ކޮލަމް

ޔަޘްރިބުގެ އުދަރެސް އިސްލާމީ ފަތިހަކަށް ދޮންކޮށްލުން (4)

އަބްދުﷲ ފާރޫގް ހަސަން

ޢަޤަބާގެ އެންމެ ފުރަތަމަ ބައިޢަތު

އިސްލާމްދީނުގެ މަތިވެރި ޢަޤީދާ މަދީނާގައި ފެތުރި އާއްމުވާން ފަށައިފިއެވެ. އެ ޢަޤީދާ ޤަބޫލުކުރައްވައި އަންޞާރުންގެ މާތް ލަޤަބުން ޝަރަފުވެރިވެ ވަޑައިގަންނަވާ ބޭކަލުންގެ ހިތްޕުޅުތަކުގައި އުފެދި އުތުރިއަރާންފެށީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ނޫރާނީ މޫނުފުޅު ދެކެވަޑަައިގެންނެވުމުގެ ޝައުޤުވެރިކަމެވެ. އެމާތް ސާހިބާގެ އަތްޕުޅުމައްޗަށް ބައިއަތު ހިއްޕެވުމުގެ އެދުންފުޅެއެވެ. އެހެންކަމުން ވިދިގެން އައިއަހަރުގެ ހައްޖުމޫސުމުގައި އޭގެތެރެއިން ބާރަބޭކަލަކު މައްކާއަށް ވަޑައިގެންނެވިއެވެ. ނަބަވީ ދަރުބާރަށް ހާޒިރުވެ ވަޑައިގެންނެވިއެވެ.އިތުރުސާހިބާގެ އަތްޕުޅުގެ މައްޗަށް ބައިޢަތު ހިއްޕެވިއެވެ. ވަޢުޡާއި އިރުޝާދު އަޑުއެއްސެވިއެވެ. އިތުރުސާހިބާގެ އަގުހުރި ނަސޭހަތްޕުޅުތަކާއި އަސަރުގަދަ ވަޢުޡުން އެބޭކަލުންގެ ހިތްޕުޅުތައް އިތުރަށް އަލިވިއެވެ. އީމާންކަމުގެ ހޫނުކަމާއި ޖޯޝުން އެހިތްޕުޅުތައް އިތުރަށް ތާޒާވިއެވެ.

އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަތްޕުޅުމައްޗަށް އެބޭކަލުން ބައިއަތު ހިއްޕެވީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.

1. އަހަރެމެން އަޅުކަންކުރާނީ އެއްކައުވަންތަ ﷲ އަށެވެ. އެކަލާނގެ ރަސްކަންފުޅާ އެހެން އެއްވެސް ފަރާތެއް ޝަރީކުނުކުރާނޫއެވެ. އަދި
2. އަހަރެމެން ވައްކަމެއް ނުކުރާނޫއެވެ. ޒިނޭއެއް ނުކުރާނޫއެވެ. ދަރީން (އަންހެން ދަރީން) ޤަތުލެއް ނުކުރާނޫއެވެ. އަދި
3. އަހަރެމެން މީހުންގެ ބޮލުގައި ދޮގުތުހުމަތްތައް އަޅުވައި ޣީބަ ބުނެއެއް ނަހަދާނޫއެވެ. އަދި
4. ރަސޫލުﷲ ސައްލަﷲ އަލައިހިވަސައްލަމަ އަމުރުކުރައްވައިފި އެއްވެސް ހެޔޮކަމަށް އަހަރެމެން ފަސްޖެހި އުރެދިއެއް ނުގަންނާނޫއެވެ.


ތާރީޚުގައި މިބައިއަތު މަޝްހޫރުވެފައިވަނީ "ބައިޢަތުއްނިސާއު" ގެނަމުންނެވެ. އިލްމުވެރީން ވިދާޅުވާ ގޮތުގައި މިބައިއަތަށް އެނަންދެވުނީ މިބައިއަތުގައި ޖިހާދުގެ ވާހަކަ ބަޔާންކުރާ "މާއްދާއެއް" ހިމެނިފައިނުވާތީއެވެ. އެމާއްދާ ހިމެނިފއި ނުވަނީ އެހައިތަނަށް ޖިހާދު ފަރުޟު ކުރައްވައިފައިނުވާތީއެވެ. އިސްލާމީ ތާރީޚުގައި މި ބައިއަތު ދެންފާހަގަކުރެވެނީ ޢަޤަބާގެ އެންމެ ފުރަތަމަ ބައިއަތުގެ ނަމުންނެވެ.

ޔަޘްރިބުގެ މި ނަސީބުވެރި އަންސާރުން ކުފުރުގެ އަނދިރީގެ ތެރެއިން އީމާންކަމުގެ އަލިކަމަށް ނިކުމެވަޑައިގެންނެވުމާއެކު އެބޭކަލުން ވަނީ މުޅީންބަދަލުވެ ވަޑައިގެންފައެވެ. އެބޭކަލުން މައްކާއަށް ވަޑައިގެންނެވީ ޖެހިލުންވެވަޑައިގެން ތިއްބަވައެވެ. ބިރުފުޅުންތިއްބަވައެވެ. ނަމަވެސް އެނބުރިވަޑައި ގެންނެވިއިރު އެބޭކަލުންގެ ހިތްޕުޅު ތަކުގައިވަނީ ނޫރުލެއްވިގެންނެވެ. އެހިތްޕުޅުތަކުގައިވަނީ އަމާންކަމާއި ސަލާމަތުގެ ސުވަރުގެ އަކާ މެދު ކުރެއްވޭ ވަރުގަދަ އުންމީދެވެ. އީމާންކަމަކީ އިލާހީ އަދި އިންސާނީ ލޯބީގެ އާރުތައް ހިނގައިގަންނަކަމެކެވެ. އެމަތިވެރި ލޯބީގެ ބާރުގައި އިންސާނީ ބުއްދި އާއި ފިކުރު ބަވަނަވެއެވެ. އެއީ މުއުމިނުން ވަކިވެ އެނގޭ ނިޝާނެކެވެ. މުއުމިނުން އަނެކުންނަށް ޓަކައިވެސް އެދެނީ ޚުދުތިމާއައްޓަކައިވެސް އެދޭ ހެޔޮ އެދުންތަކެވެ. އެހެންކަމުން ޔަޘްރިބުގެ އައުމުސްލިމުންގެ ހިތްޕުޅުގެ އަޑީގެ އެދިވަޑައިގެންނެވުމަކަށްވީ އެބޭކަލުންފަދައިން އެބޭކަލުންގެ ވަޒަނުގެ އެެހެނިހެން އަޚުންނާއި އުޚުތުންގެ ހަޔާތްވެސް އީމާންކަމުގެ އަގުބޮޑު ނިއުމަތުންނާއި، އިސްލާމްކަމުގެ ރަހްމަތުން އާރާސްތުވުމެވެ. އެހެންކަމުން ޔަޘްރިބުގައި އިސްލާމްދީން ތަބްލިޣު ކުރައްވާނެ މުބައްލިޣަކަށް އެބޭކަލުން އެދިވަޑައިގެންނެވިއެވެ. ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަ އެބޭކަލުންގެ ހުށައެޅުއްވުން ޤަބޫލުކުރެއްވިއެވެ. މުބައްލިޣެއްގެ ގޮތުންނާއި މުޢައްލިމެއްގެ ޙައިޡިއްޔަތުން މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ އަންހު މަދީނާއަށް ފޮނުއްވާން ހަމަޖެއްސެވިއެވެ. އައްލާމާ އިބްނު ޚުލްދޫން ވިދާޅުވާ ގޮތުގައި އިބްނު އުއްމި މަކްތޫމު ރަޟިޔަﷲ އަންހުވެސް މުޞްއްބުގެ އަރިހުގައި މަދީނާއަށް ފޮނުއްވާން ހަމަޖެއްސެވިއެވެ.

މުޞްޢަބު ހިމެނިވަޑައިގެންފައިވަނީ އެންމެ ކުރީން އިސްލާމްވެވަޑައިގެންނެވި ޞަހާބީން ގެތެރެއިންނެވެ. އެކަލޭގެފާނަކީ ޙަބަޝާގެ މުހާޖިރުންކުރެވެސް އެއްބޭކަލެކެވެ. އެކަލޭގެފާނު ޙަބަޝާއިން އެނބުރި މައްކާއަށް ވަޑައިގެންނެވިތާ އޭރު މާކަގިނަ ދުވަހެއް ނުވެއެވެ. އެކަލޭގެފާނަކީ މައްކާގެ ވަރަށް ގަދަރުހުރި މުއްސަނދި އާއިލާއެއްގެ މެމްބަރެކެވެ. އިސްލާމްވެ ވަޑައިގެންނެވުމުގެ ކުރީން އުޅުއްވީ ވަރަށް އޮމާން ދިރިއުޅުއްވުމެކެވެ. ރަސްދަރިކަލަކު ފަދައިންނެވެ. މީރުވަސްދުވާ މޮޅުއަތަރާއި ރީތި ހެދުންކޮޅު ތުރުކުރެއްވުމަކީ އެކަލޭގެފާނު ވަރަށް ކުރައްވާ ހިތްޕުޅުވި ކަމެކެވެ. ގެއިން ބޭރަށް ތަނަކަށް ވަޑައިގަންނަވާނަމަ ސަވާރީގެ ކުރިމަތީގައްޔާއި ފަހަތުގައި އަޅުންނާއި ނޯކަރުން ތިބެއެވެ. އިސްލާމްވެވަޑައިގަތުމާއެކު އެކަލޭގެފާނުގެ ދިރިއުޅުއްވުން ވަނީ މުޅީން ބަދަލުވެފައެވެ. އެކަލޭގެފާނުވަނީ ތެދުވެރި އިންޤިލާބީ މުސްލިމަކަށް ވެވަޑައިގެންފައެވެ. ގަދަ މަސައްކަތްޕުޅުން ކުރަކި ދިރިއުޅުއްވުމެއް އުޅުއްވާ ސާދާބޭކަލަކު ކަމުގައިވެވަޑައިގެންފައެވެ. އެކަލޭގެފާނުގެ މިޒާޖުފުޅުގައިވަނީ ކެތްތެރިކަމާއި ބަރުދާސްކުރެއްވުމާއި ސާބިތުކަމުގެ ޖައުހަރުއުފެދިފައެވެ. މީހުންގެ މިޒާޖާއި ޠަބީޢަތު ދެނެވަޑައިގެންނެވުމަކީ އެކަލޭގެފާނުގެ ޚާއްޞަ ސިފައެކެވެ. އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހިވަސައްލަމަ ދެއްވި ތަރުބިޔަތާއި، އިސްލާމްވެވަޑައިގަތުމަށްފަހު އުޅުއްވާންޖެހިވަޑައިގެންނެވި ތުރާ ދިރިއުޅުއްވުމުގެ ނަތީޖާއެއްގެ ގޮތުން ލިބިވަޑައިގެންނެވި ފިލާވަޅުތަކުގެ ސަބަބުންނެވެ. މުޝްރިކުންގެ ފަރާތުން ކުރިމަތިވި ދުއްތުރާތަކާއި ހަބަޝާގައި އުޅުއްވަންޖެހިވަޑައިގެންނެވި ދަތިދިތިއުޅުއްވުމުން ލިބިވަޑައިގެންނެވީ ތަޖްރިބާގެ ސަބަބުންނެވެ.

އެކަލޭގެފާނަކީ ބަސްމޮށުންތެރިކަމަށް ނުހަނު ފާގަތި ބޭކަލެކެވެ. ވާހަކަފުޅުތައް އަސަރުގަދަވެފައި ރީއްޗެވެ. ބުގިސްވެފައި އޮމާނެވެ. ފަސާހަތާއި ބަލާޣަތު އެކުލެވިފައިވަނީ ވަރަށް މައްޗަށެވެ. ކުރުބަސްފުޅުތަކުގައި ގިނަމާނަ ޖަމާކުރެއްވުމާއި ހާޒިރު ޖަވާބުދެއްވުމުގެ ކުޅަދާނަފުޅުކަމަކީ ޤުދުރަތުން އެކަލެގެފާނަށް ލިބިވަޑައިގެންފައިވާ ވަރަށް ޚާއްސަ، ވަރަށް ދީލަތި ހަދިޔާއެކެވެ. މިދެންނެވި އަދަބީ ސިފަތަކުގެ ސަބަބުން އެކަލޭގެފާނަކީ ލާމަސީ ވާހަކަ ދެއްކެވުންތެރިއެކެވެ. ނުހަނު ފާޑުހުރި އަދި ޤާބިލް މުބައްލިޣެކެވެ. ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަ މުސްލިމުންގެ އެންމެ ފުރަތަމަ ސަފީރެއްގެ ގޮތުންނާއި މުބައްލިޣެއްގެ ޙައިޘިއްޔަތުން އެކަލޭގެފާނު މަދީނާއަށް ފޮނުއްވަން ޚިޔާލުކުރެއްވި މިދެންނެވި ހުނަރުވެރިކަމާއި ކުޅަދާނަފުޅުކަމަށް ރިޢާޔަތް ކުރައްވައެވެ. އިތުރު ސާހިބާގެ މިހޮއްވެވުން ފެނިގެންގޮސްފައިވަނީ އެންމެ މުނާސަބު ހޮއްވެވުމުގެ ގޮތުގައެވެ.

އާދޭހެވެ. މަދީނާގައި އިސްލާމީ ތަޙްރީކުގެ ޤާއިދަކު ކަމުގައިވެ ވަޑައިގެންނެވީ ޖާހިލިއްޔަތުގައި ނުހަނު ޗާރާކަމުގައި ދިރިއުޅުއްވި މިދެންނެވި އަމީރެވެ. އެކަލޭގެފާނަށް މެހްމާންދާރީ އަދާކުރެއްވުމުގެ ޝަރަފު ލިބިވަޑައިގެންނެވި އަސްޢަދުބިން ޒުރާރާ ރަޟިޔަﷲ ޢަންހު އަށެެވެ. އަސްޢަދަކީ މަދީނާގެ އެންމެ ގަދަރުހުރި އެންމެ ބަސްވިކޭ އެންމެ ނުފޫޒުހުރި ބޮޑުންކުރެ އެއްބޭކަލެކެވެ. ޢަސްއަދާއި މުޞްއަބާ ގުޅިވަޑައިގެން ނުހަނު ހީވާގިކަމާއެކު ދައުވަތުގެ މަސައްކަތްފުޅު ކުރިޔަށްގެންދެވިއެވެ. މަޞްޢަބު ބިން އުމައިރު ރަޟިޔަﷲ އަންހު އިސްލާމީ ދައުވަތު ދެއްވަން ހެނދުނު ހެނދުނާ ގެއިން ނިކުމެވަޑައިގަންނަވާއިރު ތުރު ކުރައްވައިގެން ހުންނަވަނީ ވީދި ކުދިކުދިވެފައި އޮންނަ ހެދުންކޮޅެވެ. ކޮނޑުފުޅުމަތީގައި އޮންނަނީ ބާ ރަޖާކޮޅެކެވެ. މުޞްޢަބު ރަޟިޔަﷲ އަންހު މަދީނާގެ މަގުމަގާއި، ގޯޅިގޯޅި އާއި ބާޒާރުތަކުގައި ހިންގަވައެވެ. އެކި ގޭގެއަށް ވަކިވަކީން ވެދެވަޑައިގަންނަވައެވެ. ދިމާވާ ހަމަ ކޮންމެމީހަކަށް ދީނުގެ ދަރުސް ދެއްވައެވެ. މީސްތަކުންނަށް ޤުރްއާން ކިޔަވައިދެއްވައެވެ. ވަޢުޡުވިދާޅު ނަސޭހަތް ދެއްވައެވެ. ދުނިޔެ މަތީގައި ލިބޭނެ ޝަރަފުވެރި، ކީރިތި މޫރިތި ސިޔާސީ އަދި އިޤްތިސާދީ ހަޔާތެއްގެ ނިމުތުދެއްވައެވެ. އާޚިރަތުގައި ސުވަރުގޭގައި ލިބޭނެ "ނިޔާމަ އަރާމު" ހަޔާތުގެ ހެޔޮޚަބަރު ދެއްވައެވެ. އެކަލޭގެފާނުގެ ހިތްޕުޅުގައިވަނީ ތެދުވެރި އީމާންކަމުގެ ހޫނުކަމާއިޖޯޝެވެ. ދޫފުޅުން ބޭރުކުރައްވަނީ ހައްޤު ތެދު ބަސްފުޅެވެ. އެހެންކަމުން އެވާހަކަފުޅުތައްވަނީ އަސަރުންފުރިފައެވެ. އެބަސްފުޅުތައް މީހުންގެކަންފަތްތަކުގެ ތޫރިފޫއަޅުވައިލުމަށްފަހު ވަދެ ހަރުލަނީ ހިތްތަކުގެ އެންމެ ފުނުގައެވެ. މުޞްޢަބު ރަޟިޔަﷲ އަންހު މުސްލިމުންނަށް ނަމާދުކުރައްވަން ދަސްކޮށްދެއްވައެވެ. ކީރިތި ޤުރްއާން އުނގަންނައި ދެއްވައެވެ. އެކަމަށްޓަކައި ބައެއްފަހަރަށް މަޖްލިސް ކުރައްވަނީ އަސްޢަދު ބިން ޒުރާރާ ރަޟިޔަﷲ އަންހުގެ ގެކޮޅުގައެވެ. ބައެއްފަހަރަށް ބަނޫ ޡުފަރުގެ ބަގީޗާއެއްގައެވެ. އެބަގީޗާއަކީ ޡުފަރުވަންހަމީހުންގެ އިތުރަށް ބަނޫ އަބްދުލް އަަޝްހަލުވަންގައިގެ މީހުންވެސް އެއްވެ އުޅޭ ބަގީޗާއެކެވެ.

(ނުނިމޭ)