ކޮލަމް

ކެޔޮނިރު ކޮލަމް: ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމާއި ދެވަނަ ފަހަރަށް "ވެރިކަމަށް" ވަޑައިގަތުން

މުހައްމަދު ބުޝްރީ

1

2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް މުހައްމަދު ނަޝީދު ވަޑައިގަތީ ގުޅިފައިވާ ބޮޑު އިއްތިހާދެއްގެ ތާއިދާ އެކު، ގިނަ ބައެއްގެ އުއްމީދުތައް ހަޤީގަތަކަށް ހައްދަވައި ދެއްވުމުގެ ޒިއްމާ ކޮނޑުފުޅުގައި އަޅުއްވައިގެންނެވެ. ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދިގު ތިރީސް އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް، މުޅި ޤައުމު ބަދަލަކަށް ބޭނުންވި ހިނދު، ޤައުމުގެ ލަގަން ރައްޔިތުން ނަޝީދާ ހަވާލުކުރީ އުފާވެރިކަމާއި، އުއްމީދާއި، ހިތްހަމަޖެހުމާ އެކު އެވެ.

ފުޅާ ކޯލިޝަނަކާއެކު ވެރިކަމަށް ވަޑައިގަތަސް މާގިނަ ދުވަސްތަކެއް ނުވެ ކޯލިޝަންގެ މުހިއްމު މެމްބަރުންނާއި ނަޝީދާ ދެމެދު ސިޔާސީ ހިޔާލުތަފާތުވުންތައް ފެށުނެވެ.

ޤާސިމް އިބްރާހިމްއާ ހިޔާލުތަފާތުވުން އުފެދި ހޯމް މިނިސްޓަރު ކަމުން ޤާސިމް އިސްތިއުފާ ދެއްވައި ކޯލިޝަނުން ޤާސިމްގެ ޖުމްހޫރީ ޕާރޓީ ވަކިވިއެވެ. އަދާލަތު ޕާރޓީ އަކީ ދިނީގޮތުން ހައްދުފަހަނަ އަޅާފައިވާ ބައެއްކަމަށް އެމް.ޑީ.ޕީ ގެ ގްރާސްރޫޓް ސަޕޯރޓަރުން ބުނެ، ސަރުކާރާ އަދާލަތާ މައްސަލަޖެހި، ޝެއިހް އިމްރާންވެސް ނަޝީދުގެ ސަރުކާރުން ވަކިވެ ވަޑައިގަތެވެ. ހަމައެފަދައިން ޑރ.ހަސަން ސައީދުވެސް ނަޝިދާ ފެއަށް ޖެހިވަޑައިގަތެވެ. ނަޝީދު ހުންނެވީ ފުދިފައެވެ. އެމް.ޑީ.ޕީ ގެ ގްރާސްރޫޓް ސަޕޯރޓް އޮތުމުން ވެރިކަން ކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް ނަޝީދު ދެކެ ވަޑައިގެންނެވިއެވެ.

ރަސްމީ ތަގުރީރު ތަކުގައި މޮޅުބަސް ވިދާޅުވާން ފެއްޓެވިއެވެ. ތިމަން މަނިކުފާނުގެ ޕާރޓީގެ މީހަކު ކަމަކު އަތުވެއްޖެނަމަ ކޮށްދެއްވާނެ ކަމަށާއި، އެހެން ޕާރޓީއެއްގެ މީހަކު އަތުވެއްޖެނަމަ ތިމަން މަނިކުފާނުގެ ހުރި ނުލަފާކަން ދައްކާލައްވާނެ ކަމަށް ވިދާޅުވިއެވެ. މިއީ ތަހުޒީބު ކޮން ޤައުމެއްގެ ކޮން ވެރިއަކު ވިދާޅުވެދާނެ ފަދަ ވާހަކައެއް ބާއެވެ؟ މިއީ ސީދާ އުތުރު ކޮރެއާގެ ރައީސްފަދަ ހުދުމުހުތާރު، ނާތަހުޒީބު ވެރިއަކު ނޫނީ ވިދާޅު ނުވާނެ ފަދަ ވާހަކައެކެވެ.

ދެން ފެއްޓެވީ އިސްލާމް ދީނާއި ދިވެހި ސަގާފަތާ އިދިކީލަ ވާހަކަ އާއްމު ތަޤްރީރުތަކުގައި ދައްކަވާށެވެ. އެންމެނަކު އަބަދަކު ހަމައިގަ ތިބެން ބޭނުން ނުވާނެ ކަމަށާއި، ބައެއްފަހަރު ހަމައިން ނެއްޓެން ބޭނުން މީހުން ހަމައިން ނެއްޓެން ބޭނުންކުރަން އޮތް ހަމައެކަނި ވަސީލަތަކީ ހަކުރު (މަސްތުވާ ޑްރަގް) ކަމަށް ވެއްޖެނަމަ ރާއްޖޭގައި ހަކުރު ގިނަވާނެ ކަމަށް ލައިވް ޓީވީގައި ނަޝީދު ވިދާޅުވިއެވެ. މިވާހަކަ ތަކަކީ އެތައް ފަހަރަކު އެތައް ބަޔަކު ތަކުރާރުކޮށް ބަޔާންކޮށްފައިވާ ވާހަކަތަކަކަށް ވުމުން މިވާހަކައިގެ ބޮޑުކަމާއި ނުބައިކަން ހިތަށް ގެންނަން ދަތިވެދާނެއެވެ. ނަމަވެސް ސަތޭކަ ޕަރސެންޓް އިސްލާމީ ޤައުމެއްގެ ރައީސަކު މިހާ ފާޅުކަން ބޮޑުގޮތެއްގައި ބަނގުރާ އާއްމުކުރަން ހިތްވަރު ލިބޭފަދަ ގޮތަކަށް ވާހަކަ ދެއްކެވުމަކީ ރައްޔިތުންގެ ގިނަ ބަޔަކު ކަންބޮޑުވާނެ ކަމެއްކަން ކަށަވަރެވެ. އެންމެނަކު އަބަދަކު ހަމައިގަ ތިބެން ބޭނުން ނުވާނެ ކަމަށާއި، ބައެއްފަހަރު ހަމައިން ނެއްޓެން ބޭނުން މީހުން ހަމައިން ނެއްޓެން ބޭނުންކުރަން އޮތް ހަމައެކަނި ވަސީލަތަކީ ހަކުރު ކަމަށް ވެއްޖެނަމަ ރާއްޖޭގައި ހަކުރު ގިނަވާނެ ކަމަށް ނަޝީދު އެވިދާޅުވި ބަހުގެ މުރާދަކީ ބައެއް ފަހަރު މަސްތުވެލަން ނުވަތަ ޕާރޓީ ކޮށްލަން ބޭނުން ދިވެހީން މަސްތުވެލަން ބޭނުންކުރަން ޑްރަގް ނޫން އެހެން އެއްޗެއް ހުއްދަ ކުރެވެން އެބަޖޭކަމަށެވެ. މާނައަކީ ބަނގުރާ ފަދަ މަސްތުވާ ކޮންމެވެސް އެއްޗެއް އެފަދަ މީހުންނަށް ފަސޭހައިން ނުލިބޭނަމަ އެމީހުން ޑްރަގް ނަގާނެއެވެ. މިއީ ސީދާ ރާ ހުއްދަކުރުމަށް ބާރުލިބޭފަދަ ވާހަކައެއްކަން އެންމެނަށް ވެސް އެނގެއެވެ. ހިތާމައަކީ ނަޝީދު މިފަދަ ވަހާކަ ދެއްކެވުމުންވެސް އަރިހުގައި ތިއްބެވި އެމް.ޑީ.ޕީގެ ގްރާސްރޫޓް ސަޕޯޓަރުން ޗުއްޕުވެސް ނުބުނުމެވެ. ނަޝީދު ވިދާޅުވި ކޮންމެ އެއްޗަކަށް އަތްތިލަބަޑި ޖައްސަވަން އެބޭފުޅުން ތިއްބެވިއެވެ.

ނަޝީދުގެ ސަރުކާރުގެ ސިޔާސަތުތަކާ ހިތްހަމަ ނުޖެހިގެން މުޒާހަރާކުރަމުން ދިޔަ ރައްޔިތުންނަކީ ދީނީ ގޮތުން ހައްދުފަހަނައަޅާފައި ތިބި ބައެއްކަމަށް ސިފަކުރައްވައި ރާއްޖެއާއި ރާއްޖޭން ބޭރުގައި އިސްލާމްދީނާ ފުށުއަރާ އެތައް ވާހަކައެއް ނަޝީދު ދެއްކެވިއެވެ. އެގޮތުން 2012 ވަނަ އަހަރުގެ ކުރީކޮޅު އާރޓިފިޝަލް ބީޗްގައި އެމް.ޑީ.ޕީ އިން ބޭއްވި އެއްވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ތިމަން މަނިކުފާނުގެ ސަރުކާރަކީ އުމުރުން ނުވައަހަރުގެ އަންހެން ކުދީން ކައިވެނި ކުރުވަން އުޅޭ ސަރުކާރެއް ނޫން ކަމަށެވެ. މިއީ ކީރިތި ރަސޫލުއްﷲ، އާއިޝަތުގެފާނުގެ އުމުރުފުޅުން 9 އަހަރުގައި ކައިވެނި ކުރެއްވިކަމަށް ބައެއް އިލްމުވެރީން ވިދާޅުވާ ވިދާލުވުމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި ވާހަކައެއްކަން ކަށަވަރެވެ. ފުރަތަމަ ކަމަކީ ރަސޫލުﷲ އާއިޝަތުގެފާނާ ކައިވެނި ކުރެއްވި އިރު އެކަމަނާގެ އުމުރުފުޅާ މެދު އިލްމުވެރީންގެ މެދުގައި ހިޔާލުތަފާތުވުން އެބަހުއްޓެވެ. ދެވަނަކަމަކީ އެކައިވެނިފުޅު ކުރެވުނީ އާއިޝަތުގެފާނުގެ އުމުރުފުޅުން 9 އަހަރުގައި ކަމަށް ވިއަސް ރައީސް ނަޝީދަކީ އެކަމާ ޖަދަލުކޮށް ވާހަކަ ދެއްކެވޭވަރުގެ އިސްލާމީ އިލްމު ލިބިވަޑައިގެން ހުނެވި ބޭފުޅެއް ނޫނެވެ. އެހެން ކަމުން އެމް.ޑީ.ޕީގެ ގްރާސްރޫޓުގެ ސަޕޯރޓަރުންގެ ކިބައިން ހިތްވަރު ލިބިވަޑައިގެން ކީރިތި ރަސޫލުއްﷲ އަށް ހަޖޫ ޖެއްސެވުމަކީ ރައީސް ނަޝީދު ކުރެއްވި ވަރަށް ދަށުދަރަޖައިގެ ކަމެއްކަން ކަށަވަރެވެ.

ސާރކް ސަމީޓް އައްޑޫ ސިޓީގައި ބޭއްވި އިރު، ސަގާފަތް ކުރިއެރުވުމުގެ ނަމުގައި އައްޑޫސިޓީގެ އެކި ތަންތަނުގައި ކްރިސްޓިއަން ދީނާއި ބުދު ދީނުގެ ޝިއާރުތައް ހިމެނޭ މޮނިއުމެންޓް ނުވަތަ ބުދު ބެހެއްޓުމަށް ފަހު، ރައްޔިތުން އެކަމާ ދެކޮޅުހެދުމުން ނަޝީދު ވިދާޅުވީ އެއީ ތިމަން މަނިކުފާނު ދެނެވަޑައިގެން ހުންނެވި ކަމެއްނޫން ކަމަށާއި އެއީ އައްޑޫ ސިޓީގެ މޭޔަރު ކުރެއްވި ކަމެއް ކަމަށެވެ. ނަމަވެސް އެފަދަ ބުދެއް އިފްތިތާހް ކުރެއްވުމަށް ޝްރީލަންކާގެ އެއިރުގެ ރައީސް ރާޖަޕަކްސާ އާއި އެކު ރައީސް ނަޝީދު ހުންނެވި މަންޒަރުގެ ފޮޓޯ މިހާރުވެސް ފެންނާން އެހެރީ އެވެ. މިއީވެސް ނުސީދާ ގޮތުގައި ދިވެހީންގެ އަޤީދާ ބަލިކަށިކުރުމަށް އެނގިތިބެ ނަމަވެސް ނުވަތަ ނޭނގިތިބެ ނަމަވެސް ހިންގުނު ބޮޑު ޖަރީމާއެކެވެ.

ރައީސް ނަޝީދު އިސްލާމްދީނާއި ޑިމޮކްރެސީއާ ޚިލާފު މިފަދަ އެތައް ވާހަކައެއް ދެއްކެވި އިރުވެސް އެމް.ޑީ.ޕީގެ ގްރާސްރޫޓް ސަޕޯޓަރުން ރައީސް ނަޝީދަށް ހެޔޮވިސްނައި ދިނުމަށް އެއްވެސް ކަމެއް ކުރިތަނެއް ނުފެނެއެވެ. އެމް.ޑީ.ޕީ ތެރެއިން ވެސް މެދުމިނުގެ ބައެއް މީހުން މިފަދަ ކަންކަމާ ދެކޮޅަށް ތެދުވިއެވެ. ނަމަވެސް ގްރާސްރޫޓް ސަޕޯރޓް އޮތީ ހަމަ ރައީސް ނަޝީދާ އެކުގައެވެ. އެހެން ކަމުން ރައީސް ނަޝީދު ޗާޓުން ބޭރުވެ ވަޑައިގެންނެވުމުން ހަމަ މަގަށް އެޅުވުމަށް އެމް.ޑީ.ޕީގެ ހާޑްކޯ ނުވަތަ ގްރާސްރޫޓް ސަޕޯޓަރުން މަސައްކަތް ނުކުރުމުން ދޭހަވަނީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުގެ އެންމެ ބޮޑު ޒިއްމާއެއް ނަގަން ޖެހޭ ބަޔަކީ މިދެންނެވި ގްރާސްރޫޓް ސަޕޯޓަރުން ކަމެވެ.

މިހުރިހާ ކަމަކާ އެކުވެސް، ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށް ދިމާވި އެންމެ ބޮޑު ސަބަބަކަށްވީ މާލޭ އިންޓަރނޭޝަނަލް އެއަރޕޯރޓް އިންޑިއާގެ ޖީ.އެމް.އާރް ކުންފުނަޏަށް 25 އަހަރަށް ކުއްޔަށް ދެއްވުމެވެ. އެއަރޕޯރޓް ހަދަން ބޭނުންވާ ލޯނު ދިވެހި ސަރުކާރުގެ ސޮވެރިން ގެރެންޓީ އިން ގެރެންޓީ ކޮށްދޭ ގޮތަށް، ޖީ.އެމް.އާރުން ބޭނުން ގޮތަކަށް ދިވެހި ރައްޔިތުން އަތުން ޓެކްސް ނެގޭ ގޮތަށް، ޖީ.އެމް.އާރުން ބޭނުން އަގެއްގައި އެއަރޕޯރޓުން ތެލާއި އެއްޗެތި ވިއްކޭ ގޮތަށް، އެއޮއް ފަދަ ބޮޑު އެއަރޕޯރޓުގައި ހުރި ހުރިހާ ހަރު މުދަލަކާ އެކު، ބޭނުން ވަރަކަށް ހުޅުލެއިން ބިން ހިއްކައިގެން އިންޑިއާ ރައްޔިތުންގެ ސިޓީއެއް އެތާގައި ހެދޭގޮތަށް ހުޅުލޭ އެއަރޕޯރޓް ޖީ.އެމް.އާރަށް 25 އަހަރަށް ކުއްޔަށް ދިން ދިނުމަކީ ގިނަބަޔަކު ދެކޭ ގޮތުގައި ނުއަގުގައި އެތަން ވިއްކާލުން ފަދަ ބޮޑު ޖަރީމާއެކެވެ. އޭރު އެދިން ގޮތަށް އެއަރޕޯރޓް އޮތްނަމަ އެ އެގްރީމެންޓްގެ މުއްދަތު ހަމަވާނީ 2037 ގައެވެ. ކޮންފަދަ ބޮޑު އިގްތިސޯދީ ޖަރީމާއެއްތޯއެވެ؟

ހަމައެއާއެކު ފެން ކުންފުންޏާއި ދިރާގުގެ ހިއްސާ ބޭރުގެ ކުންފުނިތަކަށް ވިއްކާލެއްވިއެވެ. މާލޭގެ ބަނދަރުވެސް ޕްރައިވެޓައިޒް ކޮށް އިންޑިއާގެ ކުންފުންޏަކަށް ވިއްކާލަން އޮތީ ތައްޔާރުކޮށްފައެވެ. މާލޭގައި ފްލެޓް އެޅުމުގެ ގޮތުން އިންޑިއާގެ ޓާޓާ ކުންފުންޏަށް ބިން ދިން އިރު އެމީހުން ބޭނުން އަގެއްގައި ދިވެހީންނަށް ފްލެޓް ވިއްކާ ގޮތަށް ހަދައި، އޭގެ އިތުރުން ރިސޯރޓެއް ހަދާނެ ރަށެއްވެސް ޓާޓާ އަށް ދިނެވެ. މިއީ އިގްތިސޯދީ ގޮތުން ދެކޮޅު ނުޖެހޭ، އިންޑިއާ ކޮޅަށް ބުރަވެފައިވާ އިގްތިސޯދީ ބޮޑެތި ޖަރީމާތަކެވެ. މިއީ އެއްވެސް ހާލެއްގައި ރައީސް ނަޝީދަށް އިގްތިސޯދު އެނގިވަޑައި ނުގެން ކުރައްވާފައިހުރި ކަންތައްތަކެއް ނޫނެވެ!

މިހުރިހާ ކަމަކާ ދެކޮޅަށް ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ތެދުވެ، މުޒާހަރާކޮށް، ރައީސް ނަޝީދު އެންމެ ފަހުން އިސްތިއުފާ ދެއްވި ދުވަހުގެ އަނެއް ދުވަހަކީ ބޭރުގެ ޖަޖުން ރާއްޖޭގެ ފަނޑިޔާރުގެއަށް ލުމުގެ މަސައްކަތް ފަށަން ހަމަޖެހިފަ އޮތްދުވަހެވެ. އެދުވަހު ރައީސް ނަޝީދުގެ ވެރިކަން ބަދަލު ނުވިނަމަ ރާއްޖޭގެ މައި ދެދޮރޯށި ކަމުގައިވާ ހުޅުލޭ އެއަރޕޯރޓާއި މާލޭގެ ބަނދަރު މިހާރު އޮނާނީ އިންޑިއާގެ ދަށުގައެވެ. ހުޅުލޭގައި އިންޑިއާ މީހުންގެ ވަކި ސިޓީއެއް އޮންނާނެއެވެ. ރާއްޖޭގެ ރަށްތަކުގައި ސަގާފީ އެއްޗެއްސޭ ކިޔާފައި ބުދު ބެހެއްޓިފައި ހުންނާނެއެވެ. ވީކްއެންޑް ތަކުގައާއި ބައެއް ވަގުތުތަކުގައި ޕާރޓީކޮށް ހަމައިން ނެއްޓިލަން ބޭނުންވާ ދިވެހީންނަށް ރާ ލިބޭގޮތަށް ރާއްޖޭގެ މީހުން އުޅޭ ރަށް ތަކުގެ ހޮޓެލްތަކުގައި ރާވިއްކާނެއެވެ. ދިވެހި ފަނޑިޔާރުގެތަކުގައި ޖަޖުންނަށް ބިދޭސީން ތިބޭނެއެވެ.

ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުންނޭ އެމް.ޑީ.ޕީ ގެ ގްރާސްރޫޓް ސަޕޯޓަރުން ބުންޏަސް ހަޤީގަތަކީ އެވެރިކަން ވެއްޓުނީ ރައީސް ނަޝީދުގެ އިންޑިއާކޮޅަށް ބުރަ އިގްތިސޯދީ ސިޔާސަތާއި އިސްލާމްދީނާ ބީރައްޓެހި ވިސްނުންފުޅުގެ ސަބަބުން، ރައްޔިތުން ނަޝީދާ ދެކޮޅަށް ތެދުވުމުންނެވެ. މިހާރު މިވަނީ އަނެއްކާވެސް ފުޅާ ކޯލިޝަނެއް ގުޅިގެން ހުދްމުހްތާރު ވެރިކަމެއް ބަދަލުކޮށްފައެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޮވެމްބަރު މަހު ވެރިކަމުގެ ހުވާ ކުރައްވަން ތައްޔާރުވެފައިވާއިރު ރައީސް ނަޝީދާއި އެމް.ޑީ.ޕީގެ ގްރާސްރޫޓް ސަޕޯޓަރުންގެ ފަރާތުން މިފެންނަނީ ކުރީގެ ބޯހަރު ކަމާއި އަމިއްލަވަންތަކަމެވެ. ކޯލިޝަންގެ އިސްބޭފުޅުންނަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމާއި، ރައީސް ނަޝީދު މާލެވަޑައިގަތުމުން "ވީހާލެއްގައިވާން" ތިމަންނާމެން ތިބޭނެ ކަމުގެ ވާހަކައެވެ. ރައީސް ނަޝީދު މިހާރުވެސް ދައްކަވަނީ "ޒަމާންވީ ސިޔާސީ އެކުވެރި ޤައުމުތަކާ" ގުޅުން ވަރުގަދަ ކުރާ ވާހަކައެވެ. އަނެއްކާވެސް މިފެށެނީ އިންޑިއާ ކޮޅަށް ބުރަވެ، ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިގްތިސޯދާއި އިސްތިގުލާލަށް ވުރެ ބޮޑަށް އިންޑިއާގެ މަސްލަހަތު އިސްކުރެވި، އިސްލާމް ދީނަށް ނުސީދާކޮށް އޮއްގާ އުކުމުގެ ސިލްސިލާއެއް ބާއެވެ؟

މިހާރު ކަންތައްތައް ދާގޮތަށް ބަލާކަމުގައި ވަނީނަމަ، އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖަކީ ރައީސް ނަޝީދާއި އެމް.ޑީ.ޕީ ގެ ގްރާސްރޫޓް، ހާޑްކޯ ސަޕޯޓަރުންނެވެ. މިވަގުތަކީ އެމް.ޑީ.ޕީ ގައި ތިބި މެދުމިނުގެ، ޤައުމުދެކެ ލޯބިވާ، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ ދިވެހި ރައްޔިތުން، އިބްރާހިމަ މުހައްމަދު ސޯލިހްގެ ފަހަތަށް އަރުއްވައި، ކޯލިޝަންގެ އަނެއް 3 ލީޑަރުންވެސް އަމިއްލަ މަސްލަހަތަށް ވުރެ ޤައުމުގެ މަސްލަހަތު އިސް ކުރައްވައި ޤައުމު އަމާން އައްސޭރިއަކަށް ގެންދަން ޖެހޭ ވަގުތެވެ. ފުރުސަތާއި ބާރު ލިބިވަޑައިގެންފި ނަމަ ރައީސް ނަޝީދު އަދިވެސް ގެންގުޅުއްވާނީ ކުރީގެ ސިޔާސަތުތަކާއި ގޮތްތައް ކަން އެމަނިކުފާނުގެ ބަހާއި އަމަލުން މިހާރުވެސް ދޭހަވެއެވެ. މިފަހަރު ފުރުސަތު ލިބިވަޑައިގެންފިނަމަ ކުރީގެ "ދަރުސް" ތަކުން ފިލާވަޅު ލިބިވަޑަައިގެން އެމަނިކުފާނުގެ އެޖެންޑާ ކުރިއަށް ގެނަދަވާނީ މާއަވަސަ ސްޕީޑްގައި، ރައްޔިތުންނަށް ރޭކާވެސް ނުލާގޮތަށް ކަމަށް ބެލެވެއެވެ. އެއްރައަކު ނިދާފަ ހޭލާއިރު މިޤައުމު އޮންނާނީ އިންޑިއާގެ އިގްތިސޯދީ އަޅުވެތިކަމަށް ގޮސް ޤައުމުގައި އިސްލާމްދީން ބަލިކަށިވެފައެވެ. އެފަދަ ހާލަތެއް އަތުވެއްޖެނަމަ އޭގެ އެންމެ ބޮޑު ޒިއްމާއެއް ނަންގަވަން ޖެހޭނީ ކޯލިޝަންގެ 4 ލީޑަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ވައްﷲ އައުލަމް!

.ލާލު

.ތިއޮތީ ދެން އެއްމެން އެދޭ ހެއޮ ވެރިކަން ފެށިފާ ކުޅި ސަމާ ބަލާލަން ތިބޭ ތި ވިދާޅުވާ އެއްވެސް މުޚްތާރެއް ވީކީނޫން ވެރިކަމުގެ ޝާނާއި ރަހަގަނޑު ކަރު ބުޑުގާ މާގަދަވީ ދެން އަތް ފައިން ގޯސްވެސް ހެދޭނެ އަދަބު ވެސް ލިބޭނެ ތިބާވަތުގެ ކަންތައް ނުބައިވި އެއްމެނަށް މިހާރު އެއީ ރަނގަޅު ކަންތައް ދުނިޔެ ހިނގާނީ އެއްވަތު ދަށުން އަނެއް ވަތު މަތިންނޭ ބުނެއުޅޭ ދެން އެންމެން ވެސް ތީ ތެދެއް ކިޔާލަ ކިޔާލާ ބޯޖަހާލަ ޖަހާލަ ތިބޭނީ