ދުނިޔެ

ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އިންޑިއާ ފުލުހުން އަތުލައިގެންފި

މަރިޔަމް ޝަހުދާ

ރާއްޖެއަށާއި ލަންކާއަށް އެތެރެކުރަން އުޅޭކަމަށް ބެލެވޭ މަސްތުވާތަކެތި އިންޑިއާ ފުލުހުން އަތުލައިގެންފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ ޓްރިވެންޑްރަމުން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ.

އެ މީހުންގެ އަތުން 11.5ކިލޯގެ ހަޝިޝް އޮއިލްގެ އިތުރުން 2.5 ކިލޯގެ ގަންޖާ އަތުލާފައިވެއެވެ. އަދި އެ މީހުން ހައްޔަރުކޮށްފައިވަނީ 1 ލައްކަ އިންޑިއަން ރުޕީސްގެ ފީއަކަށް އިންޑިއާގެ އަންދްރަ ޕްރަދޭޝް އިން ޓްރިވެންޑްރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތެރެއިން ކަމަށް ''ދަ އިންޑިއަން އެކްސްޕްރެސް''ގައި ރިޕޯޓުކޮށްފައި ވެއެވެ.

މަސްތުވާތަކެތީގެ އިތުރުން ހައްޔަރުކުރި ތިން މީހުން ދަތުރުކުރަމުންދިޔަ ކާރުގެ ތެރެއިން ފުލުހުން ވަނީ ކަނޑިއެއް ވެސް ހޯދައިފައެވެ. ''ދަ އިންޑިއަން އެކްސްޕްރެސް''ގައި ރިޕޯޓުކޮށްފައި ވަނީ މި ކަނޑިއަކީ އެ ތިން މީހުން އެމީހުންގެ ރައްކަލަކަށް ގެންގުޅުނު ކަނޑިއެއް ކަމަށެވެ.

''ދަ އިންޑިއަން އެކްސްޕްރެސް''އަށް ފުލުހުންގެ އޮފިޝަލަކު ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗަކީ ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއާއި ލަންކާއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗެވެ.