ވާހަކަ

ކުރު ވާހަކަ: ހިތުގެދުލުން - 02

(އިއްޔެގެ އަދަދާ ގުޅޭ...)

އޭގެ ފަހުންވެސް އަަހަންނާ ޝިހާމްއާ ދެމީހުން އެކުގައި ދަނިކޮށް މަގުމަތިން އޭނާއާ ދިމާވިއެވެ. އެދުވަހަވެސް އެދެމީހުން ވާހަކަދެއްކިއެވެ. ނަމަވެސް އަހަރެން ހުރީއެވެ. އޭނާގެ ރީތި ދެލޮލުގެ ތެރެއަށް ގެއްލިފައެވެ. އެފަދަ ކޮންމެ ވަގުތެއްގައި އަހަރެން ހިތާ ހިތުން ހެއްދެވި ފަރާތާ ސުވާލު ކުރަމެވެ. މާތްކަލާކޯއެވެ. މިފަދަ ރީތި ކަމެއް ލިބިފައިވާ އެހެން އަންހެނުން ކުރިންވެސް އުޅޭނެތޯއެވެ....

އެދުވަހާ ހަމައަށް ދިޔައިރު މަގުމަތިން އަހަރުމެން ދެމީހުން އެތައް ފަހަރަކު ބައްދަލުވެފައިވާނެއެވެ. އަހަރެން ވަރަށް ތަފާތު ނަޒަރަކުން ބަލާކަންވެސް އޭނާއަށް އެނގޭނެއެވެ. އެހެނެވެގެން އޭނާ ހިތްހަމަނުޖެހިފައި ހުންނަނީ ކަމަށްވެސް ވެދާނެއެވެ. ދުވަހަކުވެސް އޭނާ އަހަންނާ ދިމާއަށް ހިނުތުންވެލާ ކަހަލަ ނަޒަރަކުން ބަލައިވެސް ނުލައެވެ. އަހަންނަކަށްވެސް އޭނާ ފެނުމުން ހީލާކަށް ނުވަތަ ގޮވާލާކަށްވެސް ނުކެރެއެވެ. މިއީ ފިނޑިކަމާއި ނުކެރުމުގެ އިންތިހާ ދަރަޖަކަންވެސް އަހަންނަށް ވިސްނެއެވެ. ނަމަވެސް އަހަރެންގެ ހިތަށް އަރަނީ އަހަރެން އޭނާއާ ހެދި އުޅުމުން އޭނާއަށް އެކަމުން އުނދަގޫ ވެދާނެކަމުގައެވެ. އެފަދަ ރީތި ފަރި އަންހެން ކުއްޖަކު އަހަރެން ކަހަލަ މީހަކާ ގުޅޭނީ ކިހިނެއްތޯ މި ސުވާލެވެ.

ނަމަވެސް ހިތަކީ ވަރަށް ގޮތް ދޫނުކުރާ އެއްޗެއްކަމުގައި ވާތީކަންވެސް ނޭނގެއެވެ. އޭނާގެ ހިޔާލުތަކާ ފަޅިސިކުންތަކަށްވެސް ދުރަށްދާކަށް ހިތް އެއްބަހެއް ނުވިއެވެ. އެހިސާބަށް ދިޔައިރު އަހަރެން ހުރީ މުޅިން މާޔޫސްވެފައެވެ. އަހަރެންނަށް ޔަގީނެވެ. އަހަރެން އެއް އަހަރަަށްވުރެ ގިނަ ދުވަހު އޭނާ ދެކެވީ ހިމޭން ލޯތްބަށްވުރެ ވަކިން ވަރުގަދަ ފުން ލޯތްބެއް ފިރިހެނަކަށް އަންހެނަކު ދެކެ ނުވެވޭނެއެވެ. އެދުވަސްކޮޅުގެ ތެރޭގައި ރީތި ރަނގަޅު އަންހެން ކުދިން އަހަންނާ ގުޅެންވެސް މަސައްކަތްކުރިއެވެ. ނަމަވެސް އެއިން އެއްވެސް އަންހެން ކުއްޖެއްގެ ފަރާތުން އަންހެން ސޫރައެއްވެސް އަހަރެންގެ ހިތަކަށް ނުފެނެއެވެ. އަހަރެންގެ މުޅި ވުޖޫދުގައި ވެރިކަން ކުރަމުން އައީ ނަޒީރާގެ ނަމެވެ. އަހަރެންގެ ހަޔާތުގައި ކަސްތޮޅު އަޅުވާފައިވަނީ އޭނަގެ ލޯބި ލޯބި ދިގު އިސްތަށިގަނޑެވެ. އަހަރެންގެ ހިއްސުތައް ދީވާނާ ކޮށްލާފައިވަނީ އޭނަގެ ކަނޑުފަދަފުން ހަނދުފަދައިން ވިދާ އަދި ޖައްވުފަދަ ސާފު ދެލޮލެވެ. މައުސޫމިއްޔަތުގެ މުޖައްސިމާއެއްފަދަ ލޯބިލޯބި މޫނެވެ.

*********

ރެއަކީ ވަރަށް ހަނދުވަރު ރީތި ރެއެކެވެ. އެއީ ކޮންތަނެއްކަމެއް ބުނާކަށެއް އަހަންނަކަށް ނޭނގެއެވެ. އެނގޭ ކަމަކީ އެތަނުގައި ހެދިފައިހުރި ރީތި މާގަސްތަކާއި ވެޔޮތަކަކީ ހުވަފެނުގައި ނޫނީ މީހަކަށް ނުފެންނާނެ ފަދަ ރީތި ގުދުރަތީ މަންޒަރުތަކެއްކަމެވެ. އަހަރެން ހުރީ ބަގީޗާގެ ތެރޭގައި ހުރި ކުޑަ އުނދޯޔެއްގެ ކުރިމަތީ ބިމުގައި ދެކަކޫ ޖައްސާލައިގެންނެވެ. އެއުނދޯލީގައި އިނީ ނަޒީރާއެވެ.

މުޅި ކައުނުގައިވާހާ ރީތިކަމާއި ފަރިކަމެއްވަނީ އޭނާގެ ކިބައިގައި ޖަމާވެފައެވެ. އަހަރެން އެސްފިޔަވެސް ޖަހާނުލައި އޭނާއަށް ބަލަމުންގެންދިޔައީމެވެ. އެންމެ ފަހުން ބޭއިހުތިޔާރުގައި އެލޯބިލޯބި ދެއަތުގައި އަހަރެންގެ ދެއަތުން ހިފަހައްޓާލީމެވެ. އަހަރެންނަށް ފެންނަ ފެނުންވެސް ކުރެވޭ އިހްސާސްތައްވެސް ގަބޫލެއް ނުކުރެވެއެވެ. އަހަރެންގެ ފުރާނަ ފަދަ ލޯބިވާ އަންހެން ކުއްޖާ އަހަރެންގެ ކައިރީގައި ވާކަމެވެ. އަހަރެންނަށް އޭނާގެ ލޯބިވެރިޔަކަށްވުމުގެ ނަސީބު ލިބިފައިވާކަމެވެ.

ޝުކުރުގެ ނުހިފެހެއްޓޭފަދަ ޖަޒުބާތުގައި ލޯބީގެ އެންމެ ތޫނު އިހްސާސް ތަކާއެކު އަހަރެން އޭނާގެ ރީތި އަތުގައި ބޮސްދިނީމެވެ. އެމަޑުމަޑުއަތް އަހަރެންގެ އަތުގެ ތެރޭގައި އޮތްއިރު އަހަރެންނަށް އިހްސާސް ކުރެވެމުންދިޔައީ އަހަރެންގެ ފުރާނައިގެ ކާނާ ލިބެމުންދިޔަހެންނެވެ. އަހަރެންގެ ހިތް އިހްތިޔާރުން ބޭރުވެގެން ދިޔުމުން އަހަރެން ކޮޅަށް ތެދުވެލީމެވެ. އަދި މަޑުމަޑުން އޭނާ ގެނެސް އަހަރެންގެ މޭގައި ޖައްސައި ބާރުކޮށްލީމެވެ. އަދި ވަރަށް ލޯބިން އޭނާގެ ގައިގައި ބައްދާލީމެވެ. އެވަގުތުކޮޅުގެ ތެރޭގައި އަހަރެންނަށް ލިބެމުންދިޔައީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އުފަލާއި އަރާމާއި ހިތްހަމަޖެހުމެވެ. އަހަރެންނަށް އިހްސާސް ވަމުން ދިޔައީ މުޅި ދުނިޔެ އަހަރެންގެ މިލްކުގައި ވާހެންނެވެ. އަހަރެން އޭނާ ގަޔާ ގާތްކޮށްލައިގެން އެތައްއިރަކު ހުރީމެވެ. އޭނާގެ ފަށުވިގަނޑެއްފަދަ މަޑުމަޑު ވަސްމީރު އިސްތަށިގަނޑު ތެރޭގައި އަހަރެންގެ މޫނު ފޮރުވާލައިގެންހުރި އިރު ހިތާހިތުން އަހަންނަށް ދުއާ ކުރެވެމުންދިޔައީ އެވަގުތުކޮޅު އަބަދަށް ދެމިގެންދޭތޯއެވެ. އަހަރެންގެ ހިތް އެދެމުން ދިޔައީ އަހަރެންގެ ލޯބިވެރިޔާއާއެކު ވިލާތަކުގެ ތެރެއަށް ޖަޒުބުވެގެންދިޔުމެވެ. އަހަރެންނަށް އަހަރެންގެ ހިއްސުތަކުގެ މައްޗަށް ބާރުފޯރުވައި އަނގައިން ބުނެލެވޭ ވަރުވީވެސް އެތައްއިރެއް ފަހުންނެވެ. އަހަރެން އޭނާގެ ކަންފަތްދޮށުގައި ސިއްރު ސިއްރުން ބުނީމެވެ.

"ނަޒީއެވެ. ނަޒީއަކީ ދުނިޔޭގައިވާ އެންމެ ރީތި އަދި އެންމެ ފަރި އަންހެން ކުއްޖާއެވެ. އަހަރެންގެ ހިތުގެ ލޮލަށް ތިޔަށްވުރެ ވަކިން ރީތި އެއްވެސް ސޫރައެއް ނެތެވެ. އެއީ އަހަރެން ނަޒީދެކެ ލޯބިވާތީއެވެ. އަހަރެންގެ މިލޯތްބަކަށް ދުވަހަކުވެސް ނިމުމެއްނެތެވެ. ނަޒީ އަހަންނަށް ނުލިބުނު ނަމަވެސް ނަޒީ އަހަރެންދެކެ ނަފްރަތުކުރި، އަދި މިދުނިޔެ އަހަރެންގެ މައްޗަށް ފަށްފަށްޖެހިގެން ދިޔަ ނަމަވެސް އަހަރެންގެ މިލޯތްބަކަށް ބަދަލެއް ނާންނާނެއެވެ. ހަޔާތުގެ ސަރާސަރުގެ މަގުތަކުގެ ތެރެއިން ދުނިޔޭގެ އުސްތަކާއި އަޑިތަކުގެ ތެރެއިން އަހަރެން އަބަދުވެސް ނަޒީ ހޯދާނަމެވެ. އެކަމުގައި މުޅި އުމުރު ހުސްކޮށްލަންޖެހުނަސް ފަރުވާލެއްނެތެވެ. އަހަރެންނަށް ނަޒީ ނުލިބުނަސް ނަޒީގެ ލޯބީގައި އާވާރާވެގެން އުޅެ މަރުވެގެން ދިޔުމަކީވެސް އަހަރެން ދެކޭނީ އަހަަރެންގެ ލޯބި ކާމިޔާބުވުން ކަމުގައެވެ. އަހަރެންގެ ހިތާއެވެ. އަހަރެންގެ ފުރާނައާއެވެ. އަހަރެން އަބަދުވެސް ނަޒީދެކެ ލޯބިވާނަމެވެ. ފަހުނޭވާއާ ހަމައަށްވެސް ލޯބިވާނަމެވެ. މިއީ އަހަރެން ކުރާ ދުއާއެވެ. އަހަރެން ކުރާ ހުވައެކެވެ. އަހަރެންގެ ލޯބިވެރިޔާއެވެ. މިކަމަށް ހެކިވެދޭށެވެ..."

************

ކުއްލިއަކަށް އަހަންނަށް ހޭލެވިއްޖެއެވެ. އެއާއެކު އަހަންނަށް ބަލައިލެވުނީ އަހަރެންގެ ވަށައިގެންވަނީ ކޮން އެއްޗެއްތޯއެވެ. އަަހަރެންގެ ލޯބީގެ ހިތްގައިމު މާހައުލެއް ނެތެވެ. އަހަންނަށް އޮވެނުނީ އަހަރެންގެ ނިދާ ކޮޓަރީގައެވެ. އެކޮޓަރީގައިވަނީ ނިދާ ބޮއްކެއްގެ ފަނޑުއަލީގެ ތެރޭގައިވާ ނިދާކޮޓަރިއެއްގެ މާހައުލެވެ. އަހަރެންގެ ލޯބިވެރިޔާއެއްވެސް ނެތެވެ. އެއީ ހަމަ އެކަނިވެރިކަމެވެ. އެއާއެކު މާޔޫސްކަމާއި ހިތްދަތިކަން އަނެއްކާވެސް އަހަރެންގެ ވަށައިގެން ބާރު ހިންގާލިއެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަނެއްކާވެސް އެއްކަލަ ހުވަފެން ފެނުނީއެވެ. މިހުވަފެން އަހަންނަށް ފެންނާނީ ކިހާ ދުވަހެއްވަންދެންކަން އަހަންނަށް ބުނެދީބަލާށެވެ. ލޯބިވާއެވެ. މިހާލުގައި އަހަރެން ރޭދުވާ ގުނަން ޖެހޭނީ ކިހާދުވަހެއްވަންދެން ހެއްޔެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރެވިއްޖެއެވެ. ވަރަށް ގިނަ ވޭންތަކެއް ތަހައްމަލުވެސް ކުރެވިއްޖެއެވެ. މިހިތް އަހަންނަށްޓަކައި ދިރިއުޅުން ބޮޑު ބުރައަކަށް ހަދާލައިފިއެވެ. އަހަންނަށް ރަހުމްކޮށްދޭށެވެ. އަހަންނަށް އެހީވެދޭށެވެ.

-ނިމުނީ-