ފުރާނަދަންދެން

ފުރާނަދަންދެން - 18

1

ސިޓިންގރޫމްގައި ހުރި ނައިޝީ ނާހިދަށް އިންތިޒާރު ކުރަމުން ދެކޮޅަށް ހިނގަން ފެށިއެވެ. އިރުކޮޅަކާއި އަތުކުރީގައި އޮތް ގަޑިއަށް ބަލައިލައެވެ. ނާހިދް ލަސްވެގެން އޭނާ ގޭ ދޮރު މައްޗަށް ނިކުމެލި ވަގުތު އެއީ އެގޭ ކައިރީގައި ނާހިދް ސައިކަލް މަޑުކޮށްލި ވަގުތެވެ. ނައިޝީ ފެނުމާއެކު ހިނިތުންވެލިއެވެ.

"ހިނގާ އެތެރެއަށް" ނާހިދްގެ އަތުގައި ހިފާލަމުން ނައިޝީ ބުނެލިއެވެ.

"މިތަނުގަތަ؟ ނޫނީ ކޮޓަރިއަށްވެސް ދެވިދާނެ" ސިޓިންގްރޫމުގައި މަޑުކޮށްލުމަށްފަހު ނައިޝީ އަހާލިއެވެ.

"މިތަނުގަ ވާހަކަދައްކަނިކޮށް މަންމައަށް އަޑު އިވިދާނެ. އެހެންވީމަ ހިނގާ އިޝީ ރޫމަށް" ނާހިދް ބުނެލިއެވެ. ނައިޝީގެ މަންމައަށް ނާހިދް 'މަންމަ' ގެ ނަމުން މުހާތަބް ކުރުމުން ނައިޝީގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.

"އަހަރެން މިހާރު ބިރު ގަންނަން ފަށައިފި. އަނެއްކާ ކިހާ ވަރެއްގެ ވާހަކައެއްބާ ބުނަން ތިއުޅެނީ؟ އަވަސްކޮށްލާ. އެހެންނޫނީ ގަޑިއަށް ކޯޓަށް ނުދެވިދާނެ" ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަމުން ނައިޝީ ބުނެލިއެވެ.

"މިކައިވެނި ކުރަން އަހަރެން ބޭނުމެއްނޫނޭ ބުނެފިއްޔާ....؟؟" ނައިޝީއާއި ހަތަރުކަޅި ހަމަކޮށްލަމުން ނާހިދް ބުނެލިއެވެ.

ހިނިތުންވެފައިވާ ނައިޝީގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. ނާހިދް އިސްޖަހާލިއެވެ. އޭނާއަށް މިކުރެވުނީ ކީއްހެއްޔެވެ؟ މައުސޫމް އަންހެން ކުއްޖެއްގެ އިހުސާސްތަކާއި ކުޅެލެވުނީއެވެ. ޙަޤީޤަތުގައިވެސް އޭނާ އައީ އެތައް ގޮތަކަށް ވިސްނުމަށްފަހު އެކައިވެނި ނުކުރެވޭނެ ވާހަކަ ބުނުމަށެވެ. ނަމަވެސް ނައިޝީގެ ދެލޮލުގެ ތެރެއިން ވިދަން ފެށި ކަރުނަތައް ފެނި އޭނާގެ ވިސްނުން ބަދަލުކުރަން ޖެހިއްޖެއެވެ.

"ހެހެހެ.... ޖަސްޓް ކިޑިންގް..." ހިނިގަނޑަކާއެކު ނާހިދް ބުނެލިއެވެ. ނައިޝީއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ދެނެވެ. އޭރު އޭނާގެ ދެކޯތާފަތުން ރޮނގަކަށް ކަރުނަތައް ފައިބަން ފަށައިފިއެވެ.

"ހިއެއް ނުކުރަން އަހަރެންގެ ވައިފްއަށް ވާން މިއުޅެނީ ބިއްލޫރި ހިތެއް ލިބިފައިވާ ކުއްޖެއް ކަމަކަށް" ނައިޝީގެ ދެލޯ ކައިރި މަޑުމަޑުން ފޮހެލަމުން ނާހިދް ބުނެލިއެވެ. ނާހިދަށް ސިހުމެއް ލިބުނީ ކުއްލިއަކަށް އޭނާގެ ހަށިގަނޑުގައި ނައިޝީ އޮޅުލައިގަތުމުންނެވެ. ނައިޝީގެ ފަރާތުން އެފަދަ އަމަލެއް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އެކަން ނާހިދް މާބޮޑު ކަމަކަށް ނެހެދިއެވެ.

"އެންމެ ފުރަތަމަ ވަޢުދުވޭ. ދުވަހަކުވެސް ތިކަހަލަ ބިރުވެރި ސަމާސާއެއް ނުކުރާނެ ކަމަށް" ނާހިދްގެ ހަށިގަނޑުން ދޫކޮށްލުމަށްފަހު ނާހިދްގެ ކުރިމަތީގައި އަތްތިލަ ހުޅުވާލަމުން ނައިޝީ ބުނެލިއެވެ. ވަގުތުން ނާހިދް ވަޢުދުވިއެވެ.

"ފޯރ އަ ސެކަންޑް... ހީވީ ހާޓްބީޓް ހުއްޓުނުހެން" ނައިޝީ ބުނެލިއެވެ. ނާހިދް ދެކަންފަތުގެ ކުޑަ ފޫޅުގައި ދެއަތުން ހިފާލަމުން މަޢާފަށް އެދުނެވެ. ނައިޝީ އުފަލާއެކު މަޢާފްކުރިއެވެ.

"ވެލް....... ނައިސް ރޫމް" ކޮޓަރީގެ ހުރިހާ ފަރާތަކަށް ބަލައިލަމުން ނާހިދް ބުނެލިއެވެ. ނައިޝީ ޝުކުރުއަދާ ކުރިއެވެ.

"ދެން ބުނެބަލަ އަސްލު ވާހަކަ...؟" ނައިޝީ ބުނެލިއެވެ.

"އިޝީ...! ޑޯންޓް ގެޓް މީ ރޯންގް އިނގޭ. އަހަރެން އިޝީއާއި ކައިވެނިކުރަން މިއުޅެނީ އެއްވެސް މީހަކު ފޯސް ކޮށްގެނެއްނޫން. ހަމަ ހިތުން ރުހުމުން. އަހަރެންވެސް ބޭނުންވެގެން. ކައިވެންޏަށް ފަހު އަހަރެންނަށް ހެދޭ މިސްޓޭކަކުން މި ކައިވެންޏަށް އެއްވެސް އުނިކަމެއް އަންނާކަށް ބޭނުމެއްނޫން. އެކަމަކު...."...... ނާހިދް ވާހަކަ ހުއްޓާލިއެވެ. އޭނާއަށް ކުރިއަށް ގެންދަން އުނދަގުވިއެވެ.

"އެކަމަކު އަހަރެން އިޝީއަށް ދޮގެއް ހެދިން. ކަމެއް ސިއްރުކުރިން. އަހަރެންގެ ހިތުން ފިލުވާލަން އުނދަގު ޕާސްޓެއް އެބައޮތް. އެހެންނު...." ނާހިދްގެ ވާހަކަ ފުރިހަމަކުރީ ނައިޝީއެވެ. ނާހިދް ނައިޝީގެ މޫނަށް ޚައިރާންކަމުން ފުރިގެންވީ ބެލުމަކުން ބަލައިލިއެވެ.

"އިނގޭ ނާހިދް ލޯބިވަނީ އަޒްކާ ދެކެކަން. އިނގޭ އަޒްކާއަކީ ނާހިދްގެ ކޮއްކޮއެއް ނޫންކަން. އިނގޭ އަޒްކާ ނާހިދް ދޫކޮށްފަ ދިޔައީކަން. ހުރިހާ އެއްޗެއް އިނގޭ. އެހުރިހާކަމެއް އެނގިހުރެ ނާހިދާއި އެކުގައި އުޅެން ބޭނުންވީ..." ނައިޝީ ވާހަކަދެއްކިއެވެ. ނާހިދް އެހެން ދިމާލަކަށް ބަލަން ފެށިއެވެ. މާކުރިން ނައިޝީއަށް ހުރިހާ ކަމެއް އެނގިފައި އޮތްކަމެއް އޭނާއަށް ނޭނގެއެވެ.

"އަހަރެން ބޭނުންވަނީ ގަދަކަމުން ނާހިދްގެ ހިތަށް ވެރިވެގަންނާކަށް ނޫން. އަހަރެން ބޭނުންވަނީ އަހަރެންގެ ލޯބިން ނާހިދްގެ ހިތް ފަތަހަކުރަން. އައި ޓްރަސްޓް މައި ސެލްފް. އެހާ ކޮންފިޑެންސް އެބަހުރި އަހަރެންނަށް މިކަން ކާމިޔާބުވާނެ ކަމުގެ" ނާހިދްގެ މޭގައި ބޯއަޅާލަމުން ނައިޝީ ވާހަކަދެއްކިއެވެ.

"ކައިވެނީގެފަހުން އަހަރެންނަށް އިޝީ ބޭނުންވާކަހަލަ ފިރިއަކަށް ނުވެވުނިއްޔާ..... ދެން...؟" ނާހިދް ބުނެލިއެވެ.

"ލައިކް....؟؟" ނައިޝީ އަހާލިއެވެ.

"ކައިވެނީގެ ފަހުން އަހަރެންނަށް ކުޑަ ދުވަސްކޮޅެއް ދޭނަންތަ؟ އަހަރެން ބޭނުން އަހަރެންގެ ހިތުން އަޒްކާ ބޭރުކުރަން. އެހުރިހާ ކަމެއް އަހަރެންގެ ހިތުގައި ވަނިކޮށް އިޝީއާއި ގާތްވަން..... އައި މީން.... އެފަދަ ގުޅުމަކަށް ދާން އުނދަގުވާނެ..." ނާހިދްގެ ވާހަކަތަކާއެކު ނައިޝީއަށް ދެލޯ މަރާލެވުނެވެ. އޭނާގެ ދެލޯ ފެންކަޅިވިއެވެ. ނަމަވެސް އޭނާ ގަދަކަމުން ކަރުނަތައް ހިންދާލިއެވެ.

"އައި ހޭވް ނޯ ޕްރޮބްލަމް. ޓޭކް ޔުއަރ ޓައިމް. އަހަރެން އަބަދުވެސް ހުންނާނީ ނާހިދާއި އެކުގަ" ނައިޝީ ބުނެލިއެވެ.

"ކީއްވެތަ އިޝީ ތިހާ ރަނގަޅީ...؟" ނާހިދް އަހާލިއެވެ.

"ކޯޒް އައި ލަވް ޔޫ ސޯ މަޗް. އެހެންވެ. އެންޑް އައި ޑޯންޓް ވޯންޓް ޓު ލޫޒް ޔޫ އެޓް އެނީ ކޯސްޓް" ނައިޝީ ވާހަކަދެއްކިއެވެ.

"ދެން އެހެންވިއްޔާ މި ހުރިހާ އެއްޗެއް އަހަރެން ބުނުމުގެ ކުރިން އިޝީއަށް ކިހިނެއް އިނގުނީ؟" ހިތުގައި އުފެދެމުން އައި ސުވާލު ނާހިދް ނައިޝީއާއި ކޮށްލިއެވެ.

"ސޮރީ.... އަހަރެން ނާހިދްގެ ފޯނުން ފެނުނީ. އެއްވެސް ކަމަކަށް ނާހިދަށް ޝައްކު ކުރާތީއެއްނޫން. އިމްރާންގެ ނަންބަރު ހޯދަން އުޅެނިކޮށް. އިމްރާނާއި ދެމީހުން ދައްކާފައި ހުރި ވާހަކަތައް ފެނުނީ. ވަރަށް ބޮޑަށް ސޮރީ. ދުވަހަކުވެސް ނާހިދްގެ ހުއްދައެއް ނެތި ދެން ތި ފޯނުގައި އަތްނުލާނަން" ދެކަންފަތުގެ ކުޑަ ފޫޅުގައި ހިފާލަމުން ނައިޝީ ބުނެލިއެވެ. ނާހިދް ނައިޝީ ގެނެސް އޭނާ މެއާއިލާ ބޮނޑިކޮށްލިއެވެ. އެއީ އެވަރުގެ ކަމެއް ނޫނޭ ބުނެލިއެވެ.

ކޯޓުން ބޭރުގައި ދެފަރާތުގެ އާއިލާ މަޑުކޮށްލައިގެން ތިބީ ނައިޝީގެ މަންމަގެފަރާތު ދެ ބޮޑުދައިތަ އަންނަ ވާހަކަ ބުނުމުންނެވެ. ހުދުކުލައިގެ މިޑީގައި ހުރި ނައިޝީ ކައިވެންޏަށްޓަކައި ހާއްސަކޮށް ބުރުގާ އަޅާލާފައި ހުރިއިރު އޭނާގެ ރީތިކަން އިންތިހާއެވެ. އޭނާގެ ލޫޅާފަތި ހަށިގަނޑާއި ލައިގެން ހުރި ހެދުން ނުހަނު ގުޅެއެވެ. ހިމަހިމަ މެދުހަށީގައި އަޅާލާފައިވާ ގޯލްޑް ކުލައިގެ ހިމަ ބެލްޓާއި އަޅައިގެން ހުރި ޝޯލް ވަނީ ގުޅުވާލައިފައެވެ. އޭނާގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް ކައިރީގައި ހުދާއި ކަޅު ކުލައިގެ ހެދުމުގައި ހުރި ނާހިދުގެ މޫނުން ނައްޓައިގެން ނުދެއެވެ. އިރުކޮޅަކާއި ނާހިދު ނައިޝީއަށް ބަލައިލާފައި ހިނިތުންވެލައެވެ. އޭނާގެ މޭތެރޭގައި އޮތް ހިތުގައި ވޭން އަޅަމުން ދިޔައިރު އޭނާ މަސައްކަތްކުރަމުން ދިޔައީ އެހުރިހާ ކަމެއް މަތިން ހަނދާން ނައްތާލުމަށެވެ. މީހެއްގެ ފިރިއަކަށް އޭނާ ވުމަށް އޮތީ މަދު ވަގުތުކޮޅެކެވެ.

ނައިޝީގެ ބޮޑުދައިތަމެންނާއި ދާދި އެކުއެކީގައި އިމްރާންވެސް އައެވެ. ކޯޓު ދޮރުމަތިން ފެށިގެން ކައިވެނި ކުރެވޭ މާލަމުގައި ހިނގާ ހުރިހާ ކަމެއް އިމްރާން ދިޔައީ ވީޑިޔޯ ކުރަމުންނެވެ. ކައިވެނީގެ ހަފްޟާ ފެށިގެން ދިޔައިރު ނައިޝީ އިނީ އިސްޖަހާލައިގެންނެވެ. އެއްދިމާލަކަށް ބަލަހައްޓައިގެން ނާހިދް އިން އިރު އިނާޝާ އިނީ އޭނާގެ ދަރިފުޅުގެ މޫނަށް ބަލަން ގެއްލިފައެވެ. އެދަރިފުޅުގެ މޫނުމަތީގައި ހިނިތުންވުމެއް ވިޔަސް އެ މޫނުމަތިން މާޔޫސްކަން އޭނާއަށް ފެންނަ ކަހަލައެވެ. އެކައިވެންޏަކީ އޭނާގެ ދަރިފުޅުގެ އެކަނިވެރި ހަޔާތް އުޖާލާ ކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅަށް ވުމަށް ހިތާހިތުން އޭނާ ދިޔައީ ދުޢާކުރަމުންނެވެ.

"އަނބި ޤަބޫލުކޮށްފިން" އެ ދެ ލަފްޒުގެ ޖުމްލަ ދުލުން ބޭރުކޮށްލުމަށްޓަކައި އޭނާ ކުރި ހިތްވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އޭނާ ކައިރީގައި އިން ނައިޝީގެ މޫނަށް ބަލައިލިއެވެ. ނައިޝީގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ނާހިދަށް ފެނުނެވެ. އޭނާ ހިތަށް އަސަރު ކުރިއެވެ. ނައިޝީ އޭނާދެކެ ލޯބި އެވަނީ ހާދަ ބޮޑަށެވެ. ބަދަލުގައި އޭނާއަށް ލޯބި ދެވޭނެނަމައެވެ.

"އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު، އަހަރެންގެ މުޅި ދިރިއުޅުން މި ހަވާލުކުރަނީ މިދުނިޔޭގައި ހުރި އަހަރެންވެސް އަދި އިޝީވެސް އެންމެ އިތުބާރުކުރާ ފަރާތާއި. ދައްތަމެންނާއެކު އަހަރެން ހަމަ މިރޭ ރަށަށް ދާން ފުރާނަން. އަހަރެންގެ ދަރިފުޅަށް ދެރަގޮތެއް ނަހަދާތި" ނޫރުޒާދާ ވާހަކަދެއްކީ ނައިޝީ ކައިރީގައި ހުރި ނާހިދާއެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އިޝީއަށް ދެރަގޮތެއް ނަހަދާނަން. އަޅުގަނޑުގެ ހަޔާތުން ދުރަށް ދާންޖެހޭނީ އިޝީ ބޭނުންވެގެން. އަޅުގަނޑު ބޭނުންވެގެނެއްނޫން" ނާހިދްގެ އެ ޖުމްލައާއެކު ނައިޝީއަށް ނާހިދްގެ މޫނަށް ބަލައިލެވުނެވެ.

"ނެވަރ އެވަރ..." ނައިޝީ މަޑުމަޑުން ބުނެލިއެވެ.

ނޫރުޒާދާ ނައިޝީއާއެކު ނާހިދުގެ ގެއާއި ހަމައަށް ދިޔައެވެ. ކައިވެންޏާއި ބެހޭގޮތުން މައެއްގެ ފަރާތުން އަންހެން ދަރިއަކަށް ދޭންޖެހޭ ހުރިހާ ނަޞޭޙަތެއް ދިނެވެ. އޭނާ އެގެއިން ދިޔައީ އެގޭގައި ހަމަޖައްސާފައިވާ ރޭގަނޑުގެ ކެއުމުގައި ބައިވެރިވެ ނައިޝީއާއި އެކުގައި އެތައް ވަގުތެއް ހޭދަކޮށްފައެވެ.

އިނާޝާއާއި އެކުގައި ނައިޝީ ސިޑިން އަރައިގެން ދަމުން ފަހަތަށް ބަލައިލިއެވެ. އެދެމީހުންގެ ފަހަތުން އިސްޖަހާލައިގެން ހުރެ ނާހިދް އަރަމުން ދިޔައެވެ.

"ދަރިފުޅު ދޭބަލަ. މަންމައަށް މިއާދެވުނީ ބޭރުދޮރު ތަންޑުނާޅުވާ ކަންނޭނގެ" އިނާޝާ ލަސްލަހުން ބުނެލިއެވެ. ނާހިދް ވަގުތުން ތިރިއަށް ފޭބިއެވެ.

ކޮޓަރީ އެނދުގައި ނައިޝީ ބޭންދުމަށްފަހު އިނާޝާ ހީލިއެވެ. އޭނާ ނައިޝީގެ ބޮލުގައި ފިރުމާލަމުން މަރުހަބާ ކިއިއެވެ.

"މަންމަ ދަނީ އިނގޭ. އިރުކޮޅަކުން ނާހިދް އަންނާނެ" އިނާޝާ ކޮޓަރިން ނިކުތެވެ.

ސިޑިން އަރައިގެން އައި ނާހިދްގެ އަތުގައި އިނާޝާ ހިފިއެވެ. ނާހިދް ކޮޓަރިއަށް ފޮނުވާލުމުގެ ބަދަލުގައި ނާހިދް ގޮވައިގެން އޭނާ ވަނީ އޭނާގެ ކޮޓަރިއަށެވެ. އިނާޝާ އެގޮތަށް އަމަލުކުރި ސަބަބު ނާހިދަށް އިނގުނެވެ. އޭނާ ވަގުތުން މޫނުމަތީގައިވާ މާޔޫސްކަން ފިލުވާލައި ހިނިތުންވާން މަސައްކަތްކުރިއެވެ.

"ކިހިނެއްވީ މަންމާ؟ އިޝީ ވެއިޓްކުރާނެ" އިނާޝާގެ ދެކޮނޑުގައި ހިފާލަމުން ނާހިދް ބުނެލިއެވެ.

"ދަރިފުޅު ތިހުންނަނީ އުފަލުންތަ...؟" އިނާޝާ އަހާލިއެވެ.

"އޮފްކޯޒް މަންމާ. އަޅުގަނޑުގެ ކައިވެނި ކުރެވުނީ. އަޅުގަނޑަށް މިހާރު އިނގޭ އަޅުގަނޑަކީ އެކަކު ނޫންކަން. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ކައިވެނި މަތީގައި ދެމިހުންނާނަން" ނާހިދް ޔަޤީންކަން ދިނެވެ.

"ޔަޤީންތަ...؟" އިނާޝާ ވާހަކަދެއްކިއެވެ.

"ހޫމް... މިއީ މިހާރު ކުރީގެ ނާހިދެއްނޫން. އަޅުގަނޑު ހަނދާންކުރާނަން ޒިންމާއަކީ ކޮބާކަން. އަޅުގަނޑާމެދު މަންމަވެސް ބައްޕަވެސް ނުވިސްނާ" ނާހިދް ވާހަކަދެއްކިއެވެ.

މަޑުކޮށްބަލަ. ވަޢުދުވޭ. ދުވަހަކުވެސް ދުވަހަކުވެސް ކަމަކާއި ހިތްހަމަނުޖެހިގެން ތިމާގެ އަނބިމީހާގެ ހަށިގަނޑުގައި ތަދުވާގޮތަށް އިނގިލި ކުރިވެސް ޖައްސާނުލާނެ ކަމުގެ" ނާހިދް ފަހަތަށް ބަލައިލުމާއެކު އިނާޝާ ވާހަކަދެއްކިއެވެ.

"ކޮންކަހަލަ ވާހަކައެއް ތިދައްކަނީ މަންމާ. ވަޢުދު ނުވިޔަސް މަންމައަށް އިނގެން ޖެހޭނެއްނު އަޅުގަނޑު ތިކަހަލަ ކަމެއް ނުކުރާނެކަން. އެކަމަކުވެސް އައި ޕްރޮމިސް. ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާނަން" ނާހިދް ވަޢުދުވިއެވެ. އިނާޝާ ހީލިއެވެ.

ކޮޓަރިން ނިކުމެގެން ނާހިދް ނިކުމެގެން ދިޔަ މަންޒަރު ބަލަން އިނާޝާ ހުއްޓެވެ. އޭނާ ނާހިދު ލައްވާ އެފަދަ ވަޢުދެއް ކުރުވީ މާޒީގައި އޭނާއާއި މެދު ކަންތައް ހިނގާފައިވާ ގޮތުންނެވެ. އޭނާ ތަޙައްމަލް ކުރި ފަދަ ދިރިއުޅުމެއް އޭނާގެ ދަރިފުޅުގެ ސަބަބުން އެހެން އަންހެންކުއްޖެއް ތަޙައްމަލް ކުރަން ނެދޭތީއެވެ. އަދި އޭނާގެ ދަރިފުޅު ހުރީ އުފަލުން ނޫންކަން އޭނާއަށް އިނގެއެވެ. އޭނާގެ ހިތް އޭނާއަށް އެބަ ބުނެދެއެވެ. ނަމަވެސް އޭނާ ހުރިހާ ކަމަކާއި ހެއްދެވި ފަރާތާއި ވަކީލް ކުރިއެވެ. އެހެނީ އެކަލާނގެ ހުރިހާ ކަމަކަށް ކުޅަނދުންވަންތައެވެ. އެކަލާނގެ އިރާދަފުޅުން މެނުވީ ގަހަކުން ހިކި ފަތެއްވެސް ބިން މައްޗަށް ނުވެއްޓޭ ހުއްޓެވެ. މިއަދުގެ ހާލަތު ކޮންމެ ގޮތަކަށް އޮތަސް މާދަމާ ވާނެ ގޮތެއް އިނގޭނީ ކާކަށް ހެއްޔެވެ؟

ކޮޓަރިއަށް ވަދެ ދޮރު ލޮކް ކޮށްލިއިރު ނައިޝީ ހުރީ ކުޑަދޮރު ކައިރީގައެވެ. ނާހިދް އެންމެ ޚައިރާންވީ ނައިޝީ ހެދުން ބަދަލުކޮށްގެން ހުރީމައެވެ.

"ލެޓްސް ސްލީޕް..." ނާހިދާއި ގާތަށް ހިނގައިގަންނަމުން ނައިޝީ ބުނެލިއެވެ. ނާހިދް ހިނިތުންވެލިއެވެ.

"އިޝީ ބޭނުމީ ނިދަންތަ...؟" ނާހިދް އަހާލިއެވެ.

"ވައި އާސްކިންގް. ޔޫ ހޭވް އެނީ ޕްލޭން....؟؟" ސަމާސާ އެކުލެވޭ ރާގެއްގައި ނައިޝީ އަހާލިއެވެ.

"ނޯ... ޖަސްޓް އާސްކިންގް. އެހާ އަވަހަށް ނުއެއް ނިދޭނެ. އަމް.... އިޝީ ބޭނުމިއްޔާ ނިދާލާ" ނާހިދް ބުނެލިއެވެ. ލައިގެން ހުރި ގަމީހުގެ ގޮށް ނައްޓަމުން އަލަމާރި ކައިރިއަށް ނާހިދް ހިނގައިގަތުމުން ނައިޝީ ގޮސް އެނދުގައި އިށީނެވެ. ނާހިދްގެ ހަށިގަނޑުން ގަމީސް ވަކިކޮށްލުމާއެކު ނައިޝީގެ ނަޒަރު ހުއްޓުނީ ނާހިދްގެ ދޮން ބުރަކައްޓަށެވެ. އޭނާ ނަޒަރު ވަކިކޮށްލަން ބޭނުންވިޔަސް އެއްވެސް ހަރަކާތެއް ނުގެނެވުނެވެ. އެހަށިގަނޑުގައި ލޯބިން ބައްދާލަން އިންތިހާއަށް އޭނާގެ ހިތް އެދެމުން ދިޔައެވެ. ތިރިން ނިދަންލާ ހަރުވާޅަށް ބަދަލުކޮށްލުމުގެ ކުރިން ނާހިދް ހުއްޓުނެވެ. އޭނާ ފަހަތް ބަލާލުމުގެ ކުރިން ނައިޝީ އެނދުގައި އޮށޯވެ ނާހިދަށް ފުރަގަސްދިނެވެ. އެހެންނަމަވެސް ނާހިދް ހަރުވާޅަށް ބަދަލުކުރީ ފާހާނާއަށް ވަދެފައެވެ.

އެނދުގައި އޮށޯވެ ކުޝަނެއް މޭގައި ޖައްސާލަމުން ނާހިދް ނައިޝީއަށް ބަލައިލިއެވެ. އޭނާ އޮތީ އެނދުގެ ކިރިޔާ ވެއްޓޭ ނުވެއްޓޭ ހިސާބުގައެވެ.

"ހާދަ ބިރުން. އަހަރެން ނޫޅެން ނާހިދަށް އެއްވެސް ކަމެއް ކުރާކަށް" ހީލަމުން ތެދުވެ ހެޑްބޯޑުގައި ލެގިލާފައި ނައިޝީ ބުނެލިއެވެ.

"ހެހެހެ....ވެރީ ފަނީ....." ނާހިދް ބުނެލިއެވެ.

"ވަރަށް ކަރުހިއްކައިގަނެއްޖެ. މީކާ ފެންވެސް ނުވައްދާ ދޯ" ސައިޑްކަބަޑް މަތީގައި ހުރި ހުސް ޖަގަށް ބަލައިލަމުން ނާހިދް ބުނެލިއެވެ.

"މިއަންނަނީ ފެން ހިފައިގެން" ނައިޝީ ތެދުވިއެވެ.

"ވެއިޓް. މަވެސް ދާނަން" ނައިޝީއާއި އެކުގައި ނާހިދްވެސް ހިނގައިގަތެވެ.

ކާބަޔަށް ވަދެ ޖަގަށް ފެން އަޅައިގެން ދެމަފިރިން އެކީގައި ހިނގައިގަތެވެ. ބަދިގޭ ހުޅުވާފައި ހުރި ކުޑަދޮރުން ބޭރަށް އެޅިފައިވާ އަލި ފެނުމުން ނާހިދަށް މޮޅު ހިޔާލެއް އައެވެ.

"ހިނގާބަލަ ބޭރަށް ނިކުމެލަން. ވަރަށް ރީތި ރެއެއްހެން ހީވަނީ" ނާހިދް ބުނެލިއެވެ. އެހިޔާލު ނައިޝީއަށް ވެސް ކަމުދިޔައެވެ. އޭނާ އަނގައަށް ގޮތެއް ހަދާލަމުން އަތުގައި ހުރި ފެންޖަގަށް ބަލައިލިއެވެ. އެ މަންޒަރު ނާހިދަށް ފެނުނެވެ.

"ޑައިނިންގް ޓޭބަލް މަތީގައި ބަހައްޓާފައި އާދޭ.." ލައިގެން ހުރި ހަރުވާޅުގެ ޖީބަށް ދެއަތް ޖަހާލަމުން ނާހިދް ބުނެލިއެވެ. ނައިޝީ އުފަލުން އެގޮތަށް ކަންތައް ކުރިއެވެ.

ދެމަފިރިން އެއްވަރަށް ހިނގަމުން ގޮސް މަޑުކޮށްލީ ބޭރު ގޯތީގައި ހަދަން ފަށާފައިވާ ބަގީޗާ ތެރޭގައެވެ. ދަންވަރުގެ އެ ހިތްގައިމު ވަގުތު ހިމޭންވެފައިވާ ގޯތި ތެރެއިން އެއްވެސް އަޑެއް ނީވެއެވެ. ޖެހިލާ ފިނިފިނި ވައިރޯޅިން ސިކުނޑި ތަޒާ ކުރުވަމުން ދިޔައެވެ. އުޑުމެދުގައި ރަނިކަން ކުރަމުންދާ ބޮޑު ހަނދުގެ އަލިކަން މުޅި ދުނިޔެއަށް ވަނީ ފޯރާފައެވެ. ނައިޝީ އުޑަށް ބަލައިލިއެވެ. އޭނާގެ އަލަތު ކައިވެނި ކުރެވުނު އުފާވެރި ރޭގައި ހަނދުވެސް ބައިވެރިވާ ކަހަލައެވެ. އޭނާ ބަލައިލި ވަގުތު ހީވީ އުފަލުން ހަނދުވެސް ހިނިތުންވެލި ހެންނެވެ.

"މިތާ އިށީންނަމާ" ދެމީހުންނަށް އިށީނދެވޭ ގޮތަށް ހުރި އުނދޯއްޔެއް ދައްކާލަމުން ނާހިދް ބުނެލިއެވެ. ނައިޝީ ބޯޖަހާލިއެވެ.

"ހީކަރުނަވީތަ...؟" ނައިޝީގެ ދެއަތް ހަށިގަނޑުގައި ވަށާލި މަންޒަރު ފެނުމުން ނާހިދް އަހާލިއެވެ. ނައިޝީ ބޯޖަހާލިއެވެ.

"އެތެރެއަށް ވަންނަންވީ ދޯ" އުނދޯލީގައި އިށީންނަމުން ނާހިދް ބުނެލިއެވެ. ވަގުތުން ނައިޝީ އިންކާރު ކުރިއެވެ. އެފަދަ އުފާވެރި ވަގުތުކޮޅެއް އޭނާ ހަރާބުކޮށްލާނީ ކިހިނެއް ހެއްޔެވެ؟

"އެބައަންނަން. މަޑުކޮށްލައްޗެ" ނާހިދް އެތެރެއަށް ވަދެގެން ދިޔުމުން ނައިޝީ ހީލިއެވެ. ބުރުގާ ނާޅާ އިނުމުން ދެފަރާތް ހޯދާލިއެވެ. އޭނާ ހަމަޖެހުމުގެ ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލީ އެވަގުތު އެތަނަށް އެއްވެސް މީހަކު ނާންނާނެކަން އިނގުމުންނެވެ.

"ވަން ޑޭ އައި ވިލް ވިން ޔުއަރ ހާޓް ހަބީ.... އިންޝާﷲ" ނައިޝީ އޭނާގެ އަމިއްލަ ނަފްސަށް ބުނެލިއެވެ.

ނާހިދް އައިސް ކައިރީގައި އިށީނުމުން ނައިޝީ ބަލައިލިއެވެ. ނާހިދް އަތުގައި އޮތް ފިނިފެންމާ ކުލައިގެ ރަޖާގަނޑު ފަތުރާލާފައި ނައިޝީގެ ހަށިގަނޑުގައި އޮޅާލިއިރު ނައިޝީ އިނީ ބަލަހައްޓައިގެންނެވެ.

"ތެންކިޔު... މި ބަލާތަ އެހާވަރުން ތި ދިޔައީ..." ނައިޝީ އަހާލިއެވެ.

"އަހަރެންގެ ވައިފް ބަލިވެދާނެއްނު. އެހެންވެ. އަންހެން ކުދިންނަކީ އެމީހުންގެ ޒާތުގައި ވަރަށް ބަލިކަށި ބައެއް" ނާހިދް ބުނެލިއެވެ. ދެން ވެރިވެގެން ދިޔައީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. އިރުކޮޅަކާއި ނައިޝީ ނާހިދްގެ މޫނަށް ބަލައިލާފައި ހީލައެވެ.

"އަހަރެން ވާހަކައެއް......." ..............

"އަހަރެން ވާހަކައެއް....." .................... ވާހަކަދެއްކުނީ ދެމީހުންނަށް އެއްފަހަރާއެވެ. އެހެންކަމުން ހެވުނީވެސް އެއްކޮށެވެ.

"އޯކޭ... ފަސްޓް ޔޫ... އިޝީ ބުނޭ..." ނާހިދް ނައިޝީއަށް ދޫކޮށްލިއެވެ.

"އެންމެ ލޯބިވާ މީހާއާއި މެރީކުރެވުނީމަ ވަރަށް ހެޕީ. ކައިވެނީގެ ކުރިން ނާހިދަށް އެހެން ކުއްޖެއްދެކެ ލޯބި ވެވިފައި ވިޔަސް އެއީ މައްސަލައެއްނޫން. ލޯތްބަކީ ގަދަބާރު ހޯދޭނެ އެއްޗެއް ނޫން. ލޯބި ލިބޭނީ ލޯބި ދީގެން. އަހަރެން ވެއިޓްކުރާނަން ނާހިދަށް. ކިތަންމެ ދިގު މުއްދަތެއް ނެގިޔަސް އެއްވެސް މައްސަލައެއްނެތް" ނައިޝީ ވާހަކަދެއްކީ ނާހިދްގެ މޫނަށް ބަލަން އިނދެއެވެ.

"އެހާ ލޯބިވޭތަ އަހަރެންދެކެ" ނައިޝީގެ ދަތްދޮޅީކޮޅުގައި އަތް ޖައްސާލަމުން ނާހިދް އަހާލިއެވެ. ނައިޝީ ބޯޖަހާލީ ނާހިދްގެ އެ އަތުގައި ބޮސްދެމުންނެވެ.

"އަދި އެއްވާހަކަ" ނައިޝީ ބުނެލިއެވެ.

"އަވަހަށް ބުނޭ" ނާހިދް ބުނެލިއެވެ.

"މި ދުނިޔެއަށްޓަކައި އަހަރެމެން ދެމީހުންނަކީ ދެމަފިރިން. އެކަމަކު ކޮޓަރީ ހަތަރުފާރުން އެތެރޭގަ ދެ އެކުވެރިން. އަހަރެން ބޭނުމީ ނާހިދްގެ އެންމެ ގާތް އެކުވެރިޔާއަށް ވާން. ފްރެންޑްސް..." ނާހިދުގެ ލޯ ކުރިމަތީގައި އަތްތިލަ ހުޅުވާލަމުން ނައިޝީ ބުނެލިއެވެ. ވަގުތުން ނާހިދް ނައިޝީގެ އަތްތިލައިގައި ހިފައިލިއެވެ.

"އޯލްވޭޒް..." ނާހިދް ބުނެލިއެވެ. ނާހިދްގެ މޫނަށް ނައިޝީ ބަލަހައްޓައިގެން އިންއިރު އޭނާގެ ތުންފަތްމަތީގައިވަނީ ހިނިތުންވުމެކެވެ. ނާހިދް ނައިޝީގެ ނިތްކުރިއަށް ބޮސްދިނެވެ. އޭނާގެ ކުރިމަތީގައި ނައިޝީގެ ގަދަރު އެތައް ތަނެއް އުފުލިއްޖެއެވެ. އޭނާ ހީކުރި ވަރަށް ވުރެ ވެސް ނައިޝީ ކެތްތެރިއެވެ. ނައިޝީއާއިއެކު ދިރިއުޅުން ކުރިއަށް ގެންދަން އުނދަގު ނުވާނެ ކަމުގައި އޭނާ ނިންމިއެވެ.

*******************

ހޮސްޕިޓަލުން ނިކުތް ގޮތަށް ނަތާޝާ މިސްރާބު ޖެހީ ނަޝްވާ އުޅޭ ގެއާއި ދިމާއަށެވެ. އޭނާއަށް ރާއިދުގެ ފޯންކޯލް ލިބުނީ ވަކި ހިސާބަކަށް ހިނގި ފަހުންނެވެ.

"ސޮރީ ބޭބީ. މީޓިންގަ އިނީ. އެހެންވެ އާންސަރ ނުކުރެވުނީ. ބަލައި ދާންވީތަ...؟" ލޯތްބާއެކު ރާއިދު ވާހަކަދެއްކިއެވެ. ނަތާޝާ އެވަރުކަމެއް ނޫނޭ ބުނެ އިންކާރު ކުރިއެވެ.

"ދޮންތަމެން ގެއިން ގެއަށް ދާންވީމަ ގުޅާނަން އިނގޭ..." ރާއިދު ދެރަވެދާނެތީ ނަތާޝާ ބުނެލިއެވެ.

ނަޝްވާއަށް ނަތާޝާ ފެނުމާއެކު ދެރަވެގެން އިސްޖަހާލިއެވެ. ނަތާޝާއަށް ވެސް ވީ އެވަރެވެ. އޭނާ ދުވެފައި ގޮސް ނަޝްވާގެ ހަށިގަނޑުގައި ބައްދާލިއެވެ.

"ސޮރީ ނަތާ. މަންމަގެ ބަހާއި ދެކޮޅުވާން ދޮންތައަށް ނުކެރުނީ... އެގޮތަށް ކަންތައްކުރީ ދޮންތަ ބޭނުންވެގެނެއްނޫން" ނަތާޝާގެ ދެލޯ ކައިރި ފޮހެދެމުން ނަޝްވާ ވާހަކަދެއްކިއެވެ.

"އިޓްސް އޯކޭ. ދޮންތަގެ އެއްވެސް ފޯލްޓެއްނެތް. ދޮންތައަށް އިނގޭތަ އަޒްކީ ދިޔަ ތަނެއް" ނަތާޝާ އަހާލިއެވެ. ނޭނގެއޭ ބުނުމުގެ ގޮތުން ނަޝްވާ ދެފަރާތަށް ބޯހޫރާލިއެވެ.

"ކިހާ ދެރަ. އަޒްކީ ވީތަނެއްވެސް އުޅޭ ހާލެއްވެސް ނޭނގޭ. އެހެން ހަދާކަށް ނުވާނެއްނު" ނަތާޝާ ވާހަކަދެއްކިއެވެ.

"ދެން ނަތާ މާބޮޑަށް ދެރަނުވޭ. ކޮންމެސް ދުވަހަކުން އަދި ދެ އެކުވެރިން ދިމާވާނެ. ގޯޑް ބްލެސް އަޒްކާ އެންޑް ހާ ބޭބީ" ނަޝްވާ ވާހަކަދެއްކިއެވެ.

"އަޅެ އެކަމުގައި އަޒްކީގެ ފޯލްޓެއް އެބޮތްތަ؟ ދޮންތަ ބުނެބަލަ؟" ނަތާޝާ ވާހަކަދެއްކިއެވެ.

"ދޮންތަ އަޒްކާ ކުށްވެރިއެއް ނުކުރަން. އެވަގުތުގަ މަންމަމެން މާ ރުޅިއައިއްސަ ހުރީމަ އެގޮތަށް ކަންތައް އެކުރީ. އައިމް ޝުއަރ ދޭ ރިގްރެޓް ލޭޓަރ" ނަޝްވާ ބުނެލިއެވެ.

ގެއަށް ދާންވުމުން ރާއިދަށް ގުޅާނަމޭ ބުނެފައި ވިޔަސް ނަތާޝާ ގެއާއި ދިމާލަށް ހިނގައިގަތީ ފައި މަގުގައެވެ. މަގުމަތިންވެސް އަޒްކާ ފެނިދާނެ ކަމަށެވެ. އޭނާ އެހާލަތުގައި ހުރެ ރާއިދާއި ކުރިމަތިލާން ބޭނުން ނުވާތީއެވެ. ރާއިދުގެ ސުވާލުތައް ކުރިމަތިވާނެތީއެވެ. އެއްވެސް މީހެއް ކައިރީގައި އަޒްކާގެ ވާހަކަދައްކަން ބޭނުންނުވާތީއެވެ. އޭނާ އިސްޖަހާލައިގެން ހުރެ ހިނގާފައި ދިޔައިރު އަޒްކާ ގެއިން ނިކުމެގެން ދިޔަ މަންޒަރުތައް ލޯކުރިމަތީގައި ސިފަވަމުން ދިޔައެވެ.

********************************

21 ދުވަސް ކުރި

ފަރީޝާގެ ކޮޓަރިއަށް ނަތާޝާ ވަނީ ނަޝްވާ ގުޅާފައި އޮތުމުން ނުޝައިބާއަށް ފޯނު ހަވާލުކުރަން ވެގެންނެވެ. އެނދުގައި ފަރީޝާއާއި ނުޝައިބާ އިންއިރު އެދެމީހުން ދޭތެރޭގައި ދެކެވުނީ ކޮން ވާހަކައެއްކަން ނަތާޝާއަށް ނޭނގުނެވެ. ނުޝައިބާ ނަތާޝާއަށް ބަލަމުން ދިޔައީ ތަފާތު ނަޒަރަކުންނެވެ.

"ދޮންދައްތަ ކަންބޮޑުނުވޭ. ތިހުރިހާ ކަމެއް އަހަރެން ބަލާނަން" ފަރީޝާގެ ކޮނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ.

"މަންމައާއި ދޮންދައްތަ މިހާރު ހާދަ ސީކްރެޓް ވާހަކަ ދައްކައޭދޯ..." ކޮޓަރީ ދޮރުލައްޕާލުމަށްފަހު ނުޝައިބާ ނިކުތުމުން ފަހަތުގައި ހުރި ނަތާޝާ ބުނެލިއެވެ.

"އެއީ ނަތާއާއި ބެހޭކަމެއްނޫން. ސިއްރުން ކަންތައް ކުރަން އިނގެނީ ހަމައެކަނި ނަތާޝާއަކަށް ނޫން" ނަތާޝާގެ އަތުގައި އޮތް ފޯނު އަތުލަމުން ނުޝައިބާ ވާހަކަދެއްކިއެވެ. ވަގުތުން ނަތާޝާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

"މަންމަ ރުޅި އައިސްފަތަ...؟" ނަތާޝާ އަހާލިއެވެ. ނަމަވެސް ވަކި ޖަވާބެއްނުދީ ނުޝައިބާ ފޯނުން ނަޝްވާއާއި ވާހަކަދައްކަމުން ދިޔައެވެ. އެމަންޒަރު ބަލަން ހުރި ނަތާޝާ ވިސްނާލިއެވެ. ކޮންމެސް ކަމެއް ވެއްޖެއެވެ؟ ދޮންދައްތައާއި މަންމައާއި ދެމެދު ދެކެވުނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަނެއްކާ އަހަރެންނާއި ރާދުގެ ކަންތައް ފަޅާއެރީބާއެވެ؟ ނޫނެކެވެ. ފަޒާދައްތަ އަޒްކީގެ ވާހަކަ ކިޔާދިނީ ކަންނޭނގެއެވެ؟" ތަފާތުގިނަ އެތައް ސުވާލުތަކަކުން ނަތާޝާގެ ސިކުނޑި ފުރެމުން ދިޔައެވެ. ވާނުވާ ނޭނގި ނުޝައިބާގެ ފަހަތުގައި ހުރެ އޭނާ ހިނގަމުން ދިޔައިރު ދިޔައީ ގުޅުވާލައިފައިވާ ދެއަތް ތިލައިގެ އިނގިލިތަކުން ކަށި ގޮށްވަމުންނެވެ.

ޑިއުޓީ ނިންމާފައި އައިސް ފެންވަރައިގެން ނިކުތްތަނާ ކޮޓަރި ދޮރު ހުޅުވާލާފައި ނުޝައިބާ ގޮވާލިއެވެ. ނަތާޝާއަށް ދިޔައީ ސިހުމެއް ލިބިގެންނެވެ. އަދިވެސް ނުޝައިބާ އޭނާއަށް ރަނގަޅަށް ވާހަކަދައްކާފައެއް ނެތެވެ.

"މިދަނީ ނަޝްވާގެ ގެއަށް. ކުޑަމީހާ ބަލިވާހަކަ ހެނދުނު ގުޅާފައި ނަޝްވާ ބުނި. އަހަރެން އަންނަންދެން އެއްވެސް ތަނަކަށް ނުދާތި" ދޮރުމަތީގައި ހުރެ ނުޝައިބާ އިއްވާލިއެވެ.

"މަންމާ...! ނަތާ ދާނަން" ނަތާޝާ ބުނެލިއެވެ.

"ކޮންމެހެން ނަތާޝާ ދާން އުޅޭނެކަމެއް ނެތް" ނުޝައިބާ ދޮރުލެއްޕިއެވެ. ނަތާޝާ އަވަސް އަވަހަށް އެނދުގައި އިށީނެވެ. ދޮންތަގެއިން މަންމައަށް އަޒްކީ ފެނިއްޖިއްޔާ ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ މިހާރުވެސް މަންމަ ހިތްހަމަނުޖެހިފައި ހުރި ސަބަބެއް އިނގެނީއެއްވެސް ނޫނެވެ. ނަތާޝާ އަވަސް އަވަހަށް އޭނާގެ ފޯނު ހޯދަން ފެށިއެވެ. އެނދުމަތީގައި ހުރި ބާލީސްތަކާއި ބެޑްޝީޓްވެސް ނެގިއެވެ. ފޯނު ނުފެނުނެވެ. އޭނާއަށް އެއްތަނެއްގައި ހިމޭނުން ނުހުރެވެއެވެ. އެންމެފަހުން ފޯނު ފެނުނީ އޭނާގެ އަތް ދަބަސްގެ ތެރެއިންނެވެ. ނުޝައިބާ ދާވަހަކަ ބުނަން ނަޝްވާއަށް ގުޅާގުޅާ ފޯނަށް ޖަވާބެއް ނުދިނެވެ. އަޒްކާއަށް ގުޅިއިރު ފޯނު އޮތީ އޮފްކޮށްލާފައެވެ. ނަތާޝާ ހަދާނެގޮތް ހުސްވިއެވެ.

އެތެރެއަށް ހުޅުވިގެން ދިޔަ ދޮރާއެކު ކުރިމަތީގައި ތިބި ފަރީޝާއާއި ނުޝައިބާ ފެނުމާއެކު އަޒްކާ ދެލޯ ނިތަށް އެރިއެވެ. ހިތަށް ނުބައި ގޮތެއް ވިއެވެ. ފަރީޝާގެ ބެލުން އޭނާ އަނދާ އަޅިއަށް ހަދާލިއެވެ. އިސްޖަހާލެވުނު އިރު ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ.

(ނުނިމޭ)