ބޮލީވުޑް

އަމީތާބްއާއި ރިޝީގެ ފިލްމު އޮތީ ކުރިއަށް: ޑައިރެކްޓަރު

ލެޖެންޑަރީ ތަރިންކަމުގައިވާ އަމީތާބް ބަޗަން އަދި ރިޝީ ކަޕޫރު އެކީގައި ފިލްމަކުން ފެނިގެން ދާނެތީ ގިނަ ބަޔަކު ދިޔައީ އެއަށް އިންތިޒާރު ކުރަމުންނެވެ.

ނަމަވެސް މިދިޔަ އަހަރު ރިޝީ ވަނީ ކެންސަރަށް ފަރުވާކުރުމަށް ކުއްލިގޮތަށް ފުރާފައެވެ. އަދި މިހާރު ކެންސަރު އޭނާގެ ހަށިގަނޑުން ނައްތާލެވިއްޖެ ކަމުގެ އުފާވެރި ހަބަރު އެއާއިލާއިން ވަނީ ދީފައެވެ. މިއާއެކު ވަރަށް އަވަހަށް ރިޝީ އެނބުރި އިންޑިއާއަށް އަންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ސުދީރު މިޝްރާގެ ފިލްމު "ޕެހްލާ އާޕް ޖަނާބް" ވަނީ މީގެ ކުރިން އިއުލާން ކޮށް ތަރިންވެސް ނިންމާފައެވެ. ނަމަވެސް ފިލްމުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިޔަށް ގޮސްފައިނުވާތީ ފިލްމު ނުހަދާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ފިލްމުގެ ޑައިރެކްޓަރު ސުދީރު މިވަނީ އެވާހަކަތައް ދޮގު ކޮށް ފިލްމު އުފައްދާނެ ކަމަށް ބުނެފައެވެ.

އިންޓަވިއުއެއްގައި ސުދީރު ބުނިގޮތުގައި ފިލްމަށް އެންމެ ފުރަތަމަ ކީ "މެހެރުއްނިސާ" ކަމަށާއި ފަހުން ފިލްމުގެ ނަން "ޕެހްލޭ އާޕް ޖަނާބް" އަށް ބަދަލުކުރީކަމުގައެވެ. ފިލްމަކީ ލަކްނައުގެ ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ ފިލްމެއްކަމަށްވެސް ސުދީރު ވަނީ ފާހަގަކޮށްފައެވެ. ސުދީރު އިތުރަށް ބުނިގޮތުގައި އެ ފިލްމު އޭނާ ހަދާނީ ތިން އަހަރު ފަހުން ކަމަށެވެ.

މީހެ އިތުރުން ފިލްމުގެ ތަރިންގެ ގޮތުގައި އަމީތާބް ބަޗަން އަދި ރިޝީ ކަޕޫރު ފެނިގެން ދާނެ ކަމަސް ސުދީރު ވަނީ ބުނެފައެވެ. އަދި މިދުވަސްކޮޅު މުހިންމު އެހެން މަސައްކަތްތަކެއް ކުރާތީ އެ ފިލްމުގެ މަސައްކަތް އަދި ފެށިފައި ނުވަނީ ކަމަށް އޭނާ ބުންޏެވެ.

ފިލްމު ލީޑް ބަތަލާގެ ގޮތުގައި ކުރީން ހަމަޖައްސާފައި އޮތީ ޗަތްރަންގަޑަ ސިންގް އެވެ. ސުދީރު ބުނިގޮތުގައި ފިލްމުގެ މަސައްކަތް ފަށާއިރު ޗަތްރަންގަޑަ އަށް ވަގުތު ވާނަމަ ނުވަތަ ފިލްމާއެކީ ހުރި ކަމުގައިވާނަމަ އޭނާ ލީޑް ބަތަލާގެ ގޮތުގައި ފެންނާނެއެވެ. ނޫންނަމަ ބަތަލާ ބަދަލުވުންވެސް އެކަށީގެންވާ ކަމަށެވެ.

ސުދީރު މިދުވަސްވަރު މަސައްކަތް ކުރަނީ ޑިޖިޓަލް ސްޕޭސް ކްރައިމް ތްރިލާއެއްގައެވެ. އެ ފިލްމުން ފެނިގެން ދާނީ ޓިސްކާ ޗޯޕްރާ އަދި ރޯނިތް ރޯއީއެވެ.