ވާހަކަ

ކުރު ވާހަކަ: އަހަންނަށް ހުރި ގޮތް - 01

ޝަފީގާގެ ކަރުނުން ފުރިފައިވާ ލޮލުގައިވަނީ ވަރުބަލިކަމެވެ. އެއީ ދުނިޔޭގެ ދިރިއުޅުމުން އޭނާގެ ހަޔާތަށް ގެނެސްދީފައިވާ އަނދިރިކަމުގެ ހިޏަންނެވެ. އޭނާގެ ލޯބިވާ ދަރިފުޅު އަތުންބީވެ ދިޔުމުން ލިބުނު ހުސްކަމެވެ. އެދަރިފުޅު ދުނިޔޭގައި ހުރެމެ އޭނާގެ އަތުން ވަނީ ފޭރިގެންފައެވެ. ދުވަހަކުވެސް ލޮލަށް ނުފެންނާނެ ފަދަ ހިސާބަކަށް ގެންދެވިފައެވެ. އެވަގުތު ކޮޅުގެ ތެރޭގައި މާޒީގެ އެތައް ހަނދާންތަކެއް އޭނާގެ ހިތަށް އައެވެ. އޭނާ އާއި އަލިމަނިކުގެ ކައިވެންޏެވެ. އަޝްރަފު އުފަންވުމެވެ. ދެމަފިރިންގެ ލޯބިން ފެންވަރުވައިގެން އެދަރިފުޅު ގެންގުޅުނު ގޮތެވެ. އެއަށްފަހު އަޝްރަފުގެ އުމުރުން ހަތަރު އަހަރަށް އޮއްވައި އެތައްލައްކަ ރުފިޔާގެ މުދާ އޭނާ އާއި އަޝްރަފަށް ވާރުތައިން ހަވާލުކޮށްފައި އަލިމަނިކު މަރުވެގެން ދިޔަ ގޮތެވެ.

އެއިރުއްސުރެ ޝަފީގާ ދުނިޔޭގައި އުޅެފައިވަނީ އަޝްރަފުގެ ހިޔަނީގައެވެ. އޭނާގެ ލޯބިވާ ދަރިފުޅަށްޓަކައި ގުރުބާންވިއެވެ. ވިޔަފާރީގެ މަސައްކަތްތަކަށް ސަމާލުވެ އަޝްރަފުގެ މުސްތަގުބަލަށްޓަކައި އެމުއްސަނދިކަން ބެލެހެއްޓުމުގެ ބުރަ މަސައްކަތް ކުރިއެވެ. އޭނާގެ ހެޔޮ ތަރުބިއްޔަތު ނަތީޖާއަކީ ހުރިހާ ދަރަޖައެއްގެ ގޮތްހުރި ޒުވާނަކަށް އަޝްރަފު ވުމެވެ. އޭނާ މެލޭޝިޔާއަށް ކިޔަވަން ދިޔައީ އުމުރުން ނަވާރަ އަހަރުގައެވެ. މެލޭޝިޔާގައި ހުރިއިރުވެސް އަޝްރަފު މީހުން ދަންނަނީ ވަރަށް ރަނގަޅު ކުއްޖެއްގެ ގޮތުގައެވެ. ޔުނިވާސިޓީ އިމްތިހާނުތަކުން އޭނާ ހޯދަމުން ދިޔައީ އެއްވަނަ ދަރަޖައެވެ. ކިޔެވުން ފުރިހަމަ ކުރީވެސް އެއްވަނަ ދަރަޖައިގައި ފާސްވެގެންނެވެ. އަޝްރަފު ކިޔަވައި ނިމިގެން މާލެ އަންނަން އުޅުމުން މާލެނައިސް މެލޭޝިޔާގައި މަޑުކުރުމަށް ޝަފީގާ އެދުނެވެ. އޭނާ އަޝްރަފު ކައިރިއަށް މެލޭޝިޔާއަށް ދިޔުމަށްވެސް ގަސްދުކުރިއެވެ. އަޝްރަފުވެސް ރާއްޖެއިން ބޭރުގަ އުޅޭތާ ހަތަރު އަހަރު ވެފައި ވުމުގެ ސަބަބުން މާލެ އަންނަން ކޮންމެހެން ބޭނުންވީ އެވެ. ނުވަތަ ތަގުދީރު އޭގެ ރޭވުން ފުރިހަމަކުރީއެވެ.

*******

ގަޑިން އެގާރަގަޑި ބައި ވެއްޖެއެވެ. ޝަފީގާ އޭނާގެ އަތުގައި ފިރުމަމުން މޫނު ފޮހެމުން ތެދުވެއްޖެއެވެ. މަޑުމަޑުން ހިނގާފައިގޮސް ސިޓިންރޫމްގެ އެއްފަރާތުގައި ވަދެވެންހުރި ކޮޓަރިއަކަށް ވަދެއްޖެއެވެ. އެކޮޓަރި ފެނުމުން ކޮންމެ މީހެއްގެ ހިތުގައިވެސް ތައުރީފު އުފެދޭނެއެވެ. ފެހިކުލައިގެ ނިދާބޮތްކެއްގެ ފަނޑުއަލިން ހުވަފެނެއް ފަދަ ކޮށްލައިފައިވާ އެ ކޮޓަރީގެ މެދުގައި ބޮޑު އެނދެެއް ހުއްޓެވެ. އެއްފަރާތެއްގައި އަގުބޮޑު ރީތި އަލަމާރީއެއް ހުއްޓެވެ. އެނދާދިމާއިން ކޮޓަރީގެ އަނެއްފަރާތުގައި ހުރީ ލިޔާމޭޒެކެވެ. އެމޭޒުމަތީގައި އަޝްރަފުގެ ބޮޑު ފޮޓޯއެއް ހުރިއިރު އެފޮޓޯގެ ކައިރީގައި ހުރީ އޭނާ ގެންގުޅޭ އެކި ވަރުވަރުގެ އެކި ބާވަތް ބާވަތުގެ ފޮތެވެ.

ޝަފީގާ ކޮޓަރިއަށް ވަނުމަށްފަހު ކޮޓަރީގެ ހޮޅިބުރި ދިއްލާލިއެވެ. އަދި މަޑުމަޑުން ހިނގާފައިގޮސް ލިޔާމޭޒު ކައިރީގައިހުރި ގޮނޑީގައި އިށީނދެ މޭޒުމަތީގައި ހުރި އަޝްރަފުގެ ބޮޑު ފޮޓޯ ލޯގަނޑު ނެގިއެވެ. އަދި ބޭގަރާރުވެފައިވާ ނަޒަރަމުން އެފޮޓޯއަށް ބަލަން ފެށިއެވެ. އެއީ އޭނާގެ މޭގެ އެއްފަޅިއެވެ. އޭނާ ހިތަށް އެރި އެވެ.... އޭނާ އަޝްރަފުއާ ދިމާއަށް ބުނާ ޖުމްލައެވެ. ތީ މަންމަ އަބަދުވެސް ފަޚުރުވެރިވާ ކިޔަމަންތެރި ދަރިއެކެވެ. ތިފަދަ ދަރިޔަކު ލިބުނީތީ މަންމަ އަބަދުވެސް ޝުކުރިވެރިވަމެވެ... މަންމަ އެންމެ ފަހުރުވެރިވަނީ ދަރިފުޅުުގެ ހިތުގެ ރީތިކަމަށްޓަކައެވެ.

އެހާހިސާބުން ޝަފީގާއަށް ބާރަށް ރޮއިގަނެވިއްޖެއެވެ. އެއީ ހަގީގަތެކެވެ. އޭނާގެ އެރީތި ދަރިފުޅު މިހާރުވަނީ އޭނާއަށް ގޮވައިވެސް ނުލެވޭހާ ދުރުގައެވެ.

އެތައް އިރެއްވަންދެން އަޝްރަފުގެ ފޮޓޯ މޭގައި ޖައްސާލައިގެން ރޯން އިނުމަށްފަހު ޝަފީގާ އެފޮޓޯ މޭޒުމަތީގައި ބެހެއްޓިއެވެ. އަދި މޭޒުގެ ވަތްގަޑު ހުޅުވާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ވަތްގަނޑުގައި އޮތް އަޝްރަފުގެ ޑައިރީއެވެ. އޭނާ އެފޮތް ނަގައި ހުޅުވާލިއެވެ. އެކި ގަނޑުތައް ވަކިވަކީން އުކަމުންގޮސް އެންމެފަހުގެ ސަފުހާތައް ކިޔަން ފެށިއެވެ.

"މިއީ އަހަންނަށް ހުރިގޮތް ކަމަށް އަހަރެން ގަބޫލުކުރަމެވެ. ހެޔޮހިތުން ގަބޫލުކުރަމެވެ. އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ޝަކުވާއެއް ކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ، އަހަންނަށް މިލިބޭ ސަޒާއަކީ ހުދު އަހަރެން އަހަަންނަށް ދޭން ބޭނުންވާ ސަޒާއަށްވުރެވެސް ކުޑަ ސަޒާއެކެވެ. އަހަރެންގެ ޝައްމާ އަހަރެންނާ ވަކި ކޮށްލީ ހުދު އަހަރެންނެވެ. ބައެއް ފަހަރު ތަދުގައި އިތުރު ތަދެއް ހުންނަކަން އެއީ ހަގީގަތެކެވެ. ހިތި ހަގީގަތެކެވެ. އަހަރެން މާލެ އައިއިރު އަހަންނާއެކު އަހަރުމެންގެ ޔުނިވާސިޓީގައި ކިޔަވަމުންދިޔަ ސާދިޔާ ކިޔާ ކުއްޖަކުވެސް އައެވެ. އަހަންނާ ޝައްމައާއި ފުރަތަމަ ބައްދަލުވީ އަހަރުމެން މާލެ އައިދުވަހު ހުޅުލެއިންނެވެ. ޝައްމަ ހުރީ ޝާދިޔާއަކީ އޭނާގެ ގާތް ރަހްމަތްތެރިޔާކަމަށްވާތީ ޝާދިޔާ ބަލައި އެއާޕޯޓަށް ގޮހެވެ. އެދުވަހު ޝާދިޔާ އަހަރުމެން ދެމީހުނަށްވެސް އެކަކު އަނެކަކު ތައާރަފުކޮށްދިނެވެ. އެކުޑަކުޑަ ވަގުތުކޮޅުގެ ބައްދަލުވުމުންވެސް އަހަރެންގެ ހިތުގައި ޝައްމަގެ ހަނދާންތަކުގެ ވަރުގަދަ ބިނާއެއް ކުރެހިގެން ދިޔައެވެ.

(ނުނިމޭ)