ރިޕޯޓް

މަޖިލިސް ރައީސްގެ ކޯޅުން: ރައީސް ނަޝީދުގެ ސަޕޯޓަރުންގެ ހަމަލާތަކުން ރައީސް ސޯލިހު ކަތިލުމަކަށް!

2

ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި ރާއްޖޭގެ ތަރައްގީގެ ދުވެލި ވެރިކަމުގެ ކޮއިލުގެ ތެރެއިން އެންމެ ބޮޑަށް ހުއްޓުނީ އެންދެރިމާގެ އާއި ކާމިނީ އާއިލީގެ ކޯޅުމުގެ ސަބަބުންނެވެ. ރައީސް މައުމޫނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި އެކަމަނާގެ ބޭބޭފުޅުން، އިލްޔާސް އިބްރާހީމާއި އައްބާސް އިބްރާހީމް އެއްފަޅީގައި، އަނެއްފަޅީގައި ރައީސް މައުމޫނުގެ ކޮއްކޯފުޅު އަދި އޭރުގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދާއި އަނެއް ކޮއްކޯފުޅު އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީން ހުންނަވައިގެން، އެތެރެއިން ކުރަމުން ދިޔަ ހަނގުރާމައިގެ ނަތީޖާއަކީ ރައްޔިތުން ބިކަވެ، ގައުމުގެ ތަރައްގީގެ ދުވެލި ގާހަގަ ދުވެލީގައި އޮތުމެވެ.

އެބޭފުޅުންނަކީ އޭރު ގައުމުގެ އެންމެ ނުފޫޒު ގަދަ ވަޒީރުންނެވެ. އެއް ވަޒީރެއްގެ ދާއިރާއިން ކުރައްވާން ބޭނުންފުޅުވި ކަންކަމަށް އަނެެއް ވަޒީރަކު ހުރަސްއެޅުން އޮތީ އާންމު ވެފަ އެވެ. ކުޑަކުޑަ އެއް މިސާލަކަށް ބަލައިލާ ނަމަ، އަބްދުﷲ ހަމީދު ތަރައްގީ ކުރައްވަން އުޅުއްވި އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓާއި އިލްޔާސް އިބްރާހީމް ލ. އަތޮޅު ތަރައްގީ ކުރައްވަން ކުރެއްވި މަސައްކަތް ކާމިނީ އަދި އެންދެރި އާއިލާގެ ވެރީންގެ ބާރުގެ ތެރޭގައި ފިތިގެން ދިޔަ ގޮތް ފުދެ އެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި، ރައްޔިތުން ގަބޫލުކުރި ހަގީގަތަކީ އަނބިކަނބަލުން ނަސްރީނާގެ ބޭބޭފުޅުންގެ ބާރު މާ ބޮޑަށް ވެސް ގަދަ ކަމެވެ. ވަކީން ޚާއްސަކޮށް އިލްޔާސް އިބްރާހީމް އެވެ. އެ ހުރިހާ ކަމެއްގެ ތެރޭގައި ރައީސް މައުމޫނު ހުންނެވީ ފިތިވަޑައިގެންފަ އެވެ. ސަރުކާރުގެ ކަންކަން ދާން ޖެހޭ ސްޕީޑުގައި ކުރިޔަކަށް ނުދެ އެވެ.

މިހާރު އަނެއްކާވެސް އެކަހަލަ މަންޒަރުތަކެއް މި ދަނީ ފެންނަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ހޮވާނެ މީހަކާ މެދު ޚިޔާލު ތަފާތުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ އިޚުތިޔާރު ތަފާތުވެ، ވަރުގަދަ ހަނގުރާމައެއް މި ވަނީ ފެށިފަ އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން ނަމަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ޕާޓީގެ އެންމެ އިސް ފަރާތެވެ. އެހެން ކަމަށް ވާނަމަ، ޕާޓީގެ ހުރިހާ ގުނަވަނަކުން ވެސް ރައީސް ސޯލިހަށް ފުރިހަމަ ގަދަރާއި އިހުތިރާމް ދޭން ޖެހޭނެ ކަމަށް ސިޔާސީ މުފައްކިރުން ދެކެއެވެ. އެހެން ނަމަވެސް ޕާޓީލައިނުން ރައީސް ނަޝީދުގެ ސަޕޯޓަރުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނުކިޔާކަށް ހަޑި ހުތުރު އެއްޗެއް ނެތެވެ. އިސްތިއުފާއަށް ގޮވައި މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވާ ކަމަށް ގޮވައި، ޚުދުމުޚުތާރު ވެރިޔެއް ކަމަށް ވެސް ގޮވަމުންދަނީ އެވެ. ރައީސް ނަޝީދުގެ ސަޕޯޓަރުން ނިކުމެ، ޕާޓީގެ އެންމެ އިސް ފަރާތް އަދި ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރި މީހާގެ މަސް ކައި، މަގުމަތިކުރުން ބަލައިނުގަންނަ ކަމަށް ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ. މި ފަދަ ހަޑީ ހުތުރު ގޮތަކަށް ރައީސް ސޯލިހު ނިކަމެތިކޮށް އެންމެ އާދައިގެ މީހާއަށް ބަވާ އުސޫލުން މީސްމީޑިއާގައި ބަވައި ނެގުމަކީ، މާމޮޅު ކަމެއް ކަމަށް ބަޔަކު ދުއްޓަސް އެއީ އަދި އިންޓާނަލް ޑިމޮކްރެސީ ވަރުގަދަ ވުން ނޫން ކަމަށް ގަބޫލުކުރާ އާންމު ރައްޔިތުން އެމީހުންގެ ބަސްވެސް އަންނަނީ އިއްވަމުންނެވެ.

މަޖިލިސް ރައީސް ކަމަށް ރައީސް ސޯލިހު އަފީފަށް އަދި ކުރީގެ ރައީސް ނަޝީދު، އަސްލަމް އަށް ތާއީދުކުރައްވާ އިރު، މީ ކެރަފާ އަދި ސިއްކަ އާއިލާގެ ހަނގުރާމައެއް ކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދަކީ ސިއްކަ އަހުމަދު އިސްމާއީލް މަނިކު (ބޮޑު ސިއްކަ) އަދި ކެރަފާ ޒަމީރާގެ ބޭފުޅެކެވެ. އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ގެންނަން ފާޅުގައި މަސައްކަތް ކުރައްވާ، ރައީސް މުހައްމަދު ނަޝީދަކީ ކެރަފާ އަބްދުއްސައްތާރުގެ ބޭފުޅެކެވެ. އަދި ރައީސް ނަޝީދަށް ބައިއަތު ހިފާފައިވާ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، އީވާ އަބްދުﷲ އަކީ ކެރަފާ ޒުހޭރާގެ ބޭފުޅެކެވެ. އެހެން ކަމުން ރައީސް ނަޝީދާއި ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އާއި އީވާ އަކީ ދެބޭންގެ ދެދަރި ތިން ބޭފުޅުންނެވެ. އީވާގެ ބައްޕަ، ހިންނަވަރު، ދޭލިޔާ، އަބްދުﷲ މުހައްމަދު އަކީ ރައީސް ސޯލިހުގެ ދެބޭންގެ ދެދަރި ބޭފުޅެކެވެ. އެހެން ކަމުން އީވާ އަކީ އިބޫގެ ވެސް ސެކަންޑް ކަޒިންއެކެވެ.

މަޖިލީހުގެ ރަައީސް ކަމަށް އަސްލަމް ގެންނާން ކުރަމުން އަންނަ ސޯޝިއަލް މީޑިއާ ކެމްޕޭނުން ފެންނަ ބޭފުޅުންގެ ތެރޭގައި އީވާ އާއި މާލޭ މޭޔަރު ޝިފާ މުހައްމަދާއި ކުރީގެ ފޮރިން މިނިސްޓަރު، ކެރަފާ ނަސީމްގެ ކޮއްކޮއެއް ކަމަށްވާ އުމޭރާ އާއި ރައީސް ނަޝީދުގެ ކޮއްކޮއެއް ކަމަށްވާ އާމިނަތު ނަޝީދާވެސް ހިމެނެ އެވެ.

މި ބޭބޭފުޅުންގެ ބަހުސްތަކުގެ ތެރެއިން ރައީސް ސޯލިހުގެ ކޮއްކޮ، އައިޝަތު މުހައްމަދު ސޯލިހުގެ ޓުވީޓެއްވެސް ވަނީ ފެނިގެން ގޮސްފަ އެވެ. އައިޝަތުގެ ޓުވީޓުގައި ވިދާޅުވީ މީ ހައްތާވެސް ހަސަދަ ކަމަށެވެ. އައިޝަތު އެހެން ވިދާޅުވީ ރައީސް ސޯލިހަށް ފާޑު ކިޔައި އުމޭރާ ކުރި ޓުވީޓަކަށް ދެއްވި ރައްދުގަ އެވެ.

އުމޭގެ ބައެއް ޓުވީޓުތަކުގައި ވަނީ ރައީސް ސޯލިހަށް ވަރަށް ފާޅުގައި ފާޑު ކިޔައިފައެވެ. އެ ގޮތުން މިއީ ރައީސް ނަޝީދުގެ ދުވަސްދުއްވައިލުމުގެ ފެށުން ކަމަށް އޭނާގެ އެއް ޓުވީޓުގައި ބުނެފައިވެ އެވެ.

"އަވަހޭ އިބޫ ސޯލިހު ރައީސް ނަޝީދުގެ ދުވަސް ދުއްވައިލަން މަސައްކަތް ފެށިލެއް. ހާދަ ކަމެއް އަންނި މި މީހާއަށް ކޮށްދީފިއޭ. ހަނދާން ކުރާތި! ދުވަހަކު ވެސް މައާފެއް ނުކުރާނަން. މިހާކަށްހާ ވަރަށް ބަޔަކު ހަރާންކޯރުވާނީ." އުމޭގެ އެއް ޓުވީޓުގައި ބުނެފައިވެ އެވެ.

މަޖިލިސް ރައީސް ކަމަށް މީހަކު ހޮވުމުގެ ކެމްޕޭނުގެ ތެރެއިން، ރައީސް ނަޝީދުގެ ފަޅީން މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ގެންދަވަނީ ސަރުކާރުން މެންބަރުންނަށް ބިރު ދައްކަމުން ގެންދާ ކަމަށާއި މަޖިލިސް ތެރެއިން އެކަން ބެލޭނެ ކަމަށް ބުނެ އިންޒާރުކުރަމުންނެވެ. އަދި ރައީސް ސޯލިހުގެ ކެބިނެޓުގެ ބައެއް ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ. އޭގެ ތެރޭގައި ނަން ފާހަގަކޮށްފައިވަނީ ސަރުކާރުގައި އިބޫ ފެކްޝަން ކަމަށް ކިޔާ އަދި އިބޫގެ އެންމެ އަރިސް ބައެއް ބޭފުޅުންނެވެ. އެ ނަންތަކުގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ފައިސަލް އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވަ އެވެ. އަދި ފިނޭންސް މިނިސްޓަރު އަމީރު އާއި ޕޮލިސް ކޮމިޝަނަރު ސީޕީ ހަމީދު ވެސް އެ ލިސްޓުގައި ހިމެނެ އެވެ.

ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅާ ގޮތުގައި، ކަންކަން މި ދަނީ ކޯލިޝަނުގެ ބައެއް ބައިވެރީން ދާދި ފަހުން މަޖިލިސް ކެމްޕޭންގެ ދުވަސްވަރު ވާހަކަދެއްކި މަގަށެވެ. މިއީ ރައީސް ނަޝީދު މަޖިލީހުގެ މެޖޯރިޓީ ނެގުމަށް ކުރާ މަސައްކަތެއް ކަމަށާއި އޭގެ ފުރަތަމަ ފިޔަވަޅަކީ ރައީސް ސޯލިހަށް ސަޕޯޓެއް ނުދެވޭ މިންވަރަށް ކޯލިޝަނުގެ ދެން ތިބި ބައިވެރީންގެ ބާރު މަޖިލީހުގައި ކަނޑައިލުން ކަމަށެވެ.

"އޭރު އެމްޑީޕީގެ އެންމެން ވެސް ގަބޫލުކުރީ މީ އިބޫއަށް ފައިދާއަކަށް ނުވަތަ އެމްޑީޕީއަށް ފައިދާއަކަށް ކުރާ ކަމެއް ކަމަށް. އެހެންވެ އެހެން ހުރިހާ ޕާޓީއެއް މަޖިލީހުން ނެރެ އެމްޑީޕީއަށް މުޅި މަޖިލިސް ދިނީ. އަސްލު އެއީ ރައްޔިތުން އިބޫއަށް ކުރި އިތުބާރު. އެކަމަކު މިހާރު ހީވަނީ ކޯލިޝަނާ އިބޫއާ ޖައްސުވައި އެކަނިވެރިކޮށްފަ މަޖިލީހުގެ ކޮންޓްރޯލު އެހެން ބަޔަކު ނަގަން އުޅެނީހެން." އެމްޑީޕީގެ އެކްޓިވިސްޓަކު އޭނާ ދެކޭގޮތް ފާޅުކުރި އެވެ.

އޭނާ ބުނީ ރައީސް ނަޝީދު ކުރީން ވެސް ވިދާޅުވި ފަދައިން، އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރަކަށް ވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނަށް އެބަ އޮތް ކަމަށާއި އެކަމަށް ހުރަހެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރެއްގައި އެމަނިކުފާނު ބޭނުންފުޅުވާ ގޮތާ ސީދާ އިދިކޮޅަށް ރައީސް ނަޝީދު ތެދުވެވަޑައިގެން މަޖިލީހުގެ ރައީސަކު ހޮއްވަވަން އުޅުއްވާން ޖެހިވަޑައިގަންނަވާ ސަބަބެއް ނެތް ކަމަށެވެ. ސަރުކާރަށް އެންމެ ރަނގަޅު އަދި އެންމެ ފަސޭހަ ގޮތަށް އެމައްސަލަ ނިންމުމުގެ އިޚުތިޔާރު ރައީސް ސޯލިހަށް ނަޝީދު ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

ރައީސް ސޯލިހުގެ މައްޗަށް ފަތަހަ ހޯއްދަވައި، މަޖިލިސް ރައީސް ކަމަށް ނަޝީދު ބޭނުންފުޅުވާ މީހަކު ލުމަކީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލެއްވުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ފެށުން ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެ އެވެ. އޭގެ ދެވަނަ މަރުހަލާ އަކަށް ވެގެން ދާނީ އެ ނިޒާމުގެ ތެރެއިން ރައީސް ނަޝީދު ރާއްޖޭގެ ބޮޑުވަޒީރު ކަމަށް ވަޑައިގަތުން ކަމަށް ވެސް އެފަދަ ފަރާތްތަކުން ކަމަށް ގަބޫލު ކުރެވެ އެވެ.

ކޮންމެއަކަސް މުޅި މީސްމީޑިއާގައި އެމްޑީޕީގެ މެންބަރުން ބަހުގެ ހޫނު ހަމަލާތައް ދެމުންދާ އިރު، މިރޭ ދަރުބާރު ގޭގައި އޮންނަ ރަސްމިއްޔާތުގައި ވޯޓު ދޭނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި މެންބަރުން އެކަންޏެވެ. އަދި މި ފަދަ ބޮޑު މައްސަލައެއްގައި ގައުމު ހިންގާން ހުންނެވި ރަައީސުލްޖުމްހޫރިއްޔާ ވަކި ގޮތެއް ބޭނުންފުޅުވާ އިރު، އަދި އޭނާ އަކީ ޕާޓީގެ ވެސް އެންމެ އިސް ފަރާތް ކަމަށްވާ އިރު، ހަމަ އެ ޕާޓީގެ ތެރެއިން ރައީސްގެ މަސް ކޮށައި ކާޅަށް ކާން ދިނުމަކީ، އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. އަދި ރައީސް ސޯލިހަށް އެމަނިކުފާނު ނިކުމެ ވަޑައިގެން ހޯއްދެވި މަޖިލީހުގެ މެޖޯރިޓީގެ އެހީގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރެއްވޭނީ އެ މަނިކުފާނު ނިންމެވުމަށް މި މައްސަލައިގައި ރައީސް ނަޝީދު ވެސް އިހުތިރާމުކުރައްވައިގެން ކަމަށް އެފަދަ ފަރާތްތަކުން ގަބޫލުކުރެ އެވެ. އަދި ހަމަ އެހެންމެ ރައީސް ސޯލިހުގެ ނިންމެވުމާ ގުޅިގެން އެންމެ ރަނގަޅަށް ކަންކަން ނުދާ ނަމަ، މަޖިލިސްގެ ރައީސް ފަހުން އަނެއްކާވެސް ބަދަލުކުރުމުގެ ފުރުސަތު އޮންނާނެކަން ވެސް ފާހަގަ ކުރެ އެވެ.

މި މައްސަލައިގެ ބަހުސް ޕާޓީގެ އޮޅި ހުރަސްކޮށް، ކެރަފާ އަދި ސިއްކަ އާއިލާގެ ހަނގުރާމައެއްގެ ގޮތުގައި ރައްޔިތުން މާނަކުރާ ހިސާބަށް ކަންތައްތައް މި އޮތީ ގޮސްފަ އެވެ. މިރޭގެ ޖަލްސާއިން ކޮންމެ ގޮތަކަށް ނިމުނަސް، ބަހުގެ ހަމަލާތަކުން، މީހުންގެ ހިތްތަކަށް ލިބުނު ޒަޚަމް އަވަހަށް ފިލައިގެން ދާނެ ކަމަކަށް ނުބެލެވެ އެވެ. އަދި ކުރީން ހިނގާފައި ހުރި ކަންކަމުގައި ރައީސް ސޯލިހުއާ ނަޝީދުގެ ގުޅުމަށް ހީނަރުކަން ނަޔަސް، މި މައްސަލައަކީ އެ ދެބޭފުޅުންގެ މެދުގައި ގުޅުން ގޯސްވުމުގެ ފެށުން ކަމަށް ސިޔާސީ މުފައްކިރުން ދެކެ އެވެ. ސަބަބަކީ ކުރީން ރައީސް ސޯލިހު ނަޝީދާ އެއްކޮޅަށް ދީލައިލެއްވި ކަންކަމަކީ އެހެން ފަރާތްތަކާ ގުޅުން ހުރި ކަންކަމަށް ވެފައި، މި މައްސަލައަކީ ސީދާ ރައީސް ސޯލިހުގެ އަމިއްލަފުޅު ނިންމެވުމަކާ ރައީސް ނަޝީދު ދެކޮޅު ހެއްދެވުން ކަމަށް ވާތީ އެވެ.

ޏ

އިބޫ އަކީވެސް އިހްލާސް ތެރިއެއް ނުން އަންނި އަކީ ވެސް . މިބަޔަކާ ހެދި ރައްޔިތުންނައް ހުރިހާ ގެއްލުމެއް

ބުއްޅަބޭ

ރސޯލިހް އަށް ރިޔާސީޓިކެޓް ދިނުމާ އެންމެ ދެކޮޅު ހެދި ބޭފުޅަކީ ރނަޝީދު. ކީއްވެކަން ރސޯލިހަށް ވިސްނޭނެ.