ޚަބަރު

ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުގައި މަސައްކަތްކުރެވޭނެކަމަށް އުއްމީދުކުރަން: މޯދީ

އަލީ އިހްސާން

ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުގައި މަސައްކަތްކުރެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެޖެއެވެ.

އިންޑިއާގެ އާންމު އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓަށް ޖަވާބުދެއްވަމުން މޯދީ ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމުދުގައި އޮތް ގާތްގުޅުމުގެ އަގުވަޒަން ކުރާ ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެކުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާކަަމަށެވެ.

އިންޑިއާގެ އާންމު އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން މިއަދު ރައީސް ސޯލިހު، މޯދީއަށް މަރުހަބާ ދަންނަވައި ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އިންޑިއާގެ އާންމު އިންތިޚާބުގައި މޯދީ ހޯއްދެވި ތާރީޚީ ކާމީޔާބަށްޓަކައި މަރުހަބާ ވިދާޅުވާ ކަމަށާއި އެ ކާމިޔާބީން އެނގިގެން ދަނީ އިންޑިއާގައި މިވަގުތު ވެރިކަންކުރަމުން އަންނަ ބީޖޭޕީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިންޑިއާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ގާތްކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ސޯލިހުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

މޯދީ އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވެރިން ގެންދަވަނީ މޯދީއަށް މަރުހަބާ ދަންނަވަމުންނެވެ.