ވާހަކަ

ކުރު ވާހަކަ: އަހަންނަށް ހުރި ގޮތް - 02

(27 ވަނަ ދުވަހުގެ އަދަދާ ގުޅޭ....)

އެރީތި މަލެއްފަދަ މޫނާއި ގުދުރަތުގެ ފުރިހަމަ ނަމޫނާއެއްފަދަ ހަށިގަނޑު އަހަރެންގެ މުޅި ވުޖޫދު ހަފުސްކޮށްލިއެވެ. އަހަރެން ޝާދިޔާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. ޝާދިޔާގެ ރައްދު އައިގޮތުން އަހަރެންގެ ހިތް އުފާވެރިކަމުގެ ހަތްވަނަ އުޑަށް ދަތުރުކުރިއެވެ. އޭނާ ބުނިގޮތުން ޝައްމަ އަކީ މަދުން ނޫނީ ނުފެންނާނެ ފަދަ އަބުރުވެރި އިއްފަތްތެރި އަންހެންކުއްޖެކެވެ. ވިސްނުންތޫނު ހަރުދަނާ މިޒާޖެއްގެ ވެރިއެކެވެ. ދުވަހަކުވެސް މީހަކާ ރައްޓެހިވެފައެއް ނުވެއެވެ.

އަހަރެން ކަނލާގެ ކިބަފުޅަށް ޝުކުރުކުރީމެވެ. އަހަރެންނަށް ހީވީ ޝައްމަ އަހަރެންގެ މިލްކަކަށް ވީހެންނެވެ. އޭގެފަހުން އައި ދުވަސްކޮޅުގެ ތެރޭގައި އަހަރެން ޝާދިޔާގެ އެހީގައި ޝައްމައާއި ވަރަށް ބޮޑަށް ގުޅުން ބަދަހިކުރީމެވެ. އަހަރެމެން ތިން މީހުން ކޮންމެ ދެތިންރެޔަކުން އެއްރޭ ރެސްޓޯރަންޓަކަށް ދަމެވެ. އެކުގައި ބެޑްމިންޓަން ކުޅެން ދަމެވެ. އެކުގައި ހަވީރު ފިންޏަށް ހިނގާލަން ދަމެވެ.

ޝައްމަގެ ހިޔާލުތަކަށް ގެއްލިގެން ދިޔަވަރުން އަހަރެންގެ ރައްޓެހިންނަށް ދޭންވާ ވަގުތުވެސް ނުދެވެއެވެ. ރައްޓެހިންގެ ޝަކުވާތަކާވެސް ކުރިމަތިލާންޖެހުނީއެވެ. ނަމަވެސް އަހަރެން އޭރު ހިތުގެ އަޑިން ގަބޫލުކުރަމުން ގެންދިޔައީ އަހަރެންގެ ހުވަފެންތަކުގެ ރާނީ އަހަރެންގެ ކައިރިއަށް އަތުވެއްޖެކަމެވެ. އެލޯބިލޯބި އަންހެންކުއްޖާ ހާސިލްކުރުމަށްވުރެ މުހިންމު އެހެން ކަމެއް ނެތްކަމުގައެވެ.

ޖެނުއަރީމަހުގެ ސަތާރަވަނަ ދުވަހަކީ އަަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަހެވެ. އެދުވަހުގެ ހެނދުނު އަށެއްޖެހިއިރު އަހަރެން ގޭގައި ހުއްޓާ ޝާދިޔާގެ ފޯނެއް އަތުވެއްޖެއެވެ. އެތައް އިރަކު އަހަރެން ތަޅުވާފައި ޝައްމަ އަހަރެންދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި އެވާހަކަ ޝާދިޔާ ކައިރީ އޭނާ ބުނި ވާހަކަ ޝާދިޔާ ބުނީ އެދުވަހުއެވެ. އުފަލުންގޮސް ވާނުވާ ނޭނގޭ ހިސާބަށް އަހަރެން މަސްތުވިއެވެ. ވަގުތުން ޝައްމަ ކައިރިއަށް ދާން ބޭނުންވިއެވެ. އަހަރެން ގެއިން ނިކުތީ އަހަރެންގެ މަންމަ ސައިހަދާފައިހުއްޓާ ސައިވެސް ނުބޮއެވެ. ކާރުގައި އަހަރެންނަށް ދުއްވުނު އެންމެ ބާރެއްކޮށް ދުއްވާފައި ދިޔައީ ޝައްމަމެން ގެއަށެވެ. އޭރުވެސް އަހަރެން އިނީ ހަމަޔަކު ނޫނެވެ. ދެބައިކުޅަ އެއްބަޔަށް މަސްތުވެފައެވެ. ލޯބީގެ މަސްތެވެ.

ޝައްމަމެންގެއާ ކައިރިޔަށް ދެވުނުއިރުވެސް އަހަންނަަކަށް ވާނުވާއެއް ނޭނގެއެވެ. ޖެހިގެން އޮތް ގޯޅިތެރެއިން ބައިސްކަލުގައި މީހަކު ނުކުތީ ކުއްލިއަކަަށެވެ. އަހަންނަށް ކާރު މަޑެއް ނުކުރެވުނެވެ. އެދިޔަ ބާރުމިނުގައި ގޮސް އެމީހެއްގެ ގައިގައި ޖެހުނުގޮތަށް އޭނާ ވިއްސައިގެން ހިނގައްޖެއެވެ. އަދި އެގޯޅީގެ ދެކުނުފަރާތުގައި ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑުގައި ޖެހުނު ބާރުމިނުގައި ބިއްލޫރިގަނޑު ތަޅައިގެންގޮސް އޭނާގެ ހަށިގަނޑުގެ ދެބައިކުޅައެއްބައި ޒަހަމްވެއްޖެއެވެ. އެވަގުތުކޮޅު ތެރޭ އަހަންނަށް އަނބުރާލެވުނު ގޮތަކުން ކާރުދިޔައީ އެދިމާއަށެވެ. ކަހާލައިގެން ވަރަށް ބާރަށް ދިޔަގޮތަށް ކާރުން ޖެހުނީ ވެއްޓިފައި އޮތް މީހާގެ ބޮލުގައެވެ.

އަހަރެން ތެޅިގެންފައި ކާރު ފަހަތަށްޖައްސާލައިފައި ކާރުން ފޭބީމެވެ. އޭރު އެތަނަށް އެތައްބަޔަކު އެއްވެއްޖެއެވެ. އަހަންނަށް ޒަހަމްވެފައި އޮތް މީހާ ފެނުމުން އެއީ ދަންނަ މީހެއްހެން ހީވިއެވެ. ދެން ވީގޮތެއް ނޭނގުނެވެ. ހޭއެރިއިރު އޮވެވުނީ ހޮސްޕިޓަލުގައެވެ. ކައިރީގައި އަހަރެންގެ މަންމަ އިނެވެ.

އަހަރެންގެ ކުރިމަތީ ރޮވިފައި، އަނގައިން ބަސް ހުސްވެފައި ޝަދިޔާ ވެސް އިނެވެ. ގަބޫލުކުރާކަށް އަހަރެންގެ ހިތެއް ނުރުހުނެވެ. ޝާދިޔާ ދެތިން ފަހަރަކު ބޯޖަހާލިއެވެ. އަހަންނަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. އަނެއްކާވެސް ދުނިޔެމަތި އަނދިރިވިއެވެ.

ޝައްމަ މަރުވީއެވެ. އަހަރެންގެ އަތުންނެވެ. އަހަރެންގެ ކާރުން ޖެހި އަހަރެންގެ ލޯބި ކުދިކުރީއެވެ. އަހަންނަށް ދުއްވުނުކަމަށްވީވެސް ވަންވޭއަކުން އިދިކޮޅަށެވެ. ކޯޓުން މައްސަލަ ބެލުމަށްފަހު އަހަރެން މައްޗަށް ހުކުމް އިއްވީ ފަންސަވީސް އަހަރަށް ޖަލަށްލުމަށެވެ. އެއީ ނުގަވައިދުން ދުއްވުމުގެ އިތުރުން މީހެއްގެ މަރުގެ އިލްޒާމް އެޅުނީތީއެވެ.

ދުނިޔޭގައި މިފަދަ ވޭނެއް ތަހައްމަލު ކުރަންޖެހޭ އެހެން މީހުންވެސް އުޅޭނެބާވައެވެ؟ ނޫނެކެވެ. އަހަންނަކަށް ހިޔެއްނުވެއެވެ. މިފަދަ ހިތާމައެއް އެހެން މީހަކަށް ނުލިބޭތޯ އަހަރެން ދުއާވެސް ކުރަމެވެ. މާދަމާ އަހަރެންގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ޖަލަށް ގެންދެވޭނެއެވެ. އެއަށްފަހު އަހަރެންގެ މަންމަ އެކަނިވެރިވާނެއެވެ. ނަމަވެސް އަހަރެން ކުރާނީ ކީއްހެއްޔެވެ؟

ފަހަރެއްގައި މިއީ އަހަރެންގެ ގަލަމުން ލިޔެވޭ އެންމެ ފަހުގެ އިބާރާތްކޮޅު ކަމުގައިވެސް ވެދާނެއެވެ. މިއިބާރާތްކޮޅު އަހަރެންގެ މަންމައަށް ފެނިދާނޭ ކަމުގެ އުންމީދުގައި ލޯބިވާ މަންމައެވެ. އަހަންނަށް މައާފްކުރާށެވެ. އަހަރެން ޝައްމަދެކެ ލޯބިވީމެވެ. ނަމަވެސް މަންމަގެ ދަރިފުޅުގެ ނަސީބުގައި ހުރީ މިގޮތަށެވެ. ލޯބިވާ ޝައްމައެވެ. އަހަރެންގެ ފުރާނަފަދަ ލޯބިވާއެވެ. މިއީ އަހަންނަށް ހުރިގޮތެވެ. ކަލާ މިހާރު އަބަދީ ނިންޖަކުން ނިދައިފީމުއެވެ. އަހަންނަށް ހިތްދަތިކަމާއި ވޭނުގެ ދިގު ހަޔާތެއް ކުރިއަށް އޮތީއެވެ.

-ނިމުނީ-