ދުނިޔެ

އިނގިރޭސި ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ތެރީސާ މެއި އަންނަ ޖޫންމަހުގެ ހަތްވަނަ ދުވަހު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވައިފިއެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ތެރީސާ މެއި، އަންނަ ޖޫންމަހުގެ ހަތްވަނަ ދުވަހު އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައިވަނީ، އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ވަކިވުމުގެ މައްސަލައަށް ހައްލެއް ހޯދަން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބު ވުމުންނެވެ.

އެކަމަނާ އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވަމުން އެ މައްސަލައަށް އިޝާރާތްކުރައްވައި މޭ ވިދާޅުވީ އޭނާއަށް ވެވުނު އެންމެ ރަނގަޅަށް އެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ތެރީސާ މެއި ވިދާޅުވީ އަންނަ މަހުގެ 07 ވަނަ ދުވަހު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށާއި، ޕާޓީގެ ލީޑަރަކު އައްޔަންކޮށް ބޮޑުވަޒީރު ކަމަށް ބޭފުޅަކު އައްޔަންކުރަންދެން، ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނަވާނެ ކަމަށެވެ.

ތެރީސާ މެއި އިތުރަށް ވިދާޅުވީ އެކަމަނާގެ ބޮޑުވަޒީރުކަމުގައި ހަމައެކަނި އިިނގިރޭސިވިލާތުގެ ދަށް ފަންތީގެ މީހުންގެ ކުރިއެރުވުމަށް މަސައްކަތްކޮށްފައިނުވާނެ ކަމަށާއި، އީޔޫއިން ވަކިވާން އެގަމުގެ ރައްޔިތުން ނިންމި ނިންމުމަށް އިހްތިރާމްކޮށް އެކަމަށް އަަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާފައިވާނެ ކަމަށެވެ.