ހުތުބާ

"އެންމެ އެދެވޭ ގޮތުގައި މިމަހުގެ ދުވަސްތައް ހޭދަނުކުރެވުނު މީހުންނަށްވެސް، ފަހު ދިހައަކީ ރަނުގެ ފުރުސަތެއް"

އެންމެ އެދެވޭ ގޮތުގައި ރަމަޟާންމަހުގެ ދުވަސްތައް ހޭދަނުކުރެވުނު މީހުންނަށްވެސް، ފަހު ދިހައަކީ ރަނުގެ ފުރުސަތެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ފަހު ދިހައިގައި ހެޔޮ އަމަލު ގިނަކޮށްގެން ލައިލަތުލް ޤަދުރިވިލޭރޭގެ ސަވާބު ލިބިގެންފި މީހަކަށް އެ ލިބުނީ އެމީހެއްގެ ހަޔާތުގައި ލިބޭނެ އެންމެ މަތިވެރި ހެޔޮކަމާއި ނަސީބު ކަމަށެވެ. އަދި ފަހު ދިހައިގައި ހެޔޮ އަމަލުތައް ގިނަ ކުރުމަށްވެސް ހުތުބާގައި ނަސޭހަތްތެރިވިއެވެ.

"ފަރުޟު ފަސް ނަމާދު ފުރިހަމައަށް އަދާކުރުމަށްފަހު، ރަވާތިބު ސުންނަތްތައް ވެސް އަދާކުރެވޭތޯ ބަލާށެވެ. ޟުހާ ނަމާދާއި ތަރާވީހު ނަމާދުގެ އިތުރުން ދަމު ނަމާދާއި ރޭ އަޅުކަންވެސް ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ. އަދި ގުރުއާން ކިޔެވުން ގިނަ ކުރުމާއި ގުރުއާނުގެ އާޔަތްތަކާ މެދު ވިސްނައި، އޭގެ މާނާއާ މެދު ފިކުރު ހިންގޭތޯ ބަލާށެވެ. ހުރިހާ ވަގުތެއްގައި ޒިކުރުކުރުމާއި ފަގީރުންނާއި މިސްކޫރުންނަށް ޞަދަގާތް ކުރުމަށް ސަމާލުވާށެވެ. ފަހު ދިހައިގައި އިއުތިކާފަށް އިނުމާއި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތައި އިހުސާންތެރިވާށެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މި މާތް މައްސަރުގެ ކޮންމެ ރެއެއްގައި ވެސް މާތްﷲ އެ އިލާހުގެ އަޅުތަކުންގެ ތެރެއިން ބަޔަކު ނަރަކައިން މިންޖުކުރައްވާނެ ކަމުގައި ރިވާވެގެންވާ ކަމަށާއި އެހެންކަމުން މި ބަރަކާތުން ފުރިގެންވާ ދުވަސްތަކާއި ރޭތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް ސުވަރުގެ ލިބިގަތުމަށް ވާދަކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

"މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް އަވަސްވެގަންނާށެވެ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޅި އަހަރުގެ އެހެން ވަގުތުތަކުގައި އަޅުކަމުގެ މަސްއޫލުވެ ވަޑައިނުގަންނަވާ މިންވަރަށް ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި އަޅުކަމައިގެން މަސްއޫލުވެ ވަޑައިގަންނަވައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ އެބައެއްގެ ހާލަތާއި ސިއްހަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް މިރޭތަކުގައި އަޅުކަމުގައި ހޭދަކުރުމަށް ނަސޭހަތްތެރިވާ ކަމަށާއި މި ރަމަޟާންމަސް އައުމުގެ ކުރިން މި ދުނިޔެއާ އަލްވަދާއުކީ މީހުންގެ ތެރޭގައި ނުހިމެނި، ހޮޔެ ސިއްހަތާއި އާފިޔަތުގައި މި މައްސަރާ ބައްދަލުވުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ.