ޕޮލިސް

ވެލި ނެގީ ބްރިޖު ހެދި ކުންފުނީގެ އުޅަނދެއް ނޫން: ޗައިނާ އެމްބަސީ

ލ. އަތޮޅުގައި ވެލި ނަގަން އުޅެނިކޮށް ފެނުނު ބޭރުގެ ބޯޓަކީ ސިނަމާލެ ބުރިޖުގެ މަސައްކަތްކުރި ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ އުޅަނދެން ނޫން ކަމަށް، ޗައިނާ އެމްބަސީއާ ހަވާލާދީ ދިވެހި ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު މެންދުރުފަހު ބުނީ، އެ ބޯޓަކީ ބުރިޖު ހެދި ސީސީސީސީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ބޯޓެއް ނޫން ކަމަށް ޗައިނާ އެމްބަސީން ބުނެފައިވާ ކަމަށެވެ. އަދި އެއީ ސީސީސީސީ ކުންފުނީގެ ސަބް ކޮންޓްރެކްޓެއްގެ އުޅަނދެއް ކަމަށް އެމްބަސީން ބުނާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

"ނަމަވެސް އެ ސަބް ކޮންޓްރެކް މިހާރު އުވާލާފައިވާ ކަމަށް އެމްބަސީން މައުލޫމާތު ދޭ. އެ ލޭންޑިން ކްރާފްޓަކީ "ހުނަން އޫބޯ ޓެކްނޮލޮޖީ ކޯޕަރޭޝަން ލިމިޓެޑް" ގެ އުޅަނދެއް." ފުލުހުންގެ މީޑިއާއިން ބުންޏެވެ.

ވެލި ނަގަން އުޅެނިކޮށް ލ. ހިތަދޫ ކައިރީން އިއްޔެ ފެނުނު ބޯޓަކީ ސީސީސީސީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ ބޯޓުގެ މައުލޫމާތު ލިބިގެން ސިފައިން އެކީގައި އެބޯޓަށް އެރި ކަމަށެވެ.

އެ ބޯޓަކީ ހުވަދު އަތޮޅުގައި ހަދަމުން އަންނަ ރިސޯޓަކަށް ދަތުރު ކުރަމުންދިޔަ ބޯޓެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އަދި އެބޯޓުގައި ރަޖިސްޓްރޭޝަން ނަންބަރާއި ދިދައެއް ވެސް ނެތް ކަމަށާއި ބޯޓުގެ މީހުން ބުނާގޮތުގައި އެވެއްޔަކީ ބޯޓުގައި ހުރި ބަރު ވެހިކަލްތައް ބެލެންސްކުރަން އަރުވާފައިވާ ވެލި ކަމަށެވެ. ނަމަވެސް އެ ވެލި ނަގާފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ލިބިގެންކަން ހާމަވާ އެއްވެސް ލިޔުމެއް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ބޯޓު ލ. އަތޮޅުގައި މަޑުކޮށްފައިވަނީ ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ބޯޓުގައިވާ މައްސަލަތައް ރަނގަޅު ކުރުމަށް ކަމަށް އެ ބޯޓުން ބުނެފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މިކަމާ ގުޅޭ ގޮތުން ކަސްޓަމްސް އިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ މި ބޯޓަކީ ސިނަމާލެ ބުރިޖުގެ މަސައްކަތްކުރި ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއް ކަމަށެވެ. އަދި މި ބޯޓު ރާއްޖޭގައި ދަތުރު ކުރަނީ ކަމާބެހޭ އެއްވެސް ފަރާތަކުން ހުއްދަ ނުހޯދައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި މި ފަދަ ބޭރުގެ އުޅަނދުތައް ކަސްޓަމްސްގެ ހުއްދައަކާއި ނުލައި ރާއްޖޭގައި ބަނދަރު ކުރުމާއި، ގޮސްއައިސް ވުމުގެ އިތުރުން އެ އުޅަނދުފަހަރަށް ތަކެތަ އަރުވައިބޭލުމަކީ ކަސްޓަމްސްގެ ގަވައިދާއި ގާނޫނުން މަނާ ކުރާ ކަމެކެވެ. އަދި ރާއްޖެއަށް އައިސް ގޮސްހަދާ ހުރިހާ އުޅަނދު ފަހަރެއް ރާއްޖޭގައި ހިންގާ ހުރިހާ މުއާމަލާތެއް ހިންގަން ވާނީ ކަސްޓަމްސްގެ ހުއްދައާއެކު ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އަދި ސިނަމާލެ ބުރިޖުގެ މަސައްކަތްފަދަ ބޮޑެތި އިގްތިސާދީ ޕްރޮޖެކްޓް ތަކަށް ގެނެވޭ މިފަދަ އުޅަނދުފަހަރަކީ ކަސްޓަމްސްގެ ހުއްދައާއި ނުލައި އެހެން މަސައްކަތްތަކައް ބޭނުން ކުރުން މަނާ ތަކެތި ކަމަށާއި މި މައްސަލަ މިހާރު ކޯސްޓްގާޑާއި ފުލުހުންނާއި ގުޅިގެން ބަލަމުން އަންނައިރު މިކަމުގައި ޝާމިލްވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ކަސްޓަމްސް އިން ބުނެއެވެ.