މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 6

އަބްދުﷲ ފާރޫގް ހަސަން

(21 މެއި ގެ އަދަދާ ގުޅޭ)

ރާއްޖޭގެ އެހެން ރަށްރަށް ފަދައިން ރާއްޖޭގެ ރަށްތަކުގެ މީހުންނާއި މަލިކުމީހުން އިނދެ ދެފަރާތުގައިމެ އެދަރިކޮޅުތައް އުފެދިފައި ވެއެވެ. މިއަދުވެސް ބޮޑުބޭބެ ބޮޑުދައިތަކިޔާ މީހުން ދެފަރާތުގައި ވެއެވެ. މަލިކުގެ ގިނަގޭގެއަށް ބަލާއިރު މަލިކުގައިވެސް ރާއްޖޭގެ ރަށްރަށުގެ ނަމުން ގޭގެއަށް ނަންކިޔާފައި ވެއެވެ. އެއީ އެރަށްރަށުގެ މީހުން މަލިކުމީހުންނާ އިނދެ މަލިކުގައި ވަޒަންވެރިވުމުންނެވެ. ހަމަ މިފަދައިން މީގެ އަނެއްކޮޅުވެސް ވެއެވެ.

ތިރީގައި މިވަނީ އަޅުގަނޑުމެން މަލިކުގައި ތިބިއިރު މިރޮނގުން ބަލާލި ވަރަށްއަވަސް ބަލައިލުމެއްގައި ފާހަގަކުރެވުނު، ރާއްޖެއަށް ނުވަތަ ރާއްޖޭގެ ރަށްރަށަށް ނިސްބަތްކޮށް ނަންކިޔައިފައި ހުރި ގެތަކުގެ ނަންތަކެވެ.

1. ގިރާވަރުގެ (ކުދެހި)

2. ވަށަފަރުގޯތި (ކުދެހި)

3. ކެލާގެ (ފަލައްސޭރި)

4. އައްޑުގޯތި (ރަށްމެދު)

5. އައްޑުގެ (ރަށްމެދު)

6. ދިވެހިފާންތަގެ

7. ފައިނުގެ

8. މާލޭގެ (ބާޑަ)

9. ކެލާމަލިންގޯތި

10. ދިއްދޫގެ (އަލޫޑި)

11. ގޮއިދޫގޯތި (ފުންހިލޮޅު)

12. ފެންފުށީގެ (ފުންހިލޮޅު)

13. މުރާދޫގަނޑުވަރު (ފުންހިލޮޅު)

14. ދިވެހިގަނޑުވަރު (ޝޭޑިވަޅު)

15. މާލޭގެކޮޅުގެ (ބާޑަ)

16. އޮޑިވަޅުމާލޭގެ (ބާޑަ)

17. ކަނޑޫދޫގެ (ބޮޑުއަތިރި)

18. ނޫމަރާގޯތި (ޝޭޑިވަޅު)

19. މާރަންދޫގޯތި (ޝޭޑިވަޅު)

20. ތަކަންދޫގޯތި (ޝޭޑިވަޅު)

21. ފޮއްދޫގޯތި

22. ފީވައްގޯތި

23. އިހަވަންދޫގޯތި

މަލިކު ހުރިހާ ގެތަކެއްގެ ނަންތަކުގެ މައްޗަށް ވިސްނައި ދިރާސާކުރާނެ ފުރުޞަތެއް ލިބުނުނަމަ މިއަށްވުރެ އިތުރު ނަންތަކެއް ފާހަގަކުރެވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ތިންވަނަ ނުކުތާއާއި ހަތަރުވަނަ ނުކުތާއާމެދު މިފޮތުގެ ތަފާތު ޗެޕްޓަރތަކުގައި އަޅުގަނޑުވަނީ ވާހަކަދައްކާފައެވެ. އެހެންކަމުން މިތާނގައި އިތުރަށް އެވާހަކަ ތަކުރާރުކުރުމުގެ ބޭނުމެއް އޮތްކަމަކަށެއް އަޅުގަނޑެއް ނުދެކެމެވެ.

"ހިސްޓްރީ އޮފް ދި ލަކަޑިވް މިނިކޮއި އެންޑް އަމީންޑީވީ އައިލެންޑްސް" މިނަންކިޔާ ފޮތުގައި... ލިޔުއްވާފައިވެއެވެ.

"މީލާދީން 1550 ވަނަ އަހަރު ޢަލީރާޖާއިންގެ ރަސްކަމާ މަލިކު ގުޅުމާ ހަމައަށް މަލިކުގެ ތާރީޚުވަނީ ދިވެހިރާއްޖޭގެ ތާރީޚާ ލާމެހިފައެވެ. އެހެންނަމަވެސް އަރައްކަލް ޕްރިންސިޕަލިޓީގެ މެމްބަރަކަށް މަލިކު ވުމާ ގުޅިގެން ދިވެހިރާއްޖޭގެ އެހެން އަތޮޅުތަކާ މަލިކު ތަފާތުވެގެން ދިޔައެވެ. އަޅުގަނޑުމެންނަށް މިހާރުވެސް އެނގިފައިވާ ގޮތުން ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީލާދީން ހަތަރުވަނަ ނުވަތަ ފަސްވަނަ ޤަރުނުގައި ސްރީލަންކާއިން ހިޖުރަކުރި މީހުންނެވެ. ބާތަލަމިއުޒް ވިދާޅުވާގޮތުގައި މަލިކުގެ ޘަޤާފަތަށް ބަލާއިރު އެތާނގައި ފުރަތަމަ ވަޒަންވެރިވެފައިވަނީ ދިވެހިރާއްޖެއިން ހިޖުރަކުރި ބަޔެކެވެ. މިކަން ޤަބޫލުކުރެވޭ އެންމެބޮޑު ހެތްކަކީ މަލިކު މީހުންގެ އާދަކާދައާއި ދިވެހީންގެ އާދަކަދައާ އެއްގޮތްކަމެވެ. މަލިކުގެ ފުލޯކު ވާހަކައެއްގައި އޮންނަ ކަމަށް ސަތިކުމަރަން ނަޔަރ ވިދާޅުވަނީ މަލިކާ އަވަށްޓެރި ޖަޒީރާތަކެއް ކަމަށްވާ ލަކަޑިވްސްގެ ނަމްބޫދިރީ ދެމީހުންކަމަށްވާ އައްޔައްފަންމުއްތަންމައާއި ތައްތަރަން (ތައްތަރަންބަންމަދު) މަލިކަށް ހިޖުރަކޮށް އެތަނުގައި ރުއް އިންދީ ކަމަށެވެ. މިރަށަކީ އެމީހުންގެ އަމިއްލަ ތަނެއް ކަމުގައި ހެދުމަށްޓަކައި އެމީހުން މިރަށުގައި ގަލެއް ބެހެއްޓިއެވެ. ސަތިކުމަރަން ލިޔުއްވާ ގޮތުގައި މިތަނަށް ކިޔަނީ "ސިރައްކަލް" އެވެ.

ނަމަވެސް އެވާހަކައިގައި އެއްވެސް ޙަޤީޤަތެއް ވާކަމަކަށް ނުފެނެއެވެ. އެހެނީ ލަކަޑިވްސްގެ މީހުންނާވެސް އަދި މަލާބާރީންނާވެސް މަލިކުގެ މީހުންނާ އެއްވެސް ވައްތަރުކަމެއް ފެންނާކަށް ނެތެވެ. ބާތަލަމިއުޒް ވިދާޅުވާ ފަދައިން ރާވެރީން އެންމެ ވައްތަރީ ސްރީލަންކާގެ ހަކުރޯއިންނާ އަދި ރޯޑިއާއިންނާއެވެ. އަދި އެމީހުންގެ މަތީ ފަންތީގެ މީހުން ހީވަނީ ޢަރަބީންނާ ސިންގަޅައިން މަސްހުނިވެގެން އައިސްފައިވާ ބަޔެއްހެންނެވެ. ކަން މިހެން އޮތުމާއެކު މަލިކަށް ހިޖުރަކުރީ ކޮންބަޔެއްތޯ ބަލާއިރު ބޮޑަށް ބުރަވެވެނީ ލަކަޑިވްސްއަށްވުރެ ބޮޑަށް ދިވެހިރާއްޖެއިން ކަމަށެވެ. މަލިކު މީހުންގައި ހުންނަނީ ނަމްބޫދިރީ އާރިޔަން ސިފަތަކަށްވުރެ ސިލޯނުގެ ވެޑޮއިޑް ސިފަތަކެވެ. އެރަށުގެ ބަހަށް އެމީހުން ކިޔާ "މަހަލް" އެވެ. މިބަސް ރާއްޖޭގެ ދިވެހިބަހާ ވަރަށް ވައްތަރެވެ. އެޗް.ސީ.ޕީ. ބެލް ލިޔުއްވާފައިވާ "މޯލްޑިވް އައިލެންޑްސް" މިފޮތުގައި ލިޔުއްވާފައިވާ ގޮތުގައި "މަހަލް" މިބަސް ސާންސްކްރިޓާއި ޕާލީގެ ބަސްތަކަށްވުރެ އަޞްލު ސިންގަޅައާ މާގުޅެއެވެ. މިކަމުންވެސް ބޮޑަށް ބުރަވެވެނީ މަލިކުގައި ވަޒަންވެރިވީ މީހުންނަކީ މަލާބާރީން ނުވަތަ ލަކަޑިވްސްއިން ދިޔަ ބަޔެއް ނޫންކަމާއި އެއީ ސްރީލަންކާ ނުވަތަ ދިވެހިރާއްޖެއިން ދިޔަ ބަޔެއް ކަމަށެވެ.

މަލިކުގައި މީހުން ދިރިއުޅެން ފެށީއްސުރެ ވަރަށްގިނަ ޒަމާންތަކަކަށް މަލިކު ދިވެހި ރަސްކަމުގެ ދަށުގައި އޮތެވެ. ނަމަވެސް ތާރީޚުގެ ވަކިހިސާބަކުން މިރަށް ކަންނަންނޫރު ރަސްރަސްކަލުންގެ އަތްދަށަށް ދިޔައެވެ. މިގޮތަށް މިބަދަލުވި ބަދަލުވުން އައިސްފައިވަނީ ގާތްގަނޑަކަށް 1550 ވަނައަހަރު ހިސާބުގައެވެ. މީލާދީން ސަތާރަ ވަނަ ޤަރުނުގެ ކުރީކޮޅު މަލިކަށް ޒިޔާރަތްކުރި ޕިރާޑް ޑި ލާވަލް ވިދާޅުވާގޮތުގައި މަލިކުގައި އެއިރު ވެރިކަން ކުރައްވަނީ ކަންނަންނޫރުގެ ރާޖާގެ މަންދޫބެއް ކަމަށްވާ އަންހެން ބޭކަނބަލެކެވެ. އިބްނު ބަޠޫޠާ ރާއްޖެއަށް ޒިޔާރަތްކުރެއްވި ޒިޔާރަތްކުރެއްވުންތަކުގައިވެސް (44-1343 އާއި 1346 ގައި) މަލިކުގެ އެއްވެސް ވާހަކައެއް ލިޔުއްވާފައެއް ނުވެއެވެ. އިބްނު ބަޠޫޠާ މުލަކުގެ ވާހަކަ ލިޔުއްވާފައިވާ ލިޔުއްވުން "މަނާދިރު" ގައި "މުލޫކު" އެއީ މަލިކު ކަމަށް ބައްލަވާފައިވަނީ ގޯހުންނެވެ. މިރަށަކީ އަޞްލުގައި ފުވައްމުލަކެވެ. އެއީ ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑުއަތޮޅާ ޖެހިގެން އޮތް ރަށެކެވެ. މާކޮޕޯލޯ މަލިކަކީ އަންހެން ރަށްކަމަށް ބުނުއްވާފައިވާ ކަމަށް ވެއެވެ. ނަމަވެސް މިމަޢުލޫމާތު އައިސްފައިވާ ގޮތެއް އެނގޭކަށް ނެތެވެ. އިހުޒަމާނުއްސުރެ ކިޔަމުން އައިސްފައިވާ ވާހަކައެއްގައި ބުނާގޮތުން ދިވެހިރާއްޖޭގެ ރަސްގެފާނު ކަންނަންނޫރުގެ ޢަލީރާޖާއަށް މަލިކު ހަދިޔާއެއްގެ ގޮތުގައި ދެއްވީއެވެ. މި ދެރަސްކަލުންނަކީ ކައިވެނީގެ ގޮތުން ތިމާގެ ދެ ރަސްކަލުންނެވެ.

ކަންނަންނޫރުގެ ރަސްގެފާނު ދިވެހިރާއްޖެ ހިފިގޮތް ވަރަށް މަޝްހޫރު ފުލޯކު ވާހަކައެއްގައި އޮވެއެވެ. އެދުވަސްވަރު ދިވެހިރާއްޖެ ވަނީ ފޭރޭމީހުންގެ ޝިކާރައަކަށް ވެފައެވެ. އަދި ޚާއްޞަކޮށް މިކަމުން ޓެއްލިޗެރީގެ މުންޚަލީ މަރައްކާރު ފާހަގަކޮށްލެވެއެވެ. މިރަށްތައް ސަލާމަތްކޮށްދިނުމަށް މިރަށްތަކުގެ އަހުލުވެރީން އެތައްފަހަރަކު އެދުނުކަމުގައި ވިޔަސް ދިވެހިރާއްޖޭގެ ރަސްގެފާނު ދެއްވީ ބީރު ކަންފަތްޕުޅެކެވެ. އެންމެފަހުން އެމީހުންނަށް މަޖުބޫރުވީ ޢަލީރާޖާގެ އެހީ ހޯދާށެވެ. މިކަމާ ގުޅިގެން ކަންނަންނޫރުގެ ރަސްގެފާނު ދިވެހިރާއްޖޭގެ ރަސްގެފާނަށް ފަންޑިތައެއް ހެދި ކަމުގައި ވެއެވެ. ކަންނަންނޫރުން އައި ފުރަތަމަ ލަޝްކަރުގެ އަށް ނައު ދިވެހީން ފައްތާލިކަމަށް ވަނީ ފަންޑިތަހަދާފައިވާ އަށް ނާށި ކަނޑަށް އެއްލާލައިގެންނެވެ. ނަމަވެސް ޢަލީރާޖާ ވަރަށް ބާރުގަދަ ފަންޑިތަވެރިއެއް ކަމަށްވާ ކަލްޕެނީގެ ސަކިކޮޔާގެ އެހީ ހޯދިއެވެ. އަދި މީނާ ޢަލީރާޖާގެ ލަޝްކަރުގެ ނައުތައް ފަންޑިތައިގެ ބާރުގައި ސަލާމަތްކޮށްދިނެވެ. މިފަހަރު ދިވެހީންގެ ފަންޑިތަ ނާށިތަކުގެ ބޭނުމެއް ނުހިފުނެވެ. ދިވެހި ރަސްގެފާނަށް މިފަންޑިތައިގެ ޔަޤީންކަން އޮތްލެއް ބޮޑުކަމުން ހަނގުރާމައަކަށް އެއްވެސް ވަރަކަށް ތައްޔާރު ވެފައެއް ނެތެވެ. ވުމާއެކު ވަރަށް ފަސޭހައިން އަރައްކަލްގެ ލަޝްކަރަށް ދިވެހީންގެ މައްޗަށް ވެރިވެގަނެވުނެވެ.

އަރައްކަލްގެ ޢަލީރާޖާއިން (ނުވަތަ ޢަޒީރާޖާއިން ނުވަތަ މައްމާލީން) ނަކީ ދިވެހިރާއްޖެއާއި ލަކަޑިވްސްގައި ވަރަށް ބާރުގަދަ ބަޔެއް ކަމާމެދަކު ޝައްކެއްނެތެވެ. އިންޑިޔާގެ ހުޅަނގު ދެކުނު އައްސޭރިއާ ކައިރީގައިވާ ޢަރަބި ކަނޑުގެ ސަރަޙައްދުގައި އެމީހުންގެ އާރާއި ބާރު ފެތުރިފައިވަނީ އެބައިމީހުންގެ ކަނޑުގެ ފައުޖުގެ ކުޅަދާނަކަމުންނެވެ. ޢަރަބި ކަނޑުގެ ޖަޒީރާތަކުގެ މައްޗަށް މިމީހުންގެ ބާރު ވަރަށް ގަދަކަމަށް ޕިރާޑާއި ޕޯޗުގީޒު ތާރީޚު ލިޔުންތެރިއެއް ކަމަށްވާ ޖޭ. ޖިބަރޮސް ހެކިވެލައްވައެވެ. މަޝްހޫރު ފަރަންސޭސި ދަތުރުވެރިޔާ ޕިރާޑް ޑި ލާވަން ޢަލީރާޖާ ސިފަކުރައްވަނީ ދިވެހިރާއްޖޭގެ ވެރި ރަސްގެފާނުގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ވިޔަފާރީގެ މައްޗަށް މައްމާލީންގެ ހަމައެކަނި ވެރިކަމެއް އޮތުމުގެ ސަބަބުން އޭނާ ވަރަށް މުއްސަނދިވެގެން ދިޔައެވެ. ޖޭ. ޖިބަރޮސް ކަންނަންނޫރު ރާޖާއިން ސިފަކުރައްވަނީ މަލިކުގެ ގަވަރުނަރުންގެ ގޮތުގައެވެ. އަދިވެސް އޭނާ ބަޔާންކުރައްވާ ގޮތުގައި ދިވެހިރާއްޖޭގެ ރަސްގެފާނާ އަދި ހުރިހާ އެންމެންނަކީވެސް ކާފަރުންނެވެ. (ފަހަރެއްގައި އެމީހުންނަކީ މުސްލިމުން ނޫންކަން ބަޔާންކުރުމުގެ ގޮތުން އިނގިރޭސީން "ޖެންޓައިލްސް" ބޭނުންކޮށްފައި އޮތް ކަމުގައިވިޔަސް ޢާންމު ގޮތެއްގައި މިބަސް ބޭނުންކޮށް އުޅުނީ ޔަހޫދީންނާ އެހެން މީހުންނާ ވަކިކުރުމުގެ ގޮތުންނެވެ.) މިއިން ދިވެހީން އިސްލާމްވީ ތާރީޚު ކޮންމެވެސް ވަރަކަށް އަންގައިދެއެވެ. އޭނާ އަދިވެސް ފާހަގަކުރައްވާފައިވާ ގޮތުގައި އެމީހުން ދިވެހިރާއްޖެއާ ފުރަތަމަ އުފެއްދީ ވިޔަފާރީގެ ގުޅުމެވެ. އަދި މަޑުމަޑުން އެމީހުންގެ ނުފޫޒު ހިނގާ ސަރަޙައްދު ސިޔާސަތާ ހަމައަށްވެސް ފުޅާކުރީއެވެ. މިއީ ފަހުން އިނގިރޭސީން އިންޑިޔާގައި ކަންތައް ކުރިގޮތެވެ. ޑުއާރޓި ބާރބޯސާ (ކުރީގެ ޕޯޗުގީޒު ކުލީ ސިފައިންގެ މީހެއް، ފަހުން ތާރީޚު ލިޔުންތެރިއެއް) ދިވެހި ރަސްގެފާނު ސިފަކުރައްވަނީ ކަންނަންނޫރުގައި އުޅޭ މަޣްރިބުގެ ސާދާގަރުން އެމީހުން ބޭނުންވީމާ ބަދަލުކުރާ ގޮތަށް ޢައްޔަންކޮށްފައިވާ މީހެއް ކަމުގައެވެ. މި ސިފަކުރުމުން ދިވެހިރަސްކަން ވެފައިވަނީ ޢަލީރާޖާއިން ކުޅޭކުޅޭ އެއްޗަކަށެވެ. ވުމާއެކު ލަކަޑީވްސްއާ ދިވެހިކަނޑުގައި ޢާންމުކޮށް ދަތުރުކުރާ އޮޑިފަހަރުވަނީ ކަންނަންނޫރުގެ ކަނޑުގެ ލަޝްކަރުގެ ބާރުގެ ދަށުގައެވެ. އެހެނީ އެބައިމީހުންނަކީ ކަނޑުގެ ހަނގުރާމައަށް ކުޅަދާނަ، ފަންނީ ބަޔެކެވެ. ކަން މިހެން އޮތްއިރު، ދިވެހި ރަސްރަސްކަލުންނަށް މާމައްލޭއިންނާ ކުރިމަތިލާން ނުކެރޭކަން އެއީ ހައިރާންވާންވީ ކަމެއް ނޫނެވެ. އެހެންނަމަވެސް ޕޯޗުގީޒުން މިދޭތެރެއަށް ވަނުމުން އަރައްކަލުންގެ ބާރު ކުޑަވާން ފެށިއެވެ.

(ނުނިމޭ)