ދިރާގު

ދިރާގުން މާލޭގެ ޕާކުތަކުގައި ވައިފައި ހޮޓްސްޕޮޓުތައް ގާއިމްކޮށް ހިދުމަތް ދޭން ފަށައިފި

1

ދިރާގުން މާލޭގެ ޕާކުތަކުގައި ވައިފައި ހޮޓްސްޕޮޓުތައް ގާއިމްކޮށް އެ ހިދުމަތް ރަސްމީކޮށް މިއަދު ދޭން ފަށައިފިއެވެ.

މިހިދުމަތް އިފްތިތާހުކޮށްދެއްވީ ރަސްރަނި ބަގީޗާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.

ދިރާގުން ތައާރަފު ކުރި ވައިފައި ހޮޓްސްޕޮޓު ހިދުމަތާއެކު، އެ ހިދުމަތް ލިބޭކަން އަންގައިދޭ ބޯޑު ހަރުކޮށްފައި ހުންނަ ސަރަހައްދުތަކުން 30 މިނެޓަށް ހިލޭ ވައިފައި ލިބޭނެއެވެ. އަދި 100 އެމްބީގެ ހިދުމަތް ހަމަވުމުން، އިތުުރު އެޑްއޮން ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ވައިފައި ހޮޓްސްޕޮޓަށް ކަނެޓްކުރުމުން ލޮގްއިން ޕޭޖު ފެންނާނެއެވެ. މޯބައިލް ނަންބަރު ޖެހުމުން ފޯނަށް އަންނަ އޯޓީޕީ އެންޓާ ކުރުމުން 30 މިނެޓުގެ ހިލޭ ވައިފައި ލިބޭނެއެވެ.

މިހިދުމަތް މާލޭގައި ފެށިއިރު ހުޅުމާލެއާއި ވިލިމާލޭގެ ޕާކުތަކުގައިވެސް ވަރަށް އަވަހަށް ހޮޓްސްޕޮޓުތައް ބަހައްޓާނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްމާއީލް ރަޝީދު ވިދާޅުވީ އާންމުން ގިނައިން އެއްވެ އުޅޭ ތަންތަން ފާހަގަކޮށް، ހޮޓްސްޕޮޓުތައް ގާއިމް ކުރުމުން ގިނަ ބަޔަކަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

އަދި މިހާރު ކުރަމުން އަންނަ މަސައްކަތަކީ އިންޓަނެޓުގެ ހިދުމަތް ވީހާވެސް ފަސޭހަކޮށް، ކޮންމެ ތަނެއްގައި ހުރެގެންވެސް، ކޮންމެ ރަށެއްގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ލިބޭނެ ގޮތް ހަދައިދިނުން ކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޝިފާ ވިދާޅުވީ އިންޓަނެޓަކީ ޒަރޫރީ ހިދުމަތެއް ކަމަށާއި އިންޓަނެޓާއި ނުލައި މިހާރު ނޫޅެވޭނެ ކަމަށެވެ.