެޕަލް ޖޫރިމަނާކޮށްފި

އާ ފޯނުތައް ނެރުމާއެކު ކުރީގެ ފޯނުތަކުގެ ސްޕީޑު ލަސްކުރާތީ އެޕަލް އަދި ސެންސަންގް ޖޫރިމަނާ ކޮށްފިއެވެ.

އެޕަލް އަދި ސެމްސަންގް އިން ފޯނުތަކުގެ ސްޕީޑް ލަސްކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް އެތައް ބަޔަކު ޝަކުވާ ހުށަހަޅާފައިވާއިރު އިޓަލީގެ ކޯޓުން ކުރި މިހުކުމަކީ މިކަމާގުޅިގެން އެ ދެ ކުންފުނީގެ މައްޗަށް ކުރި ފުރަތަމަ ހުކުމެވެ.

އެޕަލް އަދި ސެމްސަންގް އިންވެސް އަލަށް ފޯނު ނެރޭއިރު ކުރީގެ ފޯނުގެ އޮޕަރޭޓިން ސިސްޓަމް ތަކަށް އާ އަޕްޑޭޓް ފޮނުވާލަައެވެ. އަދި އެ އަޕްޑޭޓް އެޅުމުން އެ ފޯނުތައް ލަސްވެ އާ ފޯނުތައް ގަންނަން މީހުންގެ ޝައުގުވެރިކަން ބޮޑުވެ އެވެ.

އިޓަލީގެ އެންޓި ޓްރަސްޓް އޮތޯރިޓީ (އޭޖީސީއެމް) އިން ކުރި ކޮމްޕްލެކްސް އިންވެސްޓިގޭޝަނުން އެނގުނު ގޮތުގައި ދެ ކުންފުނިންވެސް ވަނީ ފޯނަށް ސަޕޯޓް ނުކުރާ ސޮފްޓްވެއަރ އަޕްޑޭޓް އެޅުމަށް އެ ފޯނުތައް ގެންގުޅޭ ކޮންސިއުމަރުންނަށް ފޮނުވާފަަ ކަމަށެވެ. އަދި މި ގޮތަށް އަމަލު ކުރި އިރު ކޮންސިއުމަރުންނަށް އެ އަޕްޑޭޓް އެޅުމުން ވާނެ ގެއްލުމަށް ނުވަތަ އެ ޑިވައިސް ރަނގަޅަށް މަސައްކަތް ކުރާނެ ގޮތުގެ މައުލޫމާތު ނުދޭ ކަމަށް ވަނީ ފާހަގަވެފައެވެ.

އޭޖީސީއެމުން ނެރުނު ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އެ އަޕްޑޭޓް ތަކުން ބޮޑެތި މެލްފަންކްޝަންސްތައް ފޯނަށް ދިމާވެ، ފޯނު ގެ ފަންކްޝަންތައް ލަސްވެ ބޭނުން ނުކުރެވޭވަރުވެސް ވެފައިވެ އެވެ. އަދި ސެމްސަންގް އިން ވަނީ 2014 ގައި ނެރުނު ނޯޓް 4 ގެ ޔޫސަރުންނަށް އެންމެ ފަހުގެ ގޫގަލް އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް އެޅުމަށް އެދިފައި ކަމަށާއި އެ އަޕްގްރޭޑް އެޅުމުން ފޯނު އެކީ ސްލޯވެފައިވާ ކަމަށް ވެސް ފާހާގަ ވެފައިވާކަމަށް އޭޖީސީއެމުގެ ބަޔާނުގައި ވެއެވެ. މިއީ ނޯޓް 7 އަށް އަސްލު ބޭނުން ކުރެވޭ އަޕްގްރޭޑެކެވެ.

އަދި ހަމަ އެހެންމެ އެޕަލް އިން ވަނީ އައިފޯން 6 ގެންގުޅޭ ފަރާތްތަކަށް ވެސް އައިފޯން 7 ގެ ސިސްޓަމް އެޅުމަށް އެދިފައެވެ. އެޕަލްއިން ވެސް ފޯނުގެ ޔޫސަރުންނަށް އެ އަޕްގްރޭޑް ކުރުމުން ފޯނުގެ ސްޕީޑް ލަސްވެ ފަންކްޝަން ތަކަށް ބުރޫއަރާނެ ކަމަށް ބުނެފައި ނުވާ ކަމަށް އޭޖީސީއެމުގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެޕަލް އިން އެއްވެސް ވަރަކަށް ފޯނަށް ދިމާވާ މައްސަލަތަކުގައި ސަޕޯޓް ނުދޭ ކަމަށާއި، ލީގަލް ވޮރަންޓީން ވެސް މިކަންކަން ކަވަރު ނުކުރާ ކަމަށް އެބަޔާނުގައި ވެއެވެ.

އެޕަލް ކުންފުނި ޖޫރިމަނާ ކޮށްފައިވަނީ 10 މިލިއަން ޔޫރޯއަށެވެ. ސެމްސަންގް ޖޫރިމަނާ ކުރީ 5 މިލިއަން ޔޫރޯ އިންނެވެ.