އޮފީސް ނިންމާލުމަށްފަހު ވެލާނާގެ ތިރީގައި ނަތާޝާ މަޑުކޮށްލައިގެން ހުރީ އޭނާ ބަލައި އަންނަންދެނެވެ. އަތުގައި އަޅާފައިވާ ތުނި ގަޑިއަށް ބަލައިލުމަށްފަހު ދަބަހުން ފޯނުނަގައި ނަތާޝާ އަލުން އޭނާގެ ފިރިމީހާ ރިޔާޝްއަށް ގުޅަންފެށިއެވެ.
އެއީ ނަތާޝާގެ ކޮންމެ ދުވަހަކުވެސް އާދައެވެ. އޮފީސް ނިންމާލުމަށްފަހު މަދުވެގެން ބައިގަޑިއިރެއްހާއިރު އޭނާގެ ކޮންމެ ދުވަހަކުވެސް ފިރިމީހާއަށް އިންތިޒާރު ކުރާނެއެވެ. ނަތާޝާ އެކަނި އުޅެން ސައިކަލެއް ނެގުމުން ހަރަދުބޮޑުވާނެ ކަމަށްބުނެ ރިޔާޝް ދެކޮޅުހެދިއެވެ. އަދި ގެއަށް ހިނގާފައި ދިޔުމުން މީހުންގެ ލޮލުގައި އަޅާއިގަންނާނެކަމަށް ބުނެ އެކަމާ ވެސް ދެކޮޅު ހަދައެވެ. ނަތާޝާ ކޮންމެ ތަނަކަށް ދާން ޖެހެނީ ރިޔާޝްއާއެކު އޭނާގެ ސައިކަލުގެ ފަހަތުގައެވެ. ނަމަވެސް ރިޔާޝްއަށް ގަޑިއަށް ނަތާޝާ ބަލައި އާދެވޭ ކަމަކަށް ދުވަހަކު ވެސް ނުވެއެވެ.
ދެތިން ފަހަރަކު ގުޅުމުންވެސް ރިޔާޝް ފޯނު ނުނެގުމުން އައި ރުޅީގައި ފޯނު ނިވައިލުމަށްފަހު ނަތާޝާ ފޯނު ދަބަހަށް ލިއެވެ. އަދި ދަބަސް ކޮނޑުގައި އަޅުވައިލަމުން ހިނގައިގަތީ ޓެކްސީއެއް ލިބުމަކީ ވުމަށް ވުރެ ނުވުން ގާތްކަމެއްކަން އެނގިހުރެއެވެ. މަންމަ ނުފެންނަތާ ގިނަ ދުވަސް ވުމުން އޭނާގެ އަމާޒަކަށްވީ އެގެއަަށް ދިއުމެވެ.
''ނަތާ... ނަތާ...''
ދަންނަ އަޑެއް ކަންފަތުގައި ޖެހުމުން ނަތާޝާ ފަހަތް ބަލާލިއެވެ.
''މާ ރުޅިއައިސްގެން ކޮންތާކަށް؟''
ސައިކަލުގައި އައިސް ނަތާޝާގެ ކައިރިއަށް ހުއްޓަމުން ހިނިތުންވުމަކާއެކު އޭނާއާ ވާހަކަދެއްކީ ފައިޒާން އެވެ. ހައިރާންކަމާއެކު ފައިޒާންގެ މޫނަށް ނަތާޝާއަށް ބަލައިލެވުނީ ފާއިތުވި ފަސްއަހަރު ދުވަހުގެ ތެރޭ އެއީ އޭނާއަށް ފައިޒާން ފެނުނު ފުރަތަމަ ފަހަރަށް ވީމައެވެ.
''ވާހަކަ ދެއްކިޔަސް މީހަކު އެއްޗެކޭ ނުބުނާނެއޭ. ނޫނީ ފިރިސޮރު ރުޅިއަންނާނެތަ؟''
ފައިޒާން ވާހަކަ ދައްކަމުންދިޔަ ގޮތުން ހީވީ މިވީހާ ދުވަހު ކޮންމެ ދުވަހަކު އެ ދެމީހުން ބައްދަލުވާހެނެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައީ އެހާވެސް ގާތްކޮށެވެ. ނަތާޝާ ފައިޒާންއާ މެދު ކަންތައް ކުރިގޮތުގެ ސަބަބުން އޭނާއާ ދެމެދު ރުޅިވެރިކަމެއް ނުބަހައްޓާ ވާހަކަދެއްކުމުން ނަތާޝާއަށް ލިބުނީ ބުނަން ނޭނގޭކަހަލަ ހިތްހަމަ ޖެހުމެކެވެ.
''އެއީ.... އޮފީސް ނިންމާފަ މަންމަ ކައިރިއަށް މި ދަނީ...''
ކުޑަ ޖެހިލުންވުމަކަށް ފަހު ނަތާޝާ ބުނެލިއެވެ.
''މަންމަގެއަށް ލައިދެންތަ؟''
ފައިޒާންގެ ސުވާލުން ނަތާޝާއަށް ސިހުމެއް ލިބުނެވެ. ފައިޒާންގެ ސައިކަލު ފަހަތުގައި ނަތާޝާ އިންތަން އެހެން މީހަކަށް ފެނިއްޖެނަމަ ވާހަކަ ދާނެ ގޮތަކާ މެދު ވިސްނާލުމަށްފަހު ޖަވާބުދިނުމަށް އުޅެނިކޮށް އިތުރު ސައިކަލެއް އައިސް ކައިރީގައި ހުއްޓިއެވެ.
''ފޯނު ކޮބާ؟ ވަރަށް ގުޅައިފިން. އޮފީސް ނިންމާލާފަ ޑިޕާޓްމަންޓް އެންމެނާއެކީ ސަޔަކަށް ދިޔައީމަ ކުރިން ބަލައި ނާދެވުނީ. ހަނދާންނެތިގެން ފޯނު އޮފީހުގަ ބާއްވާފަ ދިޔައީވެސް. އޮފީހަށްގޮސް ފޯނު ހިފައިގެން އާދެވުނު އެންމެ އަވަހަކަށް މިއައީ...''
ނަތާޝާގެ މޫނަށް ބަލަހައްޓައިގެން ހުރެ ރިޔާޝް އެހެން ބުނުމަށް ފަހު ދެން ބަލަލީ ފައިޒާންގެ މޫނަށެވެ. ފައިޒާންގެ މޫނަށް ބަލައިލުމަށް ފަހު ނަތާޝާގެ މޫނަށް ބަލައިލިގޮތުން ފައިޒާންއަކީ ކާކުކަން އޮޅުން ފިލުވަން ބޭނުންވިކަން ނަތާޝާއަށް ދެނެގަނެވުނެވެ.
''އެއީ ކުރީގެ ރައްޓެއްސެއް. ފައިޒާން މީ އަހަރެންގެ ފިރިމީހާ ރިޔާޝް.... ރިޔާޝް މީ ފައިޒާން... މެރީ ކުރަން އުޅެނިކޮށް އޭނަ ކިޔަވަން ބޭރަށް ދިޔައީ. އޭގެ ފަހުން އަދި ދިމާވީ... އަދި ފަހުން ދިމާވާނެއެއްނު. މި ގަޑީ ދަނީ. މަންމަ އިންނާނެ ލަސްވެގެން.''
ނަތާޝާ އަވަހަށްގޮސް ރިޔާޝްގެ ސައިކަލު ފަހަތަށް އެރީ ވީހާވެސް އަވަހަށް އެތަނުން ދިޔުމަށެވެ. ރިޔާޝްއާއި ފައިޒާން ވާހަކަ ދެއްކުމީ ނަތާޝާ ދުވަހަކުވެސް ބޭނުންވާ ގޮތެއްނޫނެވެ. ދެމީހުން ދިމާވުމުންވެސް ނަތާޝާ ހުރީ ކަންބޮޑުވެފައެވެ.
''ނަތާ އަދި ނަންބަރެއްވެސް ނުދެމެއްނު؟ މާލެ އައިސް ގުޅިމޭ..''
ރިޔާޝްއަށް ފައިޒާން އެހެން ބުނި އަޑު އިވުމުން ސައިކަލު މަޑުކޮށްލުމަށް ފަހު ދެމީހުންގެ ނަމްބަރުވެސް ފައިޒާންއަށް ދިނެވެ. އަދި ސަޔަކަށް ގެއަށް އައުމަށް ދައުވަތު ދިނުމަށްފަހު އޭނާ ސައިކަލު ދުއްވާލިއެވެ. ސައިކަލުގެ ލޯގަނޑުން ނަތާޝާ ފައިޒާންއަށް ބަލައިލިވެ. އޭނާގެ މޫނުމަތީގައިވާ ހިތާމައިގެ އަސަރު ފެނުމުން ނަތާޝާ ދެރަވިއެވެ.
**********
''ނަތާޝާ ކޮންއިރަކު ފައިޒާން ކިޔާ ރައްޓެއްސެއް ހުރީ؟ ކުރިން ދުވަހަކުވެސް ނުބުނޭ.''
ގެއަށް އައިސް ވަދެވުމާއެކު ރިޔާޝް ފެށިއެވެ. އެވަގުތު ނަތާޝާގެ ފޯނަށް މެސެޖެއް އައެވެ.
ފޯނު ނަގައި ފާރާއި ދިމާއަށް އެއްލާލުމަށްފަހު ރިޔާޝް ނަތާޝާއާ ދިމާއަށް ހަޅޭއްލަވަން ފެށިއެވެ.
''ފައިޒާން ތަ އެ މެސެޖު ކުރަނީ؟ ނަތާޝާ ނުވާނެ އަހަންނަށް ދޯކާއެއްދޭން ހިތަސްވެސް އަރުވައިގެން. ފައިޒާން ދެން ގުޅައިފިއްޔާ ބުނަން ޖެހޭނެ ދެމީހުންގެ ދެމެދު އެއްވެސް ގުޅުމެއް ބާއްވަން ބޭނުމެއް ނޫނޭ! އެކަމު މަ ބުނެގެންނޭ ނުވާނެ ބުނެގެން. ތިހެން ހިތު ހުރިހާ ގޮތަކަށް އުޅޭކަށެއްނޫން މަ ނަތާޝާއަށް ވަޒީފާއަށްދާން ހުއްދަ ދިނީ!''
ރިޔާޝްގެ ކޮންމެ ޖުމްލައަކާއެކު ނަތާޝާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. އިސް ޖަހާލައިގެން އަޑުއަހަން ހުރީ ނަތާޝާ އެއްޗެކޭ ބުނެފިނަމަ އިތުރަށް ކަންތައް ގޯސްވެދާނެކަން އޭނާއަށް އެނގޭތީއެވެ. މަޑުމަޑުން ތުންފަތުގައި ދަތްއަޅާލައިގެން ހުރެ ނަތާޝާ މަސައްކަތްކުރަމުން ދިޔައީ އޭނާގެ ކަރުނަތައް ހިފެހެއްޓޭތޯއެވެ.
ރިޔާޝްގެ ހިތް ހުސްވަންދެން ނަތާޝާއާ ދިމާއަށް ހަޅޭއްލެވުމަށްފަހު އައި ރުޅީގައި ގެއިން ނިކުމެގެން ދިޔައީ ބާރަށް ދޮރު ޖެހުމަށްފަހު އެވެ. އެއާއެކު ނަތާޝާގެ މޫނު ތެންމާލީ އޭނާ ހިފަހައްޓަމުން އައި ކަރުނަތަކެވެ. ހުރި ދިމާއަށް ތިރިވެ ބިންމަތީ އިނދެ އޭނާ ރޮމުން ދިޔައިރު އޭނާގެ ހަނދާނަށް އަންނަނީ ފަސްއަހަރު ކުރީގެ މާޒީއެވެ.
*****
ނަތާޝާ ހަނދާން ހުންނަން ފެށީއްސުރެ ކުރިމަތީ ހުންނަ ގެއިން ފައިޒާން ފެނެއެވެ. ގޭދޮށު އެންމެން އެއްކޮށްގެން ކުޑައިރު ކުޅެން އުޅޭއިރު ފައިޒާން އަބަދުވެސް އިންނާނީ ނަތާޝާ ކައިރީގައެވެ. އޭނާއަށް ގޮތެއްވިޔަ ނުދީ ސަލާމަތް ކުރުމަށް ފައިޒާން އަބަދުވެސް މަސައްކަތް ކުރެއެވެ.
ނަތާޝާއަށްވުރެ އުމުރުން އެއްއަހަރު ފައިޒާން ބޮޑެވެ. އެހެންކަމުން ނަތާޝާއަށްވުރެ ކުރިން ފައިޒާން ސްކޫލްވެސް ނިމުނެވެ. އޭނާ އިތުރަށް ކިޔެވުމަށް މަލެ ބަދަލުވީ ނަތާޝާ ގްރޭޑް 10 ގައި އުޅެނިކޮށެވެ. އަހަރެއްވަންދެން ދިމާނުވެ ހުރުމަށް ފަހު ދެމީހުން ދެން ބައްދަލުވީ ނަތާޝާ މާލެ ބަދަލުވެ ސީއެޗްއެސްސީއަށް ދިޔަ ފުރަތަމަ ދުވަހުއެވެ.
ވަރުގަދަ ރަހުމަތްތެރިކަމަކުން ކުރިންވެސް ގުޅިފައިވުމާއެކު ދެމީހުންގެ އެކުވެރިންގެ ވެސް އެދުމާ އެކު، ލޯބީގެ ގޮތުން ގުޅުނީ އެކުގައި އުޅުމަށް ވައުދު ވަމުންނެވެ. އެއަހަރު ވެގެން ދިޔައީ ނަތާޝާ އެހާމެ އުފާވި އަހަރަކަށެވެ. އާއިލާއަށް ނޭނގި ނަމަވެސް ދެމީހުން އެކީ އުފަލުގައި ބިނާކުރަމުން އައީ ސްކޫލް ނިންމުމަށްފަހު ދެމީހުންގެ ހަޔާތުގެ ދަތުރު ފަށާނެ ގޮތެވެ.
ފައިޒާން ސްކޫލް ނިންމުމަށްފަހު ލިބުނު ސްކޮލާޝިޕެއްގައި ފުރައިގެން ދިޔައީ ނަތާޝާ 12 ނިމޭއިރަށް ކައިވެނި ކުރަން މާލެ އަންނާނެކަމަށް ވައުދުވެފައެވެ. ނަމަވެސް ދެމީހުންގެ ނަސީބު ދެރަކަމުން ކަން ދިމާވީ ދެމީހުން ރޭވި ގޮތަކަށް ނޫނެވެ. ނަތާޝާ ބައްޕަ ބަލިވުމުގެ ސަބަބުން ބައްޕަ ޑޮކްޓަރަށް ދެއްކުމަށް ބޭރަށް ފުރަން ޖެހުނެވެ. އެދުވަސްކޮޅު ކަން ހުރިގޮތުން ނަތާޝާއަށް ޖެހުނީ ކިޔެވުން ދޫކޮށްލުމަށްފަހު ބައްޕަ ގޮވައިގެން ފުރާށެވެ. މަންމަ މާލޭގައި މަޑުކުރީ ބައްޕަގެ ބޭސްފަރުވާގެ ކަންކަމަށް ބޭނުންވާ ހަރަދުތައް ހަމަޖެއްސުމަށް ކޮންމެވެސް އެކަކު މަސައްކަތް ކުރަން ޖެހޭތީއެވެ.
ބައްޕަ ރަނގަޅުވުމުން ބައްޕަ ގޮވައިގެން މާލެ އައި ދުވަހަކީ ނަތާޝާއަށް އެންމެ ހިތްދަތިކަމާ ކުރިމަތިލާންޖެހުނު ދުވަހެވެ. ބައްޕަގެ ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް މަންމަ މަސައްކަތްކުރާގޭގެ ވެރިމީހާ އަތުން ދަރަންޏައް ނަގާފައިވާ ފައިސާ ދެއްކުމުގެ ޒިންމާ އެޅުނީ އޭނާގެ ބޮލުގައެވެ. އެމީހުންގެ ދަރި ރިޔާޝްއާއި ކައިވެނި ކުރަން މަންމަ އެދުނީ އެއީ އެހެން ގޮތެއް ނެތީމަ އެވެ.....
ކައިވެނީގެ ކުރީކޮޅު ރިޔާޝްވީ ނަތާޝާ އެދޭފަދަ ފިރިއަކަށެވެ. އާއިލާގެ ހައްގުގައި ކުރި ކައިވެނި ދެމެހެއްޓުމަށް އޭނާގެ ލޯބި އޭނާއަށް ގުރުބާން ކުރަން ފަސޭހަވީ ބޭރުފުށުން ރިޔާޝްގެ ކިބައިން ފެނުނު ރަނގަޅު އާދަތަކަށް ބަލާފައެވެ. ބޭރުފުށުން ފެނުނު ރަނގަޅު ސިފަތަކުގެ ސަބަބުންނެވެ. ރިޔާޝްވީ އޭނާގެ މަންމައާއި ބައްޕަ ރުހޭ ފަދަ މީހަކަށެވެ. ނަމަވެސް ކައިވެންޏަށް އަހަރު ވުމަށްފަހު މަޑުމަޑުން ރިޔާޝްގެ އަސްލު ސޫރަ ނަތާޝާއަށް ފެންނަން ފެށިއެވެ.
*********
ރޮއިރޮއި މީހާ ކުޑަކޮށް ހަމައަކަށް އެޅޭގޮތް ވުމުން މަޑުމަޑުން ތެދުވެ ނަތާޝާ ކޮޓަރިއަށް ވަނެވެ. އޭނާގެ ބޮލުގައި އެނބުރެމުން ދަނީ ކައިވެނި ކުރަން މަންމަ އެދުނު ދުވަހު މަންމަ ދެއްކި ވާހަކަތަކެވެ. އެތައް ފަހަރެއްގެ މަތިން މަންމަ ވަނީ އޭނާ ބޭނުން ނޫންނަމަ ކައިވެނި ނުކުރަން އެދިފައެވެ. އެންމެން މަސައްކަތްކޮށްފިނަމަ ދަރަނި އަނބުރާ ދެއްކޭނެ ކަމަށް ބުނެފައެވެ.
ނަމަވެސް މިއަދު ނަތާޝާގެ ދިރިއުޅުމުގެ މިހާލަކީ ނަތާޝާ އަމިއްލައަށް ލިބިގަތް ދިރިއުޅުމެއްކަމަށް އޭނާ ގަބޫލު ކުރެއެވެ. ފައިޒާން އަށް އިންތިޒާރު ކުރި ނަމަ މިއަދު އޭނާ މިހެން ކަރުނަ އަޅާކަށް ނުޖެހުނީހެވެ. މި ވޭނީ ދުނިޔޭގައި ހައްޔަރުވެފައި އިންނާކަށް އޭނާއަކަށް ނުޖެހުނީހެވެ.