ދުނިޔެ

އިންޑިއާގައި ޓިޔުޝަން ދެމުން ދިޔަ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 19 މީހުން މަރުވެއްޖެ

މުހައްމަދު އައުޒަމް

އިންޑިއާގެ އިމާރާތެއްގައި އަލިފާުނުގެ ހާދިސާއެއް ހިނގައި 19 މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ ގުޖްރާތު ގައި މިހާދިސާ ހިނގާފައިވަނީ ޓިއުޝަން ދެމުންދިޔަ އިމާރާތެއްގައެވެ. ހާދިސާ ހިނގުމާއެކު ކަޅުދުން މުޅިއިމާރާތަށް ފެތުރިގެން ދިޔަކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި އިމާރާތުގެ ތެރޭގައި ތިބި ގިނަ ދަރިވަރުން ސަލާމަތްވުމަށް ކުޑަދޮރުތަކުން ފުންމާލި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މިއަލިފާނުގެ ހާދިސާގައި ގިނައިން މަރުވެފައިވަނީ އެވަގުތު ކިޔަވަމުން ދިޔަ ދަރިވަރުން ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ. މަރުވެފައިވަނީ އުމުރުން 20 އަހަރަށް ވުރެ ހަގު ކުދިންކަމަށް މައުލޫމާތު ލިބެއެވެ.

ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވި ނަމަވެސް މިހާ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އިމާރާތް ކޮށްފައިވާ ގޮތުން ކަމަށް އޮފިޝަލުންބުނެއެވެ. މުޅި އިމާރާތުގައި އަލިފާން ފެތުރިގެން ދާން ގިނައިރުތަކެއް ނުނަގާކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ހާދިސާ ގެ މައުލޫމާތު ލިބުމާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ މަރުވި ކުދިންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި މިހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. މޯދީ ވަނީ ގުޖުރާތުގެ ސަރުކާރާއި އާންމު ފަރުދުން މިހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމަށް އެދިވަޑައިގެންފައެެވެ.

މދިޔަ ފެބްރުއަރީ މަހު އިންޑިއާގެ ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ވެސް 17 މީހުން މަރުވެފައިވެއެވެ.