ހުޅުމާލެ

ހުޅުމާލޭގައި ގަރާޖު ނެތް ފަރާތްތަކަށް އުޅަނދު ރަޖިސްޓްރީކުރުން ހުއްޓާލައިފި

1

ހުޅުމާލޭގައި ގަރާޖު ނެތް ފަރާތްތަކަށް އުޅަނދު ފަހަރު ރަޖިސްޓްރީ ކޮށްދިނުން ހުއްޓާލައި، ހުޅުމާލެއަށް އުޅަނދު ގެންނަން ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވައިލުމަށް އެޗްޑީސީން ހުޅުވާލައިފިއެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ޕާކިން ޖާގައިގެ އަދަދު ހަމަވެފައިވާތީ، އިތުރު ޕާކިން ސަރަހައްދުތަކެއް ކަނޑައެޅެންދެން މި މެއި މަހުގެ 23 އިން ފެށިގެން ގަރާޖު ހަދާފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އުޅަނދު ރަޖިސްޓްރީ ކުރުމަށް ދޫކުރާ ހުއްދަ މަޑުޖައްސާލާފައިވާކަމަށެވެ.

އަދި ބުނެފައިވަނީ، ހުޅުމާލޭގައި އުޅަނދު ޕާކު ކުރުމަށް އިތުރު ޖާގަތައް ކަނޑައެޅުމަށްޓަކައި، އުޅަނދު ގެންނަން އެދޭ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ނިންމައި އެ ދަފްތަރުގައި ނަން ނޯޓުކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

އެހެެންކަމުން އުޅަނދު ގެންނަން ބޭނުންވާ ފަރާތްތަކުން "ހުޅުމާލޭގައި އުޅަނދު ބޭނުން ކުރުމަށް، އެފަރާތްތަކުގެ އަދަދު ދެނެގަތުމުގެ ސާވޭ ފޯމް" ފުރުއްވުމަށްފަހު އަންނަ ޖޫންމަހުގެ ތިންވަނަ ދުވަހުގެ 1:00ގެ ކުރިން އެޗްޑީސީއަށް ހުށަހެޅުމަށް އެފަރާތުން ވަނީ އެދިފައެވެ.

މިއަހަރުގެ މާޗްމަހުގެ ތެރޭގައި، އެޗްޑީސީން ވަނީ، ހުޅުމާލޭގެ ގޯތި، ރޯހައުސް އަދި ފްލެޓަކަށް އުޅަނދެއް ރަޖިސްޓަރީ ކުރެވޭނީ، އެތަނެއްގެ ވެރިފަރާތް ނުވަތަ ވެރިފަރާތުގެ އަނބިން، ފިރިން، ދަރިން ނޫނީ މަންމަ ނުވަތަ ބައްޕަގެ ނަންމަތީގައި އެކަނި ކަމަށް ކަނޑައަޅައިފައެވެ.

ހުސްވި މާޗްމަހުގެ 11 ވަނަ ދުވަހު އެޗްޑީސީން އާއްމު ކޮށްފައިވާ، "ހުޅުމާލެއަށް އެއްގަމު އުޅަނދު ގެނެސް ގެންދިއުމުގެ އުސޫލު" ގެ ދަށުން ވަނީ ހުޅުމާލޭގެ ގޯތި، ފްލެޓް އަދި ރޯހައުސްތަކަށް ގެންނަ އުޅަނދު ހުޅުމާލެއަށް އެތެރެކޮށް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި ހުށަހަޅުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލައިފައެވެ.